ކުޅިވަރު / ޓީމް ޕްރޮފައިލް

ޓީމް ޕްރޮފައިލް: ނޯތު މެސެޑޯނިއާ

މެސެޑޯނިާގެ ކުޅުންތެރިން އުފާފާޅު ކުރަނީ

ޔޫރޯގައި ވާދަކުރާ ގައުމުތަކުގެ ތެރެއިން ރޭންކިންގެ އެންމެ ދަށް ގައުމަކީ މެސެޑޯނިއާ އެވެ. ދުނިޔޭގެ ރޭންކިންގައި އެ ޓީމުގެ މަގާމަކީ 24 ވަނަ އެވެ. މިފަހަރުގެ ޔޫރޯއަކީ ކުރީގެ ޔޫގޮސްލޭވިއާގެ ބައެއްގެ ގޮތުގައި ހިމެނުނު މެސެޑޯނިއާގެ ފުރަތަމަ ބޮޑު މުބާރާތެވެ.

ޔޫރަޕުގެ ފުޓްބޯޅައިގައި ގަދަބާރެއްގެ ގޮތުގައި އެއް އިރެއްގައި އޮތް ކުރީގެ ޔޫގޮސްލޭވިއާގެ ފުޓްބޯޅައިގެ ރަހަ މެސެޑޯނިއާގެ ކުޅުމުގެ ސްޓައިލްގައި އަދިވެސް އެބަހުއްޓެވެ.

ކޮލިފައިވީ ގޮތް

ކޮލިފިކޭޝަންގެ ގުރޫޕް ސްޓޭޖުގައި ތިން ވަނައިގައި ނިންމާލި ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދި ޓީމުތަކުގެ ތެރޭގައި މެސެޑޯނިއާ ކޮލިފިކޭޝަންގެ ޕްލޭއޮފްގެ ސެމީ ފައިނަލު ބުރަށް ކޮލިފައިވި އެވެ. ގުރޫޕް ސްޓޭޖުގައި އެ ޓީމު ވަނީ ގުރޫޕް ޖީގައި ޕޮލެންޑާއި އޮސްޓްރިއާގެ ފަހަތުން ތިންވަނަ ހޯދައިފަ އެވެ. ކޮލިފިކޭޝަންގެ ޕްލޭއޮފް ސެމީ ފައިނަލުގައި އެ ޓީމު ވާދަކުރީ ކޮސޯވޯއާ ދެކޮޅަށެވެ. އެ މެޗު 2-1 އިން ކާމިޔާބުކޮށް މެސެޑޯނިއާ ޕްލޭއޮފްގެ ފައިނަލުން ޖާގަ ހޯދި އެވެ. ފައިނަލުގައި މެސެޑޯނިއާ ވާދަކުރީ ޖޯޖިއާ އާ ދެކޮޅަށެވެ. އެ މެޗު 1-0 އިން ކާމިޔާބުކޮށް މެސެޑޯނިއާގެ 31 އަހަރުވީ ކުރު ތާރީހުގައި ފުރަތަމަ ފަހަރަށް ބޮޑު މުބާރާތަކަށް ކޮލިފައިވި އެވެ.

މުހިންމު ކުޅުންތެރިން

މެސެޑޯނިއާގެ ކުޅުންތެރިންގެ ތެރެއިން އެންމެ ފަރިތަ ކުޅުންތެރިޔަކަށް ވާނީ ލީޑްސް ޔުނައިޓެޑްގެ ޑިފެންޑަރު އެޒްޖަން އަލިއޮސްކީ އެވެ. ވާތު ބެކަށް ކުޅުނަސް މާސެލޯ ބިއެލްސާގެ ގޭމް ސިސްޓަމްގައި އަލިއޮސްކީ ވެސް އެޓޭކުގައި ބައިވެރިވެ އެވެ. އޭނާ ވަނީ ލީޑްސް އަށް 14 ލަނޑު ޖަހައިދީފަ އެވެ.

ގޯރާން ޕެންޑޭވް

ކޮލިފައިންގައި މެސެޑޯނިއާގެ ޓީމުން އެންމެ މުހިންމު ދައުރެއް އަދާކުރީ ޓީމުގެ ކެޕްޓަން ގޯރާން ޕެންޑޭވް އެވެ. ޕްލޭއޮފް ފައިނަލު މެޗުގައި ޖޯޖިއާ ކޮޅަށް މެސެޑޯނިއާގެ ލަނޑު ކާމިޔާބު ކުރީ އިޓާލިއަން ލީގުގެ ޖެނޯއާ އަށް ކުލެމުންގެންދާ ފޯވަޑެވެ. އުމުރުން 37 އަހަރުވިޔަސް އޭނާގެ މުހިންމުކަން ޓީމަށް ބޮޑުކަން އިހްސާސް ވަނީ މުހިންމު މެޗުތަކުގައި ނަތީޖާ ބަދަލުކުރާ ކުޅުންތެރިޔަކަށް ވާތީ އެވެ. ފުރަތަމަ ބޮޑު މުބާރާތުގައި އެ ޓީމުން ވިދާލާނެ ކަމަށް ބެލެވޭ ޒުވާން ތަރިއަކީ ނަޕޯލީގެ މިޑްފީލްޑަރު އެލިފް އެލްމާސް އެވެ.

ކޯޗު

އީގޯ އެންގެލޮވްސްކީ، 44، ވަނީ މެސެޑޯނިއާގެ ކްލަބު، ރަބޯޓިނިކީ އަށް އެ ގައުމުގެ ލީގާއި ޑޮމެސްޓިކް ކަޕް ދެ ފަހަރަށް ހޯދައިދީފަ އެވެ. ގައުމީ ޓީމާ އޭނާ އެންމެ ފުރަތަމަ ގުޅުނީ 2015 ވަނަ އަހަރު އެސިސްޓެންޓް ކޯޗެއްގެ ގޮތުގަ އެވެ. އޭގެ ފަހުން ހެޑް ކޯޗްކަމަށް އޭނާ ހަމަޖެއްސި އެވެ.

މެސެޑޯނިއާގެ ކޯޗް އެންގެލޮވްސްކީ

ޓީމު ގޮވައިގެން 2018 ގައި ބޭއްވި ވޯލްޑް ކަޕް ކޮލިފިކޭޝަނަށް އެންގެލޮވްސްކީ ނުކުތީ އުންމިދާ އެކު އެވެ. އެފަހަރު ކޮލިފައިންގައި ތިން މެޗު ކާމިޔާބުކޮށް 1998 ގެ ފަހުން ކޮލިފިކޭޝަން މަރުހަލާއެއްގައި މެސެޑޯނިއާ އަށް އެންމެ ރަނގަޅު ނަތީޖާ ހޯދައިދިން ކޯޗަކަށް އޭނާވި އެވެ.

ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކުރި ހޯދަމުން އައިސް މި ފަހަރުގެ ޔޫރޯ ކޮލިފިކޭޝަންގައި އޭނާ ނަތީޖާ ހާސިލު ކުރި އެވެ. މިފަހަރުގެ ކޮލިފިކޭޝަންގައި އެންގެލޮވްސްކީ ހަ މެޗުން މެސެޑޯނިއާ މޮޅުކޮށް ދިނެވެ. ދެ މެޗުން އެއްވަރު ކުރި އެވެ. ޔޫރޯ އަށް ކޮލިފައި ކޮށްދިނުމާ އެކު މެސެޑޯނިއާގެ ތާރީހުގައި ގައުމީ ޓީމަށް ކޯޗުކޮށްދިން އެންމެ ކާމިޔާބު ކޯޗުގެ ޝަރަފު އޭނާއަށް ލިބުނެވެ. އެ ކާމިޔާބު ޑަބަލް ވެގެން ދަނީ ޔޫއެފާ ނޭޝަން ލީގުގެ ލީގު ޑީގެ ގުރޫޕް ހަތަރެއްގެ އެއް ވަނަ ހޯދައިދީ ލީގު ސީ އަށް އެ ޓީމު ޕްރޮމޯޓް ކޮށްދިނުމުންނެވެ. ލީގު ސީގެ ދެ ވަނަ ހޯދައިދީ ކުރު މުއްދަތެއްގެ ތެރޭގައި މެސެޑޯނިއާގެ ފުޓްބޯޅަ ނުދެކޭހާ އުފާވެރި ދުވަސްތަކެއް އޭނާ ގެނެސްދިނެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454