ކުޅިވަރު / ޓީމް ޕްރޮފައިލް

ޓީމު ޕްރޮފައިލް: ސްކޮޓްލެންޑް

11 ޖޫން 2021 - 15:00

ދުނިޔޭގެ އެންމެ ދުވަސްވީ ގައުމީ ފުޓްބޯޅަ ޓީމުތަކުގެ ތެރޭގައި ހިމެނޭ ސްކޮޓްލެންޑް ޔޫރޯގައި މިހާތަނަށް ވާދަކޮށްފައި ވަނީ އެންމެ ތިން ފަހަރު އެވެ. މީގެ ކުރިން ޔޫރޯގައި އެ ޓީމު ކުޅުނީ 1992 ވަނަ އަހަރާއި 1996 ވަނަ އަހަރު އެވެ. ދެ ފަހަރު ވެސް މުބާރާތުން އަލްވަދާއުކީ ފުރަތަމަ ބުރުންނެވެ. މިއީ 1999 ވަނަ އަހަރުގެ ފަހުން ސްކޮޓްލެންޑް ޔޫރޯގައި ކުޅޭ ފުރަތަމަ ފަހަރެވެ.

ބައިނަލްއަގުވާމީ ފުޓްބޯޅައިގައި، ސްކޮޓްލޭންޑަށް މާބޮޑު ކާމިޔާބެއް ލިބިފައެއް ނުވެ އެވެ. ވޯލްޑް ކަޕްގައި އަށް ފަހަރު އެ ގައުމު ވާދަކުރި ނަމަވެސް، ކޮންމެ ފަހަރަކު ވެސް މުބާރާތް ނިންމާލަނީ ފުރަތަމަ ބުރުންނެވެ. ވޯލްޑް ކަޕެއްގައި އެންމެ ފަހުން ސްކޮޓްލެންޑް ކުޅުނީ 1998 ވަނަ އަހަރު އެވެ.

ކޮލިފައިވި ގޮތް:

ކޮލިފައިންގެ ގުރޫޕް ސްޓޭޖުގެ ގުރޫޕް އައިގައި ސްކޮޓްލޭންޑަށް ލިބުނީ ތިން ވަނަ އެވެ. ބެލްޖިއަމް އާއި ރަޝިއާ ހިމެނުނު ގުރޫޕްގައި، ސްކޮޓްލޭންޑަށް އެ ދެ ޓީމާ މާ ރަނގަޅު ވާދައެއް ނުކުރެވުނެވެ. ސްކޮޓްލެންޑް ތިން ވަނަ ހޯދީ 15 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި އޮތް ރަޝިއާ 24 ޕޮއިންޓް ހޯދިއިރު، އެއްވަނައިގައި 30 ޕޮއިންޓާ އެކު ކޮލިފައިން ނިންމާލީ ބެލްޖިއަމް އެވެ.

ސްކޮޓްލެންޑް މުބާރާތަށް ކޮލިފައިވީ ޕްލޭއޮފް ބުރުންނެވެ. ޕްލޭއޮފްގެ ސެމީ ފައިނަލްގައި އިޒްރޭލްގެ މައްޗަށް ސްކޮޓްލެންޑުން ކުރި ހޯދި އެވެ. އަދި ޕްލޭއޮފްގެ ފައިނަލްގައި ސާބިއާގެ މައްޗަށް ކުރި ހޯދައި، ސްކޮޓްލޭންޑް ވަނީ ޔޫރޯ އިން ޖާގަ ހޯދައިފަ އެވެ.

މުހިންމު ކުޅުންތެރިން:

ސްކޮޓްލެންޑްގެ ކެޕްޓަން އޭންޑްރޫ ރޮބަޓްސަން އަކީ ފާއިތުވި ދެ ތިން އަހަރު އިނގިރޭސި ޕްރިމިއާ ލީގުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިއެކެވެ. ލިވަޕޫލަށް ކުޅެމުން އަންނަ ރޮބަޓްސަން އަކީ ސްކޮޓްލެންޑްގެ ޓީމަށް މުހިންމު ކުޅުންތެރިއެކެވެ.

އެސްޓަން ވިލާގެ މިޑްފީލްޑަރު ޖޯން މިގިން އަކީ ސްކޮޓްލެންޑްގެ މުހިންމު ކުޅުންތެރިއެކެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ ބައެއް ބޮޑެތި ކްލަބުތަކުން ވެސް މިގިން އަށް ޝައުގުވެރިވާ ކަމަށް އަޑުފެތުރިފައިވާއިރު، މި އަހަރުގެ ޔޫރޯގައި ވެސް މިގިންގެ މުހިންމުކަން ސްކޮޓްލެންޑަށް ބޮޑެވެ.

ސްކޮޓްލެންޑްގެ މެދުތެރެއިން، މެންޗެސްޓާ ޔުނައިޓަޑްގެ ސްކޮޓް މިކްޓޮމިނޭ ވެސް ފާހަގަކޮށްލެވެ އެވެ. އުމުރުން 24 އަހަރުގެ މިކްޓޮމިނޭ އަކީ މެދުތެރެއިން ވަރުގަދަ ކުޅުމެއް ކުޅޭ، ހުނަރުވެރި ކުޅުންތެރިއެކެވެ. ސްކޮޓްލެންޑްގެ އެޓޭކްގައި އެންމެ ފާހަގަކޮށްލެވެނީ ސައުތުހެމްޓަންގެ ޗޭ އެޑަމްސް އެވެ. މި އަހަރުގެ ޔޫރޯގައި ސްކޮޓްލެންޑް އިން ގޯލު ޖެހުމުގައި އެންމެ ބޮޑަށް ބަރޯސާވާނީ އެޑަމްސްއަށެވެ.

ކޯޗު:

ސްކޮޓްލެންޑްގެ ކޯޗު ސްޓެފަން ކްލާކަކީ ތަޖުރިބާކާރު ކޯޗެކެވެ. ސްކޮޓްލެންޑަށް ނިސްބަތްވާ ކްލާކް ވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ ގިނަ ކްލަބުތަކެއްގައި މަސައްކަތްކޮށްފަ އެވެ. އޭގެ ތެރޭގައި ނިއުކާސަލް ޔުނައިޓަޑާއި ލިވަޕޫލް ހިމެނެ އެވެ. ސްކޮޓްލެންޑްގެ ކޯޗުކަމާ 2019 ވަނަ އަހަރު ހަވާލުވުމުގެ ކުރިން އޭނާ މަސައްކަތްކުރީ ސްކޮޓްލެންޑްގެ ކިލްމަރްނޮކްގެ ކޯޗަކަށެވެ.

ސްކޮޓްލެންޑަށް ޔޫރޯގެ ޖާގަ ލިބުމަކީ ކްލާކަށް ލިބުނުނު ބޮޑު ކާމިޔާބެކެވެ. އެކަަމަކު އުނދަގޫ މަސައްކަތް އަދި ކުރިއަށް އޮތީ އެވެ. ޔޫރޯގެ ގުރޫޕް ސްޓޭޖުން ސްކޮޓްލެންޑް ދެވަނަ ބުރަށް ދަތުރުކޮށްފި ނަމަ، އެއީ ސްކޮޓްލެންޑަށް ލިބޭނެ ބޮޑު ކާމިޔާބެކެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454