މާމިގިލީ އިންޓަނޭޝަނަލް ޕޯޓު: އެތަނުގެ އޮޕަރޭޝަން ސްކޭލް ދަށް ކުރުމަށް ވަނީ ނިންމާފައި-- ފޮޓޯ: އެމްޕީއެލް
23 ޖޫން 2021 - 10:53
މާމިގިލީ އިންޓަނޭޝަނަލް ޕޯޓުގެ މަސައްކަތް ހުއްޓާލަން ނިންމާފައި ނުވާނެ ކަމަށް އެމްޕީއޭލް އިން އިއްޔެ ބުނެފި އެވެ.
މާމިގިލި ޕޯޓުގެ މަސައްކަތް ހުއްޓާލަން ނިންމާފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓްކުރުމާ ގުޅިގެން އެމްޕީއެލްގެ ސްޕޯކްސްޕާސަން ދާނިޝް ނިޒާމް ވިދާޅުވީ އެ ޕޯޓުގެ މަސައްކަތް ހުއްޓާލަން ނިންމާފައި ނުވާނެ ކަމަށެވެ. ނަމަވެސް އޮޕަރޭޝަނުގެ ސްކޭލް ކުރިއަށްވުރެ ދަށް ކުރުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ދާނިޝް ވިދާޅުވީ މި ބަދަލު ގެނައި ނަމަވެސް މާމިގިލީ ޕޯޓުގައި މަސައްކަތް ކުރާ އެއްވެސް މުވައްޒަފަކު ވަޒީފާ އިން ވަކިކޮށްފައި ނުވާނެ ކަމަށެވެ. އަދި އެ ޕޯޓުގައި މި ވަގުތު މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން އެމްޕީއެލްގެ ވަޒީފާ އަށް ބަދަލުވާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ވެސް ހުޅުވާލާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޕޯޓުގެ އޮޕަރޭޝަން ހުއްޓާލާކަށް ނުނިންމާ. ނަމަވެސް އޮޕަރޭޝަން ސްކޭލް ޑައުން ކުރުމަށް މިހާރު ވަނީ ނިންމާފައި. އެ ޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެމްޕީއެލްގެ ވަޒީފާ އަށް ބަދަލުވާން މިހާރު ވަނީ ފުރުސަތު ހުޅުވާލައިފައި،" ދާނިޝް ވިދާޅުވި އެވެ.
މާމިގިލީ ޕޯޓުގައި މި ވަގުތު 35 މުވައްޒަފުން މަސައްކަތް ކުރެ އެވެ.
ދާނިޝް ވިދާޅުވީ މާމިގިލީ ޕޯޓުގެ އޮޕަރޭޝަނުގެ ސްކޭލް ދަށް ކުރަން ނިންމީ ކާގޯ ބޯތުތައް އެ ޕޯޓަށް ބަނދަރު ނުކުރާތީ ކަމަށެވެ.
މާމިގިލީ ޕޯޓަކީ ކުރީގެ ރައީސް އަބުްދުﷲ ޔާމީންގެ ވެރިކަމުގައި ޖޫން 28، 2017 ގައި އެމްޕީއެލްއާ ހަވާލު ކުރި ޕޯޓެކެވެ. އެ ޕޯޓުގެ ސަބަބުން ދައުލަތަށް ކޮންމެ އަހަރަކު އަށް މިލިއަން ރުފިޔާގެ ގެއްލުން ވާކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy