މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

އަޖޭ ދޭވްގަންގެ ވަތަނީ ފިލްމު "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" އަންނަ މަހުގެ 13 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރަން ނިންމިކަން އިއުލާންކޮށްފި އެވެ.

އަބީޝެކް ދުދައްޔާ ޑައިރެކްޓްކޮށްފައިވާ މި ފިލްމު ވާނީ ސިނަމާތަކުގައި ނާޅުވައި، ޑިޖިޓަލްކޮށް ޕްރީމިއާކުރާ އަޖޭގެ ފުރަތަމަ ފިލްމަށެވެ. މި މަހުގެ 12 ވަނަ ދުވަހު ޓްރެއިލާ ވެސް އާންމުކުރަން ހަމަޖެހިފައިވާ "ބޫޖް" އަކީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު 1971 ގައި ހިނގި ހަނގުރާމައިގެ މުހިއްމު ހާދިސާތަކެއް ފެންނާނެ ފިލްމެކެވެ.

މީގައި އަޖޭ ކުޅެފައި ވަނީ އޭރުގެ ކުޅަދާނަ އަަސްކަރީ އޮފިސަރެއް ކަމަށްވާ ސްކޮޑްރަން ލީޑަރު ވިޖޭ ކުމާރު ކަރްނިކްގެ ރޯލެވެ. "ބޫޖް" ގެ ކާސްޓްގައި ސަންޖޭ ދަތާއި ސޮނާކްޝީ ސިންހާ އާއި ނޯރާ ފަތެހީ އާއި ޝަރަދު ކެލްކަރާއި އައްމީ ވާކް އާއި ޕްރަނީތާ ސުބާޝް އަދި އިހާނާ ދިލަން ހިމެނެ އެވެ.

އަޖޭގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ތާނާޖީ: ދި އަންސަންގް ވޮރިއާ" އެވެ.

ކުރީގެ ދުވުންތެރިޔާ ޕިންކީ އަށް ފިލްމެއް

އަހުލާގީ ބޮޑެތި މައްސަލަތެއްގެ ތެރޭގައި ތާށިވި އިންޑިއާގެ ކުރީގެ ދުވުންތެރިޔާ ޕިންކީ ޕަރްމާނިކް އަށް ބިނާކޮށް ފިލްމެއް ހަދަން ނިންމިކަން އިއުލާންކޮށްފި އެވެ.

މިއީ އަޝޯކް ޕަންޑިތު ޕްރޮޑިއުސްކޮށް، ޕްރިޔަންކާ ގަތަކުގެ ސްކްރީންޕްލޭއަކަށް ހަދާ ފިލްމެކެވެ. ފިލްމަށް އަދި ނަމެއް ދީފައި ނުވާ އިރު ޑައިރެކްޓްކުރާނެ މީހަކާއި ކާސްޓުން ވަރަށް އަވަހަށް އިއުލާންކުރާނެ އެވެ.

ކޮމަންވެލްތު ގޭމްސް އާއި އޭޝިއަން ގޭމްސް ފަދަ މުބާރާތްތަކުގައި ވާދަކޮށް ބޮޑެތި ކާމިޔާބީތަކެއް ހޯދި 35 އަހަރުގެ ޕިންކީ އަށް ފަހުން ދިމާވި އެންމެ ބޮޑު މައްސަލަ އަކީ ފިރިހެނަކަށް ހެދިގެން އަންހެނުންތަކެއް ރޭޕްކުރި ކަމަށް ބުނާ މައްސަލަތަކެކެވެ. އަދި 2012 ގައި އެ މައްސަލާގައި އޭނާ ހައްޔަރުކޮށް، ފިރިހެނުންނާ އެކު އެއް ޖަލެއްގައި ބަންދުކުރި އެވެ.

ރާހުލް އާއި ޑިޝާގެ ކައިވެނި 16 ގައި

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ރާހުލް ވައިދިއާ އާއި ޓީވީ ބަތަލާ ޑިޝާ ޕަރްމަރް މި މަހުގެ 16 ގައި ކައިވެނިކުރަން ނިންމިކަން އިއުލާންކޮށްފި އެވެ.

ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ގިނަ ދުވަސްތަކެއްވެފައިވާ އެ ދެ މީހުން މި އަހަރު ކައިވެނުކުރާނެ ކަމަށް ބުނެފައި ވަނީ ރާހުލް ވާދަކޮށް ދެވަނަ ހޯދި ކަލާޒްގެ ރިއަލިޓީ ޝޯ "ބިގް ބޮސް 13" ގަ އެވެ. ރަސްމީކޮށް، ޑިޝާ ގާތުން އިންނަން ރާހުލް އެހީ ވެސް އެ ޝޯގެ ތެރޭގައި މެހުމާނެއްގެ ގޮތުން ޑިޝާ ބައިވެރިވުމުންނެވެ.

ޑިޝާ އަކީ ސްޓާ ޕްލަސްގެ ކާމިޔާބު ސިލްސިލާ "ޕިޔާރު ކޭ ދަރުދު ހޭ މީތާ ޕިޔާރާ ޕިޔާރާ" އން ވިދި ބަތަލާއެކެވެ. "އިންޑިއަން އައިޑޮލް" ގެ ފުރަތަމަ ސީޒަނުގައި ވާދަކޮށްގެން މަޝްހޫރުކަން ހޯދި ރާހުލްގެ ކުރިއަށް ޕްރޮޖެކްޓަކީ މި މަހުގެ 17 ގައި ކަލާޒް އިން ދައްކަން ފަށާ "ހަތުރޯން ކޭ ކިޅާލީ 11" އެވެ.

"14 ޕޭރޭ" މި މަހުގެ 23 ގައި

ބޮލީވުޑްގެ ޒުވާން ދެ ތަރިން ކަމަށްވާ ވިކްރާންތު މަސީ އާއި ކްރިތީ ކަރްބަންދާގެ އާ ފިލްމު "14 ޕޭރޭ" މި މަހުގެ 23 ގައި ޒީ5 އިން ޕްރީމިއާކުރާ ގޮތަށް ނިންމައިފި އެވެ.

މިދިޔަ އަހަރު ރިލީޒްކުރި ދީޕިކާ ޕަދްކޯންގެ "ޗަޕާކް" ގެ ބަތަލުގެ ރޯލު ކުޅުނު ވިކްރާންތުގެ އެންމެ ފަހުގެ ފިލްމަކީ މި މަހުގެ 2 ގައި ނެޓްފްލިކްސް އިން ޕްރީމިއާކުރި ތާޕްސީ ޕައްނޫގެ "ހަސީން ދިލްރުބާ" އެވެ.

"14 ޕޭރޭ" އަކީ ދެވާންޝޫ ސިންގް ޑައިރެކްޓްކޮށްފައިވާ ސޯޝަލް ކޮމެޑީ ޑްރާމާއެކެވެ. މީގެ ކާސްޓްގައި ވިނޭ ޕަތަކް، ގޯހަރް ޚާން އަދި ވިނީތު ކުމާރު ވެސް ހިމެނެ އެވެ.

ދީޕިކާ އާއި ރަންވީރުގެ މަޖާ ވީޑިއޯއެއް

އަންގާރަ ދުވަހު ފާހަގަކުރި ރަންވީރު ސިންގްގެ 36 ވަނަ އުފަން ދުވަސް އަންހެނުން ދީޕިކާ ޕަދްކޯންއާ އެކު ފާހަގަކުރުމުގެ ގޮތުން ދެ މީހުންގެ މަޖާ ނެށުންތަކެއް ފެންނަ ވީޑިއޯއެއް އާންމުކޮށްފި އެވެ.

އިންސްޓަގްރާމްގައި ވީޑިއޯ ޕޯސްޓްކޮށް، ދީޕިކާ ފިރިމީހާ އަށް އުފަން ދުވަހުގެ ތަހުނިޔާ ވެސް ކިޔާފައިވެ އެވެ. މި ދެ ތަރިން ކައިވެނިކުރީ 2018 ގަ އެވެ.

ކައިވެންޏަށް ފަހު އެކީގައި ކުޅުނު ފުރަތަމަ ފިލްމު "83" އަކީ ރިލީޒްކުރަން ތައްޔާރަށް އޮތް ފިލްމެކެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454