ރިޔާސީ ކޮމިޝަނުން ނުކުމެވަޑައިގެން ކުރީގެ ރައީސް ޔާމީން އެ މަނިކުފާނުގެ ވަކީލު ޑރ. ޖަމީލާއެކު.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
03 އޯގަސްޓް 2021 - 19:17
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު، މިނިވަން ނޫހުގެ ކުރީގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ވަގަށް ނެގި މައްސަލައިގެ ތަހުގީގަށް އެ މަނިކުފާނު އޭރު ހުރަސްއެޅި ކަމުގެ ތުހުމަތުތަކާ ގުޅިގެން ރިޔާސީ ކޮމިޝަނަށް މިއަދު ހާޒިރުކޮށް، ސުވާލު ކުރުމުން އެ ތުހުމަތުތަކަށް ޔާމީން އިންކާރު ކުރެއްވި ކަމަށް ޔާމީންގެ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ނަމަވެސް ކޮމިޝަންގެ މެމްބަރު މިސްބާހް އަބްދުﷲ މީޑިއާގައި ވިދާޅުވީ، އެ ކޮމިޝަނަށް ޔާމީން ހާޒިރުކުރުމުން އިހުތިޔާރު ކުރެއްވީ ހަނު ހުރުމުގެ ހައްގު ކަމަށެވެ. އެހެންވެ، ދައުލަތުގެ އެހާ އިސް މަގާމެއް ފުރުއްވާފައިވާ ބޭފުޅެއްގެ އެ ނިންމެވުމާ މެދު ކޮމިޝަނުން ކަންބޮޑުވާ ކަމަށް މިސްބާހް "މިހާރު" އަށް ވިދާޅުވި އެވެ.
ޔާމީންގެ ވަކީލުންގެ ޓީމު ލީޑް ކުރައްވާ، ކުރީގެ ނައިބު ރައީސް ޑރ. ޖަމީލު ވިދާޅުވީ، ޔާމީން އެ ކޮމިޝަނަށް ހާޒިރުވުމުން އެންމެ ފުރަތަމަ ވެސް ކޮމިޝަނުން ކުރި ކަމަކީ ގާނޫނުން ކަށަވަރު ކޮށްދީފައިވާ ވަކީލުންގެ ހައްގު ނިގުޅައިގަތުން ކަމަށެވެ. އެގޮތުން، ރިޔާސީ ކޮމިޝަނުން ބޭނުންވާ ދެ ވަކީލަކާއެކު ނޫނީ ތަހުގީގު ކުރިއަށް ނުގެންދެވޭނެ ކަމަށް އެންގި ކަމަށާއި ފަހުން އެ އަދަދު މަދުކުރި ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ.
ޔާމީން، ރިޔާސީ ކޮމިޝަނަށް ހާޒިރުކުރުމަށް ފަހު ނުކުމެވަޑައިގަތުމުން، އެ މަނިކުފާނުގެ ގާނޫނީ ވަކީލު ޑރ. ޖަމީލް މީޑިއާއާ ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
އެހެންވެ، ޔާމީންގެ ތަހުގީގު ގެންދިޔައީ އެންމެ ވަކީލަކާއެކު ކަމަށް ޑރ. ޖަމީލު ވިދާޅުވެ އެވެ. އެކަންކަމާ ގުޅިގެން މިއީ، ޒާތީ ތައައްސުބުގެ ތެރެއިން، ވަކި ގޮތަކަށް ތަހުގީގު ލަންބައިލުމަށް މަރު ކޮމިޝަނުން އަމާޒު ހިފާފައިވާކަން އެނގޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެކަމަކު، މައްސަލަތަކުގެ އަސްލު ތުހުމަތުކުރެވޭ މީހުންނަށް ތަހުގީގު ކުރާ ތަނެއް އަދި ދައުވާކުރާ ތަނެއް ވެސް ނުފެންނަކަން ޑރ. ޖަމީލު ފާހަގަކުރެއްވި އެވެ.
ޔާމީންގެ ވެރިކަމުގައި ރިލްވާން ގެއްލުމުން، އެ މައްސަލައިގައި މީގެ ކުރިން ވެސް ޔާމީނަށް ތުހުމަތުތަކެއް ކުރި އެވެ. އެކަމަށް ލިބުނު ބާރަކީ އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ޔާމީން ކުރެއްވި ކަމަށް ބުނާ މެސެޖެވެ. އޮގަސްޓް 22، 2014 ގައި ފޮނުއްވި މެސެޖުގައި ޔާމީން ވިދާޅުވެފައި ވަނީ ރިލްވާންގެ މައްސަލައިގައި އެހާ ބޮޑަށް އުޅޭނެ ކަމަށް ނެތް ކަމަށެވެ. ނަމަވެސް އުމަރު ވަނީ ރިލްވާންގެ ތަހުގީގަށް ޔާމީން ހުރަސްއެޅިކަން ދޮގުކުރައްވައިފަ އެވެ.
ޑރ. ޖަމީލު ވިދާޅުވިގޮތުގައި، އެ ތަހުގީގަށް ޔާމީން ހުރަސް އެޅި ކަމަށް ތުހުމަތު ކުރިޔަސް، އެކަން ކުރައްވާފައި ވަނީ ކިހިނެއް، ކޮން ގޮތަކުން ކަމެއް ކޮމިޝަނަށް ކިޔައެއް ނުދެވުނެވެ. އެ ތުހުމަތުތަކަށް ވެސް ޔާމީން އިންކާރު ކުރައްވާފައިވާ ކަމަށާއި ރިޔާސީ ކޮމިޝަނަށް ހާޒިރުކުރީ އެއްވެސް ހެއްކެއް ނެތި ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ.
ޔާމީން، ރިޔާސީ ކޮމިޝަނަށް ހާޒިރުކުރުމުން އެ މަނިކުފާނުގެ ވަކީލުން ބޭރުގައި މަޑުކޮށްލައްވައިގެން--ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
"..އެ ބޭފުޅުންނަކަށް ނުބުނެ ދެވުނު ރައީސް ޔާމީނާ މި މައްސަލައާ ގުޅުން ހުރި ގޮތެއް. ރައީސް ޔާމީން ގެންދަވާތަން މި ފެންނަނީ. އަސްލު ކުށްވެރިން ގެންދާތަނެއް ނުފެނޭ. މިއީ ސިޔާސީ ވާދަވެރިކަމުގެ ތެރެއިން، ޔާމީން ވެރިކަމަށް ވަޑައިގަތުމަކީ އެ ބޭފުޅުންނަށް ނުރައްކަލެއް އޮތް ކަމަށް ފެނިގެން ގެންދާ ކަމެއް،" ޑރ. ޖަމީލު ވިދާޅުވި އެވެ.
ވަކީލު އާސިފު ވިދާޅުވީ، ކޮމިޝަނަށް ޔާމީން ހާޒިރުކުރީ ރިލްވާން ވަގަށް ނެގިތާ އަންނަ އާދިއްތަ ދުވަހު ހަތް އަހަރުވާން އުޅޭތީ މީޑިއާގައި އެ ވާހަކަ ދައްކައި އެކަން އެހެން ބައެއްގެ ބޮލުގައި އެޅުވުމަށް ކަމަށެވެ. އެ ތަހުގީގު ހިންގުމުގައި މިއަދު އިސްކޮށް އުޅުއްވީ މަރު ކޮމިޝަންގެ މެމްބަރު މިސްބާހު އައްބާހެވެ. އެކަމަކު، އޭނައާ ހަވާލައިދީ ނޫހެއްގައި ރޭ ލިޔުނު ޚަބަރަކާ ގުޅިގެން މިސްބާހު ނިންމެވީ އެ ތަހުގީގުން އެއްފަރާތް ވުމަށެވެ.
އެކަމުން ވެސް ތަހުގީގަށް ނުފޫޒު ފޯރުވާފައިވާ މިންވަރު އެނގިގެންދިޔަ ކަމަށް އާސިފް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
1234
04 August 2021
ކަމިޝަނުން ބުނަނީ އެކަން އެގޭހޭ/ ޔާމީނު ބުނަނީ ނެއިގެއޭ ، ނިމުނީނު؟
ތުއްތުކަލޯ
04 August 2021
ކަންކަން ހިނގަމުންދާގޮތް ނޭނގޭވަރުގެ ކުޑަކުއްޖަކުވެސް މިހާރަކު ނެތް. މީހަކު މައްސުނިގަނޑު މޮޑޭނީވެސް އެމީހަކަށް ރަހަ ރަނގަޅުވާގޮތަށް އޭނާ ބޭނުންގޮތަކަށް
ދޮން ސަންޕާ
04 August 2021
ޖަމީލު މިހާރު އެއްގޮތަކަށްވެސް ތެދެއް ނުހައްދަވާ. އެހެންވެ އެއްބަޔަކާއި އެކު ހަރުލާ ނުހުރެވެނީ......
ކޮމިޝަން
04 August 2021
ކޮމިޝަންގަ ނޫޅޭ ތެދު ހަދާ އެކަކު ވެސް.
ޗައިނާ
03 August 2021
ހަގީގަތުގަ ކީއްކުރަން ބަލާއެއްޗެ މަރުކޮމިޝަނުން ބުނަނީ ރައިސް ޔާމިންގެ އެއްވެސް ކުޝެއްނެތެ. ސިސާސީ ގޮތުން ރޔާމިން ބަލިކަށިކޮއްލަނީ
މީތި ކަޑައޭ
03 August 2021
ސަރުކާރު ފޭލްވީމަ އުޅޭނީ އެމްމެތާއީދު ބޮޑުމީހާ ފޭލްކޮއްލަން
ސޯމީ
03 August 2021
އެހެންވީމަ ސަރުކާރުން އުޅެނީ ރޔާމިން ފުރޭމު ކުރަން
އަލްވީ
03 August 2021
ދޮގުނުހަދާށެވެ. ކޮމިޝަނުން އެބުނަނީ ޔާމީން ހަނުހުންނެވިކަމަށެވެ. އިންކާރުކޮށް ވާހަކަ ދެއްކިނަމަ ޔާމީންގެ ބަޔާނެއް އޮތީހެވެ.
މެމްބަރު ނާޝިދު
04 August 2021
ރައީސް ޔާމީންގެ ބަޔާނެއް އެބަ އޮތެވެ. އެއީ ތުހުމަތު ތަކަށް އިންކާރު ކުރަމެވެ. ތިޔަ ކޮމިޝަނަށް ދޭނެ އިތުރު މަޢުލުމާތެއް ނެތެވެ.