މާސޭގެ ފޯވާޑް ޕަޔެޓް (މ): ހަމަނުޖެހުން ފެށުނީ އޭނާގެ ބޮލުގައި ފުޅިއަކުން ޖެހުމުން --- ފޮޓޯ: ރޮއިޓަސް
23 އޯގަސްޓް 2021 - 11:17
ނީސް (އޯގަސްޓް 23) - ފްރެންޗު ލީގުގައި ނީސް އާއި އޮލިމްޕިކް މާސޭ ކުޅުނު މެޗުގައި، ނީސްގެ ސަޕޯޓަރުން ހަމަނުޖެހުން ހިންގުމުން މާސޭ އިން މެޗު ކުރިއަށްގެންދަން ދެކޮޅު ހަދައިފި އެވެ.
ނީސްގެ އެލިއަންޒް ރިވިއޭރާ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ނީސްގެ ސަޕޯޓަރުންނާއި މާސޭގެ ކުޅުންތެރިންނާ ދެމެދު މައްސަލަ ގޯސްވީ، މާސާގެ ކުޅުންތެރިންނަށް އަމާޒުކޮށް ނީސްގެ ސަޕޯޓަރުން ދަނޑަށް ފުޅި އުކުމުންނެވެ.
މެޗުގެ 75 ވަނަ މިނެޓްގައި ރެފްރީ މެޗު މެދުކަނޑާލީ ސަޕޯޓަރުންނާއި މާސޭގެ ކުޅުންތެރިންނާ ދެމެދު ހިނގި ކުރިމަތިލުން ހުއްޓުވުމަށެވެ. އަލުން އެ ހާލަތު ފިނި ކުރެވުނަސް މެޗު އަލުން ކުރިއަށް ގެންދަން މާސޭގެ ކުޅުންތެރިން ދެކޮޅު ހެދުމުން ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ.
ނީސްގެ ސަޕޯޓަރުން ވަނީ މާސޭގެ ފޯވަޑް ޑިމިޓްރީ ޕަޔެޓްގެ ބޮލުގެ ފުއްކިބައިގައި ފުޅިއަކުން ޖަހައިފަ އެވެ. އޭނާ ވަނީ އެ ފުޅި ނީސްގެ ސަޕޯޓަރުންނާ ދިމާލަށް އެއްލައިފަ އެވެ. ސަޕޯޓަރުން ހޫނުވީ އޭގެ ފަހުންނެވެ. އަދި ދަނޑު މަތީގައި ނީސްގެ ސަޕޯޓަރުންނާއި މާސޭގެ ކުޅުންތެރިންގެ މެދުގައި ކުރިމަތިލުން ހިނގި އެވެ.
ނީސްގެ ސަޕޯޓަރުންނާއި މެސާގެ ކުޅުންތެރިންނާ ދެމެދު ހިނގި ހަމަނުޖެހުމުގެ ތެރެއިން --- ފޮޓޯ: އޭއެފްޕީ
ރެފްރީ މެޗު މެދުކަނާޑަލުމުން ދެ ޓީމު ދިޔައީ ޗޭޖިން ރޫމަށެވެ. އޭގެ ފަހުން ނީސްގެ ރައީސް ޖީން ޕިއޭރޭ ރިވޭރް ވަނީ ދަނޑުގައި ހުރި ލައުޑް ސްޕީކަރު މެދުވެރިކޮށް ސަޕޯޓަރުންނަށް ނަސޭހަތް ދީފަ އެވެ.
ގާތްގަނޑަކަށް 20 މިނެޓް ފަހުން މެޗު އަލުން ފަށަން ތައްޔާރުވިއިރު ދަނޑަށް ނުކުތީ ނީސްގެ ކުޅުންތެރިން އެކަންޏެވެ. މެޗު ހުއްޓާލިރު ނީސް އޮތީ 1-0 އިން ކުރީގަ އެވެ.
މާސޭގެ ރައީސް ޕަބެލޯ ލޮންގޯރިއާ ވިދާޅުވީ، ފްރާންސް ފުޓްބޯޅައިގައި އެންމެންނަށް އަމަލު ކުރެވޭނެ ގަވައިދުތަކެއް ހަދަން ޖެހިފައިވާ ކަމަށެވެ.
ނީސްގެ ސަޕޯޓަރުންނާއި މެސާގެ ކުޅުންތެރިންނާ ދެމެދު ހިނގި ހަމަނުޖެހުމުގެ ތެރެއިން --- ފޮޓޯ: އޭއެފްޕީ
"ރެފްރީ ހުރީ އަހަރެމެންނާ އެކު. ރެފްރީ ހުރީ ކުޅުންތެރިންގެ ރައްކާތެރިކަން ކަށަވަރު ނުކުރެވޭ ނަމަ މެޗު ނުކުޅެން،" ޕެބެލޯ ވިދާޅުވި އެވެ. "އެކަމަކު ފްރާންސްގެ ލީގު ބޮޑީން ނިންމީ މެޗު ފަށަން. އެއީ އަހަރެމެންނަށް ގަބޫލު ކުރެވުނު ކަމެއް ނޫން."
ލީގުގެ ގަވާއިދުގައި ބުނެފައި ވަނީ އެއްވެސް ޓީމަކުން މެޗު ކުޅެން ދެކޮޅު ހަދައިފި ނަމަ އިދިކޮޅު ޓީމަށް ތިން ގޯލާއި ތިން ޕޮއިންޓް ދޭނެ ކަމަށެވެ. އެފަދަ ނިންމުމެއް ފްރާންސް ލީގު ބޮޑިން ނިންމައިފި ނަމަ މާސޭ އިން އިސްތިއުނާފް ކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy