ފްރާންސްގެ މިޑްފީލްޑަރު ޕޮގްބާ. --ފޮޓޯ:އޭއެފްޕީ
07 ސެޕްޓެމްބަރ 2021 - 11:16
ޕެރިސް (ސެޕްޓެމްބަރު 7) - ދުނިޔޭގެ ޗެމްޕިއަން ފްރާންސަކީ، މިހާރު ދުނިޔޭގެ އެއްވަނަ ޓީމު ނޫން ކަމަށް، އެ ޓީމުގެ މީޑްފީލްޑަރު ޕޯލް ޕޮގްބާ ބުނެފި އެވެ.
މިހާރު ކުރިއަށްދާ ފީފާގެ އިންޓަނޭޝަނަލް ޕީރިއަޑްގައި ވޯލްޑް ކަޕް ކޮލިފައިންގައި ބޮސްނިއާ އަދި ޔޫކްރޭންއާ ދެކޮޅަށް ކުޅުނު މެޗުތަކުން ވެސް ފްރާންސް ފުއްދާލަން ޖެހުނީ އެއްވަރުކޮށްލައިގެންނެވެ.
މި އަހަރު ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ގުރޫޕުގެ އެއްވަނަ ހޯދައިގެން ދެ ވަނަ ބުރަށް ވުރެ ދުރަކަށް ފްރާންސަކަށް ނުދެވުނެވެ. ފްރާންސާ އެކު މެޗަކުން މޮޅު ނުވާތާ ވަރަށް ގިނަ ދުވަސް ވެއްޖެ ކަމުގެ އިހްސާސް ކުރާ ބީދައިން ޕޮގްބާ ވަނީ ވާހަކަ ދައްކައިފަ އެވެ.
"މެޗަކުން އަހަރެމެންނަށް މޮޅު ނުވެވޭތީ އެކަން އަހަރެމެންނަށް ވަރަށް ބޮޑަށް މިސްވޭ. މިހާރު އަހަރެމެންނަކީ ދުނިޔޭގެ އެންމެ މޮޅު ޓީމެއް ނޫން،" ރަޝިއާގައި 2018 ގައި ބޭއްވި ވޯލްޑް ކަޕް ފްރާންސަށް ހޯދައި ދިނުމުގައި މުހިންމު ދައުރެއް އަދާކުރި ޕޮގްބާ ބުންޏެވެ.
މެންޗެސްޓާ ޔުނއިޓެޑްގެ މިޑްފިލްޑަރު ބުނީ އަލުން ކާމިޔާބު ހޯދަން ފްރާންސުން ގިނަ ކަންކަން ބަދަލުކުރަން ޖެހޭނެ ކަމަށެވެ.
"އަހަރެމެންގެ ޖޯޒީތައް ދާ ހިއްލާ ވަރަށް ބުރަކޮށް މަސައްކަތް ކުރަން އެބަޖެހޭ. އެ މަސައްކަތަށް އިތުރު ހިތްވަރު ބޭނުންވޭ."
ފްރާންސްގެ ކެޕްޓަން އަދި ގޯލް ކީޕަރު ހޫގޯ ލޮރިސް ބުނީ، ރަޝިއާގައި އޮތް ވޯލްޑް ކަޕުގައި ނެގި ފޯރި ފްރާންސް ޓީމުން މިހާރު ގެއްލިފައިވާ ކަމަށެވެ.
"ކުޅުމުގެ ފެންވަރު ވަރަށް ބޮޑަށް މަތިކުރަން އެބަޖެހޭ،" ލޮރިސް ބުންޏެވެ. "އެކަމަކު އެއީ އަހަރެމެން އެންމެނަށް އޮތް ކަމެއް. އަހަރެމެންގެ ކުޅުމުގެ ފެންވަރު މަތި ކުރަން އެންމެން މަސައްކަތް ކުރަން ޖެހޭ."
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝިއަލް
07 September 2021
1 ވަނަ ލިބެނީ އިޓަލީ އަދި ޖަރުމަން ދިވެހިރާއްޖެއަށް.އޭގެ ފަހަތުން އެހެން ހުރިހާ ގައުމެއް.