މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު-- ފޮޓޯ: މަޖިލިސް
08 ސެޕްޓެމްބަރ 2021 - 12:50
ދައުލަތުން ބަލަހައްޓާ ކުދިން ތިބޭ ތަންތަނުގައި އެކި ހާދިސާތައް ހިނގަމުންދާތީ އެކަމުގެ ހަގީގަތް ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް މިއަދު ހުށަހަޅައިފި އެވެ.
މަތިވެރީ ދާއިރާގެ މެމްބަރު ހަސަން ޒަރީރު ހުށަހެޅުއްވި މައްސަލާގައި، ވިލިނގިލީގައި ހުންނަ ކުޑަކުދިންގެ ހިޔާގައި އަލިފާނުގެ ހާދިސާތައް ހިނގުމާއި ކުދިން ރަނގަޅަށް ނުބެލެހެއްޓޭތީ އެ ކުދިން ފިލާކަމުގެ ޝަކުވާތައް ހިމެނެ އެވެ.
މި މައްސަލަ ހުށަހެޅުއްވިއިރު ރޭ ވެސް ހުޅުމާލޭ ފިޔަވަތީގައި ކުއްޖަކަށް އަނިޔާކުރި ކަމުގެ ތުހުމަތެއް ކޮށްފައިވެ އެވެ. އެކަމަކު ޖެންޑާ އިން ވަނީ އެކަން ދޮގުކޮށްފަ އެވެ.
ފިޔަވަތިން ކުދިން ރޯއަޑު އިވިގެން އެތަނަށް މީހުން އެއްވެފައިވާތީ އެތަނުގައި ހިނގާ ކަންތައްތަކުގެ ހަގީގަތް ބަލައިދިނުމަށް ޒަރީރު ހުށަހެޅުއްވި މި މައްސަލަ މިހާރު ވަނީ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ އަށް ފޮނުވައިފަ އެވެ.
ރޭގެ ހާދިސާއާ ބެހޭ ގޮތުން ޖެންޑާ އިން ބުނީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންނަކީ އެކި ބާވަތްތަކުގެ އަނިޔާ ލިބި އެ ކަންކަމުގެ އަސަރު މުޅި ދިރިއުޅުމަށް ދެމިގެންދާ ފަދަ ކަންކަން ތަހައްމަލްކުރާ ކުދިން ކަމަށެވެ. އަދި އެ ކަންކަމަކީ ކުއްޖާގެ ނަފްސާނީ ސިއްހަތާ ގުޅިފައިވާ ކަންކަމަށްވާތީ އެ އިހުސާސްތައް އެކި ގޮތްގޮތަށް ބުނެދިނުމަށް މަސައްކަތް ކުރާ ކުދިންތަކެއް ކަމަށް ބުނެފައިވެ އެވެ.
ކުރިން ވެސް ކުޑަކުދިންގެ ހިޔާއާ ގުޅޭ އެތައް މައްސަލައެއް ފެންމަތިވި އެވެ. އަދި މިއަހަރުގެ ތެރޭގައި އެކަނި ވެސް ކުދަކުދިންގެ ހިޔާގައި ހަތަރު ފަހަރަކު އަލިފާނުގެ ހާދިސާ ހިނގި އެވެ. އަލިފާން ރޯކުރަނީ ކުދިން ގަސްތުގައި ކަމަށް ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެރަ
08 September 2021
ކަމަށް ޤާބިލްކަމެއް ނެތް، ސިޔާސީ މީހުންނަށް ބޮޑު މުސާރަ ދީފަ ސީއީއޯ އިންނަށް ލީމަ ވާނީ ތިހެން. ކައުންސެލިން، ސައިކޮލޮޖީ، ޓީޗިންގ ފަދަ ދާއިރާތަކުން ކޮންމެސް މިންވަރެއް އެގުންމުހިއްމު ތަނަކަށް، ދާއިރާ އާއި ނުވެސް ގުޅޭ ޕްރެސެންޓިންގ އާއި ކުޅިވަރު އެސޯޝިއޭޝަން ހިންގުމުގެ ތަޖުރިބާ ކާރުންނަށް ބައިލައްކަ ރުފިޔާ ދޭ. މިހާރު ވިލިގިލީގަ ތިބީ 5ކުދިންނާ 4 އެހީ ބޭނުންވާ މީހުންކަމަށް ވަނީ.