ކުޅިވަރު / ސާފް ޗެމްޕިއަންޝިޕް 2021

ސާފްގެ ގޯލްޑަން ކެޕްޓަން ދެބެން

ސާފް ޗެމްޕިއަންޝިޕް 2018 ގެ ޗެމްޕިއަންކަން ރާއްޖެއިން ހޯދުމަށް ފަހު އަކުރަމް އާއި އައްސަދު އުފާފާޅު ކުރަނީ --- ފޮޓޯ: އިމޭޖަސް އެމްވީ

01 އޮކްޓޯބަރ 2021 - 10:25

މިއީ މާވަރުގަދަ އަދި ޝަރަފުވެރި އިއްތިފާގެކެވެ. ރާއްޖެ އިން ފުރަތަމަ ސާފް ޗެމްޕިއަންޝިޕް 2008 ގައި އުފުލާލީ، އޭރުގެ ކެޕްޓަން އައްސަދު އަބްދުލް ގަނީ ކެޕްޓަންކަމުގެ ދަށުންނެވެ. އެ ޓީމުގައި އޭރު އޭނާގެ ކޮއްކޮ އަކުރަމް އަބްދުލް ގަނީ ވެސް ހުއްޓެވެ.

ސާފް ޗެމްޕިއަންޝިޕް 2008 މުބާރާތަށް ރާއްޖެ ކުރިމަތިލީ، ޓީމު ތެރޭގައި އުފެދުނު ބޮޑު މައްސަލަގަނޑަކާ އެކު އެވެ. ޓީމުގައި އޭރު ހުރި އެންމެ ޒުވާން ކުޅުންތެރިޔާ އަސްހަދު އަލީ (އަޑޭ)، ޓީމުގެ ކިޓް މެނޭޖަރު ހަސަން ނިޒާރު (ބޮޑޭ) ގެ ޕާސްޕާޓް ފޮރުވުމުން އަސްހަދު ޓީމުން ބޭރުކުރި އެވެ. އެ މައްސަލަ ގަނޑުތެރޭގައި ޓީމު އެކަތިގަނޑެއްގެ ގޮތުގައި ބޭއްވުމަށް ކެޕްޓަނެއްގެ ގޮތުން އައްސަދު މުހިންމު ދައުރެއް އަދާކުރި އެވެ. ބަދަހި ޓީމެއްގެ ގޮތުގައި ކުޅެ އިންޑިއާ ބަލިކޮށް ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި އެވެ.

އެންމެ ފަހުގެ ސާފް ޗެމްޕިއަންޝިޕަށް ރާއްޖެއިން ކުރިމަތިލީ ފުޓްބޯޅައިގެ ކުރިމަތިވި އެންމެ ޕްރެޝަރު މަރުހަލާގެ ތެރޭގަ އެވެ. ގައުމީ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ، އަލީ އަޝްފާގު (ދަގަނޑޭ) ޓީމުން އެކަހެރިކޮށްފައި ހުރުމުން އާންމުގެ ފާޑުކިޔުން ގައުމީ ޓީމަށާއި އެފްއޭއެމަށް ވެސް ކުރިމަތިވި އެވެ. ޓީމުގެ ތެރޭގައި މައްސަލަ ޖެހުނެވެ. އެ މުބާރާތުގައި ރާއްޖޭގެ ޓީމުގެ ކެޕްޓަނަކަށް ހުރީ އައްސަދުގެ ކޮއްކޮ އަކްރަމް އަބްދުލްގަނީ އެވެ.

އަކުރަމް އަތުގައި އައްސަދު ކެޕްޓަން ބޭންޑް އަޅުވައިދެނީ

އެންމެ ފަހުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ސެމީ ފައިނަލަށް ދިޔައީ ލަންކާއާ އެއްވަރުވުމުން ގުރުލައިގެންނެވެ. ސެމީ ފައިނަލުގައި ނޭޕާލާ ދެކޮޅަށް ކުޅުނު މެޗުގައި އަކުރަމްގެ ލީޑަޝިޕް ފެނުނެވެ. ރާއްޖެ އަށް ފުރަތަމަ ލީޑު ނަގައިދިނީ ވެސް އޭނާ ޖެހި ހިލޭ ޖެހުން ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.

އައްސަދަށް ފަހު އޭނާގެ ކޮއްކޮ އަކުރަމްގެ ކެޕްޓަން ކަމުގެ ދަށުން ސާފް ޗެމްޕިއަންޝިޕްގެ ތަށި އުފުލާލަން ލިބުމަކީ، އެ ދެބެން ނިސްބަތްވާ ނ. މާފަރު، ވާދީގޭ އާއިލާ އަށް ވެސް ލިބުނު ބޮޑު އުފަލެކެވެ.

އެންމެ ފަހު މުބާރާތުގެ ޗެމްޕިއަންކަން ރާއްޖެއިން ހޯދިއިރު އައްސަދު ވެސް ހުރީ ބަންގްލަދޭޝްގަ އެވެ. ރާއްޖޭގެ ޑެލިގޭޝަންގެ އިސް މީހެއްގެ ގޮތުގައި އޭނާ ވެސް ދަނޑަށް ދިޔަ އެވެ. ފައިނަލު މެޗަށް ފަހު އޮތް އުފާފާޅު ކުރުންތަކުގައި އައްސަދު ބައިވެރިވި އެވެ.

"އަޅުގަނޑު ބޯޅައިގެ ތެރެއަށް ނެރެދިނީ އަޅުގަނޑުގެ ބޭބެ (އައްސަދު). އަޅުގަނޑުގެ ފުޓްބޯޅައިގެ ކުރިމަގު ކަނޑައަޅައިދިނީ ބޭބެ. މިއަދު ބޭބެ ހުރި މަގާމަށް އަޅުގަނޑަށް ދެވިއްޖެ ކަމަށް ގަބޫލު ކުރަނީ،" 2018 ގެ ސާފް ޗެމްޕިއަންޝިޕުގެ ތަށި އުފުލާލުމަށް ފަހު ދިވެހި މީޑީއާތަކާ ވާހަކަ ދައްކަމުން އަކުރަމް ބުންޏެވެ.

ބަންގްލަދޭޝްގެ ބަންގުބަންދު ސްޓޭޑިއަމްގައި އަކުރަމްގެ ކެޕްޓަންގެ ދަށުން ރާއްޖެ ތަށި އުފުލާލިއިރު އެ މަންޒަރު ބަލަން ދުރުގައި ހުރި އައްސަދުގެ ލޮލުން ކަރުނަ ހިލުނެވެ.

"ރާއްޖޭގެ ފުޓްބޯޅަ އަށް ކާމިޔާބު ލިބުމަކީ އަބަދުވެސް އަޅުގަނޑަށް ލިބޭ ހާއްސަ އުފަލެއް. އެ އުފާ ވަކިން ބޮޑަށް ހާއްސަވި އަޅުގަނޑުގެ ކޮއްކޮ ހުރެގެން ތަށި އުފުލާލުމުން،" އައްސަދު ބުންޏެވެ.

"އެއީ އަޅުގަނޑުމެންގެ މުޅި އާއިލާ އަށް ވެސް ލިބުނު ވަރަށް ބޮޑު ޝަރަފެއް."

އައްސަދާއި އަކުރަމްގެ އަނެއް އިއްތިފާގަކީ، ދެ ކެޕްޓަނުން ވެސް ތަށި އުފުލާލީ 13 ނަންބަރު ޖޯޒީގައި ކުޅެގެންނެވެ. ގައުމީ ޓީމުން އައްސަދު 2011 ގައި ރިޓަޔާ ކުރުމުން 13 ނަންބަރު ޖޯޒީ ނެގީ އަކުރަމެވެ. އެއީ އޭނާގެ ބެބެ އަތުން ވާރުތަވި ނަންބަރެވެ.

0 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 29%
icon sad icon sad 0%
icon angry icon angry 14%
icon wow icon wow 0%
icon inlove icon inlove 57%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454