ކ. ހިންމަފުއްޓަށް އޭޕްރީލް، 2018 ގައި ކުރި ދަތުރުގައި ޝަހުބާން (މ)، އޭނާގެ ރަހުމަތްތެރިންނާއެކު.
27 ސެޕްޓެމްބަރ 2021 - 10:11
ކުރީގެ ލަވަކިޔުންތެރިޔާ މުހައްމަދު ޝަހުބާން އިއްޔެ ނިޔާވެއްޖެ އެވެ.
ރީތިކޮށް ތާނައާ އަރަބި ލިޔުމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ތަބައް އަލިފުޅުގެ ކާފަ ދަރިފުޅު، މއ. ތަބައްގެ، ޝަހުބާން، 53، ނިޔާވީި މަޣުރިބު ނަމާދުކުރުމަށް ވުޟޫކުރަން ފާހަނާގައި ހުއްޓާ ފިޓުޖެހިގެން ކަމަށްވެ އެވެ. އޭނާގެ ހަބަރެއް ނުވެ ލަސްވުމުން އާއިލާއިން އެކަން ފުލުހުންނަށް ރިޕޯޓުކުރި އެވެ.
މިއުޒީޝަނުންތަކެއް ކ. ހިންމަފުއްޓަށް އޭޕްރީލް، 2018 ގައި ކުރި ދަތުރުގައި ޝަހުބާން (ކ-2) އޭނާގެ ރަހުމަތްތެރިންނާއެކު: ސްޓްރޯކެއް ޖެހިގެން ވެސް އޭނާ މީގެ ކުރިން ފަރުވާ ހޯދި.-
ދިވެހިރާއްޖޭގެ އަޑުގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރި ޝަހުބާން މީގެ ކުރިން ވަނީ ބައެއް ބޭންޑުތަކަށް ލަވަކިޔައިދީފަ އެވެ. ޝާޒްގެ ބޭންޑުގައި މަސައްކަތްކުރިއިރު ޝަހުބާން، އޭނާގެ އަމިއްލަ އަލްބަމެއް ނެރުނެވެ. އާއްމުންގެ ބޮޑު މަގުބޫލުކަމެއް ލިބުނު "ރީތި ނަލަނަަލަ ހަނދެއްކުރި އަލީގައި" އަކީ އެ އަލްބަމްގައި ހިމެނޭ ލަވައެކެވެ.
އޭނާ ދެން ގުޅުނީ ދިވެހިރާއްޖޭގެ އަޑުގެ ވޭވްސް ބޭންޑާ އެވެ. އެ ބޭންޑުގައި ވެސް ލަވަކިޔުމަށްފަހު، އެންސީއޭގެ ޓެކްނިކަލް ވަޒީފާއާ ގުޅުމަށްފަހު ޝަހުބާން ބޮޑަށް މަސައްކަތްކުރީ ޓެކްނިކަލް ކަންކަމުގަ އެވެ. އޭނާ ނިޔާވުމާ ހަމައަށް ވެސް މަސައްކަތްކުރީ އެ ސެންޓަރުގަ އެވެ.
މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ޝަހުބާން އާ ވަރަށް ގިނަ ދުވަހު އެކުގައި މަސައްކަތްކުރި އިބްރާހިމް ޒައިދު އަލީ (ކުޑައިއްބެ) ބުނިގޮތުގައި ޝަހުބާނަކީ މަޖާ، އެންމެންނާ ގުޅޭ ރަހުމަތްތެރިއެކެވެ.
"އެންމެންނާ ވެސް ވަރަށް ވާހަކަދައްކާ، އާ ކަންތައްތައް އީޖާދުކޮށް އަމިއްލައަށް އެ ކަންތައްތައް ކުރާނެ. މިސާލަކަށް ގަސްހެއްދުމާ ގުޅޭ ކަންކަން،" އިއްބެ ބުންޏެވެ.
ސްޓްރޯކެއް ޖެހިގެން މީގެ ކުރިން ފަރުވާ ހޯދި ޝަހުބާން ލަވަކިޔުމާ ދުރުގައި ހުންނަތާ މިހާރު 10 ވަރަކަށް އަހަރުވެއްޖެ އެވެ.
ޝަހުބާންގެ މައްޗަށް ކުރާ ކަށުނަމާދު އޮންނާނީ މިއަދު މެންދުރު ނަމާދަށް ފަހު އާސަރަހާ މިސްކިތުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
4ވަނަ ބޫސްޓަރު
28 September 2021
ވެކްސިން ވެކްސިން، ބޫސްޓަރު ވެކްސިން
ސޭކުބެ
27 September 2021
ޝަހްބާންގެ ފުރާނައަށް ހެޔޮރަޙްމަތްލައްވާށި! ސްކޫލުގަ 3 އަހަރު އެކުގަ އުޅުނު އެކުވެރިއެއް. 1988 ވަނަ އަހަރު އޯލެވަލް ހެދުމަށްފަހު ސްކޫލް ނިންމާލީ ދެމީހުން އެކުގަ. މިއަދު ޝަހްބާން ވަކިވެގެން ދިއުމުން މިކުރެވެނީ ވަރަށް އަސަރުކުރާ އިޙްސާސެއް.
ޑޮކްޓާރ. ބަނާނާ
27 September 2021
އަޙުލާގު ރަގަޅު ގާތް އެކުވެރިއެއް! ސަހޭ ގެ ފުރާނައަށް ހެޔޮ ރަހްމަތް ލައްވާ އަދި ސުވަރުގޭގެ މަތިވެރި ނިއުމަށް ލައްވާށި. އާމީން.
ޖަމީލުބެ
27 September 2021
މިއަދު ވަކިވީ ޝަހުބާނެވެ. ތިމާގެ ދުވަސްވެސް އަންނަނީ ކައިރި ވަމުންނެވެ. ލަސްނުކޮށް ތައްޔާރު ވަމާތޯ!
ކުރުނބާ
27 September 2021
ތައްޔާރުވުމަށްޓަކާ ކުރެވެން އޮތް އޮންމެ މޮޅުކަމަކީ ތިމާގެ ހިތް އަބަދުވެސް މާތްﷲގެ ހަނދުމައިގައި ބެހެއްޓުން. މިކަމަށްޓަކައި ތިމާގެ ދުލާއި ހިތް އަބަދު ޛިކުރުކުރުމާއި މާތްނަބިއްޔާގެ މައްޗަށް ޞަލަވާތް ކިޔެވުމުގައި ބެހެއްޓުން ވަރަށް މުހިއްމު. އޭރުން ތިމާގެ ހުރިހާ ދުނިޔަވީ އަދި އުޚްރަވީ މަސައްކަތްތައް ވަރަށް ފަސޭހަވެގެންދާނެ.
ރަދީފްއޮފިޝިއަލް
27 September 2021
ޝަހްބާންގެ ފުރާނައަށް ހެޔޮ ރަހްމަތް ލައްވާށި.އާމީން.ހިންމަފުއްޓަށް ކުރި ދަތުރުގެ ބައިވެރިން މިއަދުގެ ދަތުރުގަ ބައިވެރިވި ބާ؟؟ މިއަދު އެމީހުން ކޮބާ؟ ވ.ވެދުން