ކުޅިވަރު / އިގިރޭސިވިލާތުގެ ގައުމީ ޓީމް

ގްރީލިޝް އެންމެ ފަހުން ގައުމީ ޓީމަށް ލަނޑެއް ޖަހައިފި

ލަންޑަން (އޮކްޓޯބަރު 10) - ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ އިންގްލެންޑުން އެންޑޯރާއާ ދެކޮޅަށް ކުޅުނު މެޗު ޖެކް ގްރީލިޝްގެ ގޯލަކާ އެކު ކާމިޔާބުކޮށް، ވޯލްޑް ކަޕަށް ކޮލިފައިވުމާ ގާތަށް ޖެހިލައިފި އެވެ.

އިންގްލެންޑުން ރޭ އެންޑޯރާގެ ދަނޑުގައި އެ ޓީމު ބަލިކުރީ 5-0 އިންނެވެ. ފުރަތަމަ ހާފުގައި އިންގްލެންޑުން ޖެހި ދެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބެން ޗިލްވެލް އާއި ބުކަޔޯ ސަކާ އެވެ. ދެވަނަ ހާފުގައި ތިން ލަނޑު ޖަހައިދިނީ ޓެމީ އަބްރަހަމް އާއި ޖޭމްސް ވާޑް-ޕްރައުސް އަދި ޖެކް ގްރީލިޝް އެވެ. މެޗުގެ 86 ވަނަ މިނިޓުގައި ގްރީލިޝް ޖެހި މި ލަނޑަކީ އޭނާ ގައުމީ ޓީމަށް މިހާތަނަށް ކުޅެދިން 16 މެޗުން ޖެހި ފުރަތަމަ ލަނޑެވެ.

މެޗުގެ ކުރިން ވެސް އިންގްލެންޑް ގައުމީ ޓީމުގެ ކޯޗު ގެރެތު ސައުތުގޭޓް ވަނީ، މި ސީޒަނުގައި 100 މިލިއަން ޕައުންޑަށް އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީއަށް ބަދަލުވި 26 އަހަރުގެ މިޑްފީލްޑަރުގެ ފަރާތުން ގޯލަކަށް އުންމީދުކުރާ ކަމަށް ބުނެފަ އެވެ.

މި މޮޅާއެކު އިންގްލެންޑް ވަނީ ވޯލްޑް ކަޕް ކޮލިފައިންގައި ބަލިނުވެ 28 މެޗު ހަމަކޮށްފަ އެވެ.

މި ނަތީޖާއާއެކު ހަ ޓީމު ހިމެނޭ ގުރޫޕް އައިގެ އެއްވަނައިގައި އިންގްލެންޑް އޮތީ 19 ޕޮއިންޓާ އެކު އެވެ. ހަންގޭރީއާ ވާދަކޮށް ރޭ 1-0 އިން މޮޅުވި އަލްބޭނިއާ އޮތީ 15 ޕޮއިންޓާ އެކު ދެވަނައިގަ އެވެ. އަދި 14 ޕޮއިންޓާ އެކު ތިންވަނައިގައި އޮތީ ޕޮލެންޑެވެ. ޕޮލެންޑް ވަނީ ރޭ އަމިއްލަ ދަނޑުގައި ސެން މެރީނޯ 5-0 އިން ބަލިކޮށްފަ އެވެ.

ރޭ ކުޅުނު އިތުރު މެޗްތަކަށް ބަލައިލާއިރު ސްވިޒަލެންޑުން ނޮދަން އަޔަލެންޑާ ވާދަކޮށް 2-0 އިން މެޗް ކާމިޔާބުކުރިއިރު، ޔޫކްރޭނުން ވަނީ ފިންލެންޑުގެ ދަނޑުގައި އެ ޓީމު 2-1 އިން ބަލިކޮށްފަ އެވެ. ޑެންމާކުން ރަށުން ބޭރުގައި މޯލްޑޮވާ 4-0 އިން ބަލިކުރިއިރު ސްކޮޓްލެންޑުން އިޒްރޭލް ބަލިކުރީ ފަހު މިނިޓުގައި ސްކޮޓް މެކްޓޮމިނޭ ޖެހި ލަނޑާ އެކު 3-2 އިންނެވެ.

ޖަރުމަނުން ވޯލްޑް ކަޕަށް ކޮލިފައިވުމާ ގާތަށް ޖެހިލީ ހުކުރު ދުވަހުގެރޭ ގުރޫޕް ޖޭގައި ރޮމޭނިއާއާ ދެކޮޅަށް ކުޅުނު މެޗު ފަހަތުން އަރައި 2-1 އިން މޮޅުވެގެންނެވެ. ރޮމޭނިއާ އިން މެޗުގައި ލީޑު ނެގީ ނުވަ ވަނަ މިނިޓުގައި އިއާނިސް ހާޖީ ޖެހި ލަނޑުންނެވެ. ޖަރުމަނު މޮޅުވީ ފަހު ހާފުގައި ސާޖް ގްނަބްރީ އާއި ތޯމަސް މުލާ ޖެހި ލަނޑުތަކުންނެވެ.

މުލާގެ މި ލަނޑަކީ 2017 ވަނަ އަހަރަށް ފަހު އޭނާ ގައުމީ ޖޯޒީގައި ވާދަވެރި މެޗެއްގައި ޖެހި ފުރަތަމަ ލަނޑެވެ. ފާއިތުވި ދެ އަހަރު ޖަރުމަންގެ ގައުމީ ސްކޮޑުން އޭނާ ބާކީކުރި ނަމަވެސް މި އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި މުލާގެ ބޭނުން ހިފި އެވެ. ޔޫރޯ އަށް ފަހު ޖަރުމަން ޓީމާ ހަވާލުވި ހަންސީ ފްލިކްގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު ހަތަރު މެޗު ވެސް ޖަރުމަން ވަނީ ކާމިޔާބުކޮށްފަ އެވެ.

މި ގުރޫޕުގެ އެއްވަނައިގައި ޖަރުމަން އޮތީ ކުޅުނު ހަތް މެޗުން ހޯދި 18 ޕޮއިންޓާ އެކު އެވެ. ބާކީ ތިން މެޗު އޮތްއިރު ދެވަނަ އަދި ތިންވަނައިގައި އޮތް ނޯތު މެސެޑޯނިއާ އާއި އަރުމީނިއާ އަށް ލިބެނީ 12 ޕޮއިންޓެވެ. ކޮލިފައިން ގުރޫޕުގައި މާދަމާ ރޭ ޖަރުމަނުން ނޯތު މެސެޑޯނިއާއާ ދެކޮޅަށް ނުކުންނައިރު އަރުމީނިއާ ބައްދަލުކުރާނީ 10 ޕޮއިންޓާ އެކު ހަތަރުވަނައިގައި އޮތް ރޮމޭނިއާއާ އެވެ.

ނެދަލެންޑްސް ވެސް ވަނީ އެ ޓީމު ހިމެނޭ ގުރޫޕް ޖީގައި ލެޓްވިއާއާ ދެކޮޅަށް ހުކުރު ދުވަހުގެ ރޭ ކުޅެ 1-0 އިން މޮޅުވެފަ އެވެ. ލެޓްވިއާ އަތުން މޮޅުވެ، ގުރޫޕްގެ އެއްވަނައިގައި ނެދަލެންޑްސް އޮތީ 16 ޕޮއިންޓާ އެކު އެވެ. ތުރުކީއާ ދެކޮޅަށް ކުޅެ 1-1 އިން އެއްވަރުވި ނޯވޭ ދެވަނައިގައި އޮތީ 14 ޕޮއިންޓާ އެކު އެވެ. އަދި ތުރުކީ އަށް ލިބެނީ 12 ޕޮއިންޓެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454