ނިމިދިޔަ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ މުބާރާތުން ކެޓުމުން ހިތްދަތި ވެފައި ހުރި ފޯވާޑް ހަމްޒާ މުހައްމަދު (ކ) އަށް ޖަވާ (ވ) ހިތްވަރު ދެއްވަނީ --- ފޮޓޯ: ނިޝާން އަލީ | މިހާރު
17 އޮކްޓޯބަރ 2021 - 18:16
އަންނަ އަހަރު އިންގްލެންޑްގައި ބާއްވާ ކޮމަންވެލްތު ގޭމްސްގައި ރާއްޖޭގެ ޗެފް ޑި މިޝަނަކަށް އެފްއޭއެމްގެ ޖެނަެރަލް ސެކްރެޓްރީ ހުސައިން ޖަވާޒު ހަމަޖައްސަވައިފި އެވެ.
އިންގްލެންޑްގެ ބާމިންހަމްގައި ބާއްވާ ކޮމަންވެލްތު ގޭމްސް ވެގެންދާނީ ފަސް އަހަރުގެ މެދުކެނޑުމަކަށް ފަހު ކޮމަންވެލްތުގެ ކުޅިވަރު އިވެންޓެއްގައި ރާއްޖެ ބައިވެރިވާ ފުރަތަމަ ފަހަރަށެވެ. ރާއްޖެއިން 2016 ގައި ވަނީ ކޮމަންވެލްތުގެ މެންބަރުކަމުން ވަކިވެފަ އެވެ. އަލުން ކޮމަންވެލްތާ ގުޅުމުން މިދިޔަ އަހަރު ރާއްޖެ އަށް ވަނީ އެ ޖަމާއަތުގެ 54 ވަނަ ގައުމުގެ ގޮތުގައި މެންބަރުކަން ދީފަ އެވެ.
މެލޭޝިއާގެ ލިމްކޮކްވިން ޔުނިވަސިޓީ އޮފް ކްރިއޭޓިވް ޓެކްނޮލޮޖީން ބިޒްނަސް އެޑްމިނިސްޓްރޭޝަން އެންޑް ސްޕޯޓްސްގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކޮށްފައިވާ ޖަވާ އަކީ އެފްއޭއެމަށް އިންތިހާބީ މެންބަރުން ހޮވަން ފެށީންސުރެ އެ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީކަން އެންމެ ގިނަ ދުވަހު ކުރެއްވި ހިންގުންތެރިޔާ އެވެ.
Hussain Jawaz (Jawa), the GS of FAM has been appointed as the Chef de Mission for Birmingham Commonwealth Games scheduled from 28 July to 8 August 2022.
— Maldives Olympic Committee (@nocmaldives) October 17, 2021
MOC have full confidence in Mr. Jawaz that he would do a great job supporting Team Maldives at the Games. @jawaaz @FA_Maldives pic.twitter.com/K9qrrw0ibR
އޮލިމްޕިކް ކޮމިޓީގެ ޓްވީޓް
އެފްއޭއެމްގެ ކުރީގެ ރައީސް އިލްހާމް އަހްމަދުގެ ދައުރުގައި ވެސް ޖެނެރަލް ސެކްރެޓަރީގެ މަގާމު އަދާކުރެއްވި ޖަވާ ވަނީ، މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ފުރަތަމަ ދައުރުގައި ވެސް ޖެނަރަލް ސެކްރެޓަރީކަން ކުރައްވައިފަ އެވެ. އިންތިހާބު ކުރަން ފެށީންސުރެ، ޖެހިޖެހިގެން ދެ ދައުރެއްގައި އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީކަން ކުރެއްވި ހަމައެކަނި ބޭފުޅަކީ އޭނާ އެވެ. އެފްއޭއެމްގެ އެންމެ އާދައިގެ އިދާރީ މަގާމަކުން އެ އެސޯސިއެޝަންގައި މަސައްކަތް ކުރަން ފެއްޓެވި ޖަވާ ވަނީ ގައުމީ ޓީމުގެ މެނޭޖަރުގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ.
ޗެފް ޑި މިޝަންގެ ޒިންމާ އަކީ ގޭމްސްގައި ރާއްޖޭގެ އެތުލީޓުންނާއި މުޅި ދިވެހި ކޮންޓިންޖެންޓާ ގުޅޭ ހުރިހާ ކަމެއް ބެލެހެއްޓުމެވެ. އޭގެ ތެރޭގައި ލޮޖިސްޓިކް އާއި ދިވެހި އެތުލީޓުންނާ ގުޅޭ އިދާރީ އެންމެހާ ކަންތައްތަކެއް ވެސް ހިމެނެ އެވެ.
ކޮމަންވެލްތު ގޭމްސް އޮންނާނީ އަންނަ އަހަރު ޖުލައި 28 އިން އޮގަސްޓް 8 އަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy