ކެލާގެ ބީޗުގެ ސަރަހައްދެއް މިހާރު އޮތް ގޮތް: ކުރިން ހިމުން ދޮންވެލި އޮތް މިތަނުގައި މިހާރު މުޅިން ވެސް އޮތީ އަކިރި -- ފޮޓޯ: އަބްދުﷲ އިންފާޒު
02 ނޮވެމްބަރ 2021 - 08:38
އަބްދުﷲ އިންފާޒު ކުޑައިރު ހަނދާން ހުންނަ ގޮތުގައި ކެލާގެ މީހުން ދިރިއުޅޭ ސަރަހައްދުން އަތިރިމައްޗަށް ފައިބައިފި ނަމަ ދޮންވެލި ބީޗު ލޮލުގެ ކޮޅަށް ފެންނަން އޮވެ އެވެ. ދެން އޮންނާނީ ހުސް މޫދެވެ. އެ ބީޗަކީ ކުޑައިރުގެ އެތައް ހަނދާންތަކާ ގުޅިފައިވާ ތަނެކެވެ. ބޮޑު ކުޅިއަކާއި ކަނޑޫފަލެއް އޮންނަ ކެލާގެ އެންމެ ރީތި އެއް ސިފައަކީ ވެސް އެއީ އެވެ. ބައެއް މީހުން ދެކޭ ގޮތުގައި ރާއްޖޭގެ އެންމެ ރީތި ބީޗަކީ ވެސް އެއީ އެވެ.
އެކަމަކު، ކެލާ ކައުންސިލުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި އިންފާޒަށް މިހާރު ފެންނަނީ ކުޑައިރު ފެނުނު މަންޒަރުތަކެއް ނޫނެވެ. ބީޗުގެ ވަރަށް ބޮޑު ބަޔަކަށް ފާއިތުވި ދެތިން އަހަރެއްގެ ތެރޭގައި ވަނީ ބަދަލު އައިސްފަ އެވެ. ކުރިން ދޮންވެލި އޮތް ބީޗުގެ ވަރަށް ބޮޑު ބައެއްގައި މިހާރު ހުރީ ހުސް އަކިރި އެވެ.
ކެލާގެ ބަނދަރު ހުންނަ ދިމާލުން ވަކި ސަރަހައްދެއްގައި ކުރިން ވެސް އަކިރި އޮވެ އެވެ. އެއީ "މެދު މުލި" ކިޔާ ސަރަހައްދެވެ. އެކަމަކު، އޭރު އަކިރި އޮންނަނީ ވެސް ގާތްގަނޑަކަށް 300 އެއްހާ ފޫޓަށެވެ. މިހާރު އަކިރި އަރާފައި އޮންނަ ސަރަހައްދު ވަނީ ވަރަށް ބޮޑަށް ދެމިގެން ގޮސްފަ އެވެ. އިންފާޒު ލަފާ ކުރާ ގޮތުގައި އެ ސަރަހައްދުގެ ދިގުމިނުގައި ގާތްގަނޑަކަށް ބައި ކިލޯމީޓަރަކަށް އަރާނެ އެވެ.
ކުރިން ކެލާގެ މީހުން ދިރިއުޅޭ ސަރަހައްދުން ބީޗުގެ ކޮންމެ ދިމާލަކަށް ފޭބިޔަސް އޮންނާނީ ދޮންވެއްޔެވެ. އެކަމަކު، މިހާރު މީހުން ދިރިއުޅޭ ސަރަހައްދުގެ ބޮޑު ބައެއްގައި އޮތީ އަކިރި އެވެ. އެންމެ "ޕްރައިމް" ބީޗަށް އެރޭ ސަރަހައްދަށް އެހެންވާތީ، އެކަމުގެ އަސަރު އާންމުން ރައްޔިތުންނަށް ވެސް ކުރެ އެވެ.
ކެލާގެ ބީޗުގެ ސަރަހައްދެއް ކުރިން އޮތް ގޮތް: ކުރިން ހިމުން ދޮންވެލި ހުއްޓަސް މިތަނުގައި މިހާރު މުޅިން ވެސް ހުރީ އަކިރި -- ފޮޓޯ: އަބްދުﷲ އިންފާޒު
"ކުރިން މޫދަށް އެރެން ކޮންމެ ދިމާލަކުން ފޭބިޔަސް އޯކޭ ވާނެ. މޫދަށް އެރިލާ ސަޅިކޮށް ބީޗުގައި ހިނގާލެވޭނެ. މިހާރު އެކަމަކު ވަރަށް ބޮޑު ބައެއް އަކިރިއަށް ވެފައި އޮތީ،" ކެލާގެ ރައްޔިތެއް ކަމަށްވާ މުހައްމަދު މާލިކު ބުންޏެވެ.
މިހާރު ވެސް މީހުން މޫދަށް އެރި ކަސްރަތު ކުރުން ފަދަ އެކި ކަންކަން ކުރެ އެވެ. އެކަމަކު، މުޅި ތަނުގައި އަކިރި އޮންނާތީ އެކަން ވަނީ އުނދަގުލަކަށެވެ. އަދި ބަލަން ވެސް ހުތުރު ކަމަށް އާންމުން ބުނެ އެވެ.
ރަށަށް ޓޫރިސްޓުން ފައިބާ ޖެޓީ އޮންނަ ހިސާބުގައި ވެސް މިހާރު ކޮންމެވެސް ވަރަކަށް އަކިރި އެބަ ހުއްޓެވެ. ކުރިއަށް އޮތްތަނުގައި އެއަށް ވުރެ ދުރަށް ވެސް އަކިރިގަނޑު ދިއުމުގެ ބިރު އެބަ އޮތް ކަމަށް ކައުންސިލުގެ ރައީސް އިންފާޒު ބުންޏެވެ.
ކެލާއަށް އަންނަ ޓޫރިސްޓުން ފައިބާ ޖެޓީ --
ކެލާ އަކީ ލޯކަލް ޓޫރިޒަމްގެ ހުވަފެން ދެކެމުން އަންނަ ރަށެކެވެ. ރަށަށް ރީތިކަން ލިބިފައި އެބަ ހުއްޓެވެ. މިލިއަނުން އިންވެސްޓްކޮށްގެން ތިބި ރައްޔިތުން ވެސް އެބަ ތިއްބެވެ. އެކަމަކު، ރަށް ޕްރޮމޯޓް ކުރެވޭނީ ރަށުގެ ރީތިކަން ދެމެހެއްޓިގެންނެވެ. އެހެންވެ، ޓޫރިސްޓުންނަށް ފެންނަ ހިސާބަށް މި އަކިރިތައް އަރައިފި ނަމަ އެކަން ވާނީ ގެއްލުމަކަށެވެ.
ކެލާގައި ގެސްޓްހައުސްއެއް ހިންގާ މީހަކު ބުނީ ރަށުގެ ބީޗު އަކިރިއަށް ވުމުގެ އިތުރުން ބީޗު ގިރުމުގެ މައްސަލަ އަށް ވެސް ހައްލެއް ހޯދަން ޖެހޭ ކަމަށެވެ. ހައްލު ނުކުރެވިއްޖެ ނަމަ ވަރަށް ބޮޑު ގެއްލުމެއް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވަރަށް ބޮޑު ސެކްރިފައިޒެއް މިވަނީ. އަޅުގަނޑާއި އަދި ހަތަރު ފަސް މީހަކު 40-50 މިލިއަން ހަރަދުކޮށްފިން އެނގޭތޯ،" ކެލާގައި ގެސްޓްހައުސް ހިންގާ މީހަކު ކިޔައިދިނެވެ.
ކެލާގެ ބީޗުގެ ސަރަހައްދެއް ކުރިން އޮތް ގޮތް: ކުރިން ހިމުން ދޮންވެލި ހުއްޓަސް މިތަނުގައި މިހާރު މުޅިން ވެސް ހުރީ އަކިރި -- ފޮޓޯ: އަބްދުﷲ އިންފާޒު
މި ކަންބޮޑުވުންތައް ބައެއް ވިޔަފާރިވެރިން ވަނީ ރަށު ކައުންސިލާ ވެސް ހިއްސާކޮށްފަ އެވެ. ކައުންސިލުން ވަނީ ބީޗަށް އަކިރި އަރާ މައްސަލަ އީޕީއޭގެ ސަމާލުކަމަށް ގެނެސްފަ އެވެ.
ކެލާގައި ޓޫރިސްޓުންނަށް ހާއްސަކޮށް ވަކި ސަރަހައްދެއް ކަނޑައަޅާފައި ނެތަސް ޓޫރިސްޓުން އާންމުކޮށް ގެންދަނީ މީހުން ދިރިއުޅޭ ސަރަހައްދާ ދުރުން ރަށުގެ ބީޗުގެ ދެކުނު ކޮޅުންނެވެ. މި ހިސާބަށް އަދި އަކިރި ނުފޯރަ އެވެ. އަދި ގާތެއް ވެސް ނޫނެވެ. އެކަމަކު، މުސްތަގުބަލުގައި އެ ހިސާބަށް ވެސް ގޮސްދާނެތީ ކަންބޮޑުވެ އެވެ.
ރަށުން މައުލުމާތު ދިން މީހުން ބުނާ ގޮތުގައި މި ބަދަލު ފާހަގަ ކުރެވެން ފެށީ 2015 ވަނަ އަހަރު ރަށުގެ ބަނދަރު ބޮޑު ކުރުމުގެ މަޝްރޫއުގެ ފަހުންނެވެ. އެކި ފަހަރު މަތިން ހުއްޓާލަން ޖެހުނު އެ މަޝްރޫއު 2019 ވަނަ އަހަރު އަލުން ފަށައި، މިދިޔަ އަހަރުގެ މެދު ތެރޭގައި ނިންމާލުމާ ހަމައަށް އައިއިރު، ކުރިން ރީއްޗަށް އޮތް ގޮނޑުދޮށް ދިޔައީ މަޑުމަޑުން ބަދަލުވަމުންނެވެ.
ކެލާގެ ބީޗުގެ ސަރަހައްދެއް މިހާރު އޮތް ގޮތް: ކުރިން ހިމުން ދޮންވެލި އޮތް މިތަނުގައި މިހާރު މުޅިން ވެސް އޮތީ އަކިރި -- ފޮޓޯ: އަބްދުﷲ އިންފާޒު
ރަށުން ވާހަކަ ދެއްކި ބައެއް މީހުން ގަބޫލު ކުރާ ގޮތުގައި މި މަޝްރޫއަކީ ބީޗަށް ބަދަލު އައުމުގެ ސަބަބެކެވެ. ބަނދަރު ބޮޑު ކުރި އިރު ބޮޑުކުރި އަކިރި އޮންނަ "މެދު މުލި" ކިޔާ ސަރަހައްދަށް އަސަރުކޮށް އެތަނުގެ އަކިރިތައް ދަމައިގެން ބީޗަށް އަރަނީ ކަމަށް އެ މީހުން ދެކެ އެވެ.
އެހެން ބައެއް މީހުން ދެކޭ ގޮތުގައި ބަނދަރު ހެދުމުގެ ސަބަބުން އޮއިވަރަށް އައި ބަދަލު އައިސް ރަށުގެ ބީޗުގެ ދޮންވެލިގަނޑު ދެކުނަށް ދަމައިގަންނަނީ އެވެ. އަދި އެ އޮއިވަރާއެކު މެދު މުލީގެ އަކިރިތައް ބީޗަށް އަރަނީ ނުވަތަ އަޑީގައި ހުރި އަކިރިތައް ހާމަވަނީ ކަމަށް އެ މީހުން ބުނެ އެވެ.
ރަށުގެ ބަނދަރު ބޮޑު ކުރި އިރު ވެލި ޑްރެޖްކޮށް، ހިއްކުމުގެ މަސައްކަތް ކުރުމަކީ ވެސް މި ބަދަލު އަތުވެދާނެ ސަބަބެއް ކަމަށް ތިމާވެށީގެ ކަންކަމުގެ މައުލޫމާތު އެނގޭ މީހަކު ކިޔައިދިނެވެ. ކެލާގެ ބަނދަރު ހެދުމުގެ މަޝްރޫއުގެ ތެރެއިން ފަޅުން 3496 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމުގެ އިތުރުން ނެރު ފުންކުރަން 12،768 ކިއުބިކް މީޓަރު ކޮނުނެވެ.
ހއ. ކެލާގެ ބަނދަރު ބޮޑު ކުރުމުގެ މަސައްކަތް ކުރިއަށްގެންދިޔަ އިރު އެތަން އޮތް ގޮތް -- ފޮޓޯ: ޕީއެސްއެމް
އޭނާ އިތުރަށް ބުނި ގޮތުގައި ކޮރަލް ބްލީޗިން ނުވަތަ މުރަކަ ހުދުވުމުގެ ސަބަބުން ގިނަ އަދަދެއްގެ މުރަކަތައް މަރުވެ، އޭގެ ބައިތައް އަކިރީގެ ގޮތުގައި ރަށަށް ލައްގަނީ ކަމަށް ވެސް ވެދާނެ އެވެ. އެކަމަކު، މިކަން ކަށަވަރު ކުރަން، ގޮނޑުދޮށުގައި ހުރި އަކިރީގެ ބާވަތާއި އެއަށް ވީ ދުވަހާއި އޭގެ ބޮޑު މިނަށް ވެސް ބަލަން ޖެހޭނެ އެވެ.
ކެލާގެ ބީޗުގެ ބޮޑު ބައެއް އަކިރިކެލާގެއަށްވާ ސަބަަބު ސީދާ ނޭނގެ އެވެ. އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަސީރަށް ވެސް ޔަގީނުން ވިދާޅުވާން އެނގެނީ އެއް ކަމެކެވެ؛ މިކަން ދިމާވާ ސީދާ ސަބަބު އެނގެނީ މިތަނަށް ހާއްސަ ދިރާސާއެއް ހަދައިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޮޒިޓިވް
03 November 2021
އަކިރި އަކީވެސް ހަމަ ރަހުމަތެއް. އަލްހަމްދުލިﷲ. ހެޔޮވިސްނުން ދެއްވާށި.
ވަހުތާން
02 November 2021
ކޮންމެ ރަށަކު ކޮންމެ އަވަށަކު ކޮންމެ ގެއެއްގެ ދޮރުމަތީ ބަނދަރު ހަދައި ގުދުރަތީ ވެށި ހަލާކުކޮށްލުމުގެ އަގުތިއީ.
ކިޔު
02 November 2021
ބިން ހިއްކުމާއި ބަނދަރު ކޮނުމާއި މިފަދަ ކަންކަމުން ތިމާވެށްޓަށް ވ ނޭދެވޭ އަސަރު ކޮށްފާނެ.
ބ. ފަސްދޭތެރެ ބަޔޯސްފިޔަރިޒާވުން
02 November 2021
އަހަރެމެން ރަށުގަވެސް ބަނދަރުހެދިފަހުން ބީޗް ގިރާހުސްވެ ގޭ ފާރުބުޑަށް ރާޅުޖަހަނީ. މިއުޅެނީ ސަރުކާރުގައި ދަންނަވައިގެން އާރޓިފިޝަލް ބީޗެއްހަދައި ވަށައިގެން ބޮޑުހިލަ ޖަހައިދޭތޯ. ކޮޕްސަމިޓުން އެތިކޮޅެއް ލިބިއްޖެއްޔާ ވެދާނެތޯއްޗެއް. ތިމާވެށި ހަލާކުކޮށްފައި ތިމާވަށައިގެން ބޮޑުހިލަޖަހަން ނާށިގަނޑުހިފައިން އާދޭސްކުރަންދާ ގައުމެއްގެ އަޖައިބުކުރުވަނިވި މަންޒަރުތައްފެނި އާޝޯޚުވެގެން ކޮޕްސަމިޓްގައި ވެރިން ތަގުރީރުކުރައްވާތަން ފެނޭތޯ ނުނިދަ މިއިނީ..
އަކިިރި
02 November 2021
މި ސަރުކާރުގަ އެޅި އެންމެ މަޝްހޫރު އެއަޕޯޓަށްވެސް ދޭތެރެއަކުން އަކިރިއާ ފަސް އަރަނީ. މިހާރު އެހެން ރަށެއްގަ މި ވެރިކަމުގަ ބޮޑުކުރި ބަނދަރަކާ ހެދި މުޅި ބީޗަށް އެއްކޮށް އަކިރި އަރަނީ. ތިލަމާލެ ބްރިޖް އަޅައިގެން މާލޭ އިރުމަތީ ކޮޅުގަ އޮތްހާ އަކިރި ދެން ދާނީ ވިލިގިއްޔަށްހެން ހީވަނީ.
ދޮންވެލި
02 November 2021
މިކަމުގެ ޒިންމާ ނަގަންޖެހޭނީ ކުރި ސަރުކާރުން
ކަޅުވެލި
02 November 2021
މިކަމުގެ ޒިންމާނަގަންޖެހޭނީ ރަށުގެ ކައުންސިލާއި ރައްޔިތުން. ކޮންމެ ރަށްކު މީހުންވެސް ބަދަރަކާއި ހެދި ހޭބަލިވެގެން ފަހުންވާނެގޮތަކަށް ބެލުމެއްނެތި ބަނދަރު އަޅަނީ ވީ އަވަހަށް. ދެންގޮވާނީ ރަށްގިރަނީއޭ ބީޗް ހިގައްޖޭ. ކޮންހާ ހާއްސަރެއް މިހާރު؟
ގަހަނާ
02 November 2021
މުޅި ފަޅު އެކުގަ ހިއްކާލާ އޭރުން އަކިރިއެއް ނާރާނެ.
ބަރަވެލި
02 November 2021
ބަލާލީމަވެސް އެނގެ ގިރާގެން ވެލިދަމާގެން ހިލިފައިހުރި އަކިރިއާ ގާތަކެއް ކަން. ފާލަމުގެ ބުޑުވެސް އެއްގަމުގަ ހުރި ބުޑުތައް އެހެރީ މޫދުގައި.
ައަކިރިކެލާ
02 November 2021
މި ނަމުގަ ކުރި ކޮމެންޓް ޕޯސްޓް ނުކުރެއްވުން އެދެން
ައަކިރިކެލާ
02 November 2021
ސާމިހުގެ ޔުނައިޓެޑް ކެލާ (ޔޫ.ކޭ) އަށް މިވަނީ ކިހިނެއްބާ؟