އެއް ފަންވަތުގެ ތެރެއަށް އަނެއް ފަންވަތްލައި ފަރިތިކަމާ އެކު ދަމާލައި މާވެއްޓެއް ހަދަމުން ދިޔަ އިބްރާހިމް ޒާހިރުގެ ހުނަރުގެ ވާހަކަ ފެށީ އެތައް އަހަރެއް ކުރިންނެވެ. އޭނާގެ ހިތުގައި އަދިވެސް ބިންވަޅު ނެގިފައި އޮތް 35 އަހަރުގެ ހިތްދަތި ހަނދާނަކުންނެވެ. އަތްތެރިކަމުގެ މައުރަޒުގައި އޭނާގެ އުފަން ރަށް ކ. ކާށިދުއަށް އަދި މުޅި އަތޮޅުން ވެސް ވަނައެކަށް އުއްމީދުކޮށްގެން ހެދި ތަކެތި ބައިވެރި ނުކުރެވުނީ އެވެ. އޭގެ ސަބަބަކަށް ވީ ޒާހިރު ކިޔައިދިން ގޮތުގައި އޭނާ ހެދި އިއްސެއް "އަސްލާ މާ އެއްގޮތްވީ" އެވެ.
އޭގެ ބައްޓަމާއި ކުލަތަކާއި ފައިތަކާ ފެނި ހަމަ އަސްލަށް ވެސް އެއީ އިއްސެއް ކަމަށް މައުރަޒު އިންތިޒާމްކުރި މީހުންނަށް ގަބޫލުކުރެވުނީ އެވެ. އިހި ފިޔަވައި ދެން ހުރި ތަކެތި ބައިވެރިކުރެވިދާނެ ކަމަށް ބުންޏަސް އެނާގެ ހުނަރަކީ އެ އިއްސެވެ. އެހެންވެ އެހެންތަކެތި ބައިވެރިކުރަން ބޭނުން ނުވީ އެވެ.
އެ ހިސާބުން މަސައްކަތް ދެކެ ފޫހިވެފައި ޒަމާންތަކެއް ވަންދެން ހުއްޓެވެ. މިހާތަނަށް ވެސް މައުރަޒެއްގައި އޭނާގެ މަސައްކަތެއް ބައިވެރި ނުކުރެ އެވެ.
އެކަމަކު އޭނާއަކީ ކާށިދޫގައި މިހާރު ހުރި އަތްތެރި މަސައްކަތުގެ އެންމެ ހުނަރުވި އެކަކެވެ. އެ ރަށަށް އަރާ ކޮންމެ މީހަކަށް ވެސް ފެންނާނެ އެންމެ ހުނަރުވެރި އަތްތެރި މަސައްކަތްތެރިޔާ އެވެ. ރަށަށް ޒިޔާރަތްކުރާ އިއްޒަތްތެރިންނަށް އަރުވާ ހަނދާނީ ހަދިޔާތަކާއި ރަށުގެ ރީތިކަން ދައްކުވައިދޭ ކޮންމެ އުފެއްދުމެއްގެ ފަހަތުގައި ވަނީ ޒާހިރުގެ ދެއަތުގެ ޖާދޫ އެވެ.
ފަނުން ތަކެތި ވިޔުމާއި ބޮއްޔާއި ނާށިން އޭނާ ހަދާ ތަކެއްޗަކީ ބަލާލަން ކޮންމެ މީހަކު ވެސް ބޭނުންވާނެ ފަދަ ރީތި އުފެއްދުންތަކެކެވެ.
ޒާހިރު ބުނި ގޮތުގައި 1990 ވަނަ އަހަރު ބޭއްވި އަތޮޅު މައުރަޒަކީ އޭނަގެ ހަޔާތުގައި ދުވަހަކުވެސް ފަނޑުވެގެން ނުދާނެ ހިތްދަތި ހަނދާނެކެވެ. ލަކުޑިން ކަނޑައި މަށައިގެން އަމިއްލަ އަތުން އޭނާ ތައްޔާރުކުރި "އިހި" އެ މުބާރާތުން ބޭރުކޮށްލި ހާދިސާއަކީ މިއަދު ވެސް އޭނާގެ ހިތުގައި ބަދަލުނުވެ އޮތް ރިހުމެކެވެ.
އެ އިއްސަކީ އޭނާގެ ފަންނުވެރިކަމުގެ އެންމެ އުސްމިނެވެ. މުބާރާތުގެ ފަނޑިޔާރުންނާއި އެކަން އިންތިޒާމުކުރި ފަރާތްތަކަށް އެ އިހި ފެނުމުން ގަބޫލުކުރަން ދަތިވީ އެއީ ލަކުޑިން ހަދާފައިވާ އެއްޗެއް ކަމަށެވެ.
އެއީ ދިރޭ "އަސްލު" އިއްސެއް ހިއްކާފައި ކަމަށް ބުނެ، މުބާރާތުގެ ގަވާއިދާ ހިލާފު އެއްޗެއްގެ ގޮތުގައި ކަނޑައަޅައި މައުރަޒުން ބޭރުކޮށްލީ އެވެ.
"ވަރަށް ކުރިން އަތޮޅު މައުރަޒެއް ބޭއްވި ބުރެއްގައި އޭގައި ބައިވެރިވީ. އެ މައުޒަރަށް އަޅުގަނޑު ހެދީ އިއްސެއް، އަސްލު އެއްޗަކަށް ބަލައިގެން އެއާ އެއްގޮތަށް ހެދީ، ކުލަވެސް ޖެއްސީ ހަމަ އެގޮތަށް. އެ މީހުން އެއަށް ހެދިގޮތަކީ،ހަދާފައި އޮތް އެއްޗެއް ނޫނޭ ކިޔާފައި މައުރަޒުގައި ބައިވެރި ނުކުރި،" ޒާހިރު ބުންޏެވެ.
އެ މައުރަޒަށް އޭނާ ދެން ހެދީ ލަކުޑި ފަހާފޮއްޓަކާއި ދޫންޏެކެވެ. އެ އިހި މައުރަޒުގައި ބައިވެރި ނުކުރުމުން ލިބުނު މާޔޫސްކަންވީ އޭނާގެ ހުނަރުވެރިކަމުގެ ދޮރުތައް މުބާރާތްތަކަށް ބަންދުވެގެންދިޔަ ސަބަބަށެވެ.
"ދެން ހެދި އެއްޗެހި ވެސް މައުރަޒުގައި ބައިވެރި ނުކުރަން. އިހި ބައިވެރި ނުކުރަން ނިންމީމަ ބުނީ ހުރިހާ އެއްޗެއް ރަށަށް ފޮނުވާށޭ. އެ ފަހުން އެއްވެސް މުބާރާތެއްގައި ބައިވެރިވާ ހިތެއް ނުވި. އަދި ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ މުބާރާތެއްގައި ބައިވެރިވުމުގެ އެއްވެސް ޝައުގުވެރިކަމެއް ވެސް ނެތް،" ޒާހިރު ބުންޏެވެ.
އިހި ގެނެސް މަސްދުވަހު ގޭގައި ބޭއްވުމަށް ފަހު މީހަކު ގަންނަން ބުނުމުން އޭނާ ވިއްކާލީ އެވެ. އޭރާ އަޅާ ބަލާއިރު ބޮޑު އަގެއްގަ އެވެ. އޭގެ އަގަކީ 2000ރ. އެވެ.
"ވަރަށް ގިނަ މީހުން، ރަށު މީހުން ވެސް ބުނި އެ ބައިވެރި ކުރި ނަމަ މި ރަށަށް ވަނައެއް ލިބޭނޭ. ބައިވެރި ނުކުރީމަ ދެން ވަރަށް ދެރަވި. އެހެންވެ ފޫހިވީ ދެން،" އޭނާ ބުންޏެވެ.
ވަނައެއް ނުލިބުނަސް މިއަދު އެއީ ރަށުގެ ފަހުރު!
އެ ހިތްދަތި ކަމަކީ ހިތުން ފިލައިގެން ނުދިޔަ ކަމެއް ނަމަވެސް އެ މަސައްކަތް އޭނާ ދޫކޮށެއް ނުލަ އެވެ. މިއަދު ޒާހިރަކީ ރަށަށް ޒިޔާރަތްކުރާ މެހެމާނުންނަށް ހަދިޔާގެ ގޮތުގައި ދޭނެ ތަކެތި ތައްޔާރުކޮށްދޭ އެންމެ މުހިންމު ފަރާތެވެ.
ރަށު ކައުންސިލުން ބާއްވާ އެކި ހަފުލާތަކަށާއި ރަށަށް އަރާ މީހުންނަށް ދޭ ހަނދާނީ ހަދިޔާތައް ތައްޔާރުކުރުމުގެ ހުރިހާ މަސައްކަތެއް ހަވާލުކުރަނީ ވެސް އޭނާއާ އެވެ.
"ވިޔަފާރިއަކަށް ނުކުރަން. އެކަމަކު އެއްޗެއް ހަދާހިތްވީމަ ހަދާލަނީ، ދެން ގޭގަ ބަހައްޓަނީ. އެގޮތަށް ހަދާފައި ހުންނަ އެއްޗެހި މީހުން އައިސް ފެނުނީމަ ގަންނާނެ. މިފަހުން މާލޭގައި އޮތް ކައިވެނި ޕާޓީއަކަށް ވިޔެދިނިން ފަނުން ތަށިތަކެއް. އެ ވަރަށް ރީތި ވެގެން ވެސް އުޅުނު،" އޭނާ ބުންޏެވެ.
ޒާހިރުގެ މަސައްކަތްތަކަށް މިއަދުވެސް އެންމެން ތައުރީފު ކުރެ އެވެ. މައުޒަރުތަކާއި މުބާރާތްތަކުގައި ބައިވެރިވުމަށް އޭނާއަށް ހިތްވަރުދެ އެވެ. ނަމަވެސް އެ ޝައުގު މިހާރަކު ނެތެވެ.
އެ މައުރަޒުން އޭނާއަށް ހައްގުވި މަގާމު ނުލިބުނު ނަމަވެސް މިއަދު އޭނާއަކީ މުޅި ރަށުގެ އިހުތިރާމް ލިބިފައިވާ ރަށުގެ ފަންނުވެރިކަމުގެ ރަމްޒެކެވެ. ވަނައެއް ކަށަވަރުވާނެކަން ރަށު މީހުން ވެސް ގަބޫލުކުރާ އިހި ބައިވެރި ނުކުރި ހިތްދަތިކަން އަދިވެސް އޭނާގެ ހިތުން ފިލައިގެންނެއް ނުދެ އެވެ.
އޭނާގެ ހުނަރުވެރިކަމަކީ މިއަދު އެހެން މީހުންގެ އުފަލަކަށްޓަކައި ކޮށްދޭ އަތްތެރި މަސައްކަތްތަކެވެ. އެ ކޮންމެ އުފެއްދުމެއްގެ ފަހަތުގައި ވަނީ 1990 ވަނަ އަހަރުގެ އެ ހިތްދަތި ހަނދާންތަކެވެ.