އުހޫން ތަކުރާ އާއި މުނާފިގު ސްޕޮންޖާއި އައްޑަގުޑާރާއި ފޮށި ފަންކާ ފަދަ ބަސްތައް އަމުނައިގެން ވާހަކަ ދައްކާއިރު، އެ ބަސްތަކަށް ފަރިތަ ނޫން މީޙަކު ޖެހޭނީ އިރުކޮޅަކު ވިސްނަން އިންނާށެވެ. އެ ބަސްތައް ލައިގެން ލާނެއް ބަހުރުވައިގައި ހދ. ކުޅުދުއްފުށި މީހުން ވައްޓައެއް ނުލެވޭނެ އެވެ.
ހދ. އަތޮޅުގެ މީހުންގެ ގާތުގައި ހދ. ކުޅުދުއްފުށީގެ މީހުންނަކީ ކޮން ކަހަލަ ބައެއްތޯ ސުވާލުކޮށްފި ނަމަ ފުރަތަމަ ވެސް ޖަވާބަކަށް ވާނީ އެއީ ލާނެއް ބައެއް ކަމަށެވެ. ޖެއްސުމަށް ނޫނީ މަޖަލަކަށް ހަދައި އެ މީހުން އެ އުފައްދާ އާދަޔާ ހިލާފު ބަސްތަކުގެ ހަގީގީ މާނަ އެނގޭނީ ކުޅުދުއްފުށީ މީހުންނަށް އެކަންޏެވެ. އަވަގުރާނަ އެ ގޮވާލަނީ ކައިރީގައި ވާހަކަ ދައްކަން އިންނަ މީހާ އަށް ވެސް ނޭނގޭ ގޮތަށް ބަސްމަގު އެހާ ރީތިކޮށެވެ. ސަމާސާ ބަސްމަގުގައި އެހާ ވެސް އެ މީހުން މޮޅެވެ.
ކުޅުދުއްފުށީގައި ވާހަކަ ދައްކަނީ އުތުރުގެ އެހެން ހިސާބުތަކުގައި ވެސް ވާހަކަ ދައްކާ ގޮތަށް ދިވެހި ރަސްމީ ބަހުންނެވެ. އެކަމަކު ވަރުގަދަ ރާގެއް ވާހަކަ ދެއްކުމުގައި އެ މީހުން ގެންގުޅެ އެވެ.
ރަސްމީ ދިވެހި ބަހުން އެ މީހުން ވާހަކަ ދެއްކިޔަސް އުތުރުގެ އެހެން ރަށްތަކާ މި ރަށް ތަފާތު ވަނީ ކޮންމެ ބަހެއް ވެސް ދެތިން ގޮތަށް މާނަކުރާތީ އެވެ.
މި ރަށު އާރިފް އަލީ ބުނީ ކުޅުދުއްފުށީގައި ކޮންމެ ބަހެއް ވެސް ތިން ގޮތަކަށް މާނަކުރާނެ ކަމަށެވެ. އޭގެ ތެރޭގައި މީހަކު ހެއްވާލާ ގޮތަށް ބަސް ބޭނުން ކުރުމާއި ފަހު ބަސް ނިންމާލުމުގައި އެ ބުނާ އެއްޗެއްގެ ނިޔަތް ނޭނގޭ ގޮތަށް ނިންމާލުން ހިމެނެ އެވެ.
"ނުބައި އެއްޗެއް ވިޔަސް ރަނގަޅު އެއްޗަކަށް ވިޔަސް ބުނާނީ އެ މީހަކަށް އެ މާނާކުރަން ނޭނގޭ ގޮތަށް. އެ ބުނީ ކޯނޗެއްކަން ނޭނގޭ ގޮތަށް ފަހު ބަސް ނިންމާފައި ހުންނާނީ."
އާރިފް ބުނީ އެއީ ސަމާސާ ކުރުމުގެ ތެރެއިން އައިސްފައިވާ ކަންކަން ކަމަށެވެ. އެންމެ އިހުން ފެށިގެން މި ރަށުގައި ބަސްމަގު ގެންގުޅެފައި ހުރީ އެ ގޮތަށެވެ. އެ މީހުންނަށް އެކަނި އެ ބުނާ މާނައެއް އެނގޭ ގޮތަށް، އެހެން މީހުން އުފާކޮށްދީ ހިތްހަމަޖައްސައިދިނުމަށެވެ.
ދެ މީހުންގެ މެދުގައި ހިނގާ މުއާމަލާތްތައް ޝައުގުވެރިކޮށް ކުރިއަށް ގެންދިއުމަށް އެފަދަ ބަސްމަގެއް ބޭނުންކުރަމުން އަންނައިރު އާރިފް ބުނީ އޭގެ ސަބަބުން ނިންމާލުމުގައި އެ ބޭނުންކުރާ ބަހެއްގެ މާނަ ހޯދުމަށް ވެސް ދެން އެ ވާހަކައިގައި ބައިވެރިވާ އަނެއް މީހާގެ ޝައުގު ބޮޑުވާ ކަމަށެވެ.
"ހާއްސަކޮށް މި ރަށުގެ މީހުންނަށް އެނގޭނެ އެ ބުނީ ކޯޗެއްކަން. އެކަމަކު އަނެއް މީހާއަކަށް ނޭނގޭނެ. އެމީހާ އުފާވާނެތާ. އެހެންވެ އެ ވާހަކަ ދައްކާ މީހާ ހިތްހަމަޖައްސަންދާ ގޮތްގޮތް އެއީ. ޝައުގުވެރިކަން އުފައްދަން،" އާރިފް ކިޔައިދިނެވެ.
"އެ މީހާއަށް އެއްޗެއް ދީފައިތާ އެ ނިންމާލަނީ. އެކަމަކު އެ ބުނީ ކޯޗެއް ކަމެއް އަނެއް މީހާ އަށް ނޭނގެންޏާ އެ މަސައްކަތް ކުރާނެތާ ހޯދަން. އެކަހަލަ ގޮތަކަށް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ."
ޒުވާން އާ ޖީލު މިކަމަށް އެހާ ފަރިތަވެފައި ނެތަސް މި ރަށުގެ މެދު އުމުރުގެ މީހުންނާއި ދުވަސްވީ މީހުންގެ ބަސްމަގު އަދިވެސް ހުންނަ ގޮތަކީ އެއީ އެވެ.
އާރިފް ބުނި ގޮތުގައި ބަސްތައް ބޮލަށް އަންނާނީ ދިމާވާ ކަންކަމުގެ ތެރެއިން ކަމަށެވެ.
"މިހާރު ބަސްބަސް އަންނާނީ ދިމާވާ ކަންކަމުގެ ތެރެއިން އެއްޗެއް ބުނެވޭނީ. ހިނގާ ކަމެއްގެ ތެރޭގައި އެކަމެއް ނިންމާލަން ބުނެލާނީ އެކަހަލަ އެއްޗެއް. އެެހެން ހުރެފައި ވަރަށް ނުބުނާނެ. ގިނަ ފަހަރަށް މީހަކު ފެންނައިރަށް ވެސް ބުނެވޭނީ ނުބައި އެއްޗެއް. އެކަމަކު އެ މީހާ އަށް ނޭނގޭ ގޮތަކަށް. އެކަމަކު މި ރަށު މީހުންނަށް އެނގޭނެ އެބުނީ ކޯޗެއްކަން،" ހިނިގަނޑެއް ޖަހާލާފައި އޭނާ ބުންޏެވެެ.
ކުޅުދުއްފުށީގައި ބައެއް ތަކެއްޗަށް ވެސް މަޖާ ނަންތަކެއް ކިޔައި އުޅެ އެވެ. މިސާލަކަށް ރިމޯޓަކީ "ފިއްޖެހިފޯލި" އެވެ. އެ ނަން އުފެދިފައި ވަނީ ރިމޯޓަކީ ފޯއްޏެއްހެން އޮންނަ އެއްޗަކަށް ވެފައި އޭގައި ފިއްތަކެއް ހުންނާތީ އެވެ.
އެފަދަ އަނެއް ބަހަކީ "މުނާފިގު ސްޕޮންޖް" އެވެ. އެ ނަން އައީ ތަށި އެއްޗެހި ދޮވުމަށް މި ބޭނުންކުރާ ސްޕޮންޖު އޮންނަނީ ދެފުށް ދެ ގޮތަށް ކަމަށް ވާތީ އެވެ. މި ރަށު މީހުން ބުނީ ދެފުށް ދެގޮތް ވުމަކީ މުނާފިގުވުން ކަމަށާއި އެހެންވީމާ އެ އަށް ނަން ދީފައި އޮތީ ހަމަ ރަނގަޅަށް ކަމަށެެވެ.
އެ މީހުންނަށް އެއާކޯނަކީ "ފޮށި ފަންކާ" އެވެ. ފޮއްޓެއް ގޮތަށް އިންނަ އަދި ފަންކަލެއްހެން ފިނިވަންޏާ އެ ނަމުގައި ވެސް މައްސަލައެއް ނެތް ކަމަށް އެ މީހުން ބުނެ އެވެ.
"އަސްލުގައި ހަމަ ވިސްނާލައިފީވިއްޔާ އެއީ ހަމަ ރަނގަޅު ވާހަކައަކަށް ވާނީ. މިސާލަކަށް ބަލަމާ ހިނގާ މި ރަށު މީހުން އެއާކޯނަށް މިކިޔަނީ. ފޮށި ފަންކާ. އަސްލު ހަމަ ރަނގަޅުތާ ފޮއްޓެއް ވިއްޔާ އެއީ. މި ރަށު މީހުން ކީ އެއްޗެއް އެއީ ދޮންނަ ސްޕޮންޖަށް މުނާފިގު ސްޕޮންޖް ވެސް. އަސްލު މުނާފިގުތާ، ދެފުށް ދެގޮތް އެއްޗިއްސަށް ކިޔަނީ މުނާފިގެއްނު،"
މިސްރާބު ބެލުމަށް ފިލާގަނޑު އަޅައިގެން ދުރުމީ ބަހައްޓައިގެން މި ހުންނަ ހުރުމަށް މި ރަށުގައި ކިޔަނީ "ގޮއިދުރުވާނު" އެވެ. އަދި "އައްޑަގުޑާރު" އަކީ އެ މީހުން އެސްކަވޭޓަރު ނުވަތަ ހައިމާކަށް ކަހަލަ އަޑުގަދަ އެއްޗިއްސަށް ބޭނުންކޮށް އުޅޭ ނަމެކެވެ.
ދެން އެންމެ މަޖާ ބަހަކަށް އިވުނީ "އުހޫން ތަކުރާ" އެވެ. އެއީ "ޑޯ ކްލޯޒާ" އަށް މި މީހުން ކިޔައި އުޅޭ ނަމެކެވެ. އެ ނަން ދީފައި ވަނީ ދޮރު ހުޅުވާލާއިރު އެ އިވޭ އަޑަށް ނިސްބަތްކޮށެވެ.
"އުހޫން ތަކުރާއަކީ ޑޯ ކްލޯޒާއަށް މިރަށު މީހުން ކިޔާ އެއްޗެއް. ހަމަ ރަނގަޅެއްނު. ވާހަކައަކީ ހުޅުވާލާއިރަށް އެބަ ހިފަހައްޓާލާތާ އުހޫންއުހޫން ކިޔާފައި."
އޭނާ ބުނީ އެ ނަންތަކަކީ ހަމަ ރަނގަޅު ނަންތަކެއް ކަމަށެވެ. ރަނގަޅަށް ވިސްނާލުމުން ނަމާއި އެ ބޭނުންކުރާ ގޮތާ ވެސް ގުޅޭ ކަމަށެވެ.
މި ރަށުން ވާހަކަ ދެއްކި އިތުރު މީހަކު ބުނީ ކުޅުދުއްފުށީގެ އުތުރު އަވަށުގެ ކޮރަލް ދަނޑު ހިމެނޭ ސަރަހައްދާއި ދެކުނު އަވަށުގެ މީހުންގެ ވާހަކަ ދެއްކުމުގައި ވެސް ކޮންމެވެސް ވަރެއްގެ ތަފާތުތަކެއް ހުންނަ ކަމަށެވެ. އެކި މާނަ އެކުލެވޭ ގޮތަށް ވާހަކަ ދެއްކުމަކީ ރަށުގެ ސަގާފަތެއް ކަމަށް އެމީހުން ގަބޫލުކުރެ އެވެ.
"އެ ބޭނުންކުރާ މަޖާޒީ ބަސްތަކުގައި ވެސް ބަދަލުތަކެއް ހުންނާނެ. ދެން މި ރަށަކީ މިހާރުގެ ގޮތަށް ބުނަންޏާ ދެ މާނަ އެކުލެވޭ ގޮތަށް ބަޔަކު ދަސްކޮށްގެން ވާހަކަ ދައްކާ ރަށެއް ނޫން. މިއީ މި ރަށުގެ ސަގާފަތެއް،"
އޭގެ ސަބަބުން ކުދިން ބޮޑެތިވެގެން އަންނައިރު ވެސް އެ މީހުންނަށް ވެސް އެ މީހުންގެ ޒަމާނާ ގުޅޭ ގޮތަށް ބަސްތައް އުފެއްދުމާއި މާނަ ނަގަން އެނގޭ ކަމަށް އޭނާ ބުންޏެވެ.
"އަޅުގަނޑުމެން ކާފަމެން އުމުރު ނޫނީ ބައްޕަމެން އުމުރުގެ މީހުން، މީހަކު ކައިރީގައި ބަހައްޓައިގެން އެ މީހާ އަށް އެ ދައްކަނީ ކޮން ވާހަކައެއްކަން ނޭނގޭ ވަރަށް ވާހަކަ ދައްކާ މީހުން އަދިވެސް އުޅޭނެ،" އޭނާ ބުންޏެވެ.
އެ މީހާ ބުނި ގޮތުގައި މި ރަށުގައި ބައެއް އަކުރުތައް ގެންގުޅޭ ގޮތް ވެސް ތަފާތެވެ. މިސާލަކަށް "އިއްޔެ" ކިޔާއިރު "ޔެ" ގެ ބަދަލުގައި އަޑު އަންނާނީ "ޖެ" ކިޔާ ގޮތަށެވެ. އަދި "މަވެސް" ކިޔުމުގައި ބޭނުންކުރަނީ "މަވަސް" އެވެ. "ކަލޭ" އަކީ އެ މީހުން އާންމުކޮށް އަނެއް މީހާ އަށް ނިސްބަތް ކުރުމުގައި ބޭނުންކުރާ އާންމު ބަހެކެވެ. އެއީ ރުޅިއަކުން ބޭނުންކުރާ ގޮތެއް ނޫނެވެ.
"ބައެއް މީހުންނަށް އޮޅޭނެ މީނަ މިހުރީ ރުޅިއައިސްފައިބާވައޭ. ހިތްހަމަނުޖެހިފައިބާއޭ މިހުންނަނީ، އަނެކުން އަޑުއަހާއިރުގައި އެ އުނދަގޫ އަންނާނީ. އެކަމަކު އެއީ ހަމަ ރީތި ބަސް މި ރަށުގައި،" އޭނާ ކިޔައިދިނެވެ.
"މިރަށު މީހުން އަންނާށޭ ބުނާއިރު ބުނާނީ އަންނަގަ. ދާށޭ ބުނަން ދަގަ. ފަހަތަށް އަންނާނެ ގަ. ތަންކޮޅެއް އަމުރުވެރި ފާޑަކަށް އެކަމަކު އަމުރެއް ނޫން."
ތަފާތު މާނަތައް ދޭހަވާ ގޮތަށް އެ މީހުން ވާހަކަ ދެއްކުމުގައި ބަސްމަގު އުފައްދަމުން އަންނައިރު އެއީ ލާނެއް ބައެއްކަން 2000 އިން ފެށިގެން މި ރަށުގައި ބާއްވަމުން އަންނަ "މަށިމާލި ޕެރޭޑް" އިން ވެސް އެނގެ އެވެ. މިފަހަކުން އެ ޕެރޭޑަށް މުޅި ރާއްޖޭގެ ސަމާލުކަން ބޮޑުވިޔަސް އެންމެ ކުރިން ފެށިގެން އެ ޕެރޭޑަކީ ރަށުގެ ސަމާސާ ބަސްމަގާ އެކު ބާއްވަމުން އައި ޕެރޭޑެކެވެ. އެހާ ވެސް ކްރިއޭޓިވް އެވެ.
ރާއްޖޭގައި ހުރި ގައުމީ ބޮޑެތި މައްސަލަތަކާއި ސީރިއަސް ނުވަތަ ހޫނު މައުލޫތައް އެ ގެނެސްދެނީ މީހުން ހެއްވާލާނެ ގޮތަކަށެވެ. މީހެއްގެ ނަމެއް ބޭނުންނުކުރިޔަސް އެންމެނަށް ވެސް އެ މީހުން އިޝާރާތްކުރަނީ ކޮން ކަމަކަށްކަން އެނގޭވަރުކޮށްލަދެ އެވެ.
އެ އިރެއްގައި އެންމެ ގަދައަށް އެެދެކެވޭ ވާހަކަތައް، މަޖާ ގޮތަކަށް ގެންނަނީ މި ރަށުގެ އެތައް ބަޔަކު އެއްވެ އެކަމަށް މަޝްވަރާކޮށް އެ އަންނަ ހިޔާލުތަކާ އެކު އެވެ. ރާއްޖޭގެ އެކި ހިސާބުތަކުން އެންމެ އިންތިޒާރުކުރާ އީދު ކުޅިވަރަށްވީ ބަސްމަގާއި ހުށަހެޅުމުގެ މޮޅުކަމުންނެވެ.
އެހެންވީމަ، މިއީ ވެސް އެ މީހުންގެ ހުނަރެކެވެ. އެ ދުވަސްވަރެއްގެ ޓްރެންޑަކަށް ބަސްމަގު އުފެއްދުމުގައި ހަމަ މުޅި ރާއްޖޭގައި ވެސް ކުޅިދުއްފުށީ މީހުން ވަރެއް ނެތެވެ.