ތައުލީމީ ނިޒާމުގައި ވެސް ބާރުގަދައީ ގޭންގު؟

ރާއްޖޭގެ ސްކޫލުތަކުގައި ދަރިވަރުންގެ ޑިސިޕްލިން ހިފެހެއްޓުމަށް ޓަކައި އެޅޭ ފިޔަވަޅުތަކާ މެދު ހިތްހަމަޖެހޭ ހެއްޔެވެ؟ އެ ކުދިން އިސްލާހު ކުރުމަށް ތައުލީމީ ނިޒާމުގައި މަސައްކަތްތަކެއް ކުރެވޭ ހެއްޔެވެ؟ ޓީޗަރުންނަށް ރައްކާތެރި މާހައުލެއް އެބައޮތް ހެއްޔެވެ؟ ބޮޑު ހަރަދުތަކެއް ކޮށްގެން ދަރިންގެ ތައުލީމަށް ގުރުބާން ވަމުން އަންނަ މައިންބަފައިންނަށް ރާއްޖޭގެ ތައުލީމީ ނިޒާމުގައި އެއްވެސް އުންމީދެއް އެބައޮތް ހެއްޔެވެ؟


ހަމައެކަނި މި އަހަރަށް އެކަނި ބަލާލިޔަސް ބިރުން ފިތްކަނޑައިގެންދާ ވަރުގެ، ވަރުގަދަ ތިން މާރާމާރީއެއް ހިންގައިފި އެވެ. އެއީ، ގޭންގު ކުށްތަކެވެ. މި އަހަރުގެ ކިޔެވުން ފެށިގެން އައީ ސްކޫލެއްގެ ތެރޭގައި ދަރިވަރެއްގެ ގަޔަށް ކަތުރެއް ހަރާލައި ޒަހަމްކޮށްލި ހާދިސާއިންނެވެ. އޭގެ މާ ގިނަ ދުވަހެއް ނުވެ ދަރިވަރެއްގެ ގަޔަށް އަނެއްކާ ވެސް ވަޅި ހަރައި، ހުރިހާ ސްކޫލުތަކެއް އެލާޓަށް އައެވެ. އަމިއްލަ ދަރިފުޅުގެ ކުރިމަގާ ދޭތެރޭ އެތަކެއް ސުވާލުތަކެއް ބެލެނިވެރިން ކުރަން ފެށި އެވެ. އޭގެ ދުވަސްކޮޅެއް ފަހުން، މީގެ ދެތިން ދުވަސް ކުރިން މަޖީދިއްޔާ ސްކޫލުގެ ދަރިވަރެއްގެ ސަބަބުން ބެލެނިވެރިން މި ވަނީ ރަތަށް އަރައިފަ އެވެ. އެކަން ހިނގައިދިޔަ ގޮތާއި ސްކޫލުތަކުގެ ހާލަތު އޮތް ހިސާބު މި ހާދިސާއިން ވަރަށް ސާފުކޮށް ދައްކާލަދިނެވެ. ކުށް ކުރި ދަރިވަރުގެ މައްސަލަ ބާއްވާފައި، ފެނިގެން މިދިޔައީ އަމިއްލަ ޑިފެންސަށް މަސައްކަތް ކުރި ކަމަށް ބުނާ ޓީޗަރު ސަސްޕެންޑް ކުރި ތަނެވެ. މިއީ ކިހާ ނުރައްކާތެރި މެސެޖެއް ހެއްޔެވެ؟

މަޖީދިއްޔާ ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރަކު ޓީޗަރަަކާ މާރާމާރީ ހިންގި މައްސަލައެއް ފެންމަތިވެ، އެ ޓީޗަރަށް ގުރޫޕަކުން ބިރު ދައްކަން ފެށުމާ އެކު ބިދޭސީ ޓީޗަރު މިހާރު ވަނީ 12 އަހަރަށް ފަހު ރާއްޖެ ދޫކޮށްލައިފަ އެވެ. އޭނާ ރާއްޖެ ދޫކޮށް ދަމުން ރޮވިފައި ބުނަމުން ދިޔައީ އެންމެ ވާހަކައެކެވެ. ރަހުމަތްތެރިން ގާތު ބުނަމުން ދިޔަ ކަމަށް ވަނީ ސްކޫލުތަކުގައި ބައެއް ދަރިވަރުންގެ ސަބަބުން ޓީޗަރުންނަށް ރައްކާތެރިކަން ގެއްލި ފުރާނަ މަރަށް ހުށަހެޅިފައިވާ ކަމަށެވެ. -- މިއީ ހަގީގަތުގައި ވަރަށް ވާހަކަ އެވެ.

އޭނާ އެ ހަދަނީ ތެދެއް ނަމަ ހަގީގަތަކީ ކޮބައި ހެއްޔެވެ؟ އެހެންވިއްޔާ ސްކޫލުތަކުގެ ހާލަތު އެ ހިސާބަށް ދިޔައީ ކީއްވެގެން ހެއްޔެވެ؟ މިހާ ވަރުވީ އިރު އެޑިއުކޭޝަން މިނިސްޓްރީ އާއި ގަވައިދުތައް ތަންފީޒު ކުރާ ފަރާތްތައް ތިބީ ނިދާފައި ހެއްޔެވެ؟ ސްކޫލުތަކުގެ ޑިސިޕްލިން ކޮމެޓީތަކާއި ހަދާފައިވާ ގަވައިދުތައް ވީ ކޮންތާކު ހެއްޔެވެ؟

މަޖީދިއްޔާ ސްކޫލުގެ ހާދިސާ އަށް ބަލާއިރު މިހާތަނަށް ހާމަވެފައިވާ މައުލޫމާތުތައް ބުނާ ގޮތުން އެ ކުއްޖާ އަކީ ސްކޫލުގައި މާރާމާރީ ހިންގުމުގެ ރެކޯޑު އޮތް ކުއްޖެކެވެ. އެކަމަކު މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅައިފައެއް ނުވެ އެވެ. ބެލެނިވެރިން އުފައްދާ ސުވާލަކީ މި އެވެ؛ ދަރިވަރަކު އާދަޔާ ހިލާފަށް ގޯސްކޮށް އުޅޭކަން ސްކޫލުތަކަށް އެނގި އެކަމާ ފިޔަވަޅު ނާޅަނީ ކީއްވެގެން ހެއްޔެވެ؟

"ބައެއް ދަރިވަރުން ސްކޫލުތަކުގައި ވަރަށް ބޭއަދަބީކޮށް ވާހަކަ ދައްކައި، އެހެން ކުދިންނަށް ޖެއްސުންކޮށް ޓީޗަރުންނަށް ފުރައްސާރަކޮށް ބިރު ދައްކާ ހަދާކަން އެއީ ސްކޫލުތަކަށް ނޭނގި ހުންނަ ކަންކަމެއް ނޫން. ސްކޫލުތަކުގެ މެނޭޖްމަންޓަށް ދަރިވަރުންޏާއި ޓީޗަރުން ވެސް ހުންނަނީ އެ މައުލޫމާތު ހިއްސާކޮށްފައި. އެކަމަކު ވަރަށް މަދު ހާލަތެއްގައި ނޫނީ ފިޔަވަޅެއް ނޭޅޭ،" ސްކޫލެއްގެ ޕީޓީއޭ އަށް ވަރަށް ގިނަ ދުވަހު ހިދުމަތްކޮށްދީފައި ބެލެނިވެރިއަކު ބުންޏެވެ. "ފިޔަވަޅު އަޅަން ތަކުރާރުކޮށް ޕީޓީއޭތަކުން ވެސް މަސައްކަތް ކުރަމުން ދޭ. އެކަމަކު ތަފާތު ކަންކަން ދިމާވެގެން މައްސަލަ އޮންނަނީ ހުއްޓިފައި."

އެހެން އެކަން ދިމާވާ ސަބަބުތައް އެންމެންނަށް ވެސް އެނގެ އެވެ. ސްކޫލުތަކުގައި ގޭންގު ކުށްތައް އިތުރުވާ ކަމާއި ސީދާ ގޭންގުތަކުގައި އުޅޭ ކުދިންނާއި މާރާމާރީ ހިންގާ ކުދިން ސްކޫލުތަކުގެ ގްްރޭޑް 6-7 ގައި ވެސް އުޅޭކަން އެންމެންނަށް އެބަ އެނގެ އެވެ. އެކަމަކު ބައެއް ކުދިންގެ މައްސަލަތައް ބަލަން ސްކޫލުތަކަށް ފަސް ޖެހެން އޮންނަނީ މަޖުބޫރުވެފަ އެވެ. އޭގެ އެއް ސަބަބަކީ ދަރިވަރާއި އެ ދަރިވަރުގެ ބާރާއި ނުފޫޒެވެ. އަނެއްކޮޅުން މި މުޖުތަމައުގައި ކަންކަން ހިނގާ ނުރައްކާތެރި ގޮތެވެ. އަމިއްލަ ރައްކާތެރިކަން ކަށަވަރުވެފައި ނެތުމެވެ.

"ދަރިވަރަށް ފިޔަވަޅު އަޅަން ހިތަށް އަރާއިރު ވެސް ދަރިވަރު މި އޮންނަނީ ޓީޗަރަށް އިންޒާރު ދީފައި ހޭއަރުވާލާނެ ކަމަށް،" ޓީޗަރަކު ބުންޏެވެ. "ޑިސިޕްލިން ރަނގަޅު ކުރުމަށް ހެޔޮ ނިޔަތެއްގައި ފިޔަވަޅު އެޅޭކަށް ވެސް ނޯވޭ. މި ހާލަތުގައި އޮތީ ޓީޗަރު އެކަންޏެއް ނޫން. ސްކޫލާއި އެޑިއުކޭޝަން ވެސް އޮތީ މި ބިރުވެރިކަމުގެ ތެރޭގައި."

"ނިކަން ބައްލަވާ ސްކޫލުތަކަށް ގުރޫޕު ގުރޫޕުން ވަޅި ހިފައިގެން ގޮސް ކުދިންގެ ގަޔަށް ވަޅި ހަރާ ހިސާބަށް ދިޔައީމަ ކާކަށް ކޯއްޗެއްތޯ ދެން ބުނަން ކެރޭނީ."

ޓީޗަރުންނާއި ފުލުހުންގެ ފަރާތުން ލިބޭ މައުލޫމާތަށް ބަލާއިރު ސްކޫލުގައި ކުށްކުރުމަކީ އާންމު ކަމެކެވެ. ސްކޫލުތަކުގެ ތެރެއިން ގޭންގުތައް އުފެދި އެ ގޭންގުތައް ހެދި ބޮޑުވެ، އެ ކުދިން އޭގެ ފަހުން ގޭންގު ކުށްތަކުގައި ރާއްޖެ ސިއްސުވާލައިފައި ވެސް އެބަހުއްޓެވެ. ސްކޫލުތަކުގައި އުޅޭ ބައެއް ކުދިން ގޭންގު ހަމަލާތަކުގައި މަރުވެފައި ވެސް އެބަހުއްޓެވެ. މަސްތުވާތަކެތި ބޭނުން ކުރުމާއި އެ ތަކެތީގެ ވިޔަފާރި ކުރުމުން ފެށިގެން ގޮސް ބަދުއަހުލާގީ އަމަލުތައް ހިންގުމާއި މާރާމާރީ ހިންގުން ސްކޫލު ކުދިންގެ ތެރޭގައި މި ވަނީ އާންމުވެފަ އެވެ. ހަގީގަތަކީ، ސްކޫލުތަކުގައި ޕްްރިންސިޕަލުންނާއި ޓީޗަރުންނާއި މެނޭޖްމަންޓު އިހުލާސްތެރި ކަމާ އެކު ހޭބޯނާރައި ކިޔަވައިދެމުން އަޔަސް، އަނެއްކޮޅުން ސްކޫލު މާހައުލު ބިރުވެރި ތަނަކަށް ވެސް ބަދަލުވަމުންދާ ކަމެވެ. ނުވަތަ، ސްކޫލުތައް ވެސް ގޭންގުތަކަކަށް ބަދަލުވެ ނިމިއްޖެ ކަމެވެ.

ހައްލަކީ ކޮބާ؟

ޓީޗަރުން ތަމްސީލްކުރާ، ޓީޗާސް އެސޯސިއޭޝަންގެ ރައީސް އާތިފް އަބްދުލްހަކީމް ވިދާޅުވި ގޮތުގައި ޓީޗަރުންނަށް ރައްކާތެރިކަމާއި މިނިވަންކަމާ އެކު ކިޔަވައިދެވޭނެ ފުރުސަތެއް ނެތެވެ. އެކަންކަން އެޑިއުކޭޝަން މިނިސްޓްރީން ހައްލުކޮށްދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުހުންގެ ތެރޭގައި 19 އަހަރަށް ވުރެ ގިނަ ދުވަހު އުޅުއްވާފައިވާ ކްރައިމް އިންވެސްޓިގޭޝަންގެ ތަޖުރިބާކާރަކު ވިދާޅުވި ގޮތުގައި ޅައުމުރުގައި ކުށްކުރާ ކުދިން ހުއްޓުވޭނީ ދިގު މުއްދަތަކަށް އަމާޒުކޮށް ކަންތައްތަކެއް ކޮށްގެންނެވެ. އެފަދަ ކުދިންނަށް އަމާޒުކޮށްގެން ރިހިބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން، އެ ކުދިން ލައްވާ ކުށްކުރުވުމުގެ އަޑީގައި ތިބި މީހުންގެ މައްޗަށް ގާނޫނު ތަންފީޒު ވާން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ތަޖުރިބާކާރު ގާނޫނީ ވަކީލަކު ވިދާޅުވި ގޮތުގައި ޖިނާއީ ކުށްތައް ކުރާ ކުޑަކުދިންނާ ދޭތެރޭ ވެސް ގާނޫނީ ފިޔަވަޅު އެޅުމަށް އެއްވެސް ހުރަހެއް ނެތެވެ. ނަމަވެސް ކުޑަކުދިންގެ ހައްގުގައި ކަމަށް ބުނެ މަސައްކަތް ކުރާ ބައެއް ޔުނިޓްތަކުގެ ސަބަބުން އެ ގާނޫނުތައް ތަންފީޒުކުރަން ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މީގައި އުޅެނީ ޕޮލިސީ މައްސަލައެއް. ކުއްޖަކު ޖިނާއީ ކުށްތައް ކުރާއިރު ފިޔަވަޅު ނޭޅި، ނުވަތަ ރިހިބިލިޓޭޓް ނުކުރެވެންޏާ އެއީ ޕޮލިސީ މައްސަލައެއް،" ފުލުހުންގެ އިދާރާގައި ވެސް މަސައްކަތް ކުރައްވާފައިވާ ވަކީލް ވިދާޅުވި އެވެ.

ތައުލީމީ ދާއިރާގައި ހިދުމަތްކުރައްވާތާ 20 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ޓީޗަރަކު ވިދާޅުވި ގޮތުގައި ސްކޫލުތަކުގައި މައްސަލަތައް އިތުރުވެ ނުރައްކާތެރި ބަޔަކަށް އެ ކުދިން ވެގެން ދަނީ ކުށްކުރަން ފަށާ ހިސާބުން ފިޔަވަޅު ނާޅާތީ އެވެ. މިހާރު ފެންމަތިވަމުން މިދަނީ އެތައް ދުވަހެއްވެފައިވާ މައްސަލަތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ކިޔަވަން ބޭނުންވާ ކުދިންނާ އެކު މިނިވަން ކަމާ އެކު ކިޔަވައިދެވޭނެ ފުރުސަތެއް ނެތް. ޓީޗަރުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދެވިފައެއް ވެސް ނެތް،" ކަންބޮޑުވުން ހިއްސާކުރި ދިވެހި ޓީޗަރަކު ބުންޏެވެ. "އެއްވެސް ކުއްޖަކު ބާކީ ނުކުރާނަމޭ ކިޔައިފައި ކުށްކުރާ ކުދިން ކްލާހުގައި ބޭތިއްބީމަ އެހެން ކުދިންނަށް މީގެ ނޭދެވޭ އަސަރު މިކުރަނީ."

މާރާމާރީތަކުގެ މައްސަލާގައި އެޑިއުކޭޝަނުން ދައްކަނީ އުންމީދީ ވާހަކަތަކެކެވެ. އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވީ ތައުލީމީ ނިޒާމުގެ ތެރެއިން އިސްކަންދެނީ ކުށްކުރާ ކުދިން ވެސް ބާކީނުކޮށް އިސްލާހު ކުރުމަށް ކަމަށެވެ. ނަމަވެސް ދަރިވަރަކު ޖިނާއީ ކުށެއް ކޮށްފި ނަމަ ފިޔަވަޅު އަޅަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ބައެއް ބެލެނިވެރިންގެ ވާހަކަތަކާ ޝަފީއު ދެކޮޅު ހައްދަވަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ދޭތެރެދޭތެރެއިން މާރާމާރީއެއް ހިންގި ނަމަވެސް އެއީ އާންމުކަމެއް ނޫނެވެ. އޭނާ ވިދާޅުވަނީ ސްކޫލުތައް ރައްކާތެރި ކަމަށެވެ. ސްކޫލު ވެށި ނުރައްކާތެރި ކަމަށް އެޑިއުކޭޝަނުން ގަބޫލެއް ނުކުރެ އެވެ.

"ފާހަގަ ވެފައިނެތް ކުދިންގެ ސަބަބުން ޓީޗަރުންނަށް ނުރައްކާވެދާނެ އެގޮތަށް. އެ ކުދިން ގަވައިދާ ހިލާފަށް އުޅޭ ނަމަ ފިޔަވަޅުތައް އެޅޭނެ އުސޫލުތަކެއް އެބައޮތް،" އޭނާ ވިދާޅުވި އެވެ.

ކުދިންގެ އަހުލާގީ މައްސަލަތައް ހައްލުކުރަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ، ބިހޭވިއާ މެނޭޖްމަންޓް ޕޮލިސީ އެއް އެކުލަވާލައިފަ އެވެ. އެ ޕޮލިސީގައި ކުއްޖެއްގެ މައްސަލަ ފާހަގަވާ ހިސާބުން އަމަލުކުރާނެ ގޮތާއި ކަންކަން ތަންފީޒު ކުރާނެ ގޮތް ތަފްސީލުކޮށް ބުނެދީފައިވެ އެވެ.

ކުދިން އިސްލާހު ކުރުމަށް ތަފާތު ނަންނަމުގައި އެކިއެކި ޕްރޮގުރާމްތައް ހިންގައި ސްކޫލުތަކަށް ސަޕޯޓިން ނިޒާމެއް އެޑިއުކޭޝަން މިނިސްޓްރީގައި ގާއިމްކޮށްފައިވާ ކަމަށް ޝަފީއު ވިދާޅުވި އެވެ.

ކުށްކުރާ ނުވަތަ އަހުލާގު ގޯސް ކުދިން އާންމު ދަރިވަރުންނާއި ވަކިން ކްލާސްތަކެއްގައި ކިޔަވައިދިނުމަކީ ތަރައްގީވެފައިވާ ގައުމުތަކުގައި ވެސް އަމަލު ކުރަމުން އަންނަ އުސޫލެކެވެ. އެގޮތަށް އަމަލު ކުރުން މުހިންމު ކަމަށް ރާއްޖޭގެ ތަޖުރިބާކާރު ޓީޗަރުން ވެސް އަންނަނީ ވިދާޅުވަމުންނެވެ.

އެކަމަކު، ބެލެނިވެރިންނާއި ޓީޗަރުން ބުނަނީ ގަވައިދުތައް މަތިމައްޗަށް ހެދިފައި ހުއްޓަސް އެ ގަވައިދުތައް ރަނގަޅަށް ތަންފީޒު ކުރެވެމުން ނުދާ ކަމަށެވެ. ގޭންގުތަކާއި ގުރޫޕުތައް އުފެދެނީ އެހެންވެ ކަމަށް އެ މީހުން ދެކެ އެވެ. ސްކޫލުގެ މާހައުލަށް ވަދެ ޓީޗަރުން ދައްކާ ވާހަކަތަކާއި ދަރިވަރުންގެ ވާހަކަތައް އަހާލީމަ، ސްކޫލުތައް އޮތީ ކޮން ހާލަތެއްގައި ކަން ވަރަށް ރަނގަޅަށް އެނގޭނެ އެވެ. ޔަގީނުން ވެސް އެނގޭ ކަމަކީ އަހުލާގު އޮތީ ބޮއްސުން ލައިފައި ކަމެވެ.