އެއްލަކިން ނުރައްކަލަކާ ދިމާއަށް!

ލައިސަންސް ނަގަން އިހަކަަށް ރޭ ދަމާލި ކިޔޫ ފެނިފައި އެއް ކަމެއް ޔަގީނެވެ! އެތައް ބައިވަރު ބަޔަކު ލައިސަންސަށް އެދިއެދި ތިބި ކަމެވެ. އެ ހުރިހާ އެންމެންނަށް އެއްފަހަރާ ލައިސަންސް ދިނުން އެއީ ލާޒިމް ކަމެއްތޯ، މިއީ ފުރަތަމަ ސުވާލެވެ. ދެން އޮތް ސުވާލު އަދި މާ ބޮޑު ސުވާލެކެވެ؛ ތަނެއްދޮރެއް ބަލައިނުލާ، އަދި ރަނގަޅަށް މޮނީޓާ ނުކޮށް ޖެހުނު މީހަކަށް ލައިސަންސް ދިނުމަކީ ކިހާ ބޮޑު ގޯހެއް ހެއްޔެވެ؟


ސަރުކާރުން މިހާރު ފަށައިފައިވާ "އެއްލަކިން ލައިސަންސް" ޕްރޮގްރާމަކީ އެއް ބަޔަކަށް އުފާވެރި ޕްރޮގްރާމެކެވެ. އަނެއް ބަޔަކަށް ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. ހާއްސަކޮށް މާލެ ކަހަލަ ތޮއްޖެހިފައި އޮތް، ކާރޫބާރޫ ބޮޑު ރަށަކަށް ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އެ ކަންބޮޑުވުން އިންތިހާ އަށް މި ދަނީ، ރަނގަޅަށް ފަރިތަ ވެސް ނުކޮށް ތިބި އެތައް ސަތޭކަ ބަޔަކަށް ލައިސަންސް ދީ، އެ މީހުން މަގުމައްޗަށް ނުކުމެ، ދެން ފެނިދާނެ މަންޒަރުތަކަކުންނެވެ.

އާންމު އުސޫލުތަކާ ހިލާފު

ލައިސަންސް ނަގަން މިހާރު އޮތް ގަވައިދު ވަރަށް ހަރުކައްޓެވެ. ރަނގަޅަށް ފަރިތަނުކޮށް، އަދި ރަނގަޅަށް ސައިކަލް ކޮންޓްރޯލް ކުރަން ނުދަންނަ މީހަކަށް ލައިސަންސެއް ނުލިބެ އެވެ. އެކަމަކު މިހާރު ފަށައިފައިވާ އެއްލަކިންް ޕްރޮގްރާމުގައި އެ ހުރިހަ ކަމަކަށް ނުބަލަ އެވެ.

"ޕާކް ކުރާކަށް ނުޖެހޭނެ. އާންމު އުސޫލުން ލައިސަންސް ނަގާއިރު ބަލާ ކަންކަމެއް ނުބަލާނެ މާ ބޮޑަކަށް. އަހަރެމެން ޔަގީން ކުރަން ބޭނުމީ އެ މީހަކަށް ވެހިކަލް ކޮންޓްރޯލް ކުރެވޭތޯ އެކަނި. ހަމަ ބުރެއް ޖަހާލީމަ އެ ނިމުނީ،" އެލަކިން ޕްރޮގްރާމްްގެ އެގްޒެމިނާ އަކު ބުންޏެވެ. "ވަރަށް ފަސޭހަވާނެ."

ލައިސަންސް ޓެސްޓް ހަދާ ގޮތް "މިހާރު"ގެ ނޫސްވެރިން ވަރަށް ރަނގަޅަށް ބެލިއިރު ވެސް، އެކަން ދަނީ އެހެންނެވެ. އޭގެ ތެރެއިން އެއް މިސާލަކީ މި އެވެ؛ އަމީރު އަހުމަދު މަގުން ނައްޓާލި ސައިކަލް ލައިލަކި ޖަހަމުން ކުރިއަށް ދިޔަ އެވެ. ފަހަތުގައި އެގްޒެމިނަރު އިނެވެ. ބޮޑުތަކުރުފާނު މަގުން ގޮސް ރައީސް އޮފީސް ވަށާލައި "ތުރުތުރެއް" އަޅަމުން ބުރެއްޖަހާލައި ސައިކަލް ޕާކްކޮށްލި އެވެ. އޭނާ އަށް ލައިސަންސް ޔަގީންވީ އެވެ.

އެއް ލަކިން ލައިސެންސް ނެގުމަށް އެޕްލިކޭޝަން ހުށަހަޅަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު

"މާ ފަރިތަވާކަށް ނުޖެހޭ. ސިގްނަލް ދެމުންގޮސް ސައިކަލް ބެހެއްޓީމަ ލައިސަންސް ލިބޭ. އެކަމަކު ނުފަރިތަ ކުދިން ފާސްކޮށްދީފައި އެގްޒެެމިނާ ބުނޭ މަގުމައްޗަށް އަދި ނުކުންނަން ވާނީ ފަރިތަކޮށްލައިގެނޭ،" އެތައް ބަޔަކަށް ތަފާތު އުޅަނދުތައް ދަސްކޮށްދޭން އުޅޭ އިންސްޓެކްޓަރަކު ބުންޏެވެ.

"އެއް ލަކިން މަށަށް ލައިސަންސް" ޕްރޮގްރާމުގައި ސައިކަލުގެ އިތުރުން ކާރާއި ޕިކަޕުގެ ލައިސަންސް ވެސް ހަމަ އެއް ރެއިން ލިބެ އެވެ.

"ކާރު ލައިސަންސް ނަގާއިރު ކުރިން (އާންމު އުސޫލުން) ޖެހޭ ރޭމްޕް މައްޗަށް އަރައި ފައިބާ ހަދަން. އެކަމަކު މިފަހަރު ނުޖެހޭ. ހަމަ ދުއްވާލައި ބުރެއްޖަހާލީމަ ނިމުނީ. ޕާކްކުރާކަށް ވެސް ނުޖެހޭ. ބަލަނީ ސްޓާޓްކުރާއި ލައިޓް ޖައްސަން އެނގޭތޯ،" ކާރު ލައިސަންސް ޓެސްޓްގައި ބައިވެރިވި މީހަކު ބުންޏެވެ.

އެއް ލަކިން ލައިސެންސް ނެގުމަށް ޑްރައިވިން ޓެސްޓް ހަދަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު

އާންމު އުސޫލުން ލައިސަންސް ނަގާއިރު ސައިކަލް ނަމަ އަށެއް އެޅުމަކީ މަޖުބޫރު ކަމެކެވެ. ހަގީގަތުގައި އެއީ ވަރަށް މުހިންމު ވެސް ކަމެކެވެ. އެއް ފަހަރު އަތުން ހިފައިގެންނެވެ. އަނެއް ފަހަރު ދުއްވާފައި އަށެއް އަޅަން ޖެހޭއިރު ލަނބާލާ ކޮންމެ ފަހަރަކު ސިގްނަލް ދޭން ޖެހެ އެވެ. އޭގެ މަގުސަދަކީ ދުއްވަން އިންނަ މީހާ އަށް ސައިކަލް ކޮންޓްރޯލް ކުރަން އެނގޭތޯ ޔަގީން ކުރުމެވެ. އަށެއް އެޅުމަކީ ސައިކަލް ލައިސަންސް ނަގަންދާ ގިނަ މީހުން މިހާތަނަށް ފެއިލްވާ ހިސާބު ވެސް މެ އެވެ. އެކަމަކު މި ޕްރޮގްރާމްގައި މިފަހަރު އެކަމެއް ނެތެވެ.

ކާރާއި ޕިކަޕުގެ ލައިސަންސް ނަގާއިރު އާންމު އުސޫލުގެ ތެރެއިން ރޭމްޕްގެ މަތިން ފައިބައި އަރަން ޖެހެ އެވެ. އެއީ އުސްތަންތަނުން އަރައި ފޭބުމުގައި ވެހިކަލް ކޮންޓްރޯލްކުރަން ޑްރައިވަރަށް ދަސްކޮށްދިނުމެވެ. ގަރާޖް ފަދަ ތަންތަނަށް ހަތަރު ފުރޮޅުލީ އުޅަނދު ވަދެ ނުކުމެ އުޅުމުގައި އެއީ ކޮންމެހެން އެނގެން ޖެހޭ ކަންކަމެވެ. ނަމަވެސް "އެއްލަކިން" މިވަނީ އެކަން ވެސް ނުހިމަނަ އެވެ.

ދެން އޮތީ ޕާކް ކުރުމެވެ. މާލޭގައި މިއީ އެންމެ ބޮޑު މައްސަލަ އެވެ. އުޅަނދުތަކުން ތޮއްޖެހިފައިވާ މި ރަށުގައި ވެހިކަލެއް ޕާކްކުރުމަކީ ވަރަށް ފަރިތަ މީހަކަށް ވެސް ދަތި ކަމެކެވެ. އެކަން އެގޮތަށް އޮއްވައި ޕާކްކުރަން އެނގޭތޯ، ނޭންގޭތޯ ވެސް މި ޕްްރޮގްރާމްގައި ނުބަލަ އެވެ.

އޭގެ އިތުރުން އާންމު އުސޫލުން ލައިސަންސް ނަގާއިރު އެގްޒެމިނާ މަގުމަތީ ގަވައިދުތަކާ ގުޅޭގޮތުން ކުރާ ސުވާލުތަކާއި ގަވައިދަށް ދުއްވަން ނޭންގޭ ނަމަ ފެއިލް ކުރާ އުސޫލަށް ވަރަށް ބޮޑު ލުޔެއް ދީފައިވާކަން ޓެސްޓް ހެދި މީހުންގެ ވާހަކައިން އެނގެ އެވެ.

އެކަމަށް ލިބޭ ހެއްކަކީ ދެ ރެއިން 746 މީހުން ލައިސަންސް ނެގުމެވެ. ދެ ރެއެއްގެ ދެ ތިން ގަޑިއިރަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމަކުން އެވަރަށް މީހުން ލައިސަންސް ނެގުމުން އެ އިމްތިހާނުގެ ކޮލެޓީއާ ދޭތެރޭ ސުވާލު އުފެދެ އެވެ.

މިހާތަނަށް 3000 އަށްވުރެ ގިން މީހުން ލައިސަންސް ނަގަން ބައިވެރިވެފައިވާއިރު ބުރާސްފައްޗާ ހަމައަށް 5000 މީހުން ބައިވެރި ކުރުމަކީ ޓްރާންސްޕޯޓްގެ އަމާޒެވެ.

މިއީ ފެންވަރު ރަނގަޅު ޕްރޮގްރާމެއް: ޓްރާންސްޕޯޓް

ޓްރާންސްޕޯޓް އޮތީރިޓީ ހިންގާ، އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުހައްމަދު ވިދާޅުވީ ލައިސަންސް ދެނީ މީހާގެ ފެންވަރަށް ބަލައި ފާސްވާ މީހުންނަށް އެކަނި ކަމަށެވެ. އާންމުކޮށް ލައިސަންސް ދޭގޮތާ މާބޮޑު ތަފާތެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަމައެކަނި މި އަންނަ ބަދަލަކީ އަށެއް އަޅަން ނުޖެހޭކަން. އެއްވެސް ގާނޫނެއްގައި ނޯންނާނެ ލައިސަންސް ލިބޭނީ އަށެއް އަޅައިގެންނެކޭ. އަޅުގަނޑުމެން މިކުރާ ކަމަކީ ޕްރޮސީޖާ އަވަސްކޮށްލަނީ. އެއީ ގެނައި ބަދަލަކީ،" އަބްދުﷲ ވިދާޅުވި އެވެ.

އެއްލަކިން ޕްރޮގްރާމުގައި ވެސް އާންމު އުސޫލުގެ މަތިން ތިއަރީ ޓެސްޓުގައި 30 ސުވާލު ކުރާ ކަމަށް ޓްރާންސްޕޯޓުން ބުނެ އެވެ. އަދި ވެހިކަލް ދުއްވުމުގައި ވެސް އާންމުކޮށް ބަލާ މިންގަނޑަށް މި ޕްރޮގްރާމްގައި ވެސް ބަލަމުން އަންނަ ކަމަށް ޓްރާންސްޕޯޓުން ބުނެ އެވެ.

"ޑްރައިވިންގައި އާންމުކޮށް ބަލާ މިންގަނޑުތަކަކީ ސިގްނަލް، ސެލްފް ކޮންފިޑެންސް، ޕާކިން، މަގުމަތީ ގަވައިދުތައް އެނގޭތޯ. މި ހުރިހާ ކަމަކަށް އަޅުގަނޑުމެން ބަލަން. އެގްޒަމިނާ އިނދެ ސުވާލުކުރާނެ. އެކަންކަން ބަލައިފަ ފާސްވިއްޔާ ލައިސަންސް ދޭނީ،" އަބްދުﷲ ވިދާޅުވި އެވެ.

ފަސޭހައިން ލައިސަންސް ދޭ ކަމަށް ބުނާ ވާހަކަ އަށް އަބްދުﷲ ދޮގު ކުރައްވަ އެވެ. އޭނާ ވިދާޅުވީ ޓެސްޓްގައި ބައިވެރިވާ މީހުންގެ ތެރެއިން 22 ޕަސެންޓް މީހުން ފެއިލްވާ ކަމަށެވެ. އެ ޓެސްޓަކީ ފަސޭހަ ޓެސްޓެއް ނޫންކަން އެއިން ވެސް ޔަގީންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެއް ؛ލަކިން ލައިސަންސް ނެގުމަށް ޑްރައިވިން ޓެސްޓް ހަދަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު

އާންމު އުސޫލުން ލައިސަންސް ނެގުމަށް ތިއަރީ އާއި ޑްރައިވިން ޓެސްޓް ހަދުމުން ފެއިލް ވެއްޖެ ނަމަ ދެން ޖެހޭނީ އަނެއްކާ ވެސް ނަން ނޯޓުކޮށް ކިޔޫ ތަރުތީބުން ޓެސްޓަށް އެދުމަށެވެ. ނަމަވެސް މި ޕްރޮގްރާމުގެ ދަށުން އެ ރޭ ފެއިލްވުމުން އަނެއްކާ ވެސް ހަމަ އެ ރޭ ޓެސްޓްގައި ބައިވެރިވެ އެވެ. އެގޮތަށް ބައިވެރިވާކަށް ވަކި މިންވަރެއް ކަނޑައަޅައިފައެއް ނުވެ އެވެ.

އަބްދުﷲ އެހެން ވިދާޅުވި ނަމަވެސް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ އެ ޕްރޮގްރާމުގެ ޓެސްޓްތައް ފަސޭހަ ވާނެ ކަމަށް ބުނެފަ އެވެ. ޓްރާންސްޕޯޓް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް މުހައްމަދު ރަފީއު ވިދާޅުވެފައި ވަނީ ޑްރައިވިން ޓެސްޓް ވެސް ކުރިއަށް ގެންދާނީ، މިހާރު އޮންނަ ގޮތަށް ވުރެ ފަސޭހަ އުސޫލަކުން ކަމަށެވެ.

ނަތީޖާ އަކީ ކޮބާ؟

ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ޑްރައިވިން ލައިސަންސް އެއް ދެނީ ވަރަށް ރަނގަޅު އުސޫލުތަކެއްގެ ތެރެއިން އެ މީހެއްގެ ފެންވަރު ބަލައި ޔަގީންކޮށްފަ އެވެ. ސަބަބުތައް ބައިވަރެވެ. މުޖުތަމައުއަކަށް އެންމެ މުހިންމު އެއް ކަމަކީ މަގުމަތީގެ އަމާން ކަމާއި ރައްކާތެރިކަން ކަމަށްވާތީ އެވެ.

ނަމަވެސް ރާއްޖޭގައި ފެނިގެން މިދަނީ ދަތުރުފަތުރުގެ ކަންކަން މޮނީޓާ ކުރަން ޖެހޭ ފަރާތުން އިންތިޒާމުކޮށް، ގަވައިދާ ހިލާފު ވެއްޖެ ނަމަ ފިޔަވަޅު އަޅަން ތިބޭ ފުލުހުންގެ އެހީތެރިކަމާ އެކު ފެންވަރު ނެތް ބަޔަކަށް ލައިސަންސް ދޭ މަންޒަރެވެ.

"މިހާރު ވެސް މަގުތައް ތޮއްޖެހި ޓްރެފިކް މައްސަލަތައް ބޮޑުވާ އެއް ސަބަބު އަލަށް ލައިސަންސް ނަގާ މީހުން. ހާއްސަކޮށް އަންހެނުން. ދާނެ ކޮޅެއް ނޭންގި ހުއްޓިފައި އެބަ ތިބޭ. މިއީ ގަވައިދުން އެތައް ދުވަހަކު ދުއްވައިގެން ލައިސަންސް ލިބުނީމަ ވެސް ވާގޮތް. ދެން ވިސްނާ މިގޮތަށް ލައިސަންސް ދިނީމަ ވާނެގޮތް،" ކަމާބެހޭ އިދާރާއެއްގެ އިސް ފަރާތަކުން ނަން ނުޖަހާގޮތަށް ވިދާޅުވި އެވެ.

އެއް ލަކިން ލައިސެންސް ނެގުމަށް ޑްރައިވިން ޓެސްޓް ހަދަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު

މަގުމަތީ އެކިއެކި އެކްސިޑެންޓްތަކުގައި ރާއްޖޭން މަރުވާ މީހުންގެ ނިސްބަތް ވަރަށް ވެސް އިތުރެވެ. އެފަދަ ހިތާމަވެރި އެތައް ހާދިސާއެއް ދަނީ ހިނގަމުންނެވެ. އެކަން އެގޮތަށް އޮއްވައި މި ޖަހާލި ލަކިން އެކަން އެތައް ގުނައެއް އިތުރުވެގެން ދާނެ ކަމުގެ ބިރު އެބައޮތެވެ.

މަގުސަދަކީ ކޮބާ؟

ހަފްތާއެއްގެ ތެރޭގައި 5000 މީހުން ލައިސަންސް ނެގުމުގައި ބައިވެރި ކުރަން ސަރުކާރުން އަމާޒު ހިފާފައިވާއިރު އެކަމުގެ މަގުސަދާ މެދު ވެސް އެތައް ސުވާލެއް ކުރެވެ އެވެ. ހާއްސަކޮށް ލައިސަންސް ފޯމާއެކު ހުށަހަޅަން ޖެހޭ އިތުރު ފޯމެއްގެ ސަބަބުން އެ ސުވާލު އިތުރަށް ކޮށްލަން އެބަ ޖެހެ އެވެ.

ޓްރާސްޕޯޓް އޮތޯރިޓީން ދޫކުރާ އެ ފޯމުގައި، ސޯޝަލް މީޑިއާ އެކައުންޓްތަކުގެ މައުލޫމާތު ފުރަން ޖެހެ އެވެ. އެ ފޯމުގައި އެ މީހެއްގެ ޓްވިޓާ އާއި އިންސްޓަގްރާމާއި ވައިބާ އާއި ވަޓްސްއެޕްގެ ވެސް މައުލޫމާތު ދޭން އެދިފައިވެ އެވެ. މީގެއިތުރުން، ލައިސަންސަށް އެދޭ މީހާ އަކީ ކައިވެނިކޮށްގެން ހުރި މީހެއްތޯ އާއި ވަރިވެފައިތޯ އަދި އަނބިމީހާ/ ފިރިމީހާ މަރުވެފައިތޯ ވެސް އަހަ އެވެ.

ކޮންމެ ބޭނުމެއްގައި މިކަން ކުރިޔަސް، ޑްރައިވިން ލައިސަންސް ދޭން ވާނީ ވަރަށް ބޮޑަށް ބެލުމަށް ފަހު އެވެ. ދަސްނުކޮށް، ރަސްމީ ލިޔުމެއް ހިފައިގެން މަގުމައްޗަށް ނުކުތުމަކީ ތިމާ އަށް ވެސް އަދި އެހެން މީހުންނަށް ވެސް އޮތް ބިރެކެވެ.