ފެނުނު ބިރުވެރި، ނުރައްކާތެރި ހާލަތު!

ހަރުކަށި ފިކުރުގެ މޫތައް، ރާއްޖޭގެ އެކި ކަންކޮޅުގައި ވަރުގަދަކޮށް، އަނިޔާވެރި އަމަލުތަކުގެ "ހާއްޔަކަށް" މި ކުޑަ ގައުމު ވެސް ހަދައިފި އެވެ. ކަމާ ބެހޭ އިދާރާތަކުން ފުރަތަމަ ފަހަރަށް އިއްޔެ އާއްމުކުރި، ވޭތުވެދިޔަ 12 އަހަރުގެ މައުލޫމާތުން ތިލަވީ ރާއްޖެ އޮތް ބިރުވެރި ހާލަތެވެ!


ކޮންމެ ވަގުތަކު، ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ ވަރަށް ހައްދުފަހަނާޅާފައިވާ މީހުން އެބަ ތިއްބެވެ. މީގެތެރޭގައި، ޖެހިލުމެއް ނެތި މީހުން މަރާލާނެ ފަދަ 1400 އެއްހާ މީހުން އުޅޭ ކަމަށް، ރަސްމީ ފަރާތްތަކުން ބުނެ އެވެ.

ފޮޓޯ އާއި ވީޑިއޯ އަދި ތަފާސްހިސާބުން އެ މީހުންގެ ވިސްނުމާއި އަމަލުތައް، ސަލާމަތީ ޚިދުމަތްތަކުން ސިފަކޮށްދިނެވެ؛

ސީރިއާގައި ނަގާފައިވާ އެއް ފޮޓޯއިން ފެންނަނީ ދިވެއްސެއްގެ ބޯ ބުރިކޮށްލައި ހަށިގަނޑާ ވަކިކޮށްފައި އޮތް ތަނެވެ. އެއީ، ހަރުކަށި ފިކުރުގެ ދިވެހިންތަކެއްގެ މެދުގައި ހިނގި ގަތުލެކެވެ. އެހެން މަންޒަރެއްގައި، ގާތްގަނޑަކަށް ދެ އަހަރުގެ ކުޑަ ދިވެހި ފިރިހެން ކުއްޖަކު ލައްވައި ސީރިއާގައި ބަޑި ޖަހަން ދަސްކޮށްދެނީ އެވެ. އަނިޔާވެރި މި ވިސްނުމުގެ ތެރެއިން ހަނގުރާމައިގެ ތަމްރީން ހަދައި ސީރިއާގައި އެއް ބަޔަކު އަމިއްލަ އަށް މަރުވެއްޖެ އެވެ.

އެ ހަނގުރާމައިގައި ބައިވެރިވާން ދިޔަ ދިވެހިންގެ އަދަދަކީ 173 އެވެ. ފިރިން މަރުވުމުން އަނބިދަރިން ތިބީ ބިކަވެ، ހާލުގައި ޖެހިފަ އެވެ.

ހައްދުފަހަނައަޅާފައިވާ ފިކުރު ރާއްޖެ އަށް ފުޅާކޮށް، 2017 ގައި ރާއްޖޭގައި ބޮން ހަދައި ވައިގެ މަގުން ގޮއްވާލަން ވެސް އުޅެފި އެވެ. އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ލީޑަޝިޕުން ވާގިވެރިވެ، ދިވެހިންތަކެއް ހިންގަން އުޅުނު މިކަން ފޭލްކޮށްލީ ދިވެހި ފުލުހުންނާއި ސިފައިންނެވެ. ސީރިއާގައި އައިއެސް ބަލިކަށިވުމުން އެ ޖަމާއަތަށް ވާގިވެރިވާ އެހެން ގޮފިތަކަށް ވެސް ދިވެހިން މިހާރު ބައިއަތު ހިފަން ފަށައިފި އެވެ. ހަނގުރާމަ އަށް ދާދި ފަހުން އަފްގާނިސްތާނަށް ދިޔަ ދެމަފިރިއަކަށް ވަނީ ދިގު މުއްދަތުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. ފިރިހެން މީހާ 21 އަހަރަށް ޖަލަށް ލި އިރު އަންހެން މީހާ އަށް އިއްވީ 20 އަހަރުގެ ހުކުމެކެވެ.

ފުލުހުންނާއި އެންސީޓީސީން އާއްމުކުރި ޓެރަރިޒަމްގެ ޓައިމްލައިން

- 2007: ސަލްޓަން ޕާކުގައި އައިއީޑީއެއް ގޮއްވާލި.

- 2007: ހިމަންދޫގައި ހަރުކަށި ފިކުރުގެ ބަޔަކާއި ސަލާމަތީ ޚިދުމަތްތަކާ ދެމެދު ކުރިމަތިލުން

- 2009: ޖާނުންފިދާވުމުގެ ހަމަލާއެއްދީގެން ދިވެއްސަކު ޕާކިސްތާނުގައި މަރުވި.

- 2012: ސީރިއާގެ ހަނގުރާމައިގައި ބައިވެރިވާން ދިވެއްސަކު ދިޔަ.

- 2014: އައިއެސް ދިދަ ހިފައިގެން މާލޭގެ މަގުތަކުގައި ހިނގާލުމެއް ބޭއްވި

- 2014: ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލި

- 2017: ބްލޮގަރު ޔާމީން ރަޝީދު މަރާލި

- 2017: އައިއީޑީއެއް ބޭނުންކޮށްގެން ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާތަކެއް ހިންގަން އުޅުން.

- 2019: ރާއްޖެ އިން ބޭރުގައި ހިނގާ ހަނގުރާމަވެރި ޖަމާއަތްތަކަށް ދިވެހިން ފޮނުވާ ކަމުގެ ތުހުމަތުގައި ދިވެއްސަކު ހައްޔަރުކުރި

ހަރުކަށި ފިކުރުގެ ވިސްނުން!

ރާއްޖޭގެ ހުރިހާ ކައުންސިލްތަކަކުން ބައިވެރިވި "ވިއަވަތި" މަހާސިންތާގައި ފުލުހުންނާއި ސިފައިންގެ އިތުރުން ނެޝެނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރުން ތައްޔާރުކުރި ކަރުދާސް ހުށަހަޅުއްވައި ދެއްވަމުން އެންސީޓީސީގެ މުހައްމަދު ޔަމާނާއި ލެފްޓިނެންޓް ކާނަލް އިބްރާހިމް ނައީމް ވަނީ ދީނުގެ ނަމުގައި ހައްދުފަހަނައަޅާފައިވާ މީހުންގެ ފަރާތުން ފެންނަ މައްސަލަތަކާއި އެ މީހުންގެ ވިސްނުން ކިޔައިދެއްވައިފަ އެވެ.

ރާއްޖޭގައި ތިބި ހަރުކަށި ވިސްނުމުގެ މީހުން ގަބޫލުކުރާ ގޮތުގައި ދިވެހި މި ފަސްގަނޑަކީ ކުފުރުގެ ބިމެކެވެ. އެ މީހުން ނޫން އެހެން އެންމެންނަކީ ކާފަރުންނެވެ. އިސްލާމްދީނުގެ ނަމުގައި އެ މީހުން އިސްކުރަނީ އަނިޔާވެރި އަމަލުތަކެވެ. މި ފިކުރުގެ މީހުން ގާނޫނުތައް ވެސް ގަބޫލެއް ނުކުރެ އެވެ. ދިވެހި ދައުލަތަކީ ކުފުރުގެ ދައުލަތެއް ކަމަށް ވަކާލާތުކޮށް ގައުމިއްޔަތަށް އިންކާރު ކުރެ އެވެ. އެ މީހުންގެ ނަޒަރުގައި ރާއްޖޭގެ ގާނޫނުއަސާސީއަކީ ބާތިލް އެއްޗެކެވެ.

ނަމާދު ކުރަނީ ވަކިން ޖަމާއަތް ހަދައިގެންނެވެ. ހަރުކަށި ފިކުރު އުނންނައިދިނުމާއި ފެތުރުމާއި ހަނގުރާމައަކީ ޖިހާދު ކަމަށް ގަބޫލުކޮށްދީ ޒުވާން ސިކުނޑިތައް ތަޣައްޔަރު ކުރެ އެވެ.

ސީރިއާގައި ދިވެހިންތަކެއް ތަމްރީން ހަދަނީ.

ކައިވެނިކޮށް އުޅެނީ ކޯޓުން ބޭރުގައި ގާނޫނާ ޚިލާފަށެވެ. ކައިވެނީގެ ނަމުގައި، ކުޑަކުދިން ރޭޕްކޮށް، ޅަ އުމުރުގައި ބަލިވެ އިނދެ ވިހަން މަޖުބޫރުކުރުވަ އެވެ. ތައުލީމުން މަހްރޫމްކޮށް، ވެކްސިން ޖެހުމަކީ ވެސް ދީނުގައި ހުއްދަ ނޫން އަމަލެއްގެ ކަމުގައި ވަކާލާތު ކުރެ އެވެ.

އެ މީހުން ގަބޫލުކުރާ ގޮތުގައި ވެކްސިން ޖެހުމަކީ ﷲ އަށް ވަކީލުކުރުމާއި ގަޟާ ގަދަރާ ދެކޮޅު ކަމެކެވެ. ގައިން ގަޔަށް ނާރާ ބަލިތައް ފެތުރެމުން ދަނީ ވެކްސިން ދީގެން ކަމަށް އެ މީހުން ދެކެ އެވެ.

"އަޅުގަނޑުމެންނަށް ފާހަގަވަނީ 2019 ވަނަ އަހަރު ވެސް ކުދިން ސްކޫލަށް ނުފޮނުވައިގެން 362 މައްސަލަ މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް ހުށަހަޅާފައިވާ ކަން. އަދި ދަރިންނަށް ވެކްސިން ނުދޭ މައްސަލަ އިތުރުވާ ކަން ޖެންޑާ މިނިސްޓްރީގެ ޑޭޓާ ތަކުން އެބަ ދައްކާ،" ޔާމާނީ ވިދާޅުވި އެވެ.

މިއީ، ސިއްހީ ގޮތުން އެ ކުދިންނާއި މުޖުތަމައު ވެސް ނުރައްކަލެއްގެ ތެރެއަށް ހުށަހެޅުމެވެ.

އެ ފިކުރު ގަބޫލުނުކުރާ ކޮންމެ މީހަކީ ކާފަރެއް!

ޔަމާނީ ވިދާޅުވީ ހަރުކަށި ފިކުރާ ދެކޮޅު ކޮންމެ މީހަކީ ކާފަރެއްގެ ގޮތުގައި، އެ ފިކުރުން ދެކޭ ކަމަށެވެ. އިލްމުވެރިންނަކީ ހުޅަނގުގެ އެޖެންޓުންގެ ގޮތުގައި ސިފަކުރެ އެވެ. އެ މީހުންނާ ބައިއަތު ނުހިފާ މީހުންގެ މުދަލަކީ ޣަނީމާ މުދަލުގެ ގޮތުގައި ދެކި ވައްކަން ކޮށްގެން އެ މުދާ އަތުލުން ވެސް އެއީ ދީނުގައި އޮންނަ ގޮތް ކަމަށް ގަބޫލުކުރެ އެވެ.

"އެހެން ވިސްނުންތަކާ ކުރިމަތިލައި ހަމަލާ ދެމުންދާ ކަން ވެސް އަޅުގަނޑުމެންނަށް ވަނީ ފާހަގަކުރެވިފައި. އާއިލާ މީހަކަށް ވިޔަސް ފިކުރު ގަބޫލުނުކުރާ މީހުންނާ ލޭގެ ގުޅުން ކަނޑާލައި އޭނާ ކާފަރެއް ކަމުގައި ދެކި ލޭ އެބަ ހުއްދަ ކުރޭ،" ޔަމާނީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބޭރުގެ ދާޚިލީ ހަނގުރާމަތަކުގައި ބައިވެރިވުމަކީ އެ މީހުން ދެކޭ ގޮތުގައި "ދީނީ ވާޖިބެކެ"ވެ. ސީރިއާ އާއި އީރާނާއި އަފްގާނިސްތާނުގައި ހިނގާ ހަނގުރާމަތަކުން ޖިހާދު ފަރުޟުވެއްޖެ ކަމަށާއި ކުފުރުގެ ބިމަކުން އީމާން ބިމަކަށް ދިއުން ވާޖިބުވެފައިވާ ކަމަށް ވެސް ވިސްނައިދެ އެވެ.

މި މީހުންގެ މި ފިކުރަށް އަމަލީ ސިފަ ގެނައުމަށް ހިތްވަރުދެނީ، ޓެރަރިޒަމަށް ފައިނޭންސް ކުރާ މީހުންނެވެ. މާލީ ގޮތުން އެހީވެ، ބޭރުގެ ހަނގުރާމަވެރި ޖަމާއަތްތަކާ އެ މީހުން ގުޅުވައިދީ ތަމްރީނަށް ފޮނުވަ އެވެ. ބޮން ހެދުމާއި ހަތިޔާރު އުފެއްދަން ދަސްކޮށްދިނުމަކީ އެ ތަމްރީނުގެ ބައެކެވެ.

ހައްދުފަހަނައަޅައިދިއުން އިތުރުވުން: ނުރައްކަލެއް

ޔަމާނީ ވިދާޅުވީ ވޭތުވެދިޔަ 12 އަހަރުގެ ހާދިސާތަކަށް ބަލާއިރު ހަރުކަށި ފިކުރުގެ އަނިޔާވެރިކަމަކީ އިސްލާމްދީން ކަމަށް ގަބޫލުކުރާ މީހުންގެ އަދަދު އިތުރުވުމަކީ ކަމާ ބެހޭ އިދާރާތަކަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އެއާއެކު އެއީ، މުޖުތަމައަށް އޮތް ނުރައްކަލެއް ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"ދުނިޔޭގެ ބޮޑެތި ޓެރަރިސްޓް ޖަމާއަތްތަކުގެ ހަރަކާތްތައް ސޯޝަލް މީޑިއާގައި ދުވަހުން ދުވަހަށް ދިވެހި ބަހުން ފޯރުކޮށްދޭ ކަން ފާހަގަކުރެވޭ. ބޭރުގެ ހަނގުރާމައިގައި ބައިވެރިވާން ފުރަން އުޅެނިކޮށް ހުއްޓުވައި ރާއްޖެ ގެނައުމުން، އެ މީހުން އަމިއްލަ ގައުމުގައި ހަނގުރާމަ އިއުލާންކުރުވަން ޓެރަރިސްޓް ޖަމާއަތްތަކުން އެބަ މަސައްކަތް ކުރޭ،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ އެކި ރަށްތަކުގައި ބާރު ސްޕީޑުގައި މި ފިކުރާ އެއްގޮތަށް ކަންކަން ހިނގަމުން ދާ ކަމަށް ވެ އެވެ.

ބޮޑު ސިއްރު ހާމަވުމުން ކަންބޮޑުވުން!

ދިވެހިންގެ ތެރެއަށް ފޮނުވާލި ވަޒަނެއްގެ ގޮތުގައި، ކަމާ ބެހޭ އިދާރާތަކުން އިއްޔެ މި ބިރުވެރި ހާލަތު އާއްމުކުރި އިރު، މިކަން މީގެ ކުރިން ބާއްވާފައި އޮތީ ގައުމީ ސަލާމަތުގެ ނަމުގައި ބޮޑު ސިއްރެއްގެ ގޮތުގަ އެވެ. މިކަން ހިނގާ ކަން އެނގި ތިބެ، ސީރިއާ އަށް ދާ ދިވެހިންގެ އަދަދު، ބުނުން ވެސް ދިވެހި ސަރުކާރަށް ވީ ބިރުން ފިތްކަނޑައިގެންދާ ވަރުގެ ކަމަކަށެވެ. ވީހާ ވެސް އަދަދު މަދުވާނެ ގޮތަކަށް ގުނައިގެން އަދަދުތައް އާއްމުކޮށްފައިވެ އެވެ.

ހަރުކަށި ފިކުރުގައި ރާއްޖެ މި ދަރަޖަ އަށް ވެއްޓުނު އިރު ވޭތުވެދިޔަ 12 އަހަރު އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައިވޭތޯ ވެސް ސުވާލު އުފެދެ އެވެ. ދަރިން ސްކޫލަށް ފޮނުވަން އިންކާރުކުރާ އަދަދު، މި އަހަރަށް އެކަނި ބަލާއިރު ވެސް އޮތީ ކަންބޮޑުވާ ދަރަޖައިގަ އެވެ. ވެކްސިން ނުދީ ކުޑަކުދިންތައް ހައްގުތަކުން މަހްރޫމްކުރުވި އިރު އެކަށީގެންވާ ފިޔަވަޅެއް އެޅުނު ހެއްޔެވެ؟

ޒީރޯ ޓޮލަރެންސް: ރައްޔިތުންނަށް ދިން ޔަގީންކަން

ހަރުކަށި ފިކުރާ ދެކޮޅަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީގެ ވާހަކަ ފެއްޓެވީ، އެއީ ކުރީގެ ސަރުކާރުތަކުން ޖެހިލުންވެ، ފަސްޖެހުނު މަސައްކަތެއް ކަމަށް ވިދާޅުވަމުންނެވެ. މި ސަރުކާރުން މިކަމުގައި ތެދުވީ ކުޑަކުދިންނާއި އަންހެނުންނާ މެދު އިހާނެތި އަމަލު ހިންގައި، ރާއްޖޭގެ އެކި ކަންކޮޅުގައި އަނިޔާވެރިވަމުންދާ އަމަލުތައް ގަބޫލުނުކުރާތީ އެކަން ހުއްޓުވަން ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހާއްސަ ސަމާލުކަމެއް ދެއްވައިގެން ބައްލަވާ މި މައްސަލައިގައި، ސަރުކާރުގެ ސިޔާސަތަކީ އެ އެވެ.

"އަޅުގަނޑުމެން ކެރިގެން މި ނުކުންނަނީ މިކަންކަން ބެހޭ ގޮތުން ވާހަކަ ދައްކަން. ބައްލަވާ، ވެކްސިން ޖަހަން އިންކާރު އެބަ ކުރޭ. ކުޑަކުދިން އެބަ ބަލިވެ ބައިންދާ. އެކުދިން އެބަ ވިހާ. މިއީ އަޅުގަނޑުމެންގެ ރާއްޖޭގައި [ކުރިން] ކުރި ކަމެއް ނޫނޭ،" މާރިޔާ ވިދާޅުވި އެވެ.

"ދީނުގައި ހުއްދައޭ ކިޔާފައި، ނުޖެހޭ އެ ގޮތަކަށް އެ ކަން ކުރާކަށް. އެ ނޫން އެހެން ގޮތެއް ނެތީއެއް ނޫން. ޒަމާނަށް އެބަ ވިސްނަން ޖެހޭ. ކިޔަވަން އެބަ ޖެހޭ ދަރިން."

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ހަރުކަށި ފިކުރުގެ ވާހަކަ ސިއްރުކޮށްގެން ނުތިބެ ދައްކަމުން އަންނަނީ އިސްލާމްދީނާ ދެކޮޅަށް ނޫން ކަމަށެވެ. އަދި އެއީ އިސްލާމްދީނުގެ ދިފާއުގައި މަސައްކަތްކުރާ މީހުންނާ ދެކޮޅަށް ދައްކާ ވާހަކައެއް ނޫން ކަމަށާއި އެއީ ހައްގަކާ ނުލައި މީހުން މަރާ މީހުންނާ ދެކޮޅަށް ދައްކާ ވާހަކަ ކަމަށް ވިދާޅުވި އެވެ. އެ ވާހަކަ ދައްކަނީ، ހަރުކަށި ފިކުރަށް ގެނބި، ޖެހިގެން ހުންނަ ގޭގެ މުދާކޮޅު ހައްގަކާ ނުލައި ވަގަށް ނަގާތީ އެކަމާ ދެކޮޅަށް ކަމަށް ވިދާޅުވި އެވެ.

"ދިވެހި ރައްޔިތުންގެ ހަމަޖެހުމާއި މަސްލަހަތަށް މިވަގުތު އޮތް އެންމެ ނުރައްކާތެރި ކަމަކީ ދީނުގެ ނަމުގައި ހިންގާ ނުރައްކާތެރި، ހަރުކަށި އަނިޔާވެރި އަމަލުތައް،" އިމްރާން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ކަމާ ގުޅޭ ހުރިހާ އިދާރާތަކާ ގުޅިގެން އެކަން ހުއްޓުވަން ސަރުކާރު އޮތީ ތައްޔާރަށެވެ. ކަމާ ގުޅޭ އިދާރާތަކާ އެކު އެ މަސައްކަތް ކޮށްދެއްވަން އޭނާ އިލްތިމާސްކުރެއްވި އެވެ.

އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވީ ދިވެހި ރައްޔިތުންގެ މެދުގައި ސުލްހަ މަސަލަސްކަމާއި އަމާންކަން ގާއިމްކުރަން ގާނޫނާއި ގަވާއިދުތައް ހެދިފައި ހުއްޓައި އެކަން ގަބޫލުނުކޮށް ކޯޓުން ބޭރުގައި ކައިވެނިކުރުން ފަދަ އަމަލުތަކަކީ ސަރުކާރުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. ރާއްޖޭގެ ގާނޫނުއަސާސީ އަކީ އެންމެ ފުޅާކޮށް ހައްގުތައް ކަށަވަރުކޮށްދީފައިވާ ގާނޫނުއަސާސީއެއް ކަން ވެސް ފާހަގަކުރެއްވި އެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ދެއްވި ޔަގީންކަމަކީ، ހަރުކަށި ފިކުރާއި ޓެރަރިޒަމް ހުއްޓުވުމުގައި، ދިވެހި ފުލުހުންނާއި ސިފައިން ފުރިހަމަ އަށް ތައްޔާރުވެ ތިބި ކަމެވެ. ހެއްކެއްގެ ގޮތުގައި ދެއްކެވީ، 2017 ގައި، އައިއެސްއާ ގުޅިގެން ރާއްޖޭގައި ތިބެ ބޮން ހަދައި ގޮވާލަން އުޅުމުން އެކަން ފޭލްކޮށްލުމެވެ. ފަސް ގައުމެއް ގުޅިގެން ހިންގި އޮޕަރޭޝަންގައި، އެކަން ހުއްޓުވީ ދިވެހި ފުލުހުންނާއި ސިފައިން ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހަރުކަށި ފިކުރު ފެތުރުމުގައި އިސްކޮށް އުޅޭ މީހުންނާ މެދު ވެސް އަންނަނީ ފިޔަވަޅު އަޅަމުންނެވެ.

މި ޔަގީންކަމާ އެކު ވެސް ހާލަތު އަދި ފެންނަނީ ބިރުވެރިކޮށެވެ. އެކަމަކު ރާއްޖޭގެ ސުލްހަ އާއި އަމާންކަން ކަށަވަރުކުރަން، ހުރިހާ އެންމެން އެކުގައި މަސައްކަތްކުރަން ޖެހެ އެވެ.