ރިޕޯޓް / ތައުލީމް

ދަރިވަރުންގެ ހަޔާތުން އަހަރެއް ގެއްލުނީތަ؟ ނޫން!

ސްކޫލެއްގައި ކުދިންތަކެއް މަޑުކޮށްލައިގެން: ތައުލީމީ އާ އަހަރު ދެން ފަށާނީ އަހަރުގެ މެދުތެރޭގައި -- ފައިލް ފޮޓޯ: މިހާރު

މުޅި ތައުލީމީ ދާއިރާ ވެސް އޮތީ މި ވިސްނުމުގަ އެވެ؛ މި އަހަރު ދެން ވާނީ ކިހިނެއް ހެއްޔެވެ؟ ކިޔަވައިދޭނީ ކޮން ގޮތަކަށް، ކޮން އުސޫލަކުން ހެއްޔެވެ؟ މި އަހަރުގެ ބޮޑު ބައެއް ކިޔަވައިނުދެވުމުން، ދަރިވަރުންގެ ހަޔާތުން އަހަރެއް ގެއްލުނީ ހެއްޔެވެ؟ ގެއްލުނު ފިލާވަޅުތައް އަލުން ނަގާނީ ކިހިނެއް ހެއްޔެވެ؟ ތައުލީމީ އާ ނިޒާމަކަށް ކުރިމަތިލާ އިރު، ފައްތަރުވާ ބައި ހައްލު ކުރާނީ ދެން ކިހިނެއް ހެއްޔެވެ؟

އެހެން ހުރިހާ ދާއިރާ އަކަށް ވުރެ، ކޮވިޑާ ގުޅިގެން އެންމެ ބޮޑު "ބަލިމަޑުކަމެއް" ކުރިމަތިވާނެ ދާއިރާ އަކީ ވެސް ތައުލީމީ ދާއިރާ އެވެ. ތަޖުރިބާކާރު ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި، ތައުލީމީ ނިޒާމަށް މި އައީ ހައްލު ކުރަން އުނދަގޫ މައްސަލައެކެވެ. މިއީ ހަމައެކަނި ރާއްޖެ އަށް އެކަނި ކުރިމަތިވި މައްސަލައެއް ވެސް ނޫނެވެ. އެކަމަކު ރާއްޖެ އާއި އެހެން ބައެއް ގައުމުތަކާ ވެސް މި މައްސަލާގައި އަމަލުކުރަން ޖެހުނު ގޮތް ތަފާތެވެ. އެހެންވެ، ރާއްޖެއިން މިކަމުގައި އަޅަން ޖެހޭ ފިޔަވަޅުތައް ވެސް ހުރީ، ތަޖުރިބާކާރުން ވިދާޅުވާ ގޮތުން ނަމަ، ދުރާލާ އަޅަން ޖެހޭ ވިސްނުންތެރި ފިޔަވަޅުތަކެކެވެ.

މިހާރު ކިޔަވައިދެވިފައި އޮތީ ފުރަތަމަ ޓާމްގެ 40 ދުވަހު އެކަންޏެވެ. އަހަރެއްގެ ތެރޭގައި ކިޔަވައިދޭން ޖެހޭ ދުވަސްތަކުގެ ތެރެއިން ނުކިޔަވައިދީ އޮތް ދުވަސްތައް އެއަށް ވުރެ ގިނަ އެވެ. ތައުލީމީ ކަލަންޑަރު ބުނާ ގޮތުން، އާންމު އުސޫލުތަކުގެ ތެރެއިން ދިޔަ ނަމަ މިއީ އަހަރުގެ ކިޔެވުން ނިންމަން ހިފަން ޖެހޭ ދުވަސްވަރެވެ.

ސްކޫލު ކުދިންތަކެއް ރިޕޯޓް ފޮތް ދިނުމުގެ އެސެމްބްލީގައި

އެކަމަކު ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން މިއިން އެއްވެސް ކަމެއް ދިމައެއް ނުވި އެވެ. ގެއްލިގެން ދިޔަ ފިލާވަޅުތައް ކުދިންނަކަށް އަނބުރައެއް ނުލިބުނެވެ. އެކި އުކުޅުތައް ބޭނުންކޮށްގެން ވެސް "ރަނގަޅަށް" ކިޔަވައިދެވޭ ގޮތެއް ނުވި އެވެ. އެކި ސަބަބުތައް މެދުވެރިވެގެން، ގިނަ ކުދިން ތިބީ ފޮތްތަކާ ދުރުގަ އެވެ. އެންމެންގެ ވެސް ތިބީ ދަރިން އަލުން ސްކޫލަށް ފޮނުވައިގެން ކިޔަވައިދެވޭނެ މާހައުލެއް ފަހިވަންދެން މަޑުކޮށްލައިގެންނެވެ.

އަހަރު ދަންމާލުން: ރަނގަޅު ނިންމުމެއް

ސަރުކާރުން މިހާރު ވަނީ މި އަހަރުގެ ކިޔެވުން އަންނަ އަހަރުގެ ޖޫން/ ޖުލައިގެ ނިޔަލަށް ދަންމާލައިފަ އެވެ. މި ބަދަލު ސަރުކާރުން ގެނައީ، އޮފިޝަލަކު ވިދާޅުވި ގޮތުގައި، ވަރަށް ފުން ވިސްނުމަކަށް ފަހު އެވެ.

"އޯލެވެލް އާއި އޭލެވެލް އާ ދޭތެރޭގައި މި އަންނަ ހުސް ކަމުގެ ވާހަކަ އަކީ މި ދާއިރާގައި އަބަދު ވެސް އޮންނަ ބަހުސެއް. އެ މުއްދަތުގެ ތެރޭގައި ވަރަށް ގިނަ ކުދިން ގޯސް ވާ ވާހަކަ އާއި ކުރާނެ ކަމެއް ނެތުމުގެ ވާހަކަތައް އަބަދު ވެސް ދެކެވޭ،" އޯލެވެލް އާއި އޭލެވެލްއާ ދޭތެރޭ ހޭދަވާ ހައެއްކަ މަހަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވި އެވެ.

"ފުރަތަމަ ކަމަކީ މިއީ ގެންނަން ބޭނުންވެގެން ތިބޭތާ ވަރަށް ގިނަ ދުވަސްވީ ބަދަލެއް. މިކަހަލަ ބަދަލެއް ގެންނަން މިއީ އެންމެ ރަނގަޅު ވަގުތު."

މި ބަދަލު ގެންނަން ޖެހުނު އެހެން ސަބަބުތަކުގެ ތެރޭގައި މި އަހަރު ބައެއް ދަރިވަރުންނަށް، ހާއްސަކޮށް އޯލެވެލް އަށް ތައްޔާރުވަމުން އަންނަ ދަރިވަރުންނަށް ރަނގަޅަށް ކިޔަވައިދެވިފައި ނުވުން ހިމެނެ އެވެ. މިހާރު އޮތް ތައުލީމީ ކަލަންޑަރާ އެއްގޮތަށް މި އަހަރުގެ ކިޔެވުން ނިންމާލައިފި ނަމަ އޯލެވެލްގެ ކުދިންނަށް ދިމާވާނެ މައްސަލަތައް ބައިވަރެވެ.

"އެހެންވެ އަހަރު ދަންމާލައި، ދުނިޔޭގެ އެހެން ގިނަ ގައުމުތަކެކޭ ވެސް އެއް ގޮތަކަށް ދިރާސީ އަހަރު މި ބަދަލުކޮށްލީ،" އޮފިޝަލް ވިދާޅުވި އެވެ.

އޯލެވެލް ޓޮޕް 10 ހޮވުމުގެ ޖަލްސާއެއް: އޯލެވެލް އާއި އޭލެވެލް އާ ދޭތެރޭގައި އޮންނަ މުއްދަތު ދެން ނޯންނާނެ -- ފައިލް ފޮޓޯ: މިހާރު

ކޮވިޑް 19 އާ ގުޅިގެން ކުދިންނަށް އެކި ގޮތްގޮތަށް ކިޔަވައިދީފައި ވެ އެވެ. ގޫގުލް ކްލާސްރޫމާއި، ގޫގްލް މީޓްގެ އިތުރުން ޓެލެކްލާސްތައް ވެސް ބޭނުންކުރި އެވެ. ހުރިހާ ގްރޭޑަކަށް އެކި ދުވަހު އެކި ފިލާވަޅުތައް ނަގައިދިނެވެ. ބައެއް ކުދިން ގިނަ ދުވަސްތަކެއް ވަންދެން، އަދި ބައެއް ކުދިންނަށް ކުޑަ ދުވަސްކޮޅަކު ވަނީ ފިލާވަޅުތައް ދީފަ އެވެ. އެހެންވެ ކުދިން ކިޔެވިތޯ/ ނުކިޔެވިތޯ ނުވަތަ ކުދިންނަށް ހާސިލްވި މިންވަރާ ދޭތެރޭ އެޑިއުކޭޝަނަށް ވެސް އޮތީ ސުވާލު އުފެދިފަ އެވެ. އެހެންވެ، މި އަހަރުގެ ދިރާސީ އަހަރަށް އިތުރުވި މަސްތަކުގައި އެކަން ދެނެގަންނާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"މީގައި ބައެއް ސްކޫލުތަކުން އެބަ ބުނޭ ގޭގައި ތިބެގެން ކިޔަވައިދިނަސް ބައެއް ފިލާވަޅުތައް އެބަ ހުއްޓޭ ސްކޫލުގައި ކުދިން ތިބެގެން އަލުން ނަގައިދޭން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

އަނެއްކޮޅުން މި އަހަރުގެ ވޭތުވެދިޔަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި ގޭގައި ތިބެގެން ކިޔަވައިދިން އެއްޗިއްސާ ދޭތެރޭ ބެލެނިވެރިން ވެސް ސުވާލު އުފައްދަ އެވެ. ބައެއް ގޭގެއަކީ ކިޔަވައިދިނުމަށް އެކަށީގެންވާ މާހައުލަށް ނެތުމާއި އިންޓަނެޓްގެ މައްސަލަތަކާއި މިކަހަލަ ކިތަންމެ ކަމެއް މެދުވެރިވި އެވެ. ބައެއް ޓީޗަރުން ފާހަގަކުރާ ގޮތުގައި ގިނަ ކުދިން އެ ކުލާސްތަކެއް ނުވެސް ނަގަ އެވެ.

އެކަމަކު ފިލާވަޅުތައް ރިޕީޓް ކުރުމަކީ ސަރުކާރުގެ މުޅި ވިސްނުމެއް ނޫނެވެ. އޮފިޝަލް ވިދާޅުވި ގޮތުގައި އެކަން މުޅިން ނިންމާނީ އަދި ފަހުންނެވެ. އެކަމަކު މިނިސްޓްރީން އެއް ޔަގީންކަމެއް ދިނެވެ. އެއީ އާ ފިލާވަޅުތަކެއް ތައާރަފުކުރުމެވެ.

ދޮޅު އަހަރު ކިޔަވާނީ ކޮންއެއްޗެއް؟

އެއް ގްރޭޑެއްގައި ދޮޅު އަހަރު ހޭދަކުރުމަކީ، ރާއްޖޭގައި އަލަށް ދިމާވާނެ ކަމެކެވެ. ތައުލީމީ ކަލަންޑަރު ބުނާ ގޮތުން ނޮވެމްބަރުގައި ރިޕޯޓް ފޮތް ދީ، އަހަރު ނިންމާލައި އަންނަ އަހަރުގެ ޖެނުއަރީ 12-13 ގައި ސްކޫލުތައް އާ އަހަރަކަށް ފަށަން ޖެހެ އެވެ. އެކަމަކު މިހާރު އޮތް ގޮތުން އެއް ގްރޭޑެއްގައި އިތުރު ހަ މަސް ދުވަހު ކިޔަވަން އެބަ ޖެހެ އެވެ. މިއީ ބައެއް ބެލެނިވެރިން ވަރަށް ބޮޑަށް ފާޑު ވެސް ކިޔާފައިވާ މައްސަލައެކެެވެ. އެ މީހުންގެ އޮތީ މައިގަނޑު ދެ ސުވާލެކެވެ. އެެއް ކަމަކީ މިހާރު ހެދި ގޮތުން ދަރިވަރުންގެ ހަޔާތުން އެއް އަހަރު ގެއްލުމެވެ. އަނެއް ސުވާލަކީ ދެން އޮތް ހަ މަހު ކިޔަވައިދޭނީ ކޮން އެއްޗެއް ހެއްޔެވެ؟ ކިޔެވި އެއްޗެހި ރިޕީޓް ކުރާނީ ހެއްޔެވެ؟

"ނޫން، ފަހަރެއްގައި ވެސް މިއީ ދަރިވަރުންގެ ހަޔާތުން ގެއްލޭ އަހަރެއް ނޫން. ދަރިވަރުގެ މުޅި ތައުލީމީ ހަަޔާތުގެ 12 އަހަރަށް ބަލާއިރު، މިހެން ހެދިޔަސް ހަމަ މި ހޭދަވަނީ 12 އަހަރު ޖުމްލަ،" އޮފިޝަލް ވިދާޅުވި އެވެ.

"އެއީ ސުވާލެއް އޮތް ކަމެއް ނޫން. މިހެން ހެދީމަ އޯލެވެލް ހަމަ ނިންމުމާ އެކު ދެން ފަށަންވީ އޭލެވެލް އަށް. އެ ދޭތެރޭގައި މިހާރު މުއްދަތެއް ނުދާނެ."

ސްކޫލު ކުދިންތަކެއް ރިޕޯޓް ފޮތް ބަލަނީ: ތައުލީމީ އަހަރަށް ވަނީ ބޮޑު ބަދަލެއް ގެނެސްފައި -- ފައިލް ފޮޓޯ: މިހާރު

މިނިސްޓްރީގެ އޮފިޝަލް ވިދާޅުވި ގޮތުގައި މިގޮތަށް މިކަން ދިމާވުމާ ގުޅިގެން، މިނިސްޓްރީ އަށް ވަނީ ވަރަށް ގިނަ ކަންތައްތަކެއް ފާހަގަވެފަ އެވެ. އޭގެ ތެރޭގައި ދަރިވަރުންގެ އާންމު ސިއްހަތު އެއީ އެއް ކަންތަކެވެ.

"ކުލާސްތަކެއް ރިޕީޓެއް ނުވާނެ. އަޅުގަނޑުމެންގެ ވިސްނުން ހުރީ މި އަހަރު ބޮޑު ޗުއްޓީ އަށް ބަންދުކޮށް އަލުން ހުޅުވުމަށް ފަހު ސިއްހަތާ ބެހޭ ކުލާސްތަކެއް ވެސް އިތުރު ކުރުމަށް. އޭގެ މަސައްކަތްތައް އެބަ ކުރެވޭ،" އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވި ގޮތުން ނަމަ، މި އަހަރަށް ކަނޑައަޅާފައިވާ ތައުލީމީ މުގައްރަރު މި އަހަރުގެ ނިޔަލަށް ނިމޭނެ އެވެ. މާނައަކީ ކުރިއެކޭ އެއްގޮތަށް ސްކޫލުތައް ހަމަ ބޮޑު ޗުއްޓީ އަށް ބަންދުވާނެ އެވެ.

"އެކަމަކު ޑިސެމްބަރުގައި ރިޕޯޓް ފޯމް ދޭނެތޯ ނުދޭނެތޯ އަދި ނުވެއް ނިމޭ. މި އަހަރުގެ ބޮޑު ޗުއްޓީ އެގޮތުގައި ހަމަ އޮންނާނެ. ސަބަބަކީ މުވައްޒަފުންގެ ގާނޫނުގައި ބުނެފައިވާ ގޮތުން އަހަރީ ޗުއްޓީ ދޭން ޖެހޭ، އޭނަ ވިދާޅުވި އެވެ.

"އެންއައިއީ (ނެޝެނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން) އިން މިހާރު އެބަ ތައްޔާރު ކުރަމުންދޭ މި އަހަރު ކިޔަަވައިދޭނެ ފިލާވަޅުތައް. މީގައި މި ހަދާ ގޮތަކީ ކޮންމެހެން މުހިންމު ފިލާވަޅުތައް މި އަހަރު ދެން ކިޔަވައިދޭނީ. އެއީ އެ ގްރޭޑެއްގައި ކޮންމެހެން ހާސިލް ކުރަން ބޭނުންވާ ބައި އެކަނި. އެބައި މި އަހަރުގެ ތެރޭގައި އެއްކޮށް ނިންމާނެ."

ޖުލައި 1 އިން ފެށިގެން ގްރޭޑް 9-12 އަށް އުސޫލުތަކެއްގެ ދަށުން ކިޔަވައިދޭން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. އެކަމަކު އޭގެ ދަށް ގްރޭޑްްތަކުގެ ދަރިވަރުން ސްކޫލަށް ދާން ޖެހޭނެ ދުވަހެއް އަދި ނޭނގެ އެވެ. އެއީ އޮގަސްޓް މަހުގެ ތެރޭގައި ކަމަށް ވިޔަސް ނުވަތަ އެއަށް ވުރެ ފަހުން ވިޔަސް، އެޑިއުކޭޝަން މިނިސްޓްރީން ބުނަނީ އެކަމަށް އޮތީ ތައްޔާރުވެފައި ކަމަށެވެ.

"އަޅުގަނޑުމެންނަށް މިހާރު އެބަ ވަގުތު ލިބޭ ދެއްތޯ،" އޭނާ ވިދާޅުވި އެވެ.

17 ކޮމެންޓް, 28 ރިއެކްޝަންސް

icon happy icon happy 29%
icon sad icon sad 7%
icon angry icon angry 64%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަނުހުންނަ މީހާ1

15 June 2020

އަޅުގަނޑު ގުރޭޑް 10 ގަ ކިޔެވިއިރު އަޅުގަނޑާއެކު 24 އަހަރުގެ ދަރިވަރަކުވެސް ކިޔެވަމުން ދިޔަ. 16 އަހަރުގަ އޯލެވެލް ހެދުން މަޖުބޫރެއް ނޫން. އަހަރު ދަންމާލާ އަޅުގަނޑު ދަރިންގެ މުގައްރު ފުރިހަމަ ކޮށްދިނުމަކީ އަޅުގަނޑުގެ އެދުމެއް.

The name is already taken The name is available. Register?

ޕިކްސް

14 June 2020

މެއި- ޖޫންގަ އެގްޒާމް ހަދާފަ ޖުލައި އެއީ ބޮޑު ޗުއްޓީ. ދެން ކިޔެވުން ފަށާނީ ދުނީޔޭގެ އެހެން ގައުމުތާ އެއްގޮތަށް އޮގަސްޓްގަ. އެރު އޮންނާނީ އޯލެވެލްގެ ނަަތީޖާވެސް ލިބިފަ އަދި އޭލެވެލް އަށް ކިޔަވަން ބޭނުންވާ ކުދިންނަށް 6 މަސްދުވަސް ސަލާމަތްވީ.

The name is already taken The name is available. Register?

އަންލިމިޓް

14 June 2020

ދުނިޔޭގައި ދިމާވާ ބައެއް ކަންކަމަކީ އެކަންކަމާ އެންމެ ފުރިހަމައަށް ކުރިމަތިނުލެވޭނެ ކަންކަން. ހުރިހާ ކަމެއް އެންމެ ސްމޫތްކޮށް އަބަދަކު ނުދާނެ. ރޭހެއްގަ ބައިވެރިވެގެން އުޅެނީކީނޫން ވަކި އުމުރަކަށް ކިޔަވާ ނިންމަން. މިހާރުގެ ގިނަ ކުދިން 12 ނިންމާއިރުވެސް އަދި ދިރިއުޅުމުގެ ކަންކަމަށް އަހުލުވެރިއެއްނުވޭ. ހަޔާތުގެ ގޮންޖެހުންތަކަށް ލޮލެއްނުހުޅުވޭ. ކިޔަވާ ނިމޭއިރު 1 އަހަރު ދޮށިވިއަސް އެއީ އަސްލު އެހާބޮޑު މައްސަލައެއްނޫން.

The name is already taken The name is available. Register?

ދެރަ

14 June 2020

މިއީ ވަރަށް ބޮޑު ގެއްލުމެއް.

The name is already taken The name is available. Register?

ނެކްސްޓް

14 June 2020

ދުނިޔެއަށް ދިމާވެފައިވާ ހާލަތެއްމީ އެކަން ދަނެގެން އުޅުނީމައިއެވީ. ކިތަންމެ ޝަކުވާއެއް ކުރިޔަސް ވާނެކަމެއްނެތް. ކިޔެވުމަށްވުރެން ރައްކާތެރިކަން މުހިއްމު. ކިޔާދިނުން ހުއްޓާލީކީވެސް ނޫން ވިއްޔަ. ކޮންމެސް ގޮތަކަށް ކިޔަވައިދެމުން އެބަގެންދާކަންވެސް ނޭނގޭދޯ. ކުއްލިއަކަށް ހަމަ ހުރިހާ ކަމެއްދޫކޮށް ދުނިޔެ ދޫކުރަންވެސް ޖެހޭ. ދުނިޔެއާއިގެން ތިވަރަށް ނޫޅެ ހަމަޖެހިބަލަ

The name is already taken The name is available. Register?

ޢެހެންތަ ހީވަނީ

14 June 2020

މަށަށް ރަގަޅީޗުއްޓީނުދީ ގުރޭޑް 9 ގެ 10ގެ ކުދިންނަށް ފުލްކޮއްކިޔަވާދިނިއްޔާ. އަހަރެމެންގެވެސްޒިންމާއެއް ދަރިންނަށް ޓިއުޝަންދީގެން ގެއްލިގެންމިދާދުވަސްތައް ކަވަރުކުރުން ދަރިންނަށްވެވެންއޮތްއެހީއެއްވުން އެކަމަށްހިތްވަރުދިނިން . މިހާލަތުގަ ގެއްލިގެން މިދިއައީ އެކުދިންގެ ތައުލީމީހަޔާތުން ވަރަށްމުހިއްމުދުވަސްތަކެއް .ޕޮޒިޓިވް އެކަކު ހުއްޓަސް ސުކޫލަށް ފޮނުވާން ހިތްހަމައެއް ނުޖެހޭ .

The name is already taken The name is available. Register?

ހަލީމްބާއީ

14 June 2020

ތައުލީމާ ބެހޭ ވަޒީރަކީ ދެއްކުންތެރި އަދި ހިންގުންތެރި ކަމެއް ނެތް ނާގާބިލް ވަޒީރެއް. މީއީ އެކަމަނާދެކެ ޒާތީވެގެން ބުނާ ބުނުމެއް ނޫން. ޒަމާނުއްސުރެ މިނިސްޓަރ އެންގީމަ ނޫނީ އެވެސް ކަމެއް ނުކުރެވޭހެން ސްކޫލް ތަކުގެ ހިންގުން މިއޮންނަނީ! އެހެންވީމަ ކިތަންމެ ހިންގުންތެރި އަދި ތައުލީމީ އަދި ތަޖުރިބާކާރު ސްކޫލްތަކުގެ ވެރިން ތިއްބަސް ތިބެނީ ގާވެ، ތަޅުލެވެފަ. މިއީ ހަގީގަތް.

The name is already taken The name is available. Register?

ފަހުދު

14 June 2020

ދަރިންނަކީ މާތްﷲ އަހަރުމެންނާ ހަވާލުކުރެއްވި އަގުހުރި އަމާނާތެއް. ކަމުގެ ނުރައްކާ އެނގިހުރެ އެކުދިން ބަލީގެ ހާއްޔަކައް ގެންދިއުމަކީ ޚިޔާނާތެއް އަދި އަނިޔާއެއް

The name is already taken The name is available. Register?

ވިސްނާލާށޭ

14 June 2020

ދަރިވަރުންގެ ކިޔެވުމަށް ހެޔޮ ބަދަލެއް ގެންނާން ބޭނުންނަމަ އޭލެވެލް އަދި އޯލެވެލް އެއް އެއް އެގްޒަމިނޭޝަން ބޮޑީއެއްގެ އެހްޒާމްތައް ހެދޭނެގޮތް ހެދުން މީވަރަށް މުހިއްމުކަމެއް. މިދުނިޔޭގެ އެއްވެސް ތަނެއްގައި އޮންނަގޮތެއްނޫން. މިހާރު ނޫހުން މިކަމާބެހޭގޮތުން ލިޔުމެއް ފެންނާނެ ކަމަށް އުއްމީދު ކުރަން.

The name is already taken The name is available. Register?

ވިސްނާލާށޭ

14 June 2020

ދެވަނަ ކަމަކަށް ފާހަގަ ކޮށްލަން ޖެހޭ ކަމަކީ މެއި ޖޫން ގަ އޯލެވެލް ހަދާފަ މެއިޖޫންގަ އޭލެވެލްއަށް ކިޔަވަން ފަށާއިރު ދަރިވަރުންގެ ނަތީޖާ ނުލިބޭނެ.

The name is already taken The name is available. Register?

ރަންޒަމާނުބެ

14 June 2020

ދޮޅު އަހަރު އެއް ގްރޭޑެއްގަ ކިޔެވުމަކީ މިހާރަށް އާ ކަމެކޭ ހީވިއަސް އައްޑިހައާ ނުވަދިހައިގެ އަހަރުތަކުގަ ފާސްނުވާ ކުދިން އެ ހުރި ގްރޭޑެއްގަ ރިޕީޓްކޮށް އުޅުނު. ބައެއް ކުދިން ކޮންމެ ގްރޭޑެއްގަ 2 އަހަރު އުޅޭ. ސްކޫލް ނިންމާއިރު ބައެއް ކުދިން ތިބެނީ ވަރަށް އުމުރުން ދޮށިވެފަ.

The name is already taken The name is available. Register?

ރާއްޖެ

14 June 2020

ކޮވިޑް ގެ ސަސްޕެކްޓެޑް ނޫނީ ޕޮޒިޓިވް ކޭސް އެއް ނުފެންނަ، މޮނިޓަރިން އަށް ނުލާ، ދަތުރު ފަތުރު މަނާ ކޮއްފަ އޮތް ރަށުގެ ސްކޫލްތައް ބަންދު ކޮއްފަ މިހާ ދުވަހު މިއޮތީ ކީއްވެތޯ؟ މުގައްދަސް މާލޭގެ ސްކޫލްތަށް ބަންދު ކުރިޔަސް އެހެން ރަށް ރަށުގެ ސްކޫލްތައް ބަންދު ކޮއްފަ ބަހައްޓަން ޖެހޭ ސަބަބެއް އަދި ނެތް.

The name is already taken The name is available. Register?

އެއީ....

14 June 2020

އެއީ ސަރުކާރު ހުރިހައި ސްކޫލެއްގައި ޓެސްޓު ދެވެނީ، އެއް ތާރީޚެއްގައި އެއް ޕޭޕަރު ތަކަކަށް ވާތީއެވެ.

The name is already taken The name is available. Register?

ސްކިޕަރ

14 June 2020

މާލޭގައި ދިރިއުޅޭ މީހުންނަށް ނުލިބޭ ޚިދުމަތެއް ރާއްޖޭގެ އެހެން ރަށެއްގެ ބަޔަކަށް ލިބޭނޭ ގޮތަކަށް ސަރުކާރުގެ އެއްވެސް ކަމެއް ރާވަންކެރޭނޭ ވެރިއެއް އަދިނާދޭ. ޓެސްޓުދެވޭނީ އެއްދުވަހަކުއޭ ކިޔައިގެން އެދައްކާ ވާހަކައަކީ ބަ ހަ ނާ. ބޭނުމަކީ ކުލި ސިސްޓަމަށް ފީޑުކުރުން. މާލޭގެ ސްކޫލުތަކުގެ ކުދީން ހަދަންޖެހޭ ޓެސްޓުތަކާއި ޓެސްޓު ދެވޭ ތާރީޚުތަކަށް ބަދަލުތައް ގެނެސްގެންވިޔަސް ރާއްޖޭގެ އެހެން ރަށްރަށުގެ ކުދީންގެ ކިޔެވުން ފަށަންޖެހުނުތާ އެތައް ދުވަހެއް ވެއްޖެ!

The name is already taken The name is available. Register?

ދެރަ

14 June 2020

ތެދެއް ތީ. ރަށްރަށުގައި ބަލީގެ ކަމެއް ނެތުމުމުން ޓީޥީ ރޭޑިޔޯ އިން އެގުނު ވަރަކަށް އެގުނީ. ކުދިންނަށް މާބޮޑު އިހުސާސެއް ނެތި ކުޅިވަރަށް ހުސްވީ. ބޮޑު ޗުއްޓީއަކަށްވެ ކިޔެވުމާއި އެއްކޮށް ދުރުވީ. މީ ރަށުގަ ތިބި ކުދިންނަށް ދިން އަނިޔާއެއް. މާލެ ނުރައްކަލަށް ދިޔައީ ދަތުރު ފަތުރު ކޮންޓްރޯލް ކޮށް އެބަޔެއްގެ ރަށުގަ ކުރާކަމަކަށް ފުރުޞަތު ދިންނަމަ މިހެން ނުވީސް. ޢަދިވެސް ލާ މަރުކަޒު ގެ ވާހަކަ ދައްކާނެ. ޕްލޭނެއް އޮތްނަމަ މާބޮޑު ކަމަކަށް ނުވާނެ މާލޭގަ ވެސް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!