ބިރު ބޮޑުވެއްޖެ، ފަރުވާކުޑަކޮށް ނުލާ!

ލުއިތައް ލިބުމާ އެކު، ބައެއް މީހުން ހީކުރި ގޮތާ ހިލާފަށް، ކޮވިޑް-19ގެ ބިރު ބޮޑުވެ، ދިވެހިންގެ ތެރޭގައި ހަލުއިކަމާ އެކު ފެތުރެމުން ދިއުމުގެ ނުރައްކަލާ މި އޮތީ ކުރިމަތިވެފަ އެވެ.


އެކަމަކު އައިޖީއެމްއެޗުގެ އެތެރެހަށީގެ ޑޮކްޓަރު މުހައްމަދު އަލީ ވިދާޅުވި ގޮތުގައި އަދިވެސް މަގުމަތިން މީހުން ފެންނަނީ، މާސްކް އެޅުމުގެ ބަދަލުގައި އެ "ދަތްދޮޅި ދަށުގައި އަޅުވާލައިގެން ނުވަތަ އެއް ފަރާތަކަށް ވައްޓާލައިގެން" ތިއްބަ އެވެ. ބަލި ޖެހުން އިންތިހާއަށް އިތުރުވި ނަމަވެސް، އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ބައްޔަށް މާ ބޮޑަށް ހޭނި އޭގެ މަތިން ހަނދާން ނެތިއްޖެ އެވެ.

"މި ރޭޓުގައި ދާކަމަށް ވާ ނަމަ، އަޅުގަނޑުމެންގެ ހެލްތު ކެޕޭސިޓީއަށް ނުކަތާ ވަރަށް [ހިނގައިދާނެ]،" ކޮވިޑް-19ގެ ބަލި މީހުންނަށް ފަރުވާ ދިނުމުގައި އިސްކޮށް ހަރަކާތްތެރިވާ އެއް ޑޮކްޓަރު ވިދާޅުވި އެވެ.

ތެދެކެވެ. ކޮވިޑް-19ގެ ނުރައްކާތެރިކަމާއި ފަސޭހައިން ގައިން ގަޔަށް އަރާކަން، މި ބަލި ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ފެތުރިގަތުމާ އެކު ދިވެހިންނަށް އެނގިއްޖެ އެވެ. ސަރަހައްދީ ގައުމުތަކަށް ވުރެ މާ ބޮޑަށް، ދިވެހިން އެ ބައްޔާ މެދު ހޭލުންތެރިކަން ބޮޑެވެ.

މިދިޔަ އޭޕްރީލް މަހު މާލެ ތެރެއިން މި ބަލި އެންމެ ފުރަތަމަ ފެނުމާ އެކު، މާލެ ބަންދުކޮށް އަދި ބޯޑަރުތައް ވެސް ބަންދުކުރުމާ އެކު ބަލި ވަރަށް ބޮޑަށް ކޮންޓްރޯލްކުރެވުނެވެ. ގިނަގިނައިން އަތް ދޮވެ، ރަށްރަށުގައި ވެސް މީހުން ބޭރުތެރެއަށް ނުކުތުން މަދުކޮށް ފަރުދީ ޒިންމާ އަދާކުރި އެވެ. އެކަމަކު ލޮކްޑައުންއަށް ފަހު ބޮޑެތި ލުއިތަކެއް ދިނުމާ އެކު ދުވާލަކު ޕޮޒިޓިވްވާ މީހުންގެ އަދަދު ދުވާލަކު 200 އަށް ވުރެ މައްޗަށް ގޮސް، މަރުވާ މީހުންގެ އަދަދު ވެސް ކަންބޮޑުވާ މިންވަރަށް އެ ދަނީ އިތުރުވަމުންނެވެ. އެކަމަކު މިހާރު ވެސް، މާލޭގެ ގިނަ ކެފޭތަކުން މީހުން ހުހެއް ނުވެ އެވެ. މާސްކް ނަގައިގެން، މަގުމަތީގައި ސިނގިރޭޓް ބޯން ތިބޭ މަންޒަރު ގިނައިން ފެނެ އެވެ. މަގުމަތީގައި ހިނގާބިނގާވެ އުޅޭއިރު، ތަންތަނުގައި މަޑުކޮށްލައިގެން ތިބޭ އިރު، ގައިދުރުކަމެއް ނުފެނެ އެވެ.

ކޮންސްޓްރަކްޝަން މަސައްކަތްކުރާ ތަނެއްގައި ތިބި ބައެއްގެ ރެންޑަމް ސާމްޕަލް ނަގަނީ-- ފޮޓޯ: ނިޝާން އަލީ /މިހާރު

ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޑރ. މުހައްމަދު އަލީ ވިދާޅުވީ ކޮވިޑް-19 ޖައްސާ، ކޮރޯނާވައިރަސްއަކީ އަސްލެއް ކަމަށް ވިޔަސް އެއީ ބަޔަކު ހަދައިގެން އުޅޭ ބައްޔެއް ކަމަށް ގަބޫލުކުރާ މީހުން އަދިވެސް އެބަ އުޅޭ ކަމަށެވެ. އަދި ދީފައިވާ ލުއިތަކާ އެކު، ބަލި މަތިން ހަނދާން ނެތިފައިވާ މީހުން ގިނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން މާލެ ތެރޭގައި ހަލުއިކަމާ އެކު ބަލި ފެތުރެމުން ދާއިރު، އެއްތަނުން އަނެއް ތަނަށް ގިނައިން ދަތުރުކުރުމާއި ގޭގެއަށް ޒިޔާރަތް ކުރުމާއި މަގުމަތީގައި އުޅޭ ވަގުތު ގިނަ ކަން ވެސް، ކަންބޮޑުވުމެއްގެ ގޮތުގައި، އޭނާ ފާހަގަކުރެއްވި އެވެ.

ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން ދާއިރު، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އަށް މީހުންނަށް އަޅާނުލެވޭ ކަމުގެ ޝަކުވާތައް ވެސް އެބަ އިވެ އެވެ. ސާމްޕަލް ނެގުން ލަސްވުމާއި ބައެއް ސާމްޕަލްތަކަށް ވާނުވާ ނޭނގުމާއި ޕޮޒިޓިވް ވާ މީހުން އެކަހެރި ކުރަން ގެންދިޔުން ލަސްވުމުގެ ކަންބޮޑުވުން ވެސް އެބަ އޮތެވެ.

ޑރ. މުހައްމަދު އަލީ ވިދާޅުވި ގޮތުގައި މި ދުވަސްވަރު އެންމެ ރަނގަޅު ގޮތަކީ ހުން އަތުވެއްޖެ ނަމަ، އެއީ ޕޮޒިޓިވްވީ ކަމަށް ބަލައި އަމިއްލައަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމެވެ. އަދި އެކުގައި އުޅޭ މީހަކު ހުން އައިސް، އޭނާގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނިއްޖެ ނަމަ، ޕޮޒިޓިވް މީހެއްގެ ޑައިރެކްޓު ކޮންޓެކްޓެއްގެ ގޮތުގައި ބަލައި އަމިއްލައަށް ގޭގައި މަޑުކުރުން ވެސް މުހިއްމު ކަމަށް ވިދާޅުވި އެވެ. އެހެން ނޫން ނަމަ، އޭނާ ވިދާޅުވީ، ވަރަށް ގިނަ ބަޔަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

އޮފީހަށް ނުގޮސް، ގޭގައި މަސައްކަތް ކުރޭ

ކޮވިޑް-19އާ ގުޅޭ ގޮތުން އެންމެ ފަހުން އާއްމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި ކުރިއަށް އޮތީ ބަލީގެ ނުރައްކާ ބޮޑު ދުވަސްތަކެކެވެ.

ބައްޔާ ގުޅޭ ގޮތުން ހަދާފައިވާ ޕްރޮޖެކްޝަންސްތަކުން ދައްކާ ގޮތުގައި، މި މަހު، ދުވާލަކު، އެވްރެޖްކޮށް 170 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވުން ކައިރި އެވެ. އަދި މަސް ނިމޭއިރު ޖުމްލަ 2،373 މީހުންނަށް ބަލި ޖެހޭނެ ކަމަށް ލަފާކުރެވެ އެވެ.

ދެ މަހުގެ ބަންދަކަށް ފަހު، އޮފީސްތައް ހުޅުވުމާ އެކު، މީހަކު މާސްކު އަޅައިގެން ހިނގާފައި ދަނީ.-- ފޮޓޯ: ނިޝާން އަލީ /މިހާރު

ކުރިން އާއްމުކޮށް ޕޮޒިޓިވްވަނީ ޒުވާނުން ކަމަށް ވީ ނަމަވެސް، މި ފަހުން، ބަލީގެ އެންމެ ނުރައްކާ ބޮޑު، އުމުރުން ދުވަސްވީ މީހުންގެ މެދުގައި ވެސް ބަލި ދަނީ ފެތުރެމުންނެވެ. އެއީ އެޗްޕީއޭގެ ވެސް ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. .

ތަފާސްހިސާބު ދައްކާ ގޮތުން މި މަހު ކޮވިޑަށް ޕޮޒިޓިވްވި މީހުންނާ އެންމެ ގިނަ ބަޔަކު ކޮންޓެކްޓްވީ އޮފީސްތަކާއި މަސައްކަތުގެ އެކި މާހައުލުންނެވެ. އެގޮތުން ކޮވިޑް ޖެހުނު މީހުންނާ މިދިޔަ މަހު އޮފީސްތަކުން 655 މީހަކު ކޮންޓެކްޓްވި އެވެ. އެއީ ކޮންޓެކްޓްވި މީހުންގެ 31 ޕަސެންޓެވެ. މަސައްކަތުގެ އެހެން މާހައުލުތަކުން 564 މީހަކު ކޮންޓެކްޓްވި އިރު އެއީ 27 ޕަސެންޓެވެ. ތިން ވަނަ އަށް އެންމެ ގިނަ މީހުން ކޮންޓެކްޓްވީ ސިއްހީ ހިދުމަތް ދޭ ތަންތަނުންނެވެ. އެއީ 303 މީހުން ނުވަތަ 14 ޕަސެންޓެވެ.

ކޮވިޑް-19ގެ އެންމެ ފަހުގެ ތަފާސްހިސާބުތަކާ ގުޅޭ ގޮތުން "މިހާރު"އާ ވާހަކަ ދައްކަވަމުން، އެޗްޕީއޭގެ އެޕިޑިމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މީހުން ވަޒީފާ އަދާކުރާ ތަންތަން އެކި ކެޓަގަރީތަކަށް ބަހާލާފައިވާއިރު އެންމެ ގިނައިން ބަލި ޖެހެނީ ފިހާރަތަކާއި އަމިއްލަ ކުންފުނިތަކުގައި މަސައްކަތް ކުރާ މީހުންނަށް ކަމަށެވެ. ދެން ސަރުކާރު އޮފީސްތަކުގައި މަސައްކަތް ކުރާ މީހުންނާއި، ފްރޮންޓް ލައިންގައި މަސައްކަތް ކުރާ މީހުންނެވެ.

މީހަކު ފިހާރައަކުން އެއްޗެހި ގަންނަނީ: ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ފިހާރަތަކުގައި މަސައްކަތް ކުރާ މީހުން ގިނަ-- ނިޝާން އަލީ / މިހާރު

އޭނާ ވިދާޅުވި ގޮތުގައި ފިހާރަތަކުގެ މުވައްޒަފުން ބައްޔަށް ގިނައިން ޕޮޒިޓިވްވަނީ، އެއީ އާއްމުން ގިނަ އަދަދަކަށް ގޮސް އުޅޭ ތަންތަނަށް ވުމުންނެވެ. ފިހާރައަށް ވަންނަ ބައެއް މީހުން މާސްކް ނާޅާއިރު، އެއީ އެތަންތަނުގައި ވަޒީފާ އަދާކުރާ މީހުންނަށް އޮތް ނުރައްކަލެކެވެ. އެއިން މީހަކަށް ބަލި ޖެހިއްޖެ ނަމަ، އެކަން ނޭނގި، ގިނަ ބައެއްގެ ތެރެއަށް ވައިރަސް ފެތުރުމުގެ ފުރުސަތު ބޮޑެވެ.

ސަރުކާރު އޮފީސްތަކުގައި މާސްކް އަޅައިގެން އުޅުން މަޖުބޫރު ނަމަވެސް، އަމިއްލަ ކުންފުނިތަކުގައި އެ އުސޫލު ގިނަ ފަހަރަކަށް ނޯވެ އެވެ. އެއީ މަސައްކަތުގެ އެކި މާހައުލުން ގިނަ ބަޔަކަށް ބަލި ޖެހޭ ސަބަބެއް ކަމަށް ޑޮކްޓަރުން ލަފާކުރެ އެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޕޮޒިޓިވް މީހުން އެންމެ ގިނައިން ފެންނަނީ ހަފުތާ ފެށޭ ދުވަސް، އާދިއްތަ ދުވަހު އެވެ. އެއީ ހަފުތާ ބަންދަށް ފަހު، މީހުން އާއްމު ދިރިއުޅުމަށް ފަށައިގަންނަ ދުވަސް ކަމުން، އެ ދުވަހުގެ ހޭލަމޭލަ ބޮޑީ އެވެ. އެންމެ ގިނަ މީހުންނާ ކޮންޓެކްޓްވެ، ބަލި ޖެހޭ މީހުން އިތުރުވާ ދުވަހުގެ ގޮތުގައި، ތަފާސްހިސާބުތަކުން ދައްކަނީ ހަފުތާގެ ނިމޭކޮޅު، ބުރާސްފަތި އަދި ހުކުރު ދުވަހެވެ.

"އެހެންވެ މިއިން ވެސް، މި ބަލި މީހުންގެ އާދަކާދަތަކާއި ދިރިއުޅުމާ ގުޅޭ ގޮތް އެބަ ފެނޭ،" ޑރ. އަފްޒަލް ވިދާޅުވި އެވެ.

ކޮވިޑް-19 އަށް ޓެސްޓް ކުރަން ސާމްޕަލް ނަގަނީ -- ފޮޓޯ/މިހާރު

ބަލީގެ ހާއްޔަކަށް އޮފީސްތައް ނުވަތަ ވަޒީފާ އަދާކުރާ ތަންތަން ވުމުގައި ސަބަބުތައް ގިނަ އެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި، މާސްކް އަޅައިގެން އޮފީހަށް ދިޔަ ނަމަވެސް، އެތަނަށް ހަމަ ވަދެވުމާ އެކު މާސްކް އޮންނަނީ ދަތްދޮޅި ދަށުގަ އެވެ. އަދި ގައިދުރުކަމެއް ނެތި، އެތަނުގައި މަސައްކަތް ކުރާއިރު އޭސީކޮށް، ބަންދުވެފައި ހުންނަ އިމާރާތްތަކުގައި ބަލި ފެތުރުން ފަސޭހަ އެވެ.

"މިހާރު"އާ ވާހަކަ ދެއްކެވި އެހެން ބައެއް ޑޮކްޓަރުން ވިދާޅުވި ގޮތުގައި އެއް ފަހަރާ ގިނަ ބަޔަކު މަސައްކަތް ކުރުމަކީ ވެސް ބަލި ފެތުރުމަށް މަގުފަހިވާ ކަމެކެވެ. އޭގެ ބަދަލުގައި ޑިއުޓީ ބަހައިގެން، ވަކި ބަޔަކު އޮފީހުގައި މަސައްކަތް ކުރާ ގޮތަށް ހަމަޖެއްސުން ރަނގަޅު ކަމަށް ތަޖުރިބާކާރުން ދެކެ އެވެ.

އޮފީހަށް ނުގޮސް، ގޭގައި ތިބެގެން މަސައްކަތް ކުރަން ރައީސް އޮފީހުން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

ބަލި ފެތުރޭ މިންވަރާ ގުޅޭ ގޮތުން ހެދި ޕްރޮޖެކްޝަންސްތަކުން ދައްކާ ގޮތުގައި އޮފީީހާއި މަސައްކަތު މާހައުލަށް ފަހު ދެން އެންމެ ގިނައިން ބަލި ޖެހެނީ ކެފޭ އާއި ރެސްޓޯރަންޓުތަކުންނެވެ.

ބައެއް މީހުން ގަބޫލުކުރާ ގޮތުގައި އޮފީސްތަކަށް މީހުން ނުކުންނަހާ އިރަކު، ކެފޭ އަދި ރެސްޓޯރަންޓުތަކުގައި ބަލި ފެތުރޭނެ އެވެ. ހަފުތާގެ ދުވަސްތަކުގައި އެ ތަންތަނުން އެންމެ ގިނައިން ހިދުމަތް ހޯދަނީ އޮފީސްތަކަށް ދާ މީހުންނެވެ.

ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރި ބައެއް މީހުން ދެކޭ ގޮތުގައި ބަލީގެ އަލާމާތެއް ހުރި ނަމަވެސް، މަސައްކަތަށް ނުކުތުން ބައެއް ތަންތަނުގައި މަޖުބޫރެވެ. އަދި ބަލި ކަމަށް ނިންމައި، ގޭގައި މަޑުކުރާ ނަމަ އެ މީހުންގެ މައްޗަށް ފިޔަވަޅު އަޅާ ކަމަށް ވެސް ވެ އެވެ.

"ޕޮޒިޓިވްވި މީހަކާ ޑައިރެކްޓް ކޮންޓެކްޓު ވުމުން އަހަރެން ގޭގައި މަޑުކުރަން ބޭނުންވި ނަމަވެސް އޮފީހުން އެދުނީ ވަޒީފާއަށް ނުކުންނަން. އެކަމަކު އަހަރެން ނިންމައިގެން ހުރީ ކަނޑާލި ނަމަވެސް، އަހަރެންގެ ސަބަބުން އެހެން ބަޔަކު ނުރައްކަލަށް ހުށަހެޅުނަ ނުދޭން،" އެއާޕޯޓުގައި ވަޒީފާ އަދާކުރާ މީހަކު ޓްވިޓާގައި ލިޔެފައިވެ އެވެ.

އޭނާ ބުނީ ބައްޔާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި އޮފީސްތަކުގެ ވެރިންގެ ނުފޫޒު ގަދަ ކަމަށާއި ބަލިން އަރައިގަތުމަށް އެ މީހުންގެ އެއްބާރުލުން ވެސް ބޭނުންވާނެ ކަމަށެވެ.

އޮފީސް މަސައްކަތްތައް ގެއަށް ބަދަލު ކުރުމަކީ، ބަލިމަޑުކަމާ ގުޅިގެން އަހަރުމެން އަމަލު ކުރަމުން އަންނަ ނިއު ނޯމަލްގެ ވެސް ބައެކެވެ. ލޮކްޑައުންއާ އެކު ގިނަ ބަޔަކު ގެއަށް މަސައްކަތް ބަދަލުކުރި އިރު އޭގެ ނަތީޖާ ވެސް ރަނގަޅެވެ.

ޑރ. މުހައްމަދު އަލީ ވިދާޅުވީ ލޮކްޑައުންގެ ލުއިތައް ދިން އިރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވާނެކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އެކަމަކު އެކަން ކޮންޓްރޯލްކުރުމަށް، އަލުން މާލެ ބަންދުކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް އޭނާ އެއްބަސްވެވަޑައިގަނެ އެވެ. ލޮކްޑައުންގެ ލުއިތައް ދީފައިވަނީ، އެކި ފިޔަވަހިތަކަކަށް ބަހާލައިގެން ކަމުން، ޕޮޒިޓިވް ކޭސްތައް އިތުރުވީ ކޮން ލުއިތަކެއް ދިނުމުން ކަމަށް ބެލިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން އެ ލުއިތައް އަނބުރާ ނެގިދާނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

"މާލެ ލޮކްޑައުން ކުރީ އެ ބައްޔާ ހަނގުރާމަ ކުރުމަށް ސިއްހީ އެހީތެރިންނާއި ސަރުކާރަށް ވަގުތު ހޯދަން. ސިއްހީ ވަސީލަތްތައް ހޯދަން. ލޮކްޑައުންގެ ލުއިތައް ދިނީ އެކަމަށް ތައްޔާރުވެވުމުން،" ޑރ. މުހައްމަދު އަލީ ވިދާޅުވި އެވެ.

"އެކަމަކު މި ރޭޓުން ދާކަމަށް ވާ ނަމަ، މިހާރު އަޅުގަނޑުމެންނަށް ހޯދިފައިވާ ވަސީލަތްތަކުން އެންމެ ރަނގަޅަށް ހިދުމަތް ފޯރުކޮށް ނުދެވިދާނެ."

އެއީ އެންމެންނަށް ދެއްވިޮ އިންޒާރެކެވެ. އެއީ އެންމެންގެ ރައްކަލަކަށް ދެއްވި މެސެޖެކެވެ. އޭގެ ފަހުން ދެން ވެސް އޭނާ ވިދާޅުވީ، އާންމުންގެ ސަމާލުކަން ދޭން ޖެހޭ ވަރުގެ ވާހަކައެކެވެ.

"މިއީ ދުވަސްވީ މީހުންގެ އިތުރުން ޒުވާނުންނަށް ވެސް ނުރައްކާވެދާނެ ބައްޔެއް."