ސުއޫދުގެ އަސްލު ނިޔަތަކީ ކޮބާ؟

ޝަރުއީ ނިޒާމަށް ފާޅުގައި ފާޑުވިދާޅުވެ ޓުވީޓެއް ކުރައްވަފާނެ އެވެ. ދިފާއުގައި ނުކުންނަވާފާނެ ކަމަށް ހީވެސް ނުކުރެވޭ ކަހަލަ ބޭފުޅުންގެ ހައްގުގައި ބަސް ވިދާޅުވެދާނެ އެވެ. ސިޔާސީ ގޮތުން އެއް ފިކުރެއްގައި ތިބި ބަޔަކު ދޫކުރައްވައި، ކުއްލިއަކަށް ނުކުމެވަޑައިގެންފާނެ އެވެ. މިއީ ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ވަކީލް ހުސްނުއްސުއޫދުގެ ހަޔާތުން ފެންނަން ހުރި ހަގީގަތްތަކެވެ. އެކަމަކު އޭނާގެ އެ އަމަލްތަކުގެ ފަހަތުގައި ވާ ސަބަބުތައް ނޭނގި، އަސްލު މަންޒަރެއް ނުފެންނާނެ އެވެ.


ސުއޫދު "ގެއްލިގެން" އުޅުނު ވަގުތުކޮޅެއް ނޫސްވެރިކަމުގެ ހަޔާތުގައި އަޅުގަނޑަށް ދިމާވި އެވެ. އިންތިގާލީ ސުޕްރީމް ކޯޓުގެ ދެ އަހަރުގެ މުއްދަތު ހަމަވެ، ދާއިމީ ސުޕްރީމް ކޯޓު އުފައްދަން އެމްޑީޕީ ސަރުކާރާއި އިދިކޮޅު ޑީއާރުޕީއާ ދެމެދު ހުޅުފަޅައިގެން ގޮސް، ސިޔާސީ އަލިފާން އަނދަމުން ދިޔަ ދުވަސްވަރެވެ. އޭރު އޭނާ ހުންނެވީ ރައީސް މުހައްމަދު ނަޝީދު ސަރުކާރުގެ އެޓާނީ ޖެނެރަލްގެ މަގާމުގަ އެވެ. ސުޕްރީމް ކޯޓުގެ ތަޅުދަނޑި ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސް، އެ ކޯޓް ބަންދުކުރަން އުޅޭކަމުގެ އަޑުތަކާ އެކު އުފެދުނު ހައިޖާންގަނޑެވެ.

ކުއްލިއަކަށް ސުއޫދު އިސްތިއުފާ ދެއްވި އެވެ.

އެހާ ނާޒުކު ހާލަތެއްގައި ރައީސް ނަޝީދު ދޫކުރައްވާ އޭނާ ވަޑައިގެންފާނެ ކަމަކަށް އެކަކު ވެސް ހިއެއް ނުކުރާނެ އެވެ. ސުއޫދު ވަކިވެވަޑައިގެންނެވި ހަބަރާ އެކު އޭނާ ހޯދަން ނުވަތަ ގުޅަން އެތައް މަސައްކަތެއް ކުރަން ޖެހުނެވެ. އެތައް ގޮތަކަށް، އެތައް ބަޔަކާ ގުޅައިގެން އެންމެ ފަހުން އޭނާގެ ބަހެއް ލިބުނު އިރު އެނގުނީ، ސުއޫދު ގަބޫލުކުރައްވާ އިމުން ސަރުކާރު ބޭރުވެއްޖެ ކަމެވެ. ޝަރުއީ ނިޒާމަށް ބޮޑު އިސްލާހެއް ގެންނަން އޭރު ވެސް އަދި މިހާރު ވެސް ސުއޫދުގެ އަޒުމް އެބަ އޮތެވެ. އެކަމަކު ސުޕްރީމް ކޯޓަށް ނުވަދެވޭ ގޮތަށް ސިފައިން ލައްވާ ތަން ބެލެހެއްޓުމުގެ އިތުރުން އިންތިގާލީ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުން ރައީސް ނަޝީދަށް ފޮނުއްވި ސިޓީ އަކީ، އޭނާ ގަބޫލުކުރައްވާ އުސޫލްތަކެއް ނޫނެވެ.

ސުޕްރީމް ކޯޓުން ފޮނުވި ސިޓީގައި ވަނީ އިންތިގާލީ ސުޕްރީމް ކޯޓުގެ މުއްދަތު ހަމަވިޔަސް އެ ކޯޓު ނުއުވޭނެކަމާއި ފަނޑިޔާރުންގެ މުއްދަތު ވެސް ދެމިގެންދާނެ ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލިހުން އާ ފަނޑިޔާރުން އައްޔަން ނުކުރެވޭނެ ގޮތަށް ސުޕްރީމް ކޯޓުން ހުކުމެއް ކޮށްފާނެކަމުގެ ބިރު ސަރުކާރަށް އޮތް ކަމަށް ސުއޫދު ވިދާޅުވި އެވެ. އެ ހާލަތުގައި އެޓާނީ ޖެނެރަލްގެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ ބަސް ނުވިކޭނެކަން އޭނާ ގަބޫލުކުރެއްވި އެވެ.

މުއްދަތު ހަމަވުމުގެ މާ ކުރިން ލަފާ ދެއްވި

އޭރުގެ ހާލަތު އޮތް ގޮތުން ހުރިހާ ތަފްސީލެއް ނުދެއްވި ނަމަވެސް މިއަދު ސުއޫދަށް އެއްވެސް ހުރަހެއް ނެތެވެ. އޭނާ ވިދާޅުވި ގޮތުގައި އިންތިގާލީ ސުޕްރީމް ކޯޓުގެ މުއްދަތު އޮގަސްޓް 7، 2010 ގައި ހަމަވުމުގެ ފަސް މަހެއްހާ ދުވަސް ކުރިން ރައީސް ނަޝީދަށް އޭނާގެ ލަފާ އެރުވި އެވެ. އާންމުންގެ އިތުބާރު ބޮޑުވާނެ އަދި ރަނގަޅު ސުޕްރީމް ކޯޓެއް ދުރާލާ އެކުލަވާލުމަކީ އޭނާގެ ނިޔަތެވެ.

"އެންމެ ފަހު ވަގުތު އުޅެގެން އެކަން ނުވާނެތީ އަޅުގަނޑު ލަފާ އެރުވިން ފެބްރުއަރީ ނުވަތަ މާޗު މަހު،" ސުއޫދު ވިދާޅުވި އެވެ.

އޭގެ ބޭނުމަކީ، ސުއޫދު ވިދާޅުވި ގޮތުގައި، އެންމެންގެ މެދުގައި މަޝްވަރާކޮށް، އެންމެ ރަނގަޅު ފަނޑިޔާރުން ހޯދުމެވެ. އެކަމަކު އެ މަސައްކަތް އެގޮތަކަށް ނުދިޔަ އެވެ. އެންމެ ފަހުން އޮގަސްޓް 7 އައި އިރު ސަރުކާރާއި، އޭރު ރައްޔިތުންގެ މަޖިލިސް ކޮންޓްރޯލްކުރި އިދިކޮޅު ޑީއާރުޕީން ތިބީ، އެބައެއްގެ ފަޅިޔަށް ސުޕްރީމް ކޯޓު "ދަމާލެވޭނެ" ވިސްނުމެއްގަ އެވެ. އެކަން ނިމުނީ އެއް ބަޔަކު އަނެއް ބަޔަކަށް ބައި އަޅައިގެންނެވެ.

"ޑިމޮކްރެޓިކް ހަމަތައް ގަބޫލުކުރެއްވިޔަސް ރައީސް ނަޝީދަށް ވެސް އަމަލްކުރެއްވުނީ މުޅިން އެގޮތަކަށް ނޫން،" ސުޕްރީމް ކޯޓަށް ދާއިމީ ފަނޑިޔާރުން ހޮވަން ގެންގުޅުއްވި އުސޫލުތަކަށް އިޝާރަތްކުރައްވާ ސުއޫދު ވިދާޅުވި އެވެ.

އޭނާ އަށް އެކަންކަމެއް ގަބޫލެއްނުކުރެއްވުނެވެ. އެހެންކަމުން އެމްޑީޕީގެ ސަރުކާރުން އޭނާ އިސްތިއުފާ ދެއްވީ އޭގެ ފަހަތުގައި ރަނގަޅު ސަބަބުތަކެއް ހުރެގެންނެވެ.

ހިތްހަމަނުޖެހުނު ސިޔާސީ ބޭފުޅުންގެ ފަހަތުގައި

"ކޮންމެ މީހަކަށް ވެސް އިންސާފު ލިބެން ޖެހޭނެ،" މިއީ ސުއޫދުގެ ހަމަ އެވެ.

އޭނާގެ އެ ނިޔަތަކަށް، އެ އަޒުމަކަށް ގުޑުމެއް ނާރަ އެވެ. ކުށެއްގެ ތުހުމަތުގައި ކޯޓަށް ގެންދާ މީހާ އަށް ލިބެން ޖެހޭ ހައްގުތައް އެއްފަރާތްކޮށް، ފަނޑިޔާރުންގެ ބާރު "ނާޖާއިޒު" ގޮތުގައި ބޭނުންކުރާ ތަން ބަލަން އޭނާއަކަށް ފަސޭހައެއް ނޫނެވެ. ސުއޫދުގެ ޓްވީޓްތައް ބައެއް ފަހަރަށް "ކެކިގަންނަނީ" އެހެންވެގެންނެވެ. ޓްވީޓާ އިން އޭނާ ފޮލޯކުރާ މީހުންގެ އަދަދު 30،000 އަށް ވުރެ މައްޗެވެ. އޭނާ އަކީ ޓްވިޓާގައި ރާއްޖޭގެ އެންމެ މަޝްހޫރު އެއް ނަމެވެ. އެހެންކަމުން އޭނާ ލިއުއްވާ އެއްޗެއް، އިސާހިތަކު އެތައް ބައެއްގެ ވިސްނުމަށް ދޫކޮށްލެވެ އެވެ.

މައުމޫންގެ ވަކީލް ހުސްނުއް ސުއޫދު (ވ)، މައުމޫން ފެކްޝަންގެ ބައެއް ބޭފުޅުންނާ އެކު ހައި ކޯޓަށް ވަޑައިގަންނަވަނީ: ޕީޕީއެމްއާ މެދު އިއްވި ހުކުމް ވަރަށް ގޯސް ކަމަށް ވިދާޅުވޭ

ކުރީގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު އަހުމަދު ނާޒިމާއި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ވަކީލެއްގެ ގޮތުން ސުއޫދު ވަކާލާތުކުރައްވާ ތަން ފެނުމުން ބައެއް މީހުންނަށް ގަބޫލުކުރެވެނީ އޭނާ "ލާރި އަށް ވިކެނީ" ކަމަށެވެ. ސިޔާސީ ގޮތުން ސުއޫދުގެ ވިސްނުމާއި އަނެއް ދެ ބޭފުޅުން ގުޅިފައި އޮތް ކޮޅު ވަރަށް ތަފާތެވެ. ދެ ނާޒިމަކީ ވެސް، ސުއޫދު އެންމެ ބޮޑަށް ފާޑުވިދާޅުވަމުން ގެންދެވި ރައީސް މައުމޫން އަބްދުލްގައްޔޫމް ސަރުކާރާ ގުޅުން ބޮޑު ބޭފުޅުންނެވެ. އަދި ސިޔާސީ ދާއިރާގައި އޭރު އެމްޑީޕީއާ އެންމެ އިދިކޮޅު އަޑުތަކެވެ.

ނަމަވެސް އެ ދެ ބޭފުޅުންގެ ވަކީލެއްގެ ގޮތުން ކޯޓަށް ވަޑައިގަންނަވަނީ، ސުއޫދު ވިދާޅުވި ގޮތުގައި، ކޮންމެ މީހަކަށް ވެސް ހައްގު ލިބުމާއި އެއްވެސް މީހަކު ނާއިންސާފުން ހައްޔަރުކޮށް، ޖަލަށް ލުމަކީ ދުވަހަކު ވެސް އޭނާ ގަބޫލުކުރައްވާނެ ސަބަބުތަކަށް ނުވާތީ އެވެ.

"އަޅުގަނޑު އަބަދުވެސް އަޑުއިއްވާނަން ހައްގު ހޯދަން. ނާއިންސާފުން މީހުން ހައްޔަރުކުރާ ތަން ބަލަން ފަސޭހައެއް ނޫން،" ސުއޫދު ވިދާޅުވި އެވެ.

އޭނާ އަށް އެނގިވަޑައިގަތީ ކުރީގެ މެމްބަރު ނާޒިމްގެ ވަކީލުންގެ ގޮތުގައި މަސައްކަތްކުރަން ގިނަ ވަކީލުން ޖެހިލުންވާ ކަމެވެ. ނަމަވެސް ކޯޓުގައި މީހުންގެ ހައްގު ހިމާޔަތްކުރަން އަޑުއިއްވާކަށް ސުއޫދު ޖެހިލުންވެވަޑައެއް ނުގަންނަވަ އެވެ.

"އަޅުގަނޑު ގަބޫލުކުރަނީ ކޮންމެ މީހަކަށް ވެސް އިންސާފުވެރި ޝަރީއަތެއް ލިބެން ޖެހޭނެ ކަމަށް،" ސުއޫދު ވިދާޅުވި އެވެ.

"އެކަމުގައި އަޅުގަނޑު އަޑުއިއްވާނަން. ޖެހިލުމެއް ނުވޭ."

ދެ ނާޒިމުގެ ދިފާއުގައި، ކޯޓު ތެރޭގަ އާއި ކޯޓުން ބޭރުގައި ވެސް އޭނާ ގެންދަވަނީ ކިތައްމެ ވާހަކައެއް ދައްކަވަމުންނެވެ. ވަކި ބައެއްގެ މައްސަލަތަކާ ހަވާލުވެވަޑައިގަންނަވާ އިރު ވެސް އެ ޝަރީއަތްތަކުގައި ކާމިޔާބުނުވާނެކަން އެނގިވަޑައިގަންނަވަ އެވެ.

"އަޅުގަނޑު އެ ބޭފުޅުންނަށް ވެސް ދަންނަވަން އެ ވާހަކަ. އެ ބޭފުޅުން ވެސް އެކަން ގަބޫލުކުރައްވާ،" ސުއޫދު ވިދާޅުވި އެވެ.

އެންމެ ފަހުން މިހާރު އޭނާ ނުކުމެވަޑައިގެން ހުންނެވީ، ސިޔާސީ ގޮތުން އޭނާއާ އެންމެ ދުރު އެއް ލީޑަރުގެ ފަހަތްޕުޅުގަ އެވެ. އެކަމަކު ޕީޕީއެމް މައްސަލާގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދިފާއުކުރައްވަން ވެސް އޭނާ ނުކުމެވަޑައިގަތީ، ސުއޫދު ވިދާޅުވާ ގޮތުގައި، ޝަރުއީ މަރުހަލާގައި ހައްގުތަކެއް ގެއްލިގެން ދާކަން ގަބޫލުކުރައްވާތީ އެވެ. އޭގެ އިތުރުން ޕީޕީއެމް ހިންގުމުގެ ބާރުތައް ރައީސް އަބްދުﷲ ޔާމީނާ ހަވާލުކުރަން ދަށު ކޯޓުން ކުރި ހުކުމުން ގާނޫނީ އަދި ޝަރުއީ ވަރަށް ބޮޑެތި މައްސަލަތަކެއް ނުކުންނަ ކަމަށް ވިދާޅުވި އެވެ.

ޕީޕީއެމްގެ މައްސަލާގައި ދަށު ކޯޓުން ކުރި ހުކުމާ އެކު ސުއޫދު ކުރެއްވި ދެވަނަ ޓްވީޓް

ދަށު ކޯޓުގެ ހުކުމުން ސުއޫދުގެ އިހުސާސްތައް ބަންޑުންވާން ފެށީ މައުމޫންގެ ވަކީލަކަށް ހަމަޖެއްސުމުގެ ވެސް ކުރިންނެވެ. އެ ހުކުމާ އެކު އޭނާ އިނގިރޭސި ބަހުން ކުރެއްވި ފުރަތަމަ ޓްވީޓްގައި ވިދާޅުވީ "ޕީޕީއެމަށް ޝަރުއީ ބަގާވާތެއްގެ ވޭން ތަހައްމަލްކުރަން ޖެހިއްޖެ" ކަމަށެވެ. އަދި ޕާޓީ ހިންގާނެ ބަޔަކު ކަނޑައަޅަން ޖެހޭނީ ޕާޓީގެ މެމްބަރުން ކަމަށް ވެސް ވިދާޅުވި އެވެ.

"ކޯޓަށް ކުރެވިދާނެ ކަންކަން އެބަ ހުރި. މިސާލަކަށް ޕާޓީގެ ރައީސް މައުމޫނަށް އަމުރުކުރެވިދާނެ 24 ގަޑިއިރު ނުވަތަ 48 ގަޑިއިރުގެ ތެރޭގައި ކައުންސިލްގެ ބައްދަލުވުމެއް ބާއްވަން. ނުވަތަ ޕާޓީގެ ކޮންގްރެސްއެއް ބާއްވަން،"

ހަމަ އެ ދުވަހު ދެ ވަނަ އަށް ކުރެއްވި ޓްވީޓްގައި އޭނާ ފާހަގަކުރެއްވީ އަދި މާ ބޮޑު މައްސަލައެކެވެ. އެއީ އެ ހުކުމް ސައްހަ ކަމަށް ވަންޏާ ރައްޔިތުންގެ ވޯޓަކާ ނުލައި، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ރައީސް ޔާމީން އައްޔަންކުރުމުގެ ބާރު ވެސް ކޯޓަށް އޮތުމެވެ.

ސުއޫދު ވިދާޅުވާ ގޮތުގައި ޕާޓީ ހިންގުމުގެ އެއްވެސް ބާރެއް ޕީޕީއެމްގެ އަސާސީ ގަވާއިދުގައި ދީފައި ނުވާ ފަރާތަކަށް އެ ބާރު ކޯޓު ހުކުމަކުން ނުދެވޭނެ އެވެ.

"ކޯޓަށް ކުރެވިދާނެ ކަންކަން އެބަ ހުރި. މިސާލަކަށް ޕާޓީގެ ރައީސް މައުމޫނުގެ މައްޗަށް އަމުރުކުރެވިދާނެ 24 ގަޑިއިރު ނުވަތަ 48 ގަޑިއިރުގެ ތެރޭގައި ކައުންސިލްގެ ބައްދަލުވުމެއް ބާއްވަން. ނުވަތަ ޕާޓީގެ ކޮންގްރެސްއެއް ބާއްވަން،" ސުއޫދު ވިދާޅުވި އެވެ.

"އެކަމަކު މިހާރު ބާރު މިދިނީ ޕާޓީގެ މެމްބަރުން ހޮވާފައި ހުރި ރައީސް އެ ހުރި ގޮތަށް ބަހައްޓާފައި މުޅިން އެހެން މީހަކަށް. އެއީ ކޯޓަށް ކުރެވޭނެ ކަމެއް ނޫން."

އެ ހުކުމާ ގުޅިގެން އެހެން މިސާލެއް ވެސް އޭނާ ނެންގެވި އެވެ. އެއީ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތައް ނުބާއްވާތީ، މަޖިލިހުގެ ރައީސާ ދެކޮޅަށް މަޖިލިހުގެ ދެ މެމްބަރަކު ކޯޓަށް މައްސަލައެއް ހުށަހެޅުމެވެ.

"އަޅުގަނޑު ހިތަށްއަރަނީ އެގޮތަށް ހުށަހަޅައިފިއްޔާ ކޯޓުން ހުކުމްކޮށްފާނެ ބާވައޭ، މަޖިލިހުގައި ނުހިމެނޭ މީހަކާ މަޖިލިހުގެ ރައީސްކަން ހަވާލުކުރަން؟" އޭނާ ވިދާޅުވި އެވެ.

ސިޔާސީ ބައެއް ވެރިންގެ ހިމާޔަތުގައި ސުއޫދު ކުރައްވާ މަސައްކަތްތަކުގެ ނިޔަތާ މެދު މިހާރު ސުވާލެއް ނެތެވެ. އޭނާގެ އަޒުމަކީ އެ ބޭފުޅުންގެ ހައްގުތައް ހިމާޔަތްކުރެއްވުމެވެ. އިންސާފުވެރި ޝަރީއަތްތަކެއް ލިބޭތޯ ހިތްވަރުކުރެއްވުމެވެ.

އެ މަސައްކަތްތަކުގައި އޭނާގެ އަޑުއިއްވަވާކަށް ޖެހިލުންވެވަޑައެއް ނުގަންނަވަ އެވެ. ކޯޓު ތެރޭގައި ނަމަ ފަނޑިޔާރުން އޭނާ ހުއްޓުވަން ދެނެވެ. ކޯޓުން ބޭރުގައި ނަމަ، ހުއްޓުވާނެ ފަނޑިޔާރެއް ނެތް މާހައުލެއްގައި، ޓްވިޓާ ފަދަ ވަސީލްތައް މެދުވެރިކޮށެވެ.