ކުޅިވަރު / އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕް

ސަމާހުގެ ލަނޑުން މޮޅުވެ އީގަލްސް ޔޫތު ޗެމްޕިއަންޝިޕް ފައިނަލަށް

ސަމާހު އީގަލްސް ފައިނަލަށް ގެންގޮސްދިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

މިހާރު ކުރިޔަށްދާ 19 އަހަރުން ދަށުގެ އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލުގައި މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކުލަބް 1-0 އިން ބަލިކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.

މި އަހަރުގެ ޔޫތު ޗެމްޕިއަންޝިޕް މުބާރާތުގެ ފައިނަލް ކުޅޭނީ އަންނަ އާދިއްތަ ދުވަހުގެ ހަވީރު ފ. ނިލަންދޫ ފުޓުބޯޅަ ދަނޑުގަ އެވެ. ފައިނަލުގައި އީގަލްސްއާ ދެކޮޅަށް ކުޅޭނީ ޔުނައިޓެޑް ވިކްޓަރީ އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) މިރޭ ކުޅޭ ސެމީ ފައިނަލުގެ ދެވަނަ މެޗުން މޮޅުވާ ޓީމެކެވެ.

އީގަލްސް ސެމީ ފައިނަލުން ޖާގަ ހޯދީ ގުރޫޕް ސްޓޭޖުގެ އެއްވެސް މެޗަކުން ބަލި ނުވެ އެވެ. ގުރޫޕް ސްޓޭޖުގައި އެޓީމު ކުޅުނު ހަތަރު މެޗުގެ ތެރެއިން އެއްވަރުވީ މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗެވެ. އަދި މިހާތަނަށް މި މުބާރާތުގައި އީގަލްސް ކޮޅަށް އެންމެ ގޯލެއް ވެސް ވަދެފައެއް ނުވެ އެވެ.

ޓީސީގެ ޑިފެންޑަރު އަހުމަދު މާއިޝް ރަޝީދު އީގަލްސްގެ ސަމާހު އަށް ހުރަސް އަޅަނީ.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

މިއަދުގެ މެޗުގައި އީގަލްސްގެ ކުރިޔަށް ކުޅެމުން އައި ޒައިން ޒަފަރާއި މުހައްމަދު ރަޔާން މުސްއަދު މަންސޫރަށް ވަނީ އަނިޔާ ވެގެން ބަދަލު ކުރަން ޖެހިފަ އެވެ. މި ހާފުގައި އީގަލްސް އަށް ޓީސީގެ ގޯލާ އަމާޒުކޮށް މާ ރަނގަޅު ހަމަލާއެއް ފޮނުވާ ނުލެވުނު އިރު، ޓީސީން ވަނީ އީގަލްސްގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އީގަލްސްގެ ޑިފެންސާއި ގޯލްކީޕަރު ޝައިހާން އަލީ ވަނީ ޓީސީގެ އެޓޭކްތައް ހުއްޓުވުމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ދެވަނަ ހާފުގައި، މެޗުގެ 58 ވަނަ މިނިޓުގައި ޓީސީގެ ކޯޗު އަޝްރަފް ލުތުފީ ވަނީ އެ ޓީމުގެ އައިހަމް ހަމްދޫނާއި ހަސަން އަޒޫމު އަލީ އަދި ފަހުމާން އަބްދުލް ހަމީދު ކުޅެން އަރުވައިފަ އެވެ. މި ބަދަލާ އެކު ޓީސީން ކުޅުން އިތުރަށް ރަނގަޅު ކުރި ނަމަވެސް، މެޗުގެ 66 ވަނަ މިނިޓުގައި ލިބުނު ކޯނަރަކުން އޭރިއާ ތެރޭ ހުސްކޮށް ހުރި މުހައްމަދު ސަމާހް މޫސާ ފަތުހީ ވަނީ ހުރަސްވި ބޯޅަ ބޮލުން ޖަހައި އީގަލްސް އަށް ލީޑު ނަގައިދީފަ އެވެ.

ސަމާހު އީގަލްސް އަށް ލަނޑު ޖެހުމަށް ފަހު: މިއީ އޭނާ މުބާރާތުގައި ކާމިޔާބުކުރި ހަވަނަ ގޯލު.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވުނީ އީގަލްސް އަށް ލަނޑު ޖަހައިދިން ސަމާހު އެވެ. މި ލަނޑަކީ އޭނާ މުބާރާތުގައި ޖެހި ހަވަނަ ލަނޑެވެ. ގުރޫޕް ސްޓޭޖުގައި ގްރީން ސްޓްރީޓްސް ކޮޅަށް ހަތަރު ލަނޑު ޖެހިއިރު، ސަސްއާ ދެކޮޅަށް ކުޅެ މޮޅުވި މެޗުގައި ޖެހި ހަމައެކަނި ލަނޑުވެސް ޖެހީ އޭނާ އެވެ.

އީގަލްސް އިން ލީޑު ނެގިތާ އިރުކޮޅެއް ފަހުން ޓީސީ އަށް ވަނީ އެއްވަރުކުރަން ރަނގަޅު ފުރުސަތެއް ލިބި، ނާކާމިޔާބުވެފަ އެވެ. އީގަލްސް ޑިފެންޑަރެއް އަތުން އަޒޫމް ބޯޅަ ހޯދައި އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ކީޕަރު ދިފާއު ކުރުމުން ކުޅުމުގެ ތެރެއަށް އައި ބޯޅަ އައިހަމް ހޯދައި، އަޒޫމް އަށް ޖައްސާލުމުން އޭނާ ދިނީ ގޯލު ކުރިމަތީ ހުސްކޮށް ހުރި ފަހުމާނަށެވެ. ނަމަވެސް ފަހުމާން އެއްފަހަރުން ފޮނުވާލި ބޯޅަ އީގަލްސްގެ ކެޕްޓަން ހުމެއިދު ހުސެއިން ވަނީ ގޯލު ލައިން މަތީ ހުރެ ބޮލުން ދިފާއު ކޮށްފަ އެވެ.

މިއީ އީގަލްސް މުބާރާތުގެ ފައިނަލުގައި ވާދަކުރާނެ ހަތްވަނަ ފަހަރެވެ. މީގެ ކުރިން ހަތަރު ފަހަރު ޔޫތު މުބާރާތް ކާމިޔާބު ކޮށްފައިވާ އީގަލްސް އަކީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. އަދި އީގަލްސް އަކީ ޖެހިޖެހިގެން ތިން ފަހަރު މުބާރާތް ކާމިޔާބުކުރި ހަމައެކަނި ޓީމެވެ.

1 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބަގަޓު

09 February 2022

ޓީމްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތް ލިޔެލަންފެނޭ... އޭރުން ވާނުވާ އެގޭނީ ދެއްތޯ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454