ރެޑްބާޑްގެ ފައުންޑާ އަދި މެނޭޖިން ޑިރެކްޓަރު ޖެރީ ކާޑިނޭލް (ވ) އޭސީ މިލާންގެ ޑިރެކްޓަރު ޕައޮލޯ މަލްޑިނީ އާއެކު.
01 ސެޕްޓެމްބަރ 2022 - 08:49
މިލާން (ސެޕްޓެމްބަރު 1) – އިޓަލީގެ ޗެމްޕިއަން އޭސީ މިލާން ހިންގަމުން އަންނަ އެމެރިކާގެ އިންވެސްޓްމަންޓް ކުންފުނި އެލިއޮޓް މެނޭޖްމަންޓުން އެ ކްލަބް އެމެރިކާގެ އެހެން އިންވެސްޓްމަންޓް ކުންފުންޏެއް ކަމަށްވާ ރެޑްބާޑް ކެޕިޓަލްސް އަށް 1.3 ބިލިއަން ޑޮލަރަށް ވިއްކާލައިފި އެވެ.
ރެޑްބާޑްއާ އެކު މިލާނަށް އިންވެސްޓްކުރި ކުންފުނިތަކުގެ ތެރޭގައި އެމެރިކާގެ މަޝްހޫރު ބޭސްބޯލް ކްލަބް ނިއު ޔޯކް ޔަންކީސް ހިންގާ ޔަންކީ ގްލޯބަލް އެންޓަޕްރައިސަސް ހިމެނެ އެވެ. މީގެ އިތުރުން އެމެރިކާގެ ބާސްކެޓްބޯޅަ ތަރި ލެބްރަން ޖޭމްސް ވެސް މައިނޯރިޓީ ހިއްސާދާރުންގެ ތެރޭ ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އެލިއޮޓް ގެ ހިއްސާއެއް މިހާރު ކްލަބުގައި ނެތަސް ކޮންސަލްޓަންޓުންގެ ގޮތުގައި އެ ކުންފުނިން މިލާނުގެ ބޯޑުގައި ދެ މެމްބަރުން ބައިތިއްބާނެ އެވެ. އެލިއޮޓް އަކީ، ސިލްވިއޯ ބާލުސްކޯ އަތުން 2017 މިލާން ގަންނަން ޗައިނާގެ އިންވެސްޓަރު ލީ ޔޮންގޮން ލޯން ނެގި ކުންފުންޏެކެވެ. އޭނާ އަށް އެ ލޯނު ދެއްކޭ ގޮތް ނުވުމުން އެލިއޮޓް އިން 2019 ގައި މިލާނާ ހަވާލުވީ އެވެ.
ރެޑްބާޑުން ކްލަބް ގަތް ނަމަވެސް، އެލިއޮޓް އިން އެ ކްލަބަށް ލާފައިވާ ޓެކްނިކަލް ޑިރެކްޓަރު އަދި މިލާނުގެ ކުރީގެ ކެޕްޓަން ޕައޮލޯ މަލްޑިނީ މަގާމުގައި ދެމި ހުންނާނެ އެވެ. މަލްޑިނީ އަކީ 1986 އިން 2017 އިޓަލީގެ ކުރީގެ ބޮޑުވަޒީރު އަދި މަހުޖަނު ބާލުސްކޯނީ ކްލަބް ހިންގި ކާމިޔާބު ދުވަސްވަރު އެ ޓީމާ އެކު ފަސް ފަހަރު ޗެމްޕިއަންސް ލީގު ހޯދި ކުޅުންތެރިއެކެވެ. އޭނާގެ ރޭވުމުގެ ދަށުން މިލާން ހަމަޔަކަށް އަޅުވައި މިދިޔަ ސީޒަނުގައި އިޓަލީގެ ޗެމްޕިއަންކަން ހޯދައިދިނެވެ.
މިލާނުގެ މައި ހިއްސާދާރު ރެޑްބާޑް އަކީ އިންގްލެންޑުގެ ލިވަޕޫލްގެ ވެރިން ކަމަށްވާ ފެންވޭ ސްޕޯޓްސް ގުރޫޕުގެ ހިއްސާ އޮންނަ ކުންފުންޏެކެވެ. ފެންވޭ ސްޕޯޓްސް ގުރޫޕުން ވަނީ ލިވަޕޫލްގެ އިތުރުން ބޭސްބޯޅަ ޓީމު ބޮސްޓޮން ރެޑް ސޮކްސް އާއި ފްރާންސްގެ ޓުލޫސް އެފްސީ އާއި އިންޑިއާގެ ރާޖެސްތާން ރޯޔަލް ކްރިކެޓް ޓީމަށް ވެސް އިންވެސްޓް ކޮށްފަ އެވެ.
ރެޑްބާޑުގެ ވިސްނުމުގައި ހުރީ ޔަންކީސް މެދުވެރިކޮށް އެމެރިކާގައި މިލާނުގެ ބްރޭންޑް ވަރުގަދަކުރުމާއި ކްލަބަށް ހާއްސަ ސްޓޭޑިއަމެއް ބިނާކުރުމަށެވެ. މީގެ ސަބަބުން އާމްދަނީ ވަރަށް ބޮޑަށް އިތުރުވެގެންދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް
01 September 2022
އަހަރުމެން ކުޑަ އިރު ބުއީ ''ރެޑްމޭން'' ޖޫސް.ހެހެހެހެހެހެ