ކުޅިވަރު / މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން

މޯލްޑިވްސް އޯޕަން ޓެން ބޯލް ބިލިއާޑް ޗެމްޕިއަންޝިޕް ލޯންޗުކޮށްފި

ކުޅިވަރު މިނިސްޓަރު މަހުލޫފް، "މޯލްޑިވްސް އޯޕަން 2023" 10 ބޯލް ޗެމްޕިއަންޝިޕް ރަސްމީކޮށް އިއުލާން ކޮށްދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މި އޭޕްރީލް މަހުގެ 22-26 އަށް ރާއްޖޭގައި ބާއްވަން ހަމަޖެހުނު ނައިން ބޯލް އޭޝިއަން ޓުއާގެ އިވެންޓްގެ ބަދަލުގައި، ވޯލްޑް ޕޫލް-ބިލިއާޑް އެސޯސިއޭޝަން (ޑަބްލިއުޕީއޭ) އާ ގުޅިގެން ހަމަ މި ތާރީހުގައި މޯލްޑިވްސް އޯޕަން ޓެން ބޯލް ޗެމްޕިއަންޝިޕެއް ބާއްވާގޮތަށް ހަމަޖެހިއްޖެ އެވެ.

"މޯލްޑިވްސް އޯޕަން 2023" ޓެން ބޯލް ޗެމްޕިއަންޝިޕަކީ ދުނިޔޭގެ ބިލިއާޑް ފެޑެރޭޝަނާއި އޭޝިއަން ކޮންފެޑެރޭޝަން އޮފް ބިލިއާޑް ސްޕޯޓްސް (އޭސީބީއެސް) ރެކޮގްނީޝަން އާއެކު ބާއްވާ މުބާރާތެކެވެ. ރާއްޖޭގައި ބާއްވާ މި މުބާރާތަކީ މި އަހަރުގެ "އޭޝިއަން ޓެން ބޯލް ޓުއާ" ސީރީޒްގެ ފުރަތަމަ މުބާރާތެވެ.

ފިރިހެން އެތުލީޓުންނަށް އަމާޒު ކޮށްގެން ބާއްވާ މި މުބާރާތަކީ ރާއްޖޭގައި ބޭއްވޭ ބައިނަލްއަގުވާމީ ބިލިއާޑް ފުރަތަމަ މުބާރާތެވެ. މޯލްޑިވްސް އޯޕަން ޓެން ބޯލް ޗެމްޕިއަންޝިޕް މުބާރާތުން، އޭޝިއާގެ ރޭންކިން އާއި ދުނިޔޭގެ ރޭންކިން އަށް ވެސް ޕޮއިންޓް ގުނާނެ އެވެ.

ދުނިޔޭގެ ޕްރޮފެޝަނަލް ބިލިއާޑް ކުޅުންތެރިން ވާދަކުރާ މި މުބާރާތުގައި ރާއްޖޭގެ 16 އެތުލީޓުންނަށް އެމީހުންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ލިބޭނެ އެވެ. އެސޯސިއޭޝަންގެ ރޭންކިން އިން ގަދަ އަށް ކުޅުންތެރިންނަށް އޮޓަމެޓިކް ޖާގައެއް ލިބިފައި ވާއިރު، ބާކީ އަށް ކުޅުންތެރިން ހޮވަން ވަނީ ކޮލިފައިން އެއް ވެސް ބާއްވައިފަ އެވެ.

މިއީ 130،000 ޑޮލަރުގެ އަގުހުރި މުބާރާތެކެވެ. ޗެމްޕިއަން ކުޅުންތެރިޔާ އަށް 30،000 ޑޮލަރު ހުށަހެޅިފައިވާ މި މުބާރާތުގައި ޖުމްލަ 64 އެތުލީޓުން ވާދަ ކުރާނެ އެވެ.

"މޯލްޑިވްސް އޯޕަން 2023" 10 ބޯލް ޗެމްޕިއަންޝިޕް ރަސްމީކޮށް އިއުލާން ކުރުމުގެ ރަސްމިއްޔާތުގައި މީޑިއާ އަށް މައުލޫމާތު ދެނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މުބާރާތް އިއުލާން ކުރަން ރޭ ގައުމީ ބިލިއާޑް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކުޅިވަރު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ، އޭޝިއާ އަދި ދުނިޔޭގެ ރޭންކިން އަށް ޕޮއިންޓް ގުނާ މި މުބާރާތުގެ ސަބަބުން ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ބިލިއާޑް ކުޅުންތެރިންނާއި އެސޯސިއޭޝަނަށް ބޮޑު ސަމާލުކަމެއް ލިބިގެންދާނެ ކަމަށެވެ.

އެމްޕީބީއޭގެ ޗެއާމަން އަހުމަދު ނާސިފް ވިދާޅުވީ މިއީ ރާއްޖެއަށް ލިބުނު ޝަރަފެއް ކަމަށާއި، މިކަން ހާސިލް ކުރަން ދިވެހި ސަރުކާރާއި ސްޕޯޓްސް މިނިސްޓްރީ އިން ވެދެއްވި އެހީ އަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި މި މުބާރާތް ސިލްސިލާ ގޮތެއްގައި އަންނަ އަހަރުވެސް ބާއްވަން މަސައްކަތް ކުރައްވާނެ ކަމަށް ނާސިފް ވިދާޅުވި އެވެ.

ރާއްޖޭގެ ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން ވަނީ މިއަހަރުގެ ގައުމީ ރޭންކިން އަށް ގުނާ އެއިޓް ބޯލް ޗެމްޕިއަންޝިޕް އާއި ޓެން ބޯލް ޗެމްޕިއަންޝިޕް ބާއްވައިފަ އެވެ. އަދި ނައިން ބޯލް ޗެމްޕިއަންޝިޕް ތާވަލް ކުރެވިފައި ވަނީ އަހަރުގެ ފަހުކޮޅަށެވެ.

ސަރުކާރުން ކުޅިވަރު ވަސީލަތްތައް ގާއިމް ކުރުމުގެ ޕްލޭނުގެ ދަށުން 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހު ވަނީ ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސް ގައި ބިލިއާޑް ހައުސް އެއް ގާއިމްކޮށް ރަސްމީކޮށް ހުޅުވައިފަ އެވެ. އަދި ޖެހިގެން އައި އަހަރު ވަނީ މާލޭގެ ބިލިއާޑް ފެސިލިޓީ ގައި 12 މޭޒު ބަހައްޓައި، ދުނިޔޭގެ ފެންވަރުގެ ފެސިލިޓީއަކަށް އެތަން ތަރައްގީކޮށް ހުޅުވައިފަ އެވެ.

ބިލިއާޑް އެސޯސިއޭޝަނުން ވެސް އަންނަނީ ރާއްޖޭގައި މި ކުޅިވަރު ތަރައްގީކޮށް ފުޅާކުރަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މާލޭގެ ބިލިއާޑް ފެސިލިޓީ ތަރައްގީ ކުރުމާ އެކު އެ އަހަރު ވަނީ ގައުމީ މުބާރާތް ބާއްވަން ފަށައިފަ އެވެ. އަދި ރަށްރަށުގައި ބާއްވާ މުބާރާތްތަކުން ފާހަގަ ކޮށްލެވޭ ކުޅުންތެރިންނަށް ގައުމީ މުބާރާތުން ފުރުސަތު ފަހިކޮށްދިނުމުގެ އިތުރުން، ޒުވާން ކުޅުންތެރިން އުފައްދަން ޔޫތު ޑިވެލޮޕްމަންޓް ޕްރޮގުރާމެއް ވެސް ވަނީ ފަށައިފަ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454