މިދިޔަ އަހަރު ތުލުސްދޫގައި ބޭއްވި ދިވެހި ސާފް ލީގުގެ ރަންދާ ރާޅުގަނޑު މުބާރާތުގެ ފިރިހެން އޯޕަން އަދި ޖޫނިއާ ކެޓެގަރީގެ އެއްވަނަ އަދި ދެވަނައަށް ދިޔަ ރާޅާއެޅުންތެރިން.-- ފޮޓޯ: އެމްއެސްއޭ
18 ޖޫން 2024 - 15:57
ދިވެހި ސާފް ލީގުގައި މިއަހަރު ކ. ހިންމަފުށީގައި ބާއްވާގޮތަށް އިއުލާން ކުރި "ގާމާދޫކޮޅު" މުބާރާތް ކެންސަލް ކޮށް، އޭގެ ބަދަލުގައި ކ. ތުލުސްދޫގައި މުބާރާތް ކުރިއަށް ގެންދަން ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން ނިންމައިފި އެވެ.
ގާމާދޫކޮޅު މުބާރާތް ބާއްވަން އެމްއެސްއޭ އިން ތާވަލް ކުރީ މިމަހުގެ 12 އިން 15 އަށެވެ.
މިދިޔަ އަހަރު ވެސް އެމްއެސްއޭއިން ވަނީ ލީގުގެ އެއް މުބާރާތް ކެންސަލް ކޮށް، އެ މުބާރާތް ތުލުސްދޫއަށް ބަދަލު ކޮށްފަ އެވެ. އެއީ، ރ. ކިނޮޅަހުގައި ބާއްވަން އޮތް "ހުރާކޮޅު ރާޅުގަނޑު" މުބާރާތެވެ.
ތުލުސްދޫގައި މުބާރާތް ކުރިއަށް ގެންދަނީ "ރަންދާ ރާޅުގަނޑު" ގެ ނަމުގަ އެވެ.
މިއަހަރުގެ ސާފް ލީގު ކަލަންޑަރުގައި އެމްއެސްއޭ އިން ވަނީ ހަރަތު އިވެންޓެއް ތާވަލް ކޮށްފަ އެވެ. އެގޮތުން ފުރަތަމަ މުބާރާތް ކަމަށްވާ "ކަޅެގަލެކޮޑާ" ވަނީ ގދ. ގައްދޫގައި ފެބްރުއަރީ 14 އިން 16 އަށް ކާމިޔާބު ކަމާއެކު ނިންމާލައިފަ އެވެ.
މިއަހަރުގެ ކަޅެގަލެކޮޑާ މުބާރާތުގައި ފިރިހެން އޯޕަން ބައިގެ ޗެމްޕިއަންކަން ހޯދީ ނަޖާހު މުހައްމަދު (ކަބޯ) އެވެ. އަދި 18 އަހަރުން ދަށުގެ ފިރިހެން ޖޫނިއާ ބައިގެ ޗެމްޕިއަންކަން ހޯދީ މިދިޔަ އަހަރުގެ ޖޫނިއާ ލީގު ޗެމްޕިއަންކަން ހޯދި ކަޔާން އަބްދުﷲ އަރީފް (ކައިޕުޓީ) އެވެ.
ލީގުގައި ދެން އެންމެ އަވަހަށް އޮންނާނީ އަންނަ މަހުގެ 24 އިން 27 އަށް މ. މުލީގައި ބާއްވާ "މުލީކޮޅު ރާޅުގަނޑު" މުބާރާތެވެ. ތުލުސްދޫގައި ރަންދާ ރާޅުގަނޑު މުބާރާތް އޮންނާނީ، އޮގަސްޓް 17 އިން 24 އަށް އެރަށުގައި ކުރިއަށްގެންދަން ހަމަޖެހިފައިވާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްސް އަށް ފަހު، އޮގަސްޓް 27 އިން 30 އަށެވެ.
ސާފް ލީގުގެ އެންމެ ފަހު މުބާރާތް ކަމަށްވާ "ރަންނަމާރި ޗެލެންޖް" މާލޭ ރާޅުގަނޑު ސަރަހައްދުގައި ކުރިއަށް ދާނީ އޮކްޓޫބަރު 27 އިން ނޮވެމްބަރު 2 އަށެވެ.
މިއީ އެމްއެސްއޭ އިން ރާޅާއެޅުމުގެ ގައުމީ ލީގެއް ތައާރަފް ކޮށްގެން ކުރިއަށް ގެންދާ ތިންވަނަ އަހަރެވެ. އެންމެ ފުރަތަމަ މުބާރާތް ބޭއްވި 2022 ވަނަ އަހަރާއި މިދިޔަ އަހަރު ވެސް ލީގުގައި ފަސް މުބާރާތެއް ބާއްވާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy