ޖުމުލަ 24 ޓީމާ އެކު، މިދިޔަ މަހުގެ 21 ގައި މޮރޮކޯގައި ފެށި އެފްރިކަން ކަޕް އޮފް ނޭޝަންސްގައި މިހާރު ވަނީ ގަދަ 8 ޓީމު ވާދަކުރާ ކުއާޓާ ފައިނަލަށް ތައްޔާރު ވެފަ އެވެ.
ތިން ހަފުތާއެއްހާ ދުވަހުގެ މުއްދަތުގެ ތެރޭގައި ގުރޫޕް ސްޓޭޖާއި ގަދަ 16 ގެ މެޗުތައް ނިންމާފައިވާއިރު، ކުއާޓާ ފައިނަލްގެ ފުރަތަމަ މެޗުގައި މިރޭ ފަށާނީ މާލީ އާއި ސެނެގާލް ބައްދަލުކުރާ މެޗުންނެވެ. އެ އަށް ފަހު، މޮރޮކޯއާ އާއި ކެމަރޫން ވެސް ބައްދަލުކުރާނެ އެވެ.
- ކުއާޓާ ފައިނަލް 1 - ޖެނުއަރީ 9، 2025 (21:00) : މާލީ / ސެނެގާލް
- ކުއާޓާ ފައިނަލް 2 - ޖެނުއަރީ 10، 2025 (00:00) : ކެމަރޫން / މޮރޮކޯ
- ކުއާޓާ ފައިނަލް 3 - ޖެނުއަރީ 10، 2025 (21:00) : އަލްޖީރިއާ / ނައިޖީރިއާ
- ކުއާޓާ ފައިނަލް 4 - ޖެނުއަރީ 11، 2025 (00:00) : މިސްރު / އައިވަރީ ކޯސްޓް
ގުރޫޕް ސްޓޭޖް: މެޗަކުން މޮޅު ނުވެ މާލީ ދެވަނަ ބުރަށް
ވާދަކުރި 24 ޓީމު ހަ ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ ގުރޫޕް ސްޓޭޖްގައި މޮރޮކޯ އާއި ނައިޖީރިއާ އާއި މިސްރު އަދި ސެނެގާލާއި އަލްޖީރިއާ އާއި އައިވަރީ ކޯސްޓް ފަދަ ގައުމުތައް ވަނީ ގުރޫޕްގެ އެއްވަނަ ހޯދައިފަ އެވެ. ނައިޖީރިއާ އާއި މިސްރު އަދި އަލްޖީރިއާ ވަނީ ގުރޫޕް ސްޓޭޖްގެ ހުރިހާ މެޗެއް ވެސް ކާމިޔާބު ކޮށްފަ އެވެ.
މާލީ ގުރޫޕް ސްޓޭޖު ނިންމާލީ، މޮރޮކޯއާ އެއް ގުރޫޕެއްގައި ތިން މެޗުން ވެސް ޕޮއިންޓެއް ހޯދައިގެން ދެވަނައިގަ އެވެ. އެންމެ މެޗަކުން ވެސް މޮޅު ނުވެ ދެވަނަ ހޯދުމުން އެ ޓީމަށް ވަނީ ބޮޑު ސަމާލުކަމެއް ވެސް ލިބިފަ އެވެ.
ގުރޫޕްތަކުން ތިންވަނަ އަށް ހޮވުނު ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ އިން ގަދަ 16 އަށް ހޮވުނީ މޮޒަންބިކާއި ބެނިން އަދި ތަންޒާނިއާ އާއި ސޫދާނެވެ. ޓަންޒާނިއާ އަށް ގުރޫޕްގެ ތިންވަނަ ލިބުނީ ދެ ޕޮއިންޓާއެކު އެވެ.
ގަދަ 16: މާލީ އަދިވެސް 90 މިނިޓުތެރޭ މޮޅެއް ނުވޭ
ގަދަ 16 ގައި މާލީ މެޗުގެ ފުރަތަމަ 30 މިނިޓަށް ފަހު، އެކަކު މަދުކޮށް ކުޅެން ޖެހުނު ނަމަވެސް 1-1 އިން އެއްވަރު ކޮށްގެން ވަނީ ޕެނަލްޓީގައި 3-2 އިން ޓިއުނީޝިއާ ބަލިކޮށްފަ އެވެ.
ސެނެގާލް ކުއާޓާ އަށް ދަތުރު ކުރީ 3-1 އިން ސޫދާން ބަލިކޮށްގެންނެވެ. ނައިޖީރިއާ އިން 4-0 އިން މޮޒަންބިކު ބަލި ކުރި އިރު މި މެޗުގައި ވިކްޓާ އޮސިމްހެން ވަނީ ދެ ގޯލު ޖަހައިފަ އެވެ. އަދި އަޑެމޯލާ ލުކްމަން ވެސް ގޯލެއް ޖެހި އެވެ.
މިސްރުން ބެނިން ބަލިކުރީ އިތުރު ވަގުތުގައި މުހައްމަދު ސަލާހު ކާމިޔާބުކޮށްދިން ގޯލާ އެކު 3-1 އިންނެވެ. އަލްޖީރިއާ ވަނީ 119 ވަނަ މިނިޓުގައި އާދިލް ބުލްބީނާގެ ގޯލުން 1-0 އިން ޑީއާރު ކޮންގޯ ބަލިކޮށްފަ އެވެ.
މޮރޮކޯ މޮޅުވީ ޓަންޒާނިއާއާ ވާދަކޮށް 1-0 އިންނެވެ. މޮރޮކޯޣެ ލަނޑު ޖަހައިދިނީ ބްރަހީމް ޑިއާޒް އެވެ. އަދި ކެމަރޫން ވަނީ 2-1 އިން ދެކުނު އެފްރިކާ ބަލިކޮށްފަ އެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ އަމަޑް ޑިއާލޯގެ ގޯލަކާ އެކު ބުރްކީނާ ފާސޯއާ ވާދަކޮށް އައިވަރީ ކޯސްޓް މޮޅުވީ 3-0 އިންނެވެ.
ކުއާޓާގެ ކުރިން މާލީގެ ކޯޗު: އުންމީދު ކުރި ވަރުގެ ސެނެގާލެއް ނުފެނޭ
ކުއާޓާ ފައިނަލްގައި މިރޭ މާލީ އާއި ސެނެގާލް ބައްދަލުކުރާއިރު، މާލީ އާއި ސެނެގާލަކީ ހުޅަނގު އެފްރިކާގައި ވަރުގަދަ ވާދަވެރިންނެވެ. މެޗުގެ ކުރިން މާލީގެ ކޯޗު، ބެލްޖިއަމްގެ ޓޮމް ސެއިންޓްފިއެޓް ވަނީ ސެނެގާލުން މުބާރާތުގައި މިހާތަނަށް ދައްކާފައި ވަނީ އޭނާ ހީކުރި ވަރުގެ މޮޅު ކުޅުމެއް ނޫން ކަމަށް ބުނެފަ އެވެ.
މުބާރާތުގެ ހޯސްޓް މޮރޮކޯގެ ފޯވާޑް ލައިން ލީޑު ކުރަނީ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބްރަހީމް ޑިއާޒް އެވެ. މިހާތަނަށް ހަތަރު ގޯލު ޖަހައިގެން މުބާރާތުގެ ލަނޑު ލިސްޓުގެ ކުރީގައި ވެސް އޮތީ އޭނާ އެވެ. މުބާރާތް ފަސް ފަހަރު ކާމިޔާބު ކޮށްފައިވާ ކެމަރޫނާ ދެކޮޅަށް މިރޭ މޮރޮކޯ ނުކުންނާނެ އެވެ.
މާދަމާ ރޭ އަލްޖީރިއާ އާއި އެންމެ ފަހުގެ ރަނަރަޕް ނައިޖީރިއާ ދެކޮޅަށް ނުކުންނާނެ އެވެ. ނައިޖީރިއާގެ އޮސިމްހެން އާއި ލުކްމަން އަދި އަލްޖީރިއާގެ ރިޔާދް މާރޭޒްގެ އިތުރުން އައިވަރީ ކޯސްޓްގެ އަމަޑް ޑިއާލޯ އާއި މިސްރުގެ ސަލާހު އަދި މާލީގެ ލަސީން ސިނަޔޯކޯ އާއި މޮރޮކޯގެ އައްޔޫބް އަލް ކާބީ ވެސް ވަނީ ތިން ގޯލު ޖަހައިފަ އެވެ.
ތިން ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ނައިޖީރިއާގެ ސްޕޯޓްސް މިނިސްޓްރީން ވަނީ މުބާރާތުގައި ކުޅުންތެރިންނަށް ގޯލް ބޯނަސް އެއް ދޭން ނިންމައިފަ އެވެ. އެގޮތުން ގުރޫޕް ސްޓޭޖުގައި ޖަހާ ކޮންމެ ގޯލަކަށް 5،000 ޑޮލަރުގެ ބޯނަހެއް ކަނޑައަޅާފައިވާއިރު، ނޮކައުޓް ބުރުގައި ޖަހާ ކޮންމެ ގޯލަކަށް 10،000 ޑޮލަރު ދޭނެ އެވެ.
މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ހަތް ފަހަރު ތަށި ހޯދާފައިވާ މިސްރެވެ. އެ ޓީމު މާދަމާ ރޭ ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން އައިވަރީ ކޯސްޓާ ދެކޮޅަށެވެ.