ކޮންމެ މީހެއްގެ އަތުގައި ކޮފީ ތައްޓަކާއި ދުންފަތުގެ ދުން އަރާ ކޮންމެވެސް އެއްޗެކެވެ. ދުފާ މީހުން ދުފަނީ އެވެ. ވާހަކަ އޮލަ އެވެ. "އުދުހިފައި" ދާ ސައިކަލުތަކާއި ކާރުތަކުގެ އަޑު ނުކެނޑެ އެވެ. އެކަމަކު މިއީ ދުވަސް ފެށޭ ކާރޫބާރު ބޮޑު ވަގުތެއް ނޫނެވެ؛ މެންދަމެވެ.
މިއީ ހުޅުމާލޭގައި 24 ގަޑިއިރުގެ ހިދުމަތް ދޭ، ޓޭކްއަވޭ ދެ ކެފޭ ކައިރިކައިރީގައި ހުރި ހިސާބެއްގެ މަންޒަރެވެ. ދަންވަރު ހުޅުވާފައި ހުންނަ ވަގުތުތަކުގައި، އެތަނުގެ ކައިރީގައި ތިބެގެން ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ކަމަށް "ނަމަކަށް" ޖަހާފައިވާ އިންޒާރުގެ ނޯޓިސްއެއް ވެސް ބޭރުގައި ހުއްޓެވެ. މުޅި ހިސާބު އޮތީ ވިހަ ދުމުން އެއްވަސް ވެފަ އެވެ.
ދަންވަރު ވިޔަފާރިކުރާ ބައެއް ތަންތަނުގެ މީހުން ދެއްކި ވާހަކައިން ވެސް އެނގެނީ ފެންނަ މަންޒަރާ އެއްގޮތަށް، ދަންވަރު އެންމެ ގިނައިން ގަންނަނީ ކޮފީ އާއި ސިނގިރެޓް ކަހަލަ އެއްޗެހިކަމެވެ. ދެން ތައްޔާރީ އެކި ކާނާތަކެވެ. ރޭގަނޑުގެ އަރާމު ނިދި ނަގާލާފައި ކޮފީ އާއި ސިނގިރެޓްގެ ތެރެއަށް ގެއްލިފައި އެތައް ދަމެއް ވަންދެން ވެސް މީހުން ތިބެނީ އެވެ. މާނަ އަކީ، އެންމެ މުހިންމު ނިދި ދޫކޮށްލާފައި ބޭކާރު ގޮތުގައި ތިބެނީ އެވެ.
މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނިގެން، ސައި ހޮޓާ ކެފޭ އަދި ފިހާރަ ފަދަ ތަންތަން 24 ގަޑިއިރު ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދިނުމާ އެކު އެތައް ތަނެއް އެގޮތަށް ހިންގަން ފެށި އެވެ. މިހާރު ފެންނަނީ މާލޭގައި ގިނަވެފައިވާ، ޓޭކްއަވޭ ކޮފީ ވިއްކާ ތަންތަން ވެސް މިގޮތަށް ބަދަލުވަމުން ދާތީ އެވެ.
ސައި ހޮޓާތަކާއި ކެފޭތަކާއި ފިހާރަތައް 24 ގަޑިއިރު ހުޅުވާފައި ބެހެއްޓުމަކީ އަބަދުވެސް ބަހުސް ބޮޑު ކަމެކެވެ. އެކި ބާވަތުގެ މަސައްކަތްކުރާ މީހުން ގިނަވެ ރެޔާއި ދުވާލު ކުރާ މަސައްކަތް ގިނަވުމުން ހިދުމަތްތައް ވެސް އެގޮތަށް ބަދަލުވާންޖެހޭ ކަމަށް ދެކޭ މީހުން ވަރަށް ގިނަ އެވެ. އެކަމަކު އަނެއް ބަޔަކު ދެކެނީ ވީހާވެސް އަވަހަށް ތަންތަން ބަންދުކޮށް ރޭގަނޑަކީ އަރާމުކުރުމުގެ ވަގުތުގެ ގޮތުގައި ބާއްވާށެވެ.
މި ބަހުސްގެ ތެރެއިން، 24 ގަޑިއިރުގެ ހިދުމަތަށް ހުއްދަ ދިނީ ޝަރުތުތަކަކާ އެކުގަ އެވެ. އޭގެތެރޭގައި، ތަނުގެ އެތެރެ ފެންނަ ގޮތަށް ހުރުމާއި 24 ގަޑިއިރު އޮޕަރޭޓްކުރާ ކެމެރާ ހަރުކޮށްފައި ހުރުމާއި ކައުންސިލްތަކުން ކަނޑައަޅާ ސަރަހައްދެއްގައި ހުންނަ ތަނަކަށް ވުން އަދި ދަންވަރު ވަގުތު ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން ހިމެނެ އެވެ. މި ޝަރުތުތަކާ އެކު އިތުރު ފީއެއް ވެސް ދައުލަތަށް ދައްކަން ޖެހެ އެވެ.
ސުވާލަކީ މި ހުރިހާ ޝަރުތެއް ހަދައި، މިއީ އެހާ ވަރުން ކުރަންޖެހޭ ކަމެއްތޯ އެވެ.
ހެނދުނަށް ބޭނުންވާ ސާމާނު ގަންނަންވާއިރަށް ފިހާރަތައް ބަންދުކޮށްފާނެތީ ހާސްވާން ނުޖެހުމާއި ދަންވަރު ވެސް ބަނޑުހައިވެގެން ހުންނަން ނުޖެހުން ފަދަ އަމިއްލައަށް މެނޭޖްކޮށްލެވޭ ކަންކަމަކީ 24 ގަޑިއިރުގެ ހިދުމަތަށް ތާއީދުކޮށް ވާހަކަ ދައްކާ މީހުންގެ މައިގަނޑު ވާހަކަތަކެވެ.
ބާޒާރުކޮށް ނިންމާފައި ބެހެއްޓުމާއި ހައިވެގެން އުޅެން ނުޖެހޭ ގޮތަށް ކަންކަން ހަމަޖެއްސުމަކީ އަމިއްލައަށް މެނޭޖްކުރެވޭނެ، އަމިއްލަ އަހްލާގާ ގުޅޭ ކަންކަން. މި އަހުލާގު ނެތީމާ، އެކަން ހަމަޖައްސަން މުޅި ގައުމު ހޭލައި އޮންނަންޖެހުމަކީ މައްސަލައެއް
ނަމަވެސް ދެކޮޅަށް އޮތީ ސީރިއަސް މައްސަލަތަކެއްގެ ވާހަކަ އެވެ.
"ބާޒާރުކޮށް ނިންމާފައި ބެހެއްޓުމާއި ހައިވެގެން އުޅެން ނުޖެހޭ ގޮތަށް ކަންކަން ހަމަޖެއްސުމަކީ އަމިއްލައަށް މެނޭޖްކުރެވޭނެ، އަމިއްލަ އަހްލާގާ ގުޅޭ ކަންކަން. މި އަހުލާގު ނެތީމާ، އެކަން ހަމަޖައްސަން މުޅި ގައުމު ހޭލައި އޮންނަންޖެހުމަކީ މައްސަލައެއް،" އަސާސީ ނޫން ކަންކަން 24 ގަޑިއިރު ލިބޭ ގޮތަށް ބެހެއްޓުމާ ދެކޮޅަށް ވާހަކަ ދެއްކި މީހަކު ބުންޏެވެ.
އެ މީހުން ބުނަނީ ދިވެހިންނަކީ ގެޔަށް ބޭނުންވާ އެއްޗެއް ގަނެލެވޭހާ ވަގުތު 24 ގަޑިއިރު ތެރޭ ނުލިބޭ ގޮތަށް، ހަމަ އެހާ ޒިންމާދާރުކަމާ އެކު އަބަދު މަސައްކަތުގައި އުޅޭ މީހުން ވެސް ނޫން ކަމަށެވެ.
"ހިދުމަތް 24 ގަޑިއިރު ދޭންޖެހޭ މަދު އިދާރާއެއް މި ހުންނަނީ. އެ ތަންތަނަށް ދާ މީހުން ކައިބޮއެ އުޅެން އެ ތަންތަނުން އިންތިޒާމް ހަމަޖެއްސީމާ ނިމުނީ. ފިހާރަތައް ރޭގަނޑު 9 ގައި ބަންދުކުރިޔަސް، ބާޒާރުކުރަން ވަގުތު ނުހޯދޭ ވަރު މީހުންނެއް ނޫން ގިނައީ."
ވަރަށް ގިނަ ބައެއްގެ ވިސްނުން ހުރީ، ވަރަށް އަސާސީ ހިދުމަތްތައް ނޫނީ 24 ގަޑިއިރު ނުދެވޭ ގޮތަށް ހެދުމަށެވެ. އަދި ވީހާ ވެސް އަވަހަކަށް ވިޔަފާރިތައް ބަންދުކުރުމަށެވެ. އެ މީހުން ދައްކަނީ ބޭރު ގައުމުތަކުގައި ވެސް އަވަހަށް ވިޔަފާރިތައް ބަންދުކޮށް އެންމެ މަގުތަމަތިން ގެއްލުމެވެ.
ކުރީ ސަރުކާރުގައި، 2015 ވަނަ އަހަރުގެ މާޗް މަހު ތެރޭ ވަނީ ފިހާރަތައް 10 ޖަހާއިރު އަދި ކެފޭ ފަދަ ތަންތަން 12 ޖަހާއިރު ބަންދުކުރަންޖެހޭ ގޮތަށް ހަދައިފަ އެވެ. އެއީ މާލެތެރޭގައި ގޭންގު ހަމަނުޖެހުންތަކެއް ވެސް ހިނގި ދުވަސްވަރެކެވެ. ނަމަވެސް އެ ސަރުކާރުގެ އޮފިޝަލު ވިދާޅުވީ އެއީ މާލެ ތެރޭގެ ހަމަނުޖެހުމާ ގުޅިގެން ގެނައި ބަދަލެއް ނޫން ކަމަށާއި މަގްސަދަކަށްވީ އާއިލާތަކަށް ވަގުތު ދިނުން ކަމަށެވެ.
އޭރު ހިނގި ހަމަނުޖެހުންތައް ހަމަޔަކަށް އެޅުމުން ވެސް، ފިހާރަތަކާއި ކެފޭތައް ބަންދުކުރާ ވަގުތު އެގޮތަށް ބޭއްވީ އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ އަންހެނުންނާއި ފިރިހެނުން ވެސް ތަފާތެއް ނެތި ގިނަ ވަގުތު ވަޒީފާގައި އުޅޭ ޒަމާނެއް. ވަރަށް މުހިންމު ހިދުމަތެއް ނޫނީ 24 ގަޑިއިރު ނުހިންގޭ ގޮތަށް ހަދާފައި، ފިހާރަތަކާއި ކެފޭތައް ވެސް އަވަހަށް ބަންދުކުރަން ނިންމީ އާއިލާތައް އެކުގައި ގިނަ ވަގުތު ހޭދަކުރެވޭ ގޮތަށް ވަގުތު ދޭން،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އޭރު އަވަހަށް ތަންތަން ބަންދުކުރަންޖެހޭ ގޮތަށް ހެދީ 24 ގަޑިއިރު ހުޅުވަން ބޭނުންވާ ތަންތަނަށް އެ ހުއްދަ، ހަރުކަށި ޝަރުތުތަކަކާ އެކު ލިބޭނެ ގޮތަށް ބާއްވައިގެން ކަމަށެވެ. އަވަހަށް ފިހާރަތައް ބަންދުކުރަން ފެށުމުން ފުރަތަމަ ޝަކުވާ އައި ނަމަވެސް ފަހުން އެ ނިންމުމަށް އާންމުންގެ ފަރާތުން ތާއީދު ލިބެން ފެށި ކަމަށާއި އެ ބަދަލަށް މީހުން ފަރިތަވެ ވަގުތު މެނޭޖުކުރަން ފެށިކަން ވެސް ފާހަގަވި ކަމަށް އޭނާ ވިދާޅުވި އެވެ.
މި ސަރުކާރުން، 24 ގަޑިއިރުގެ ހިދުމަތަށް ހުޅުވާލުމާ އެކު ބައެއް ވިޔަފާރިވެރިން ވެސް އެއީ އެހާ މުހިންމު ކަމެއްތޯ ސުވާލު އުފެއްދި އެވެ. މިއީ ދަންވަރު، އުފެއްދުންތެރި މަސައްކަތުގައި މާ ގިނަ ބަޔަކު އުޅޭ ތަނެއްތޯ އާއި ދަންވަރު ފިހާރަތައް ހުޅުވާފައި ހުއްޓަސް ކުރާނީ ކޮން ކަހަލަ ވިޔަފާރިއެއްތޯ ވެސް އެއީ އުފެއްދި ސުވާލެވެ.
ވިޔަފާރީގެ ވަގުތު ދިގުވި ވަރަކަށް އެންމެ ބޮޑު ހިތްވަރެއް މި ދެވެނީ އަހަރެމެންގެ ތެރޭގައި ހުރި ގޯސް އާދަތަކަށެވެ. ސިއްހަތަށް ނުރައްކާ ތަކެތީގެ އިސްތިއުމާލު ކުރުމުގެ އިތުރުން، ހަށިގަނޑަށް އިތުރަށް ނުރައްކާ ކުރަނީ ނިދި މަދުވުމެވެ. ތޮއްޖެހިފައިވާ މާލޭގެ މަގުތަކުން ވެހިކަލްތަކުގެ އަޑުފައްގަނޑު މަޑުކޮށްލަން ލިބޭ ވަގުތު ވެސް މަގުމަތަކަށް މީހުން ނުކުމެ ބުރު ޖަހަން ހިތްވަރު ދެވެނީ އެވެ. ދަންވަރު ކުރާނެ މާ މުހިންމު ވިޔަފާރިއެއް ނުވެސް ނެތީ އެވެ. ހަމަ އެންމެންހެން ނުނިދާ އުޅެން އޭތިމީތި ކަމުން ބޮމުން އުޅެން ތަންތަން ހުޅުވުން މިއީ ހަމަ އެހާ މުހިންމު ކަމެއްހެއްޔެވެ؟