މިދިޔަ ހަފްތާ ބަންދުގައި ކ. ދިއްފުށީގައި ކުރިއަށްދިޔަ ގައުމީ ދިގު ފެތުމުގެ މުބާރާތާއި ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ގައުމީ އެކުއަތެލޯން މުބާރާތުގައި ރާއްޖޭގެ މަޝްހޫރު ދިގު ރާސްތާ ދުވުންތެރިއާ އަހުމަދު އާތިފް ވަނީ ބައިވެރިވެފަ އެވެ. އާންމުގޮތެއްގައި ދުވުމުގެ ހަރަކާތްތަކުން ގިނައިން ފެންނަ އާތިފް ވަނީ މި ދެ އިވެންޓްގައި ރާއްޖޭގެ ޒުވާން ފެތުންތެރިންނާ ވާދަކޮށްފަ އެވެ. އާތިފްގެ ނަޒަރުގައި މިއީ އޭނާ އަށް ކުރެވުނު ރަނގަޅު ތަޖުރިބާ އެކެވެ.

"ވަރަށް ފެމިލީ ފްރެންޑްލީ މާހައުލެއްގައި މާލެ އިން ބޭރުގައި ބޭއްވުނު މި ކަހަލަ އިވެންޓެއްވީމަ ވަރަށް ރަނގަޅު. ދެން އަދި ކުޑަކުދިންނާއި އާއިލާތައް މި އިވެންޓަށް އައިސް މަޖާކުރާތަން ފެނުނީނަމަ ވެސް ވަރަށް ހިތްހަމަ ޖެހުނު. މިއީ ރަނގަޅު ތަޖުރިބާއެއް،" ފެތުމުގެ ބޮޑު ދެ އިވެންޓް ނިންމާލުމަށް ފަހު އާތިފް ބުންޏެވެ.

އާތިފް ވަނީ ދިގު ފެތުމުގެ އެންމެ ބޮޑު އިވެންޓް ކަމަށްވާ ފަސް ކިލޯމީޓަރުގެ ފެތުމުގެ ބައިގައި ވާދަކޮށްފަ އެވެ. މި ބައިން ރާއްޖޭގެ ޗެމްޕިއަންކަން ހޯދި ޒުވާން ފެތުންތެރިއާ އަލީ އިއްމާން ރޭސް ނިންމީ 1 ގަޑި 29:38 މިނެޓުންނެވެ. އާތިފް ރޭސް ނިންމީ 2 ގަޑި 21:16 މިނިޓުންނެވެ.

"ފަސް ކިލޯ މީޓަރު ފެތުމުގައި ފަތަން ޖެހުނީ ގައުމީ އެތުލީޓުންނާ އެކީގައި ގިނައީ ވަރަށް ޒުވާން ކުދިން. ފެނުނީ އެ ކުދިން ވަރަށް ހިތްވަރާ އެކު ފަތަމުންދާ މަންޒަރު. ވަރަށް އާދަޔާހިލާފު ވަރަށް ބާރު ސްޕީޑެއްގައި. އެކަމުން އެނގިއްޖެ ރާއްޖޭގެ ސްވިމިންގެ މުސްތަގުބަލު އޮތީ ރަނގަޅަށް." ދިގުފެތުމުގެ އިވެންޓުގައި އާތިފްގެ ތަޖުރިބާ އޭނާ ހިއްސާކުރި އެވެ.

މީގެ ކުރިން ބޮޑެތި އިވެންޓްތަކަށް އަންނައިރު އާތިފް އަންނަނީ އެ އިވެންޓަކަށް ވަރަށް ފުރިހަމަ އަށް ތައްޔާރުވެގެންނެވެ. އެހެން ނަމަވެސް ފެތުމުގެ ބޮޑު ދެ ހަރަކާތަށް އާތިފް އައީ އެހާ ރަނގަޅަށް ތައްޔާރުނުވި ނަމަވެސް އެހެން މަގުސަދެއް ވެސް އޮތުމުންނެވެ.

އާތިފް ދިގުފެތުމުގެ އިވެންޓުގައި ފަތަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
އާތިފް ދިގުފެތުމުގެ އިވެންޓުގައި ފަތަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

"މި ފަހަރު ތައްޔާރުވެގެނެއް ނޫން ބައިވެރިވީ. އެ ދެން މި އަހަރު މިދިޔަ ތިނެއް ނޫނީ ހަތަރު ވަރަކަށް މަސް ދުވަހުގެ ތެރޭގައި ވަރަށް ގިނަ މެރަތަންތައް ދުވެފިން. ދެން އެހާ ބޮޑަށް ދުވުމަށް ފޯކަސް ކޮށްގެން ހުރީމަ މި އިވެންޓެއް ތައްޔާރުވެގެނެއް ނޫން ބައިވެރިވީ. މި ކަހަލަ އިވެންޓެއްވީމަ މީހުންނަށް ހިތްވަރުދީ އެ ކަހަލަ ކަމެއްގެ އިތުރުން ބައިވެރިވާ ހިތްވެސް ވާތީ ބައިވެރިވީ،" އުރީދޫގެ ބްރޭންޑް އެމްބެސެޑަރަކަށް ހަރަކާތްތެރިވަމުން އަންނަ އާތިފް ބުންޏެވެ.

މި ދެ އިވެންޓް ރާވައި އިންތިޒާމްކުރުމުގައި ސްވިމިން އެސޯސިއޭޝަނާ އެކު އެސޯސިއޭޓް ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވާނީ މާލޭ ފިޓްނަސް ކްލަބެވެ. މިއީ ރާއްޖޭގައި ދިގު ރާސްތާ ފެތުން ޕްރޮމޯޓްކުރުމަށް ދެ ފަރާތުން ވެފައިވާ އެއްބަސްވުމުގެ ދަށުން ކުރި ފުރަތަމަ ބޮޑު މަސައްކަތެކެވެ. އެ ފަރާތުން ބުނާގޮތުގައި ކުރިއަށް ވެސް ގިނަ ކަންތައްތަކެއް ވަނީ ރޭވިފަ އެވެ.

އާތިފް ވަނީ ރާއްޖޭގައި މި ފަދަ އިވެންޓްތައް ގިނަ ކުރުމުން އޭގެ ފައިދާ އެތުލީޓުންނަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ބުނެފަ އެވެ.

"ރާއްޖެ އަކީ މީ ކަނޑުގެ ސަރަހައްދު ބޮޑުތަނަކަށްވެފައި ފެތުން ހިމެނޭ ގިނަ އިވެންޓްތައް ރާއްޖޭގައި ފެންނާނެ ކަމަށް އަޅުގަނޑު އުއްމީދުކުރަނީ. މިހާރު ދެން ޓްރައިތަލޯން އެއްވެސް ނުބާއްވާތާ ވަރަށް ގިނަ ދުވަސްވެއްޖެ. އެންމެ ފަހުން ޓްރައިތަލޯން އެއް އަޅުގަނޑުމެންނަށް ފެނުނީ މީގެ ތިން އަހަރު ކުރިން. ދެން އެކުއަތެލޯންނާ އެކު ކުރިއަށް އޮތްތަނުގައި މި ކަހަލަ އިވެންޓް އިތުރުވާނެ ކަމަށް އުއްމީދުކުރަނީ،" އާތިފް ބުންޏެވެ.

މި ދެ ހަރަކާތް ކުރިއަށްދިޔައިރު ގިނަ ކުޑަކުދިން ވަނީ އާތިފްއާ އެކު ފޮޓޯ ނަގާ ހަދައިފަ އެވެ. އަދި ބައިވެރިވި އެހެން އެތުލީޓުންނާ އެކު ވެސް އާތިފް ގިނަ ވަގުތުތަކެއް ވަނީ ހޭދަކޮށްފަ އެވެ.

އާތިފް ވަނީ ގައުމީ އެކުއަތެލޯން މުބާރާތުގެ އިންޑިވިޖުއަލް ބައިން ( 2.5 ކިލޯމީޓަރަށް ދުވުމާއި އެއް ކިލޯމީޓަރު ފެތުން އަދި 2.5 ކިލޯމީޓަރުގެ ދުވުން) ހަތަރު ވަނަ ހޯދައިފަ އެވެ. އެކުއަތެލޯން މުބާރާތާ އެކު އާތިފްގެ މަލްޓިސްޕޯޓްސް އިވެންޓްގެ ކާމިޔާބީތަކަށް އިތުރު ފުރިހަމަކަމެއް ލިބުނީ އެވެ.

ރާއްޖޭގެ ފުރަތަމަ އަޔަންމެންގެ ޝަރަފް ޑރ. ހުސެއިން ހަލީމް (ކުޑަހުސެން) ހޯދިތާ މަހެއްހާ ދުވަހުގެ ތެރޭގައި 2017 ވަނަ އަހަރު އާތިފް ވަނީ އަޔަންމޭން ރޭސް ވެސް ފުރިހަމަކޮށްފަ އެެވެ. އަޔަންމެންގައި ހިމެނެނީ 3.8 ކިލޯމީޓަރު ފެތުމާއި 180 ކިލޯމީޓަރު ބައިސިކަލް ދުއްވުން އަދި 42.2 ކިލޯމީޓަރު ދުވުމެވެ. އެއްވެސް ބްރޭކެއް ނުނަގައި މި ތިން އިވެންޓް ފުލުފުލުގައި ފުރިހަމަކުރަން ޖެހެނީ އެންމެ ލަސްވެގެން 17 ގަޑިއިރުގެ ތެރޭގަ އެވެ.

ނުހުއްޓި މާލެ ވަށައި 24 ގަޑިއިރު ދުވެގެން އާތިފް، 2016 ވަނަ އަހަރު ދެއްކި ހިތްވަރު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން އަދި ހަވީރު ސްޕޯޓްސް އެވޯޑްސްގައި ވަނީ އަގުވަޒަންކޮށްފަ އެވެ. އޭގެ ފަހުން އޭނާ ވަނީ އިނގިރޭސި ވިލާތުގެ ނޯތު ޑައުންސް ވޭގައި ކުރިއަށް ގެންދިޔަ ސެންޓޫރިއަން އަލްޓްރާ މެރެތަންގައި ދުވެފަ އެވެ. ތިރީސް ގަޑިއިރު ތެރޭގައި 100 މޭލު ނުވަތަ 160 ކިލޯމީޓަރު އޭނާ އެ ރޭހުގައި ފުރިހަމަކުރި އެވެ.