ޔޫތު ސްޕޯޓްސް މިނިސްޓްރީން ބޭއްވި ކުޅިވަރުގެ އެވޯޑް ހަފުލާ އަށް އޭނާ އަށް ދައުވަތު ނުލިބުނަސް ޝަކުވާއެއް ނެތް ކަމަށާއި އެދެނީ ކުޅިވަރަށް ކާމިޔާބު ކަމަށް، އޮލިމްޕިކް ކޮމިޓީގެ ކުރީގެ ޖެނަރަލް ސެކެރެޓްރީ އަހްމަދު މަރުޒޫގު (މަރޭ) ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެވޯޑް ހަފުލާއިން އޭނާ ނުފެނުމުން ބައެއް ފަރާތްތަކުން އެކަމާ ސުވާލު ކުރާކަން ފާހަގަކޮށް މަރުޒޫގު ވިދާޅުވީ އޭނާ އަށް ދައުވަތު ލިބިފައި ނުވާ ކަމަށެވެ.

"ވެދާނެ ކުޅިވަރުގެ މިފަދަ ހަފުލާތަކަށް އިންވައިޓް ކުރާ 500 މީހުންގެ ލިސްޓަށް އަދި ނާރަނީ ކަމަށް،" އޮލިމްޕިކް ކޮމިޓީގެ ޖެނަރަލް ސެކެޓްރީކަން 12 އަހަރު ވަންދެން ކުރެއްވި މަރުޒޫގު ވިދާޅުވި އެވެ.

މެޑަލް ހޯދުމުގެ އަމާޒުގައި އޮލިމްޕިކް ކޮމިޓީގެ ސްކޮލާޝިޕް ޕްރޮގްރާމްގެ ތެރެއިން ރާއްޖެއިން ބޭރުގެ ޓްރޭނިން އަށް އެތުލީޓުން ފޮނުވަން ފެށި ކުޅިވަރުގެ ހިންގުންތެރިޔާގެ ގޮތުގައި މަޝްހޫރުވެފައިވާ މަރުޒޫގު ވިދާޅުވީ މުހިންމީ އޭނާ އަށް އިންވައިޓް ނުކުރުން ނޫން ކަމަށެވެ.

ބައެއް އެތުލީޓުންނާއެކު މަރްޒޫގް ފޮޓޯއަކަށް ހުއްޓިގެން: އޭނާ ވިދާޅުވީ އެންމެ މުހިންމު ކަމަކީ އެތުލީޓުންގެ އަގުވަޒަން ކުރުން ކަމަށް --- ފައިލް ފޮޓޯ
ބައެއް އެތުލީޓުންނާއެކު މަރްޒޫގް ފޮޓޯއަކަށް ހުއްޓިގެން: އޭނާ ވިދާޅުވީ އެންމެ މުހިންމު ކަމަކީ އެތުލީޓުންގެ އަގުވަޒަން ކުރުން ކަމަށް --- ފައިލް ފޮޓޯ

"މުހިންމީ ފިރިހެން ފުޓްބޯޅަ ނޫން ކުޅިވަރެއް މި ގައުމުގައި ނެތްކަމަށް ބަލައިގެން ތިބިތިބުން އަދި އެ ވިސްނުން ބަދަލުވެ ތިއެންމެހާ ހުނަރުވެރިންގެ ހުނަރު ގައުމީ ފެންވަރުގައި ފާހަގަ ކުރަން ފެށުން،" ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ ސޯޝަލް މީޑިއާގައި ލިޔުއްވާފައި ވެއެވެ.

މެޑަލް ހޯދުމުގެ ވާހަކަތައް ދައްކަވައި، މަރުޒޫގު ވަނީ އަންނަ އަހަރު ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އާއި ސައުތު އޭޝިއަން ގޭމްސްގައި މެޑަލް ހޯދޭނެ ކަމަށް ލަފާ ކުރައްވައި ޖުމުލަ 40 މެޑަލް އަށް އަންދާޒާ ކޮށްފަ އެވެ. ކުޅިވަރުގެ ހިދުމަތްތެރިޔާ މަރުޒޫގަށް ދައުވަތު ނުދިނުމުން އާންމުން ވަނީ އެކަމާގުޅިގެން ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް އަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ.

ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް: އޭނާ ވިދާޅުވީ ދައުވަތު ދޭ ލިސްޓްގައި މަރުޒޫގް އާއި ޝަވީދުގެ ނަން ހިމެނުއްވި ކަމަށް --- ފައިލް ފޮޓޯ
ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް: އޭނާ ވިދާޅުވީ ދައުވަތު ދޭ ލިސްޓްގައި މަރުޒޫގް އާއި ޝަވީދުގެ ނަން ހިމެނުއްވި ކަމަށް --- ފައިލް ފޮޓޯ

މަރުޒޫގްގެ ޕޯސްޓަށް ކޮމެންޓް ކުރައްވާ މަހްލޫފް ވިދާޅުވީ، ދައުވަތު ދޭން ކަނޑައެޅި ލިސްޓްގައި މަރޫޒޫގް އާއި އޮލިމްޕިކް ކޮމިޓީގެ ކުރީގެ ޗެއާމަން މުހައްމަދު ޝަވީދުގެ ނަން ހިމަނާފައިވާނެ ކަމަށެވެ.

"ސްޕޯޓްސް ޑިޕާޓްމެންޓަށް އަޅުގަނޑު ދިން ލިސްޓްގައި މަރޭ އާއި ޝަވީދުގެ ނަން އޮންނާނެ. ތިކަން ތިހެން ވުމަކީ [ދައުވަތު ދީފައި ނުވުމަކީ] ދެރަ ކަމެއް. ވީގަޮތް ބަލާނަން،" މަހްލޫފް ލިޔުއްވާފައި ވެއެވެ.

މަހްލޫފްގެ ކޮމެންޓަށް ރިޕްލައިކޮށް މަރުޒޫގް ލިޔެފައި ވަނީ ތަހްގީގް ކުރުމުގެ ބޭނުމެއް ނެތް ކަމަށާއި އޭނާ އަށް އެންމެ މުހިންމު ކަމަކީ އެތުލީޓުންގެ އަގުވަޒަން ކުރާތަން ފެނިގެން ދިއުން ކަމަށެވެ.

ސްޕޯޓްސް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ދައުވަތު ކާޑުތައް ޑެލިވާ ކުރުމުގައި ބައެއް ފަރާތްތަކާ ހަމައަށް ވާސިލުވުމުގައި ދަތިތަކެއް ހުރި ކަމަށެވެ.