އިންޓަނޭޝަނަލް ގިނަ ސްކޫލުތަކެއް ހިންގަމުން އަންނަ އައިލެންޑާސް އެޑިއުކޭޝަންގެ ސީއީއޯގެ މަގާމަށް، ތައުލީމީ ދާއިރާގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ އަހުމަދު ޝަފީއު ހަމަޖައްސަވައިފި އެވެ.

ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލާއި ކެންގަރޫ ކިޑްސް އިންޓަނޭޝަނަލް ޕްރީ ސްކޫލާއި ފިންލެންޑް އިންޓަނޭޝަނަލް ސްކޫލު އަދި އަމީރު އަހުމަދު ޕްރީ ސްކޫލު ހިންގާ ކުންފުނީގެ އިސް އޮފިސަރަށް ހަމަޖެއްސެވި ޝަފީއު ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމާއި އެ މިނިސްޓްރީގެ ޑިރެކްޓަރު އަދި ޑިރެކްޓާ ޖެނެރަލްކަމުގެ އިތުރުން ބައެއް ކޮލެޖު އަދި ޔުނިވާސިޓީތަކުގައި ލެކްޗަރާކަން ވެސް ކުރައްވައިފަ އެވެ.

އޭގެ ކުރިން ފިޝަރީޒް މިނިސްޓަރުކަން ވެސް ޝަފީއު ކުރައްވާފައިވެ އެވެ.

އާ ސީއީއޯއާއެކު، އައިލެންޑާސް އެޑިއުކޭޝަނުން ވަނީ އެ ކުންފުނީގެ އާ ގަވަނިން ބޯޑުގެ މެމްބަރުން ވެސް އިއުލާނުކޮށްފަ އެވެ. އޭގެ ތެރޭގައި، ތައުލީމީ ދާއިރާގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވެނޭ ބައެއް ބޭފުޅުން ހިމެނެ އެވެ.

ބޯޑު މެމްބަރުންގެ ގޮތުގައި، ކެންގަރޫ ކިޑްސް އަދި ބިލަބޮންގް ހައި ސްކޫލްތަކުގެ ބާނީ ލީނާ އާޝަރު، ފިންލެންޑުގައި ތައުލީމީ ދާއިރާގެ ތަޖުރިބާކާރު އަދި ރާއްޖޭގައި ހުޅުވި ފިންލެންޑް ސްކޫލުގެ ފުރަތަމަ ޕްރިންސިޕަލް ޑރ. އެއިޔާ ވެލަންނެ އަދި އިނގިރޭސިވިލާތުގެ ގިނަ ސްކޫލު ގްރޫޕްތަކުގެ ގަވަނިން ބޯޑު މެމްބަރުކަމާއި ޑިޖިޓަލް އެޑިއުކޭޝަން ޓެކްނޮލޮޖީގެ މާހިރެއް ކަމަށްވާ އަބްދުލް ޗޯހަން ހިމެނިވަޑައިގަންނަވަ އެވެ.

އައިލެންޑާސް އެޑިއުކޭޝަންގެ ފައުންޑަރު އަދި ޗެއާމަން އަބްދުއްރަޝީދު ވިދާޅުވީ އެ ކުންފުނީގެ އަމާޒަކީ އާ ލީޑަޝިޕާއެކު މަސައްކަތްކޮށް، ދުނިޔޭގެ ފެންވަރުގައި ހިންގާ އެންމެ ރަނގަޅު ސްކޫލުތަކާ އެއް ހަމައަށް އެ ސްކޫލުތައް ގެންދިއުން ކަމަށެވެ.

ރާއްޖޭގެ ތައުލީމި ދާއިރާއަށް މިހާރެކޭ އެއްގޮތަށް އިންގިލާބީ ބަދަލުތައް ގެނައުމަކީ ވެސް އެއް ބޭނުން ކަމަށް އޭނާ ވިދާޅުވި އެވެ.