ޓޫރިޒަމްގެ ބޭނުމަށް އައްޑޫ ސިޓީގެ އިހްތިސާސުން ސަވާހެލި ވަކިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ގޮތާ މެދު ނުރުހުން ފާޅުކުރައްވައި، އެތަން އަނބުރާ އެ ކައުންސިލަށް ދިނުމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު ގޮވާލައްވައިފި އެވެ.
އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިހުތިސާސަށް ބަދަލު ގެނެސް އެ ސިޓީގެ އިހުތިސާސުން ސަވާހެލި ވަކިކުރީ މިދިޔަ ހަފްތާގެ ބުދަ ދުވަހު އެވެ. ރައީސް އެ ބަދަލު ގެންނެވީ އެ މަނިކުފާނަށް، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ހުރިހާ އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލުތަކާއި ރަށު ކައުންސިލުތަކުގެ އިހުތިސާސް ކަނޑައެޅުމަށް އޮންނަ ބާރުގެ ދަށުންނެވެ.
ސަވާހިއްޔަކީ އައްޑޫގެ ގުޅިފައިވާ އަވަށްތަކުގެ ތެރޭގައި ހިމެނޭ ފޭދު އާއި މަރަދޫފޭދޫގެ ހުޅަނގު ދެކުނު ފަރާތުގައި އޮންނަ ކުޑަކުޑަ ފަޅު ރަށެކެވެ. އެ ރަށް ޓޫރިޒަމަށް ހާއްސަކޮށްގެން ތަރައްގީކުރަން އައްޑޫ ސިޓީ ކައުންސިލުން 2021 ގައި ވެސް ނިންމި އެވެ.
އޭގެ ފަހުން މިމަހުގެ 19 ގައި ވަނީ އައްޑޫ ފޭދޫ ޓޫރިޒަމް ޒޯނާ އެކު އެތަނުގައި ރެކްރިއޭޝަނަލް ފެސިލިޓީތައް ގާއިމުކުރުމަށް ބީލަމަށް ހުޅުވާލައިފަ އެވެ. އެތަން ކައުންސިލުގެ އިހްތިސާސްގެ ދަށުން ނަގާފައި ވަނީ އެ އިއުލާނާ ގުޅިގެން ކުންފުނިތަކުން ބިޑު ހުށަހެޅުމުގެ މަސައްކަތް ވެސް ކުރަނިކޮށެވެ.
އައްޑޫ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު ނިޒާރު ވިދާޅުވީ އައްޑޫ ސިޓީގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ސަވާހިލި ޓޫރިޒަމްގެ މަސައްކަތަށް ދޫނުކުރެވޭ ގޮތަށް ގާނޫނު އިސްލާހު ކުރުމުން، އެ ކަން ކުރެވޭނެ ހާއްސަ ހުއްދައަކަށް އެދި ރައީސް އޮފީހަށް މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.
ނަމަވެސް، ކައުންސިލުގެ އިހްތިސާސުން ރަށް ނަގާފައި ވަނީ އެ ސިޓީއަށް އެއްވެސް ޖަވާބެއް ނުދެއްވާކަމަށް ވިދާޅުވި އެވެ.
"ބިޑް ޑޮކިއުމަންޓް ވެސް ބައެއް ކުންފުނިތަކުން ގަނެ، އަދި އެއަށް އަޅުގަނޑުމެން ތައްޔާރުވެ ވަރަށް ގިނަ ދުވަހު ކުރެވުނު މަސައްކަތުން އިއުލާންކުރެވިގެން ދިޔައިމާ އަޅުގަނޑުމެންނަށް ވެސް ލިބުނީ ސަޕްރައިޒެއް. ނިދަން އެނދަށް އަރާ އޮއްވައި ގެޒެޓް މި ކުރަނީ ސަވާހިލީގެ އިހްތިސާސް ބަދަލުވެގެން އައީއޭ. ކައުންސިލުގެ ތަނެއް ނޫނޭ އެއީކީ،" ނުރުހުން ފާޅުކުރައްވަމުން ނިޒާރު ވިދާޅުވި އެވެ.
ސަރުކާރުން ކުއްލި ގޮތަކަށް ސަވާހިލީގެ އިހްތިސާސް ބަދަލުކުރުމަށް އިޝާރާތްކުރައްވަމުން ނިޒާރު ވިދާޅުވީ އައްޑޫގެ ބިންތަކަކީ އެ ސިޓީގެ ރައްޔިތުންގެ ބިންތައް ކަމަށާއި އެ ތަންތަނަށް މާލޭގައި ތިބޭ ބައެއްގެ ބާރު ފޯރުވިގެން ނުވާނެ ކަމަށެވެ.
ނިޒާރު ވިދާޅުވީ ގާނޫނީ ގޮތުން ބާރުވެރިކަން އޮތުމުން އެއްވެސް މަޝްވަރާއެއް ނެތި އެފަދަ އިސްލާހުތައް ގެނައުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ރަސްމީ އެއްވެސް ލިޔެކިޔުމެއް ވެސް ބަދަލުކުރުމެއް ނެތި އެފަދަ ބަދަލެއް ގެނައީ "ގަދަބާރުން" ކަމަށް އޭނާ ސިފަ ކުރެއްވި އެވެ.
އެހެންވެ، އެތަން އަނބުރާ ކައުންސިލާ ހަވާލުކުރުމަށް ވެސް ނިޒާރު ގޮވާލެއްވި އެވެ.
"ގާނޫނީ ގޮތުން އިހްތިޔާރުތަކެއް އޮތަތީ އެގޮތަށް އެކަން ކުރުމަކީ އެއީކީ އެކަން ކޮށްގެންވާނެ ގޮތެއް ނޫން. އެގޮތަށް ކައުންސިލުގެ ތަރައްގީގެ މަސައްކަތަށް ހުރަސް އެޅޭ ގޮތަށް ކަންކަން ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން،"
"ސަވާހިލީގެ މުއާމަލާތް ގެންދިޔަ ގޮތަކީ އަޅުގަނޑުމެން ރުހޭނެ ގޮތެއް ނޫން. އެކަމާ އަޅުގަނޑުމެން ދެކޮޅު އަދި ހަމަ އަޅުގަނޑު އެދެނީ އެ ބަދަލު އަލުން މުރާޖައާކޮށްދެއްވައި ސަވާހިލި އައްޑޫ ސިޓީ ކައުންސިލުގެ އިހްތިސާސްގެ ތެރެއަށް އައުމަކީ މުހިއްމު ކަމެއްކަމަށް."
ނިޒާރު ދެކެވަޑައިގަންނަވާ ގޮތުގައި ފޭދޫ ޓޫރިޒަމް ޒޯނާއި ސަވާހިލި ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ވާނީ އެކުއެކީގައި އެއް މަސައްކަތެއްގެ ގޮތުގަ އެވެ.
އޭނާ ވިދާޅުވީ، އެކަން އެ ގޮތަށް ނުކުރެވިއްޖެ ނަމަ އައްޑޫގެ ޓޫރިޒަމްގެ ހަރަކާތްތައް އަނެއްކާ ވެސް ދާނީ ފަހަތަށް ކަމަށެވެ. ފޭދޫގެ ޓޫރިޒަމަށް ވިޔަފާރިވެރިން އިންވެސްޓްކޮށްފައިވަނީ ލޯނެއް ނަގައިގެން ނޫން ކަމަށާއި އެހެންވެ ކުއްލިއަކަށް އެ ގެނައި ބަދަލުގެ ސަބަބުން އެ އިންވެސްޓްމަންޓްގެ ސެކިއުރިޓީއެއް ނެތްކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފައިވާ ކަމަށް ވެސް ނިޒާރު ވިދާޅުވި އެވެ.
ސަރުކާރުގެ ސިޔާސަތުތަކަކީ އައްޑޫގެ ތަރައްގީއަށް އޮތް ހުރަހަކަށް ވުމަކީ އެ ސިޓީގައި އިންވެސްޓްކޮށް އިގްތިސާދެއް ބިނާކުރުމަށް ކުރާ މަސައްކަތަށް ވެސް އޮތް ހުރަހެއް ކަމަށް ވިދާޅުވެ ނިޒާރު ނުރުހުން ފާޅުކުރެއްވި އެވެ.
ފޭދޫ ޒޯނުގައި މިހާރު ވެސް 400 އެއްހާ ކޮޓަރީގެ މަސައްކަތް ނިމެން ގާތްވެފައިވާއިރު، 2028 ވަނަ އަހަރާ ހަމައަށް 1،000 ކޮޓަރި ހަދާނެ އެވެ.
ޓޫރިޒަމްގެ މަސައްކަތްތަކަށް ސަވާހިލި ބޭނުންކުރަން މިދިޔަ އަހަރުގެ އޭޕްރީލް މަހު އައްޑޫ ސިޓީ ކައުންސިލުން އިއުލާން ވެސް ކުރި އެވެ. އެކަމަކު، މީހުން ދިރިނޫޅޭ ރަށްރަށުގައި ޓޫރިޒަމްގެ މަަސައްކަތް ކުރުމަށް އިއުލާން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ގާނޫނަށް ގެނައި އިސްލާހަކުން ނިންމަވައި، އެ ދުވަސްވަރު ގެޒެޓް ކުރުމާ އެކު، ސަވާހިލި ޓޫރިޒަމްގެ ބޭނުމަށް ތަރައްގީ ކުރުން އެ ވަގުތަށް މަޑުޖެހުނީ އެވެ.
އައްޑޫ ސިޓީ ކައުންސިލްގެ އިހުތިސާސްގެ ތެރެއިން ސަވާހިލި ވަކިކުރީ ޓޫރިޒަމްގެ ބޭނުމަށް ކަމަށް ސަރުކާރުން ބުނި ނަމަވެސް އެކަމުގެ ތަފުސީލް އަދި ހާމައެއް ނުކުރެ އެވެ.