ސެޕްޓެމްބަރު 28 އިން އޮކްޓޯބަރު 5 އަށް ގަތަރުގެ ދޯހާގައި އޮންނަ 25 ވަނަ އޭޝިއަން ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމުގައި އުމުރުން 13 އަހަރުގެ މިޝްކާ މުހައްމަދު އިބްރާހީމް ހިމަނައިފި އެވެ.
މިޝްކާގެ އިތުރުން ގައުމީ ޓީމުގައި ދެން ހިމެނޭ އަންހެން ކުޅުންތެރިންނަކީ ފާތިމަތު ދީމާ އަލީ، އައިޝަތު ރަފާ ނާޒިމް އަދި ލައިސާ ފަތުހުﷲ އެވެ. ފިރިހެން ހަތަރު ކުޅުންތެރިންނަކީ މޫސާ މުންސިފާއި ޝައްފާން އިސްމާއީލްގެ އިތުރުން ޒީސްތު ނަސީމް އަދި އަކިޔާލް އެވެ. މި ކުޅުންތެރިންނަށް އިރުޝާދުދޭނީ މިދިޔަ މާޗް މަހުގެ 14 ވަނަ ދުވަހު ގައުމީ ޓީޓީ ޓީމުގެ ކޯޗަކަށް ހަމަޖެއްސި ގްރީސްގެ ކޮންސްޓަންޓީނޯސް ކޮސްޓޮޕޮލޮސް އެވެ.
މުބާރާތުގައި ބައިވެރިވާން ގައުމީ ޓީޓީ ޓީމު ގަތަރަށް ފުރާނީ މާދަމާ އެވެ.
މުބާރާތުގެ އަމްޕަޔަރުކަން ކުރުމަށް ރާއްޖޭގެ އެންމެ ތަޖުރިބާކާރު އަންޕަޔަރުން ކަމަށްވާ އައްޒާމް އިބްރާހީމާއި މުހައްމަދު ޔާމީނަށް ވަނީ ފުރުސަތު ލިބިފަ އެވެ.
ކޮވިޑް-19ގެ ސަބަބުން މާފަންނު ސޯޝަލް ސެންޓަރު ލިބިފައި ނުވާތީ މިދިޔަ އޮގަސްޓް މަހު ރާއްޖޭގައި ބާއްވަން މަސައްކަތްކުރި ކޮމަންވެލްތު ޔޫތު ޓުއާ ޓީޓީ މުބާރާތާއި ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓީޓީ ޗެމްޕިއަންޝިޕް ވަނީ ފަސްކުރަން ޖެހިފަ އެވެ. އަދި އޭޝިއަން ޗެމްޕިއަންޝިޕަށް ރާއްޖޭގެ ޓީމު ފަރިތަކުރުންތައް ކުރިޔަށް ގެންދިޔައީ ޔޫތު މިނިސްޓްރީގެ ފަރާތުން މި އަހަރު ހުޅުމާލޭގައި ގާއިމްކުރި ޓީޓީ ހޯލުގަ އެވެ.
މީގެ އިތުރުން ޓީޓީ އެސޯސިއޭޝަނުން ވަނީ މިދިޔަ އޮގަސްޓް މަހު ދުނިޔޭގެ މަޝްހޫރު ޓޭބަލް ޓެނިސް ކުޅުންތެރިޔާ ގްރީސްގެ ޕެނަޖިއޯޓިސް ޖިއޯނިސް މި އަހަރުގެ ޓޯކިޔޯ އޮލިމްޕިކްސް އަށް ފަހު ޗުއްޓީ ދަތުރެއްގައި ރާއްޖެ އައުމުން އޭނާއާ އެކު އިވެންޓެއް ވެސް ބާއްވައިފަ އެވެ. މި އިވެންޓް ވެސް ކުރިޔަށް ގެންދިޔައީ ހުޅުމާލޭ ޓީޓީ ހޯލުގަ އެވެ.