ބަންގްލަދޭޝްގައި ކުރިއަށްދާ އޭޝިއަން ސެންޓްރަލް ޒޯން ބީޗް ވޮލީބޯޅަ މުބާރާތުގެ ފައިނަލް މެޗު ކާމިޔާބުކޮށް، ރާއްޖޭގެ އާދަމް ނަސީމް (އެޑަމް) އާއި އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) ގެ ޕެއާ ރަން މެޑަލް ހޯދައިފި އެވެ.

މިއީ ސަރަހައްދީ ބީޗް ވޮލީބޯޅަ މުބާރާތަކުން ރާއްޖެއަށް ރަން މެޑަލް ލިބުނު ފުރަތަމަ ފަހަރެވެ.

މިއަދު ކުޅުނު ފައިނަލް މެޗުގައި އެޑަމް އާއި ކުޑަކާއްޓޭ ވާދަކުރީ ނޭޕާލްގެ މަން ބަހާދުރު ޝްރެސްތާ އާއި ދިލް ބަހާދުރު ސުނާރާ ދެކޮޅަށެވެ. ފައިނަލްގެ ސެޓްތައް ވެސް އެޑަމް އާއި ކުޑަކާއްޓޭގެ ޕެއާ ގެންދިޔައީ ސީދާ ދެ ސެޓުންނެވެ.

ބަންގްލަދޭޝްގެ ކޮކްސް ބާޒާރު ބީޗް ވޮލީ ކޯޓުގައި މިއަދު ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ސެޓް ފަސޭހަ ކަމާއެކު ކާމިޔާބު ކުރީ 21-13 އިންނެވެ. އަދި ވާދަވެރި ކުޅުމަކަށް ފަހު ދެ ވަނަ ސެޓު ގެންދިޔައީ 21-19 އިންނެވެ.

އެޑަމް އާއި ކުޑަކާއްޓޭގެ ޕެއާ މުބާރާތުގެ ރަން މެޑަލް ހޯދީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބު ކޮށްގެންނެވެ. މި ޕެއާ ގުރޫޕް ސްޓޭޖުގައި ކިރްގިސްތާނާއި ބޫޓާން އަދި ބަންގްލަދޭޝް އާ ވާދަކޮށް މެޗްތައް ކާމިޔާބު ކުރީ ސީދާ ދެ ސެޓުންނެވެ. އަދި ސެމީ ފައިނަލް މެޗުގައި ވާދަކުރި ބަންގްލަދޭޝްގެ ޕެއާ ވެސް ބަލިކުރީ ސީދާ ދެ ސެޓުންނެވެ.

ސެންޓްރަލް ޒޯން ބީޗް ވޮލީބޯޅަ މުބާރާތުގައި ރާއްޖެ އާއި ބަންގްލަދޭޝް އަދި ކިރްގިސްތާނާއި ބޫޓާންގެ އިތުރުން ދެން ވާދަކުރީ ނޭޕާލާއި ޕާކިސްތާނެވެ. ހަ ގައުމުން މުބާރާތުގައި އަށް ޕެއާ ވާދަ ކުރި އެވެ.

ރާއްޖޭން ވާދަކުރި ދެވަނަ ޕެއާ އަކީ ޝަމާއިލް ހުސެއިން އާއި އަހުމަދު މުހައްމަދު (ކޯކޭ) ގެ ޕެއާ އެވެ. މި ޕެއާ މުބާރާޓުގެ ފުރަތަމަ މެޗު ސީދާ ދެ ސެޓުން ކާމިޔާބު ކުރި ނަމަވެސް ޖެހިގެން އައި ދެ މެޗުން ބަލިވެގެން މުބާރާތުން ވަނީ ކަޓައިފަ އެވެ.

މިއީ ކޯކޭ އާއި އުންމީދީ ކުޅުންތެރިޔާ ޝަމާއިލް، ޕެއާއެއްގެ ގޮތުގައި ކުޅުނު ފުރަތަމަ މުބާރާތެވެ. އަދި މިއީ ޝަމާއިލްގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކަށް ފަރުވާ ހޯދުމަށް ފަހު އޭނާ މުބާރާތެއްގައި ކުޅުނު ފުރަތަމަ ފަހަރެވެ.

ރަން މެޑަލް ހޯދި އެޑަމް އާއި ކުޑަކާއްޓޭ ވަނީ، ބްރެޒިލްގެ ތަޖުރިބާކާރު ކޯޗު ވިނީޝިއުސް މާޓިންސް އާއެކު، މިދިޔަ މާޗު މަހު ލަންކާގެ ނިގަމްބޯ ބީޗުގައި ބޭއްވި، ކޮމަންވެލްތު ގޭމްސް ބީޗް ވޮލީބޯޅަ ކޮލިފައިން ގައި ރިހި މެޑަލް ހޯދައިފަ އެވެ.

ދުނިޔޭގެ ވޮލީބޯޅަ ފެޑެރޭޝަން، އެފްއައިވީބީގެ އެހީތެރިކަމާ އެކު ގައުމީ ބީޗް ވޮލީބޯޅަ ޓީމުގެ ފުރަތަމަ ބޭރު ކޯޗުގެ ގޮތުގައި، ވިނީޝީއުސް ގައުމީ ޓީމާ ހަވާލު ވީ މި އަހަރުގެ ޖެނުއަރީ މަހު އެވެ.