އުޒްބެކިސްތާނުގެ ޓަޝްކެންޓްގައި މިދިޔަ މިދިޔަ ބުދަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށްދިޔަ އޭވީސީ 18 އަހަރުންދަށުގެ ބީޗް ވޮލީބޯޅަ އޭޝިއާގެ މުބާރާތުގައި ރާއްޖޭގެ ތަޖުރިބާކާރު ތިން އޮފިޝަލުން މުހިންމު ދައުރެއް އަދާކޮށްފި އެވެ.
މުބާރާތުގެ ޓެކްނިކަލް ޑެލިގޭޓެއްގެ ގޮތުގައި ރާއްޖޭގެ ބައިނަލްއަގުވާމީ ރެފްރީ ހުސައިން މުހައްމަދު މަސައްކަތް ކުރި އެވެ. އަދި މެޑިކަލް ޑެލިގޭޓެއްގެ ގޮތުގައި ހަރަކާތްތެރިވީ އޭވީސީގެ މެޑިކަލް ކޮމިޓީގެ މެންބަރު ރާއްޖޭގެ އަހުމަދު ޝަކީބް (ޑޮކް) އެވެ. އޭވީސީ ބީޗް ވޮލީބޯލް ރެފްރީ އިސްމާއިލް އަބްދުﷲ (އިންމަ) ވަނީ މި މުބާރާތުގައި ނިއުޓްރަލް ރެފްރީއެއްގެ ގޮތުގައި އިންސާފުކޮށްދީފަ އެވެ.
އުޒްބެކިސްތާނުގެ އޮލިމްޕިކް ވިލެޖްގައި ބޭއްވި މި މުބާރާތުގައި ރާއްޖޭގެ ތިން އޮފިޝަލުން މިފަދަ ބޮޑު މުބާރާތެއްގެ އިސް މަގާމުތަކުން ފެނިގެންދިއުމަކީ ދިވެހި ވޮލީބޯޅައަށް ލިބުނު ކުރިއެރުމެއްގެ ގޮތުގައި ވީއޭއެމުން ފާހަގަ ކުރެ އެވެ.
މިދިޔަ އަހަރު އޭޕްރީލް މަހު ފިލިޕީންސްގައި ބޭއްވި އޭވީސީގެ ބީޗް ވޮލީ ޓްއާ މުބާރާތުގެ ޓެކްނިކަލް ޑެލިގޭޓްކަން ވެސް ހުސައިން ވަނީ ކޮށްފަ އެވެ.
ޓެކްނިކަލް ޑެލިގޭޓްގެ މަގާމަކީ މުބާރާތަށް އޭވީސީން ކަނޑައަޅާ އެންމެ އިސް ހެޑެވެ. ޓީމުތަކެއްގެ އެކޮމެޑޭޝަނާއި މެޗުތަކަށް ހާޒިރުވާން އެތެރޭގައި ކުރަން ޖެހޭ ދަތުރުތަކުގެ އިންތިޒާމުތައް ހަމަޖެހިފައި ހުރީ ރަނގަޅަށްތޯ ވެސް ކަށަވަރު ކުރުމަކީ ޓެކްނިކަލް ޑެލިގޭޓްގެ މަސްއޫލިއްޔަތެކެވެ. މުބާރާތް ކުޅޭ ތަނުގައި ކުޅުންތެރިންނާއި އަމްޕެޔަރުން އަދި އެހެނިހެން އޮފިޝަލުންނަށް މެޗުތަކަށް ހުރި އިންތިޒާމުތައް އޭވީސީގެ ސްޓޭންޑަޑަށް ފެތޭތޯ ބެލުމަކީ ވެސް ޓެކްނިކަލް އިސް ޑެލިގޭޓްގެ މަސައްކަތެކެވެ.
މުބާރާތުގެ ޓެކްނިކަލް ޑެލިގޭޓަކީ ރާއްޖޭގެ ބައިނަލްއަގުވާމީ ރެފްރީ ހުސައިން މުހައްމަދު އެވެ. އެފްއައިވީބީގެ ބީޗް ވޮލީގެ ސީ ގްރޭޑް 2023 ގައި ހާސިލުކުރި ހުސައިންއަކީ 2018 ގައި ޖަޕާނުގައި ބޭއްވި ޖޫނިއާ ވޯލްޑް ޗެމްޕިއަންޝިޕްގައި ވެސް ރެފްރީކަން ކޮށްފައިވާ ގާބިލް އޮފިޝަލެކެވެ.
އޭޥީސީގެ މެޑިކަލް ކޮމިޓީގެ މެންބަރުކަން ވެސް ކުރައްވާ ޝަކީބަކީ ރާއްޖޭގެ އިތުރުން ދެކުނު އޭޝިއާގައި ވެސް ހުންނެވި އެންމެ ތަޖުރިބާކާރު އެއް ސްޕޯޓްސް ފިޒީޝަނެވެ. އެފްއޭއެމްގެ މެޑިކަލް ޑިޕާޓްމަންޓުގައި މަސައްކަތްކުރެއްވުމުގެ އިތުރުން ޝަކީބް ވަނީ 1997 ވަނަ އަހަރުން ފެށިގެން ފަހަކާ ޖެހެންދެން ގައުމީ ޓީމަށް ވެސް ހިދުމަތްކުރައްވައިފަ އެވެ. ގައުމީ ޓީމުން ފުޓްބޯޅައިގައި ހޯދި ބޮޑެތި ހުރިހާ ކާމިޔާބީތަކެއްގައި އޭނާގެ ހިއްސާ ބޮޑެވެ.
ފީފާ ފުޓްބޯލް މެޑިސިން އިން ޑިޕްލޮމާ ހާސިލު ކުރައްވާފައިވާ ޝަކީބް ވަނީ، އޭއެފްސީ އެލީޓް މެޑިކަލް އޮފިސަރު ކޯހާއި އޭއެފްސީ ޓީމު ފިޒިކްސް ޕްރޮގްރާމްގެ އިތުރުން އެޑްވާންސް ކާޑިއޯވާސްކިއުލާ ލައިފް ސަޕޯޓް ކޯސް ވެސް ފުރިހަމަ ކުރައްވައިފަ އެވެ.
މިދިޔަ އޮކްޓޯބަރު މަހު ބަހްރެއިންގައި ބޭއްވި އޭޝިއަން ޔޫތު ގޭމްސްގެ ބީޗް ވޮލީ މެޗުތަކުގައި އިންމަ ވަނީ ނިއުޓްރަލް ރެފްރީއެއްގެ ގޮތުގައި މަސައކްަތް ކޮށްފަ އެވެ. އެއީ ނިއުޓްރަލް ރެފްރީއެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރި ފުރަތަމަ ފަހަރެވެ.
އޭގެ ކުރިން ބޭރުގެ މުބާރާތްތަކުގައި އިންމަ ރެފްރީކަން ކުރަން ފުރުސަތު ލިބިފައި ވަނީ ޓީމު ރެފްރީއެއްގެ ގޮތުގަ އެވެ.
ޓީމު ރެފްރީއެއްގެ ގޮތުގައި ގޭމްސްތަކަށް ޖާގަ ދޭނީ ގައުމުތަކަށެވެ. އެ ގައުމަކުން ރެފްރީން ފޮނުވަން ލިބޭ ޖާގަތަކަށް ފޮނުވާނެ ރެފްރީން ކަނޑައަޅާނީ އެ ގައުމެއްގެ ގައުމީ އެސޯސިއޭޝަން ނުވަތަ އެ ގޭމްސްއެއްގައި ތަމްސީލު ކުރާ ޓީމުތަކުގެ ކަންކަން ބަލަހައްޓާ އެ ގައުމެއްގެ އިދާރާއަކުންނެވެ.
އެކަމަކު ނިއުޓްރަލް ރެފްރީންގެ ގޮތުގައި މުބާރާތްތަކަށް ދާނެ ރެފްރީން ކަނޑައަޅާނީ އިންޓަނޭޝަނަލް ފެޑެރޭޝަނުންނެވެ. ވޮލީގައި ނަމަ، އެފްއައިވީބީން ނުވަތަ އޭޝިއާގެ މުބާރާތެއް ނަމަ އޭވީސީންނެވެ.
މިދިޔަ އަހަރު ޖޫން މަހު އޭޥިސީގެ ބީޗް ވޮލީ ރެފްރީކަމުގެ ދަރަޖަ ހާސިލު ކުރި އިންމަ އަށް ނިއުޓްރަލް ރެފްރީއެއްގެ ގޮތުގައި ހަމަޖެއްސި ފުރަތަމަ ފަހަރެވެ.
ކުރިން ކެންޑިޑޭޓެއްގެ ދަރަޖަ، ރެފްރީއެއް ދަރަޖަ އަށް އޭނާ ވާސިލުވީ އޭވީސީން ކަނޑައަޅާފައިވާ އަދަދަށް އިންޓަނޭޝަނަލް މެޗު ހަމަ ކޮށްގެންނެވެ.
އިންމައަކީ އޭވީސީގެ ބީޗް ވޮލީ ރެފްރީކަމުގެ ދަރަޖަ ހާސިލު ކުރި ރާއްޖޭގެ ދެ ވަނަ ރެފްރީ އެވެ.