ތައިލެންޑުގައި އޮތް އޭވީސީ ބީޗްވޮލީބޯލް ޓުއާގައި ވާދަކުރި ރާއްޖޭގެ ދެ ޕެއާ ވެސް މުބާރާތުގެ ކޮލިފައިން ބުރުން ކަޓައި އަނެއްކާ ވެސް ބީޗް ވޮލީބޯޅައިގައި ރާއްޖެ އަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ތައިލެންޑުގެ ހަޓް ޔާއި ގައި ކުރިއަށްދާ މި ޓުއާގައި ރާއްޖޭގެ ދެ ޕެއާ ވާދަކުރި އެވެ. އެއީ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި އަޝްފާގު އާދަމް (އައްކަޅޭ)ގެ ޕެއާ އަދި ޝިއުނާޒް އަބްދުލް ވާހިދު އާއި މުހައްމަދު އަލީގެ ޕެއާ އެވެ.

ސީނިއާ ގައުމީ ޓީމަށް ގިނަ މުބާރާތްތަކެއް ކުޅުނު އައްކަޅޭ އާއި ކުޑަކާއްޓޭ އަކީ ގައުމީ ބީޗް ވޮލީބޯޅަ ޗެމްޕިއަންކަން ނުވަ ފަހަރު ހޯދާފައިވާ ޕެއާ އެކެވެ. އެހެން ނަމަވެސް އެ ޓީމަށް އޭވީސީ ޓުއާގެ ކޮލިފައިން ބުރުގައި މެލޭޝިއާގެ ރާފީ އާއި ނަޖްމީގެ ޕެއާ އަތުން ކުރިހޯދޭ ގޮތްނުވި އެވެ. އެ މެޗު ދިޔައީ 19-21، 21-13 އަދި 15-9 އިންނެވެ.

ޝިއުނާޒް އާއި މުހައްމަދު އަލީގެ ޕެއާ ބަލިވީ ކޮލިފިކޭޝަން ބުރުގައި ވިއެޓްނާމްގެ ޕެއާއެއް ކަމަށްވާ ޑޭންގް އާއި ކޯއީގެ ޕެއާ އަތުން ބަލިވެގެންނެވެ. އެ މެޗުގެ ސެޓުތައް ދިޔައީ 21-13، 21-15 އިންނެވެ.

މިދިޔަ ނޮވެމްބަރު މަހު އިންޑޮނޭޝިއާގެ ޕަލެމްބަންގައި އޮތް އޭވީސީ ބީޗްވޮލީބޯޅަ ޓުއާ އިން ވެސް ރާއްޖެ ކެޓީ ފުރަތަމަ ބުރުންނެވެ. އެ ފަހަރު ދެ ވަނަ ބުރުގެ އުއްމީދުގައި ދިޔައިރު، ޓީމަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ އެކަށީގެންވާ ވަރަށް ތަމްރީން ނުކުރެވުމެވެ.

މީގެ ކުރިން ގައުމީ ބީޗް ވޮލީބޯޅަ ޓީމު ވަނީ ފާއިތުވި އަހަރުތަކުގައި ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކުގައި ވާދަކޮށް ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ. އޭގެ ނަތީޖާއަކަށްވީ މިދިޔަ ނޮވެމްބަރު އޮތް އޭވީސީ މުބާރާތުގައި ރާއްޖޭން ކޮލިފިކޭޝަން ނުކުޅެ ސީދާ މުބާރާތުގެ ޖާގަ ލިބުމެވެ. އެ މުބާރާތުގައި ރާއްޖޭގެ ނަތީޖާ ދަށްވުމުން މި ފަހަރު މުބާރާތުގައި ކުޅެން ޖެހުނީ ކޮލިފިކޭޝަން ބުރުގަ އެވެ. މި ފަހަރުގެ މުބާރާތުން ކެޓީ ކޮލިފިކޭޝަން ބުރުންނެވެ.