މި އަހަރުގެ ބްރިޓިޝް އެކަޑަމީ ފިލްމް އެވޯޑްސް (ބަފްޓާ) އެވޯޑް ހަފްލާގައި، ހަތް އެވޯޑެއް ކާމިޔާބުކޮށް، "އޯލް ކުއައިޓް އޮން ދަ ވެސްޓާން ފްރޮންޓް" ފިލްމު، އެ ހަފްލާގައި އެންމެ ގިނަ އެވޯޑު ހޯދި ފިލްމުގެ ރެކޯޑު މުގުރާލައިފި އެވެ.

މީގެ ކުރިން ފަސް އެވޯޑާ އެކު ބަފްޓާގެ އެންމެ ގިނަ އެވޯޑު ހޯދާފައިވަނީ 1988 ވަނަ އަހަރުގެ ފިލްމު، "ސިނަމާ ޕެރަޑައިސޯ" އެވެ.

"އޯލް ކުއައިޓް އޮން ދަ ވެސްޓާން ފްރޮންޓް" ފިލްމުގެ މެއިން ކެރެކްޓާ، އަދި ސަޕޯޓިން ކާސްޓުން ބަޑިހިފައިގެން ހަނގުރާމައިގާ އުޅޭ މަންޒަރެއް
"އޯލް ކުއައިޓް އޮން ދަ ވެސްޓާން ފްރޮންޓް" ފިލްމުގެ މެއިން ކެރެކްޓާ، އަދި ސަޕޯޓިން ކާސްޓުން ބަޑިހިފައިގެން ހަނގުރާމައިގާ އުޅޭ މަންޒަރެއް

"އޯލް ކުއައިޓް އޮން ދަ ވެސްޓާން ފްރޮންޓް" އަކީ ޖަރުމަންގެ ލިޔުންތެރިޔާ އެރިކް މަރިއާ ރަމާކްގެ ނޮވެލްއަކަށް ބިނާކޮށްފައިވާ ޖަރުމަނު ފިލްމެކެވެ. އެ ފިލްމުގައި ދައްކައިދެނީ ޒުވާން ޖަރުމަނު ސިފައިންގެ މީހެއްގެ ނަޒަރުން، ފުރަތަމަ ބޮޑު ހަނގުރާމަ އެވެ. އެ ފިލްމު ނެޓްފްލިކްސް އިން ބެލޭނެ އެވެ.

މިދިޔަ ހޯމަ ދުވަހު އިނގިރޭސިވިލާތުގެ ލަންޑަންގައި ބޭއްވި ބަފްޓާ އެވޯޑުސްގައި "އޯލް ކުއައިޓް އޮން ދަ ވެސްޓާން ފްރޮންޓް" ވެފައިވަނީ އިނގިރޭސި ނޫން ބަހަކުން ތައްޔާރު ކުރި އެންމެ މަގްބޫލު ފިލްމުގެ ގޮތުގަ އެވެ. އެ ފިލްމު، ބަފްޓާގެ ހަތް އެވޯޑު ކާމިޔާބުކޮށްފައި ވަނީ، 14 ނޮމިނޭޝަންގެ ތެރެއިންނެވެ.

"އޯލް ކުއައިޓް އޮން ދަ ވެސްޓާން ފްރޮންޓް" ފިލްމުގެ ޑައިރެކްޓަރު، އެޑްވާޑް ބާގާ، އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑާއެކު
"އޯލް ކުއައިޓް އޮން ދަ ވެސްޓާން ފްރޮންޓް" ފިލްމުގެ ޑައިރެކްޓަރު، އެޑްވާޑް ބާގާ، އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑާއެކު

އެ ފިލްމަށް ލިބުނު އެވޯޑުތަކުގެ ތެރޭގައި، "ބެސްޓު ފިލްމް"، "ބެސްޓް ފިލްމް ނޮޓް އިން އިންގްލިޝް ލޭންގުއެޖް"، "ބެސްޓް ޑައިރެކްޝަން" ، "ބެސްޓް ސިނަމަޓޯގްރަފީ" އެވޯޑު ފާހަގަކޮށްލެވެ އެވެ.

ޖުމްލަ ހަތަރު އެވޯޑާއެކު 73 ވަނަ ބަފްޓާ އެވޯޑު ހަފްލާގައި ދެވަނަ އަށް އެންމެ ގިނަ އެވޯޑު ހޯދި ފިލްމަކީ، "ދަ ބޭންޝީ އޮފް އިންޝެރިން" އެވެ. އޭގެ ތެރޭގައި، "ބެސްޓް އޮރިޖިނަލް ސްކްރީން ޕްލޭ" އެވޯޑާއި، "އައުޓްސްޓޭންޑިން ބްރިޓިޝް ފިލްމް" ގެ އެވޯޑު ހިމެނެ އެވެ.

މި އަހަރުގެ ބަފްޓާ އެވޯޑްސްގައި އެންމެ މޮޅު އެކްޓަރު އޮސްޓިން ބަޓްލާ (ކ) އަދި އެކްޓްރެސް ކޭޓް ބްލަންޝެޓް (ވ)
މި އަހަރުގެ ބަފްޓާ އެވޯޑްސްގައި އެންމެ މޮޅު އެކްޓަރު އޮސްޓިން ބަޓްލާ (ކ) އަދި އެކްޓްރެސް ކޭޓް ބްލަންޝެޓް (ވ)

ބަފްޓާާ 2023 ގައި އެންމެ މޮޅު އެކްޓަރުގެ އެވޯޑު ހޯދާފައި ވަނީ "އެލްވިސް" ފިލްމުގައި އެލްވިސްގެ ރޯލު ކުޅުނު، އޮސްޓިން ބަޓްލާ އެވެ. އަދި އެންމެ މޮޅު އެކްޓްރެސްގެ އެވޯޑު ކާމިޔާބު ކުރީ، އިނގިރޭސި ފިލްމު "ޓާ" ގެ ލީޑު ރޯލުން ފެނުނު ކޭޓް ބްލަންޝެޓް އެވެ.