ސީއޭ މޯލްޑިވްސްގެ ނައިބް ރައީސް ހަސަން މުހައްމަދު، އޭއޯއެސްއެސްޖީގެ މެންބަޝިޕާ ރަސްމީކޮށް ހަވާލުވެވަޑައިގަންނަވަނީ
16 ނޮވެމްބަރ 2022 - 17:53
އޭޝިއާ އަދި އޯޝޭނިއާގެ ގައުމުތަކުގެ ޕްރޮފެޝަނަލް އެކައުންޓިން އޯގަނައިޒޭޝަންތައް ހިމެނޭ ބައިނަލްއަގްވާމީ އިދާރާ، އޭޝިއަން އޯޝޭނިއަން ސްޓޭންޑާޑް ސެޓާސް ގްރޫޕް (އޭއޯއެސްއެސްޖީ) ގެ މެންބަރަކަށް ރާއްޖެ ވެއްޖެ އެވެ.
އޭއޯއެސްއެސްޖީގައި ރާއްޖެ ތަމްސީލުކުރާނީ އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓަންޓްސް އޮފް ދި މޯލްޑިވްސް (ސީއޭ މޯލްޑިވްސް) އެވެ.
އެ އެއްބަސްވުމުގައި ސީއޭ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އިންސްޓިޓިއުޓްގެ ނައިބު ރައީސް، ހަސަން މުހައްމަދު އެވެ.
ސީއޭ މޯލްޑިވްސް އަށް އޭއޯއެސްއެސްޖީގެ މެންބަޝިޕް ރަސްމީކޮށް ދީފައި ވަނީ މިހާރު ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި ކުރިއަށްދާ އެ އޭއޯއެސްއެސްޖީގެ 14 ވަނަ އަހަރީ އާންމު ބައްދަލުވުމުގަ އެވެ.
ސީއޭ މޯލްޑިވްސް އަދި އޭއޯއެސްއެސްޖީއާ ދެމެދު ވާ އެއްބަސްވުމުގައި ސޮއިކުރައްވަނީ
ސީއޭ މޯލްޑިވްސް އަކީ ރާއްޖޭގެ އެކައުންޓިން ދާއިރާއާ ގުޅޭ ކަންކަން، ބައިނަލްއަގްވާމީ އުސޫލުތަކާ އެއްގޮތަށް ހިންގައި، ރާއްޖޭގައި އެކައުންޓަންސީ ޕްރޮފެޝަނެއް ގާއިމުކޮށް، އެ ޕްރޮފެޝަން ކުރިއެރުވުމަށް މަގުފަހިކޮށް ތަރައްގީކުރުމަށް އުފައްދާފައިވާ އިންސްޓިޓިއުޓެކެވެ. އެތަނުން މިއީ އޭއޯއެސްއެސްޖީގެ މެންބަރަކަށް ވުމަކީ ރާއްޖެއާއި ސީއޭ މޯލްޑިވްސް އަށް ލިބޭ ކުރިއެރުމެއް ކަމަށެވެ.
އޭއޯއެސްއެސްޖީ އަކީ 27 ގައުމެއްގެ އެކައުންޓިން އޮގަނައިޒޭޝަންތައް ހިމެނޭހެން 2009 ވަނަ އަހަރު އުފެއްދި މުއައްސަސާއެކެވެ.
އެ މުއައްސަސާގެ މަގްސަދަކީ ބައިނަލްއަގްވާމީ އެކައުންޓިންގެ ފެންވަރުތައް އެކި ގައުމުތަކުގައި އަށަގަންނުވައި އަދި ފެންވަރު ރަނގަޅު އެކައުންޓިން އާއި މާލީ ބަޔާނާ ގުޅޭ އުސޫލުތަކާއި ހަމަތައް ގާއިމުކުރުމުގައި ލަފާދިނުމާއި އެހީވުމެވެ.
އޮސްޓްރޭލިއާ، ޗައިނާ، އިންޑިއާ، ޖަޕާން، ސައުދީ އަރަބިއްޔާ އަދި ނިއު ޒީލެންޑް ފަދަ ގައުމުތައް އޭއޯއެސްއެސްޖީގެ މެންބަރުންގެ ތެރޭގައި ހިމެނެ އެވެ.
ރާއްޖެ އަށް ލިބުނު މެންބަޝިޕާ އެކު މިހާރު އޭއޯއެސްއެސްޖީގައި ހިމެނޭނީ 28 ގައުމެވެ.
މި ގުޅުމުގެ ސަބަބުން ރާއްޖޭގެ މާލީ ބަޔާންތައް އިތުރަށް ހަރުދަނާކޮށް، ކޮލިޓީ ހިފެހެއްޓުުމުގެ މަގު ފަހިވާނެ ކަމަށް ސީއޭ މޯލްޑިވްސް އިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy