މެލޭޝިއާގެ އެންމެ ފާހަގަކޮށްލެވޭ އެއް ޔުނިވާސިޓީ، ޓޭލާސް ޔުނިވާސިޓީ އަލުމްނައި އިން ރާއްޖެއަށް ހާއްސަ ޗެޕްޓާއެއް ތައާރަފްކޮށްފި އެވެ.

ޓޭލާސް ޔުނިވާސިޓީން "މޯލްޑިވްސް ޗެޕްޓާ" އެއް ތައާރަފްކުރީ އެ ޔުނިވާސިޓީގެ ކޯސްތަކެއް ވިލާ ކޮލެޖަށް ތައާރަފްކުރުމާ ގުޅިގެންނެވެ. ވިލާ ކޮލެޖުގައި މިދިޔަ އަހަރުގެ ފަހުކޮޅު ތައާރަފްކުރީ އެ ޔުނިވާސިޓީގެ ބެޗެލާ އޮފް ކަލިނަރީ މެނޭޖުމަންޓާއި ބެޗެލާ އޮފް އިންޓަނޭޝަނަލް ހޮސްޕިޓާލިޓީ މެނޭޖުމަންޓާއި ބެޗެލާ އޮފް މާސް ކޮމިއުނިކޭޝަންސާއި މާސްޓާ އޮފް އިންޓަނޭޝަނަލް ހޮސްޕިޓާލިޓީ މެނޭޖުމަންޓު އަދި މާސްޓާސް އޮފް ކޮމިއުނިކޭޝަންސް ޕްރޮގްރާމެވެ.

ޓޭލާސް އަލުމްނައި އިންނަކީ އެ ޔުނިވާސިޓީގެ ގްރެޖުއެޓުންނެވެ.

ޓޭލާސް އަލުމްނައި މޯލްޑިވްސް ޗެޕްޓާ ތައާރަފުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވިލާ ކޮލެޖުގެ އިސް ވެރިންނާއި ޓޭލާސް ޔުނިވާސިޓީގެ އިސްވެރިން އަދި ދާއިރާއާ ގުޅުން ހުރި ގިނަ ބަޔަކު ބައިވެރިވި އެވެ. އެ ރަސްމިއްޔާތުގައި ޔުނިވާސަލް ފައުންޑޭޝަންގެ ރައީސް އިޔާޒް ވަހީދު ވަނީ ހާއްސަ ކީނޯޓް ސްޕީޗެއް ދެއްވާފަ އެވެ.

ރާއްޖޭގައި ތިއްބަވާ ޓޭލާސް ޔުނިވާސިޓީގެ އަލުމްނައި އިން ޕްރޮފެޝަނަލް ކާމިޔާބީ އާއި މުޖުތަމައުއާ ޔުނިވާސިޓީއަށް ދީފައިވާ އެއްބާރުލުން ފާހަގަކޮށް އެ ރަސްމިއްޔާތުގައި ދެ އެވޯޑެއް ވަނީ ދީފަ އެވެ. އޭގެ ތެރެއިން އައުޓްސްޓޭންޑިން ޑިސްޓިންގުއިޝް އެލުމްނައި އެވޯޑު ދީފައި ވަނީ ގައިސަރު ނަސީމް އާއި މުހައްމަދު ފްރާތު އަށެވެ. ޔަންގް ޑިސްޓިންގުއިޝް އަލުމްނައި އެވޯޑު ދީފައި ވަނީ ހުސެއިން އަހުސަން އާއި އައިމިނަތު އިޝްރާތު އާއި ޝުޖާއު މުހައްމަދަށެވެ.

ވިލާ ކޮލެޖުން ޓޭލާސް ޔުނިވާސިޓީއާ އެކުވެފައިވާ ޕާޓްނާޝިޕުގެ ދަށުން ރާއްޖެއާ ގުޅުން ހުރި އެކި ދާއިރާތަކުގެ އިތުރު ކޯސްތައް ތައާރަފް ކުރާނެ ކަމަށް ވަނީ ބުނެފަ އެވެ. އަދި އެ ކޮލެޖުގެ އަމާޒަކީ ދުނިޔޭގައި ފާހަގަކޮށްލެވޭ ޔުނިވަސިޓީތަކުގެ ސެޓްފިކެޓު ރާއްޖޭގައި ހުރެގެން ހޯދޭނެ ގޮތް މަގުފަހިކޮށްދިނުން ކަމަށް އެ ކޮލެޖުން ބުނެ އެވެ.