26 މެއި 2025 - 15:24
ހުޅުމާލެ 2 ގައި މިހާރު ހަދަމުން އަންނަ ލަގްޒަރީ އެޕާޓްމަންޓް ކޮމްޕްލެކްސް "ބޭފެންސީ ރެޒިޑެންސް"ގެ އެޕާޓްމަންޓުތައް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ތަނުގެ މައުލޫމާތުތައް މޯލްޑިވްސް އެކްސްޕޯގައި ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެ ކުންފުނިން ބުނީ ހުޅުމާލެ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ މޯލްޑިވްސް އެކްސްޕޯގައި، އެތަނާ ގުޅޭ މައުލޫމާތުތަކާއި އެޕާޓްމަންޓު ގަންނަން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ވެސް އެ ތަނުގައި ހުރި ބޭފެންސީގެ ސްޓޯލުން ލިބޭނެ ކަމަށެވެ.
ބޭފެންސީން ބުނީ މިދިޔަ ހުކުރުދުވަހު ފެށި އެކްސްޕޯގައި ބަހައްޓާފައިވާ އެ ކުންފުނީގެ ސްޓޯލަށް މިހާތަނަށް ހޫނު މަރުހަބާއެއް ލިބިފައިވާ ކަމަށެވެ. އެ ސްޓޯލް ބައްލަވާލައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަޑައިގެންނެވިކަން އެ ކުންފުނިން ފާހަގަކުރެ އެވެ.
ތިން ސަތޭކައަށް ވުރެ ގިނަ ބައިވެރިންނާ އެކު މޯލްޑިވްސް އެކްސްޕޯ މި މަހުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.
ބޭފެންސީން ހެދުމަށް ހަމަޖެހިފައިވާ 18 ބުރީގެ އިމާރާތުގެ ކޮންސްޓްރަކްޝަން މަސައްކަތުގެ 20 ޕަސެންޓު މިހާރު ވަނީ ނިމިފަ އެވެ. އަދި ގަތުމަށް ޝަރުތު ހަމަވާ ފަރާތްތަކަށް ބޭނުންވާ މޯގޭޖް ސޮލިއުޝަންތައް ފޯރުކޮށްދިނުމަށް ބީއެމްއެލް ފައިނޭންސް ޕާޓްނަރެއްގެ ގޮތުގައި އެކުންފުންޏާ އެކު އަންނަނީ މަސައްކަތް ކުރަމުންނެވެ.
ސްމާޓް ޓެކްނޮލޮޖީއަށް އިސްކަންދީ ތަރައްގީކުރާ އެ އިމާރާތުގައި 735 އަކަފޫޓު ޖާގައިގެ 1+1 ކޮޓަރީގެ އެޕާޓްމަންޓާއި ބޮޑު މިނުގައި 859 އާއި 906 އަކަފޫޓު ހުންނަ ދެ ކޮޓަރީގެ އެޕާޓްމެންޓްތަކާއި 1،133 އަކަފޫޓުގެ 1+2 ކޮޓަރީގެ އެޕާޓްމެންޓްތައް ހުރެ އެވެ. އަދި ޖާގައިގެ ބޮޑުމިނުގައި 1،551 އިން 1،925 އާ ދެމެދުގެ 1+3 ކޮޓަރީގެ ގްރޭންޑު އެޕާޓްމެންޓު ވެސް އެ ތަނުގައި ހުރެ އެވެ. އޭގެ އިތުރުން އެތަނުގައި ސްކައި ވިލާސްގެ ގޮތުގައި 6،100 އާއި 6،500 އަކަފޫޓުގެ ބައެއް ވެސް ވަނީ ހާއްސަ ކޮށްފަ އެވެ.
ބޭފެންސީން ބުނީ، އެ ކުންފުނިން ހަދާ އެޕާޓްމެންޓުތަކުން ފެންނާނީ، ލަގްޒަރީ އެޕާޓްމެންޓްތަކުގެ މުޅިން އާ ކޮންސެޕްޓެއް ކަމަށެވެ. އެ އެޕާޓްމެންޓްތަކުގައި ސްމާޓް ހައުސް ސިސްޓަމްތައް ވެސް ބަހައްޓާނެ އެވެ. އެތަން ހަދަނީ އެންމެ ޒަމާނީ، ކޮލިޓީ ރަނގަޅު ސާމާނު ބޭނުންކޮށްގެން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އަދި އެޕާޓްމެންޓްތައް ޑިޒައިން ކުރުމުގައި ނެޗުރަލް ވެންޓިލޭޝަން ލިބޭނެ ގޮގްތަކަށް އިސްކަން ދީފައިވާ ކަމަށް ބޭފެންސީން ބުންޏެވެ.
ޖުމްލަ 18 ބުރީގެ ބޭފެންސީ ރެޒިޑެންސަކީ ސިންގަޕޫރުގެ ރިއަލްއެސްޓޭޓް ޑިވެލޮޕްމަންޓް ކުންފުންޏަކުން ފަށާފައިވާ މަސައްކަތެކެވެ. އެ ކުންފުނިން ރާއްޖޭގައި މަސައްކަތް ކުރަނީ ރާއްޖޭގައި ރީ-ރަޖިސްޓަރީކޮށްގެންނެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފެށި މި ޕްރޮޖެކްޓްގެ ދަށުން މިހާތަނަށް ފަސް ބުރީގެ ޝީޓުގެ މަސައްކަތް ވަނީ ނިންމައިފަ އެވެ. ބޭފެންސީން ބުނީ، އެ އެޕާޓްމެންޓްތަކާ ގުޅޭ މައުލޫމާތު ސާފުކުރުމަށް ހުޅުމާލޭ، އިންފިނިޓީ ހަބްގެ ދެވަނަ ފްލޯގައި ހުންނަ ބޭފެންސީ ސޭލްސް އޮފީހަށް ދިއުމުން ވެސް ލިބޭނެ ކަމަށެވެ. އަދި މިހާރު ކުރިއަށް ދާ އެކްސްޕޯއިން ވެސް އެ މައުލޫމާތުތައް ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy