ލޫޕްކްރާފްޓުގެ ސްޓޯލް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
28 މެއި 2025 - 18:12
މިހާރު ކުރިއަށްދާ މޯލްޑިވްސް އެކްސްޕޯގައި، ރާއްޖޭގެ މަޝްހޫރު ސްޓްރެޓެޖީ ޑިޒައިން އަދި ޓެކް ކުންފުނި ލޫޕްކްރާފްޓުން އަލަށް ނެރުމަށް ހަމަޖެހިފައިވާ ގޭމްގެ ޑެމޯ ކުޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
އެ ގޭމަކީ "އިތާޒް އެޑްވެންޗާޒް"ގެ ނަމުގައި އެކި ކުއިޒްތަކާއި ކުއެސްޓުތައް ހިމަނައިގެން ތައްޔާރުކޮށްފައިވާ ގޭމެކެވެ. ރާއްޖޭގެ ކުރީގެ ތަފާތު ރީތި މަންޒަރުތަކާ އެކު ފަރުމާކޮށްފައިވާ އެ ގޭމަކީ އިތާ އޭނާގެ ކާފަޔާ ބައްދަލުކުރަން ދިއުމަށް އެކި މަރުހަލާތައް ކަޑައްތުކުރަން ޖެހޭ އެޑްވެންޗާ ގޭމެކެވެ. މި ގޭމު މިއަހަރުގެ ފަހުކޮޅު ނެރުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.
އެކްސްޕޯގެ ތެރެއިން ގޭމުގެ ޑެމޯއަށް ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާ ކަމަށް ލޫޕްކްރާފްޓުން ބުންޏެވެ.
ލޫޕްކްރާފްޓުން އަލަށް ނެރެން ތައްޔާރުވާ ގޭމުގެ ޑެމޯއެއް ކުޅެނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ލޫޕްކްރާފްޓުން ބުނީ އެ ގޭމުގެ އިތުރުން އެކުންފުނީގެ ސްޓޯލްގައި 2020 ވަނަ އަހަރު އެ ކުންފުނިން ލޯންޗުކުރި ބަޓަފްލައި ސްޓޯރީ އެޕު ވެސް ތަޖުރިބާކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. ބަޓަފްލައި ސްޓޯރީ އެޕަކީ ވަށައިގެންވާ މާހައުލު ފޯނުގެ ކެމެރާއިން ސްކޭން ކުރުމުން ކޮކާލެއްގެ ލައިފް ސައިކަލް އެ މާހަލަކުން ތްރީޑީކޮށް އޭއާރުގެ އެހީގައި ދައްކައިދޭ އެޕެކެވެ. ލޫޕްކްރާފްޓުގެ އެ އެޕްގެ އިތުރުން އެޗްއާރު އެޕް "ހިއުމަން ލޮޓް" ވެސް އެ ސްޓޯލްގައި ވަނީ ޑިސްޕްލޭކޮށްފަ އެވެ.
މޯލްޑިވްސް އެކްސްޕޯގައި ހުރި ލޫޕްކްރާފްޓުގެ ސްޓޯލް/ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މިދިޔަ ހުކުރު ދުވަހު ފެށި މޯލްޑިވްސް އެކްސްޕޯއަށް ލޫޕްކްރާފްޓުން ހުށަހެޅި އެކި ޕްރޮޑަކްޓުތަކުގެ ތެރެއިން ހިއުމަންލޮޓް އެޗްއާރު ސޮފްޓްވެއާއަށް އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލަޖީގެ ދާއިރާއިން ވަނީ ތިން ވަނަ ލިބިފަ އެވެ. އަދި ސަބް ކެޓަގަރީތަކުގެ ގޮތުގައި އިލެކްޓްރޯނިކްސް އެންޑް އާޓިފިޝަލް އިންޓަލިޖެންސްގެ ދާއިރާއިން، އެ ކުންފުނިން އުރީދޫއަށް އޭއައި ކެރެކްޓާތައް ހިމަނާ ފަރުމާކޮށްދިން މިއަހަރުގެ ކަލަންޑަރަށް ވަނީ ތިން ވަނަ ލިބިފަ އެވެ. އަދި ސަބް ކެޓަގަރީގެ ތެރެއިން އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޓެކްނޮލަޖީ ގެ އެހެނިހެން އުފެއްދުންތަކުގެ ތެރެއިން އެކުންފުނިން ހުށަހެޅި އީކޮމާސް ޕްލެޓްފޯމަށް ތިން ވަނަ އަދި ބަޓަފްލައި ސްޓޯރީ އެޕަށް ދެ ވަނަ ވަނީ ލިބިފަ އެވެ. އަދި ސަބް ކެޓަގަރީއެއް ކަމަށްވާ ކޮމްޕިއުޓާ ސޮފްޓްވެއާ ދާއިރާއިން ހިއުމަންލޮޓް އެޗް އާރު ސޮފްޓުވެއާއަށް އެއް ވަނަ ވަނީ ލިބިފަ އެވެ.
ލޫޕްކްރާފްޓަކީ ރާއްޖޭގެ އެކި ކުންފުނިތަކަށް ބޭނުންވާ އީޖާދީ ސޮލިއުޝަންތައް އެކި ސޮފްޓުވެއާތަކުގެ އެހީގައި ފޯރުކޮށްދޭ ކުންފުންޏެކެވެ. މިކުންފުނިން އޭއާރު އަދި އޭއައި ފަދަ ޒަމަނީ ސޮލިއުޝަންތައް ހިމަނާ އީޖާދީ އެކި މަސައްކަތްތައް އާއްމުންނާ ހަމައަށް ވަނީ ފޯރުކޮށްދީފަ އެވެ.
ދިވެހި އެކި ކުންފުނިތަކާއި ހުނަރުވެރިންގެ މަސައްކަތްތަކަށް ހާއްސަކޮށް މިހާރު ކުރިއަށް ދާ މޯލްޑިވްސް އެކްސްޕޯ އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށް ދާނެ އެވެ. މި އެކްސްޕޯއިން ލޫޕްލްރާފްޓުގެ އެކި މަސައްކަތްތައް ބަލާލެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy