ދަމާސްއިން ޗާންދަނީ މަގުގައި މިއަދު ހުޅުވި "ދަމާސް ލިވިންގް" ފިހާރަ. -- ފޮޓޯ: ނިޝާން އަލީ | މިހާރު
14 ޖުލައި 2025 - 13:57
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުންދާ ދަމާސް ގްރޫޕުން ހާޑްވެއާއަށް ހާއްސަ ފިހާރައަކާއި ފަރުނީޗަރަށް ހާއްސަ ފިހާރައެއް ހުޅުވައިފި އެވެ.
ދިލްބަހާރު މަގުގައި ހުޅުވި "ދަމާސް ސެންޓްރަލް" ފިހާރަ. -- ފޮޓޯ: ނިޝާން އަލީ | މިހާރު
މިއަދު މާލެ ދިލްބަހާރު މަގުގައި ހުޅުވި "ދަމާސް ސެންޓްރަލް" އަކީ އެ ކުންފުނިން ހާޑްވެއާއަށް ހާއްސަކޮށް ހުޅުވި ފިހާރަ އެކެވެ. އެ ފިހާރައިގައި ކުލަ އާއި ދަވާލު އަދި އެކި ވައްތަރުގެ ޓޫލްތައް ހުރެ އެވެ.
އެ ފިހާރަ ހުޅުވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ދަމާސްގެ ޖެނެރަލް މެނޭޖަރު މުހައްމަދު ސާލިހު ހަސަން ވަނީ އެ ފިހާރަ އަކީ އެ ކުންފުނީގެ ވިޔަފާރި ފުޅާކުރުމުގެ ގޮތުން ފަށާފައިވާ މަސައްކަތަށް އިތުރުވި ބޮޅެއްގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ. އަދި ހާޑްވެއާ ފިހާރައަކުން ބޭނުންވާނެ ގިނަ ސާމާނު، ރަނގަޅު އަގުތަކެއްގައި އެތަނުން ލިބެން ހުންނާނެ ކަމަށާއި އެތަނުން ވިއްކާ ޕްރޮޑަކްޓުތަކަކީ ކޮލެޓީ ރަނގަޅު ޕްރޮޑަކްޓުތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ދަމާސް ސެންޓްރަލްގައި ވިއްކާ ބައެއް ޕްރޮޑަކްޓުތައް. -- ފޮޓޯ: ނިޝާން އަލީ | މިހާރު
އެ ފިހާރައިން އިމާރާތް ކުރުމަށް ބޭނުންކުރާ ޓޫލްސް އާއި ކުލަ އާއި ދަވާދާއި ފިނިޝިން އާއި އެދީސިވް އަދި ލުބްރިކަންޓްސް އާއި އިންޑަސްޓްރިއަލް ތެޔޮ ހޯލްސޭލް އަދި ރީޓެއިލްކޮށް ލިބޭނެ އެވެ.
ދަމާސްއިން މިއަދު ވަނީ "ދަމާސް ލިވިންގް"ގެ ނަމުގައި ފަރުނީޗަރަށް ހާއްސަ ފިހާރަ ވެސް ހުޅުވައިފަ އެވެ. ޗާންދަނީމަގުގައި ހުޅުވި އެ ފިހާރައަކީ ބެޑްރޫމްސެޓާއި ސޯފާ ސެޓާއި ޑައިނިން ޓޭބަލާއި އެކި ޑިޒައިންތަކުގެ ގިނަ ފަރުނީޗަރު ވިއްކާ ތަނެކެވެ. ބަޖެޓުކޮށް ގަނެވޭނެ ފަރުނީޗަރުތަކުން ފެށިގެން ލަގްޒަރީ ފަރުނީޗަރު އެއް ތަނަކުން ލިބޭނެ މަގު ތަނަވަސްކޮށްދީ ހުޅުވި އެ ފިހާރައިން ކޮންމެ ރޭންޖެއްގައި ވިޔަފާރިކުރާ ކަސްޓަމަރަކަށް ވެސް ކޮލެޓީ އައި ސްޓައިލިޝް ތަކެތި ގަންނަން ލިބޭނެ ކަމަށް މެނޭޖިން ޑިރެކްޓަރު ވިދާޅުވި އެވެ.
"ދަމާސް ލިވިންގް"ގެ ޑިރެކްޓާ ފާނިޗާ، އަހުމަދު ފުއާދު ވިދާޅުވީ އެތަނުން "ސިގްނެޗާ ކިޗަން" އަދި "ޑިއުރޯފްލެކްސް" ފަދަ މަގުބޫލު ބްރޭންޑުތަކުގެ ފަރުނީޗަރު ލިބެން ހުންނާނެ ކަމަށެވެ. އަދި އެތަނުން ވިއްކާ ފަރުނީޗަރުގެ އިތުރުން ކަސްޓަމަރުންނަށް އިންޓީރިއާ ޑިޒައިންގެ ހިދުމަތާއި ކަސްޓަމަރުންގެ ޑިޒައިނަށް ކަސްޓަމް ފަރުނީޗަރު ވެސް ޖަހައި ދިނުމުގެ ހިދުމަތް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދަމާސް ލިވިންގް"ގެ އެތެރެ. -- ފޮޓޯ: ނިޝާން އަލީ | މިހާރު
އޭނާ ވިދާޅުވީ އެތަނުން ލިބެން ހުރި އެންމެ ތަފާތު އެއް ޕްރޮޑަކްޓަކީ އިންޑިއާގެ ނޭޝެނަލް ހެލްތު އެކަޑަމީއިން އެޕްރޫވް ކޮށްފައިވާ "ޑިއުރޯފްލެކްސް"ގެ ގޮދަޑި އެވެ. އަދި އެ ބްރޭންޑުގެ އެކި ރޭންޖުގެ ގޮދަޑި ލިބޭނެ ކަމަށާއި އަދި ސްޓްރެސް ފްރީ ޓެކްނޮލަޖީ ހިމެނޭ ރޭންޖާއި ގައިގައި ރިއްސާ ފަރާތްތަކަށް ހާއްސަކޮށް ތައްޔާރު ކޮށްފައިވާ ގޮދަޑި ވެސް އެތަނުން ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ބްރޭންޑުން ދާދިފަހުން ތައާރަފްކުރި ރިމޯޓް ކޮންޓްރޯލުން އެކި ފީޗާތައް ކޮންޓްރޯލް ކުރެވޭ "ނިއުމާ" ބްރޭންޑްގެ ގޮދަޑި ވެސް އެތަނުން ލިބޭނެ ކަމަށް ފުއާދު ވިދާޅުވި އެވެ. އެ ގޮދަޑިއަކީ ދެ ފަޅި ވަކިން ކޮންޓްރޯލް ކުރެވޭ، ވަކިވަކިން ދެ ފަޅި އެލެވޭޓް ކުރެވޭ "އެންޓި ސްނޯރިން" ޓެކްނޮލޮޖީއެއް ވެސް ހިމެނޭ ގޮދަޑިއެކެވެ. އެ ގޮދަޑީގައި މަސާޖް ފީޗާއެއް ވެސް ހިމެނެ އެވެ.
"ދަމާސް ލިވިންގް"ގައި އައުޓްޑޯ ފަރުނީޗަރާއި ރިސޯޓް ފަރުނީޗަރު ވެސް ހުރެ އެވެ. އަދި ކިޗަންވެއާ އާއި ބެޓްޝީޓު ފަދަ އެކި އެސަސަރީތައް ވެސް އެތަނުގައި ހުރެ އެވެ.
"ދަމާސް ލިވިންގް"އިން ވިއްކާ ބައެއް ޕްރޮޑަކްޓުތައް. -- ފޮޓޯ: ނިޝާން އަލީ | މިހާރު
އެ ދެ ފިހާރަ ހުޅުވުން ފާހަގަ ކުރުމުގެ ގޮތުން ފުރަތަމަ ހަފްތާގެ ތެރޭގައި އެ ދެ ފިހާރައިން ވެސް 20 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ. އަދި ފުރަތަމަ ހަފްތާގެ ތެރޭގައި ކޮންމެ ދުވަހަކު ހާއްސަ އިނާމެއް ލިބޭ ލަކީޑްރޯއެއް ވެސް ކުރިއަށް ގެންދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy