ލޫޕް ކްރާފްޓުގެ ސީއީއޯ މުހައްމަދު ޝަމްހީލް، ފާއިޒުގެ ދަރިކަނބަލަކަށް ފޮންޓާ ގުޅޭ ހަނދާނީ ލިޔުމެއް ދެއްވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު
10 އޯގަސްޓް 2025 - 14:36
ހޮޓާ ހިންގުމާއި ކޭޓަރިންގެ ވިޔަފާރީގައި މަޝްހޫރުވި މުހައްމަދު ފާއިޒް (ދަނބުމާ ފާއިޒު)ގެ ރީތި އަތުލިޔުން، "ދަނބުމާ" ފޮންޓުގެ ގޮތުގައި މިއަދު ލޯންޗުކޮށްފި އެވެ.
މި ފޮންޓު ލޯންޗްކޮށްދެއްވީ ކުރީގެ ނޫސްވެރިޔާ، އަދި ލިޔުންތެރިޔާ މުހައްމަދު ސަލީމް (ހޯރަފުށީ ސަލީމް) އެވެ.
ފާއިޒަކީ ކުރީގެ މަޝްހޫރު ކެލިގްރަފަރެއްކަން ފާހަގަކުރައްވައި އޭނާގެ މަސައްކަތަށް ސަލީމް ތައުރީފްކުރެއްވި އެވެ. އެފަދަ ރީތި ލިޔުއްވުންތައް ބަދަލުނުވެ ހުންނާނެ ގޮތަށް ޑިޖިޓަލައިޒްކުރުމަކީ، ފަހަށް ރައްކާތެރިކުރަން ކޮށްފައިވާ މުހިންމު މަސައްކަތެއްގެ ގޮތުގައި ވެސް ސަލީމް ސިފަކުރެއްވި އެވެ.
ލޫޕްކްރާފްޓުގެ ފައުންޑްރީ، "ރާއްޖެ ޓައިޕް"އިން ދަނބުމާ ފޮންޓް ނެރުނީ ފާއިޒު އޭނާގެ ދަރިންނަށް ލިޔުއްވައި ހަދިޔާކުރެއްވި ރެސިޕީ ފޮތެއްގައި ހުރި އަތުލިޔުން ނަކަލުކޮށްގެންނެވެ. އެ ފޮތުގައި އޭނާގެ އަމިއްލަ ރެސިޕީތަކާއި އެކި މީހުންގެ ރެސިޕީތައް ހިމަނާފައިވެ އެވެ.
އޭނާ އަކީ ކެފޭ، ރެސްޓޯރަންޓު އަދި ކޭޓަރިންގެ ވިޔަފާރިކުރެއްވި ވިޔަފާރިވެރި އެކެވެ.
ރެގިއުލާ އަދި ބޯލްޑް ވާޝަންގައި "ދަނބުމާ" ފޮންޓް ނެރުނެވެ. ބޯލްޑް ވާޝަނަށް ބޭނުން ކޮށްފައި ވަނީ މި ރެސިޕީ ފޮތުގެ ސުރުހީތަކުގައި ބޭނުންކޮށްފައިވާ އަތުލިއުމެވެ.
މި ފޮންޓު ލޯންޗްކުރަން ބޭއްވި ހަފްލާގައި ފާއިޒުގެ އާއިލާ އިން ބުނީ މި ފޮންޓު ނެރެން ނިންމީ، ފާއިޒު ހަދިޔާކުރި ރެސިޕީ ފޮތުގައި ހުރި އަތުލިޔުން ރީތިކަމުން، އެ އަތުލިޔުމުގައި ފޮތް ނެރެން ބޭނުންވެގެން ކަމަށެވެ. އަދި އެ ފޮތް ކޮފީ ހެއްދުމުގައި ބޮޑެތި އުނދަގޫތަކެއް ހުރުމުން، އަތުލިޔުން ފޮންޓަކަށް ބަދަލުކުރުމުގެ ހިޔާލު ލިބި، ލޫޕްކްރާފްޓާ އެކު އެ މަސައްކަތް ކުރަން ނިންމީ ކަމަށެވެ.
އެގްޒިބިޝަނުގައި ދަނބުމާ ފާއިޒާއި ގުޅޭ ގޮތުން ބަހައްޓާފައިވާ ލިޔުމެއް. -- ފޮޓޯ: ނިޝާން އަލީ | މިހާރު
ލޫޕް ކްރާފްޓްގެ ސީއީއޯ މުހައްމަދު ޝަމްހީލް ވިދާޅުވީ އެ ކުންފުނިން "ރާއްޖެ ޓައިޕް"ގެ ނަމުގައި ފައުންޑްރީއެއް ހަދައި، ފޮންޓު ޑިވަލޮޕްކުރަން ފެށީ ދިވެހީގެ ތަފާތު ފޮންޓުތައް ނެތުމުން، ޑިޒައިން މަސައްކަތްތަކުގައި ދަތިތައް ކުރިމަތިވާތީ ކަމަށެވެ. އަދި އެ ފައުންޑްރީން ރީތި، ތަފާތު ފޮންޓުތައް ނެރެފައިވާކަން ފާހަގަކުރައްވައި، "ދަނބުމާ" އަކީ އޭގެ ތެރެއިން ފާހަގަކޮށްލެވޭ ރީތި ފޮންޓެއް ކަމަށް ވިދާޅުވި އެވެ.
"މި ފޮންޓު ޑިވެލޮޕްކުރަން، ރެސިޕީ ފޮތް ފުރަތަމަ ފެނުމުން ވެސް ފާއިޒު ލިޔުންތެރިކަމަށް ހުރި ޝައުގާއި ކެލިގްރަފީއަށް ހުރި ލޯބި ވަރަށް ބޮޑަށް ހާމަވި. އެއީ އަތުލިޔުން ރީތިވެފައި، ލިޔުމުގެ ފްލޯ އެފާޓްލެސްކަމުން ވަރަށް ޝައުގާ އެކު ކޮށްފައި ހުރި މަސައްކަތެއްކަން އެނގުނު،" އޭނާ ވިދާޅުވި އެވެ.
ލޫޕް ކްރާފްޓުގެ ސީއީއޯ މުހައްމަދު ޝަމްހީލާއި މުހައްމަދު ސަލީމް ފޮންޓުގެ ލިޔުންތައް ބައްލަވާލައްވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު
އޭނާ ވިދާޅުވި ގޮތުގައި އެ ފޮންޓު ޑިވެލޮޕްކުރުމުގައި ފާއިޒުގެ އަތުލިޔުމުގެ އަސްލު ނުގެއްލޭނެ ގޮތަށް، އެ ފޮތުގައި ހުރި އަތުލިޔުމާއި ވީހާވެސް ގާތް ކުރާނެ ގޮތަށް އަކުރުތައް ނަކަލު ކުރަން ވަނީ މަސައްކަތްކޮށްފަ އެވެ. އެގޮތުން ކޮންމެ އަކުރެއް އެޅުމަށް ފަހު ވެސް ފޮތަށް ބަލައިގެން، އެ އަކުރެއް ފައިން ކުރުމުގައި ފޮތުގައި ހުރި އަކުރުތަކާއި އެއްގޮތްތޯ ޔަގީން ކުރުމަށް މަސައްކަތް ކުރިކަން ފާހަގަކުރެއްވި އެވެ.
މި ފޮންޓު މިހާރު ޑައުންލޯޑްކުރެވޭނެ އެވެ. "ދަނބުމާ" ފޮންޓުގައި ފާއިޒުގެ ރެސިޕީ ފޮތް ނެރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.
Dhanbumaa
A font developed by RajjeType, inspired by the late Dhambumaa Faiz's handwriting, whose penmanship was perfected through years of writing books with love & precision.
މި ލިންކުގައި ފޮންޓާއި ގުޅޭ މައުލޫމާތާއި ފޮންޓު ޑައުންލޯންޑު ކުރަން ލިބޭނެ.
ދަނބުމާ ފާއިޒަކީ ހޮބީއެއްގެ ގޮތުގައި އެކި ލިޔުންތައް ލިޔުނު ކެލިގްރަފާއެކެވެ. އޭނާ ލިޔެފައިވާ އަރަބި ތާނަ ބައެއް ލިޔުންތައް މާލޭ އާޓްގެލެރީގައި މިރޭ 10 ޖަހަންދެން ކުރިއަށްދާ އެގްޒިބިޝަނުން ބަލާލެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެޕަލް ފޯނު ޔޫސާރ
11 August 2025
އައިއޯއެސް އަކުން ޑައުންލޯޑް ނުވޭ.
1206
10 August 2025
މި ގައުމުގައި އިންސާފާ އަދުލުގެ ނިޒާމެއް ނެތް ކަމުގެ ހެކި އެއްވެސް ކުށެއް ނެތް މައުސޫމް ފުރާނައެއް ހައްގުން ކުރެ ކަމަކާނުލައި ގަތުލުކޮށްލުމުން ވެސް އެ ފުރާނައަށް އިންސާފު މި ފަސްގަނޑުން ހޯދައި ނުދެވުނެވެ. އެކަމަކު ސީޔާސީ އެކި ކުލަވަރު ޖެހިފައި ހުރި އެކި މަރުތަކަށް އިންސާފު ނުލިބިގެން ލަވާ ހަޅޭކުގެ އަޑު ކެނޑިނުއެޅި މި ގައުމުގެ 6 އުދަރެހުން އަޑު ހަރުކޮށް އެބަ އިވެއެވެ.
ފެކްޓްް
10 August 2025
"ށ، ނ، ފ، ދ، ލ، ޕ" މިއަކުރުތަކާ އެއްކޮށް އިބިފިލި ޖެހޭ އަކުރެއް އައުމުން އަކުރާ ފިއްޔާ އެކުނުވާނަމަ ވަރަށް ހިތްގައިމުވީސް ކަމަށް ދެކެން. ވަރަށް ރީތި ފޮންޓު. މާޝާﷲ
މަންޖެ
10 August 2025
ކޮންތާކުން ކިހިނެތްބާ ޑައުންލޯޑް ކުރެވޭނި މި ފޮންޓް
ތަކުރުު
10 August 2025
https://theloopcraft.com/raajjetype/dhanbumaa ޕޭޖުގެ އެންމެ ތިރީގެ ވާތްފަރާތުގައި ބޮޅެއްގެ ތެރޭގައިވާ އައިކަން އެއީ ޑައުންލޯޑް ކުރުމަށް.
ރަދީފްއޮފިޝަލް /
10 August 2025
އާޓިކަލްގެ އެންމެ ތިރީގަ އިން ލިންކުން ލިބޭނެ.
ހުއްރާ
10 August 2025
ވަރަށް ރީތި އަދި ފަސޭހައިން ލިޔެލެވޭ ކަހަލަ އަކުރުތަކެއް..
ރަންޒަމާނުގެ ދަނބުމާ ހަނދާން
10 August 2025
ދަނބުމާއޭ ބުނީމަ ހަމަ ސިކުނޑި ގޮސް ހުއްޓެނީ ވިހި ފަންސަވީސް އަހަރު ކުރިއަށް. ރިހާކުރު ފޮޅިއަކާ ވަށްކޮށް އަޅާފަ އިންނަ ފޮނި ބޯކިބާކޮޅަކާ ކަޅެއް. ޖުމްލަ ތިން ރުފިޔާ. ހިލޭ ސަޕްލައި ފެންތައްްޓެއް ބޯލައިގެން ތަބަކުން ފޯއްކޮޅަކާ ކަރަންފުލެއް ކާލީމަ އެއިނީ އެކަން ނިމަފަ.
ބަބްސް
10 August 2025
ނަލަ ފޮންޓެއް. ފޮންޓުތަށް ބައިވަރު ، ދެރައީ ލިޔެ ކިޔާނެ ދިވެހިން ދަރިން މަދުވީމަ. ނޯޓް: ދިވެހިން ފޮންޓަށް ބަހެއް ދީފަ އޮވޭތަ.
އެއްޗެއް ކަޅެއް
10 August 2025
ދަނބުމާ ހޮޓާ މިހާރުވެސް ހުރޭތަ. ވިއްސަކަށް އަހަރު ވެއްޖެ އެތަނަށް ނުވަދެވޭތާ
ރަދީފްއޮފިޝަލް /
10 August 2025
ހެދިކާ ވަރަށް މީރު ދޯ. ޕީޓްރަލް ، ކުއީން އޮފް ދަ ނައިޓް އަދި ދަނބުމާ އެއީ އެހެން ލެވެލްއެއް.އަހަރުމެންގެ އެންމެ ރަން ޒަމާނުގަ ކަޅެއް ކަނޑާލަން ވަަންނަނީ މިތަންތަނަށް.ވ.ވެދުން