12 އޯގަސްޓް 2025 - 19:31
ބީއެމްއެލް އިސްލާމިކްއިން ގައުމީ ޔުނިވާސިޓީގެ ދަރިވަރުންނަށް ފައިނޭންޝަލް ލިޓްރަސީ ސެޝަނެއް ބާއްވައިފި އެވެ.
ގައުމީ ޔުނިވާސިޓީގެ އޮޑިޓޯރިއަމްގައި މިއަދު ބޭއްވި އެ ސެޝަނުގައި އިސްލާމިކް ފައިނޭންސާއި އިސްލާމިކް ބޭންކިން އާއި ފަހަށް ރައްކާކުރުމުގެ ސަގާފަތެއް ބިނާކުރުމުގެ މުހިއްމު ކަމާއި ބެހޭގޮތުން ވަނީ މައުލޫމާތު ދީފަ އެވެ. އަދި މާލީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ބީއެމްއެލްއިން މީގެ ކުރިން ވެސް މިފަދަ ސެޝަންތައް ވަނީ ހިންގައިފަ އެވެ.
ރާއްޖޭގެ އެންމެ ބޮޑު އިސްލާމިކް ބޭންކުގެ ހައިސިއްޔަތުން ބީއެމްއެލް އިސްލާމިކުން އެކައުންޓާއި ކާޑު އަދި ފައިނޭންސިން ހިދުމަތްތައް ހިމެނޭހެން ހުރިހާ އިސްލާމިކް ބޭންކިން ހިދުމަތްތަކެއް ފޯރުކޮށްދެ އެވެ. އަދި އެއީ އިސްލާމިކް އޯވާޑްރާފްޓް ފައިނޭންސިން އާއި ކޭޝް ފައިނޭންސިން އާއި ހައިބްރިޑް ހޯމް ފައިނޭންސިންގެ އިތުރުން އިސްލާމިކް ޑެބިޓް ކާޑު ރާއްޖެއަށް ތައާރަފްކުރި ބޭންކެވެ. އަދި އެއީ އިސްލާމިކް ކްރެޑިޓް ކާޑު ދޫކުރާ ހަމައެކަނި ބޭންކެވެ.
މިއަހަރަކީ ބީއެމްއެލް އިސްލާމިކްގެ ހިދުމަތަށް 10 އަހަރު ފުރުނު އަހަރެވެ. އަދި އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ބޭންކުގެ 10 ކަސްޓަމަރަކަށް ހައްޖު ދަތުރު ލިބޭ ހާއްސަ ޕްރޮމޯޝަނެއް ވެސް ބޭންކުން ވަނީ ފަށައިފަ އެވެ.
ބީއެމްއެލް އިސްލާމިކްގެ ހިދުމަތް މިހާރު ބޭނުންކުރަމުން އަންނަ ކަސްޓަމަރުންނާއި އަލަށް ހިދުމަތް ބޭނުން ކުރަން ފަށާ ކަސްޓަމަރުންގެ ތެރެއިން ފައިނޭންސިން ފެސިލިޓީއެއް ބޭނުންކުރަމުން އަންނަ ކަސްޓަމަރުންނާއި މުސާރަ ޖަމާކުރާ ކަސްޓަމަރުންނަށާއި ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓް ނުވަތަ އިސްލާމިކް ކްރެޑިޓް ކާޑެއް ބޭނުންކުރާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy