27 އޯގަސްޓް 2025 - 13:46
ވިލާ ކޮލެޖުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ހިންގާ "ޖަޖަސް ރެޒިޑެންސީ" ޕްރޮގްރާމް ތައާރަފްކޮށް ތިމާވެށި އަދި ކަނޑުގެ ގާނޫނީ ދިރާސާތަކަށް ހާއްސަކޮށް "ސެންޓަ ފޯ ޓްރާންސްފޮމޭޓިވް އެންވަޔަރަންމަންޓަލް އެންޑް މެރިން ލޯ (ސީޓީއީއެމް)" ސެންޓަރު އިފްތިތާހުކޮށްފި އެވެ.
މި ރަސްމިއްޔާރުގައި ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ޑީން އަސްނާ އަހުމަދު ވަނީ މިއީ ވިލާ ކޮލެޖުގެ ތާރީހުގައި ފާހަގަކޮށްލެވޭ ފަދަ ތާރީހީ ތައުލީމީ ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ. އޭނާ ވިދާޅުވީ އަލަށް ތައާރަފް ކުރި ޕްރޮގުރާމާއި ސެންޓަރަކީ ދަރިވަރުންނަށް ގާނޫނީ ދާއިރާގެ އަމަލީ ތަޖުރިބާ ފޯރުކޮށްދީ ތައުލީމާއި މަސައްކަތުގެ މާހައުލު ގުޅުވައިދޭނެ މަސައްކަތެއް ކަމަށެވެ.
ވިލާ ކޮލެޖުގެ ކިއުއައި ކެމްޕަހުގައި އިއްޔެ އޮތް ހާއްސަ ރަސްމިއްޔާތެއްގައި "ޖަޖަސް ރެޒިޑެންސީ" ޕްރޮގުރާމު އިފްތިތާހުކޮށްދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން އެވެ. އެ ޕްރޮގުރާމު އިފްތިތާހުކޮށްދެއްވުމަށް ފަހު ޝުޖޫން ވިދާޅުވީ އެ ޕްރޮގްރާމަކީ ގާނޫނީ ދާއިރާގައި އާ ޖީލެއް ބިނާކުރުމަށް ލިބުނު ބޭނުންތެރި ވަސީލަތެއް ކަމަށެވެ. އަދި އަދުލު އިންސާފު ގާއިމުކުރުމުގައި ގާނޫނީ ދަރިވަރުންގެ ޒިންމާގެ މުހިންމުކަން ފާހަގަކުރެއްވި އެވެ.
"ޖަޖަސް ރެޒިޑެންސީ" ޕްރޮގުރާމުގެ ދަށުން، ޝަރުއީ ދާއިރާގައި ގިނަ ދުވަހު ހިދުމަތްކުރައްވާފައިވާ ރިޓަޔާޑް ފަނޑިޔާރަކު "ރެސިޑެންޓް ޖަޖެއް"ގެ ގޮތުގައި ގާނޫނީ ދާއިރާގެ ދަރިވަރުންނާއި ޓީޗަރުންނާ އެކު މަސައްކަތް ކުރާނެ ކަމަށް ވިލާ ކޮލެޖުން ބުންޏެވެ. އެ ކޮލެޖުން ބުނީ އެ ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ގާނޫނީ ތައުލީމުގެ ތިއަރީ އާއި އަމަލީ ހުނަރުތައް ގުޅުވާލައި، ފަނޑިޔާރުންގެ ވިސްނުމާއި ޝަރުއީ ނިޒާމާއި، ޢަދުލުވެރިކަމުގެ އަސާސްތައް ދަރިވަރުންނަށް ސީދާ ފަނޑިޔާރުންގެ ފަރާތުން އުނގަންނައިދިނުން ކަމަށެވެ. އެ ޕްރޮގުރާމުގައި ރެސިޑެންޓް ޖަޖް، ދަރިވަރުންނަށް ލެކްޗާ ދިނުމާއި ދިރާސާތަކަށް އެހީތެރިވުމާއި މޫޓް ކޯޓް ސެޝަންތަކަށް އިރުޝާދު ދިނުމުގައި އިސް ދައުރެއް އަދާ ކުރާނެ ކަމަށް ވިލާ ކޮލެޖުން ބުންޏެވެ. ވިލާ ކޮލެޖްގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ފުރަތަމަ "ރެސިޑެންޓް ޖަޖް" ގެ މަގާމަށް އައްޔަނު ކޮށްފައި ވަނީ ސިވިލް ކޯޓުގެ ކުރީގެ އިސް ގާޒީ، އަބްދުﷲ އަލީ އެވެ.
ވިލާ ކޮލެޖުގައި އޮތް ރަސްމިއްޔާތުގައި ދެ ވަނަ އަށް އިފްތިތާހު ކުރީ ސެންޓާ ފޯ ޓްރާންސްފޮމޭޓިވް އެންވަޔަރަންމަންޓަލް އެންޑް މެރިން ލޯ (ސީޓީއީއެމް) އެވެ. މި ސެންޓަރު އިފްތިތާހުކޮށްދެއްވީ ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ ސްޓޭޓް މިނިސްޓަރު ޑރ. އަމްޒަތު އަހުމަދެވެ. ސީޓީއީއެމް އަކީ ތިމާވެށި އަދި ކަނޑުގެ މައްސަލަތަކަށް ގާނޫނީ ނަޒަރަކުން ހައްލު ހޯދުމަށް ހާއްސަކޮށްގެން އުފައްދާފައިވާ ރާއްޖޭގެ މިފަދަ ފުރަތަމަ މަރުކަޒެވެ.
މި މަރުކަޒަކީ ތިމާވެށީގެ ގާނޫނުގެ ދާއިރާއިން ދިރާސާކުރުމާއި، ވަކާލާތު ކުރުމާއި، އަދި ދެމެހެއްޓެނިވި ތަރައްގީއަށް މަގުފަހިކުރުމަށްޓަކައި ގާނޫނީ ދިރާސާތައްކޮށް، ސިޔާސަތުތައް ބައްޓަންކޮށް، ވަކާލާތުކުރާ މައި ހަބެކެވެ.
ވިލާ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތުގައި ވިލާ ކޮލެޖުގައި ގާނޫނީ ދާއިރާ ކިޔަވާ ދަރިވަރުންގެ ކާމިޔާބީތައް ފާހަގަކޮށް ލިޔުން ދިނެވެ. އެގޮތުން، ބައިނަލްއަގުވާމީ މޫޓް ކޯޓް މުބާރާތްތަކުން ވިލާ ކޮލެޖުގެ ދަރިވަރުން ހޯދާފައިވާ ކާމިޔާބީތަކާއި، 2024 ވަނަ އަހަރުގެ ބާ އިމްތިހާނުން މަތީ ދަރަޖައިގައި ފާސްވި ދަރިވަރުންނާއި، "ޑީންސް ލިސްޓް" އަދި "ޑީންސް އެވޯޑް" ފަދަ އިނާމުތައް ހޯދި ދަރިވަރުންގެ ކާމިޔާބީތައް ފާހަގަކުރި އެވެ. ވިލާ ކޮލެޖުން ބައިނަލްއަގުވާމީ މޫޓް ކޯޓް މުބާރާތްތަކުން ހޯދި ކާމިޔާބީތަކުގެ ތެރޭގައި، ހޮންކޮންގްގައި އޮތް 20ވަނަ ވިސް އިންޓަނޭޝަނަލް މޫޓް 2023 ގެ ގަދަ 16 ޓީމުގެ ތެރޭގައި ހިމެނުމާއި، އަބޫދާބީގައި އޮތް 13 ވަނަ މިޑްލް އީސްޓް ވިސް ޕްރީ-މޫޓް ގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ދިވެހި ޓީމްގެ ޝަރަފް ހޯދުން ހިމެނެ އެވެ.
އެ ރަސްިމިއްޔާތުގައި ވިލާ ކޮލެޖް ލޯ ސޮސައިޓީ (ވީސީއެލްއެސް)ގެ 2025 ވަނަ އަހަރުގެ ހިންގާ ކޮމިޓީ ހުވާކުރުން ވެސް ކުރިއަށް ދިޔައެވެ. ވިލާ ކޮލެޖް ލޯ ސޮސައިޓީއަކީ، ގާނޫނީ ދާއިރާއަށް ހިދުމަތްކުރުމާއި، އެ ދާއިރާ ލީޑާޝިޕް ތަރައްގީ ކުރުމަށް މަސައްކަތްކުރާ ހަރަކާތްތެރި ޕްލެޓްފޯމެކެވެ. ފެކަލްޓީގެ ސީނިއާ ލެކްޗަރާ، އާމިޝް އަބްދުﷲ ފާހަގަކުރެއްވި ގޮތުގައި، އެ ޖައްމިއްޔާއިން "ޕްރޮ ބޯނޯ" (ހިލޭ ގާނޫނީ ލަފާ) ދިނުމުގެ ސަގާފަތް އާލާކޮށް، އާޓިފިޝަލް އިންޓެލިޖެންސް އާއި ޖައްވީ ގާނޫނު ފަދަ އާ މައުލޫތައް މަޝްވަރާ ކުރެ އެވެ.
އެ ރަސްމިއްޔާތުގައި ވިލާ ކޮލެޖުގެ ވައިސް ރެކްޓާ، ޑރ. އަލީ ނަޖީބް ވަނީ އާ އީޖާދުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައިގެން، ވިލާ ކޮލެޖުގައި ލިބެންހުރި އެކްސްޕީރިއެންޝަލް ލާރނިންގ ފުރުސަތުތަކުގެ ބޭނުން ފުރިހަމަގޮތުގައި ހިފުމަށް ދަރިވަރުންނަށް ބާރުއެޅުއްވި އެވެ. އަދި އެތިކްސްއާއިއެކު އިންޓެގްރިޓީ ހުރި ބަޔަކަށް ވުމަށް ބާރުއެޅުއްވި އެވެ. އޭނާ ވިދާޅުވީ ފެންވަރު ރަނގަޅު ޔުނިވާސިޓީތަކާއި އެއް ފެންވަރަކަށް އެކްސްޕީރިއެންޝަލް ލާނިންގެ ފުރުސަތުތައް ވިލާ ކޮލެޖުގައި ލިބެން ހުރިކަން ފާހަގަކުރެއްވިި އެވެ.
ވިލާ ކޮލެޖަކީ ޝަރުއީ ދާއިރާގެ ކޯސްތައް ފުޅާ ދާއިރާއެއްގައި ހިންގަމުން އަންނަ ކޮލެޖެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy