ޕްރައިވަޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް އާ މެންބަރަކު އައްޔަންކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، އަލަށް އައްޔަންކުރީ ޒައިނާ އަބްދުﷲ ކަމަށެވެ. 

ޒައިނާ އަބްދުﷲ ވަނީ ބޭންކިން އަދި ފައިނޭންސްގެ ދާއިރާގައި، ހާއްސަކޮށް ކޯޕަރޭޓް ފައިނޭންސް، އިސްލާމިކް ބޭންކިން އަދި ދައުލަތުގެ ކުންފުނިތަކުގެ ގަވަނަންސްގެ ދާއިރާގައި 10 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވައިފަ އެވެ. އޭނާ މިހާރު މަސައްކަތްކުރައްވަނީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ހެޑް އޮފް ކޯޕަރޭޓް ޕްރޮސެސިންގެ މަގާމުގަ އެވެ. 

ޒައިނާ ވަނީ ޕީސީބީގެ ގެ ސީނިއާ އޮފިސަރެއްގެ މަގާމު ވެސް ފުރުއްވައިފަ އެވެ. އެ މުއްދަތުގައި އޭނާ ވަނީ ދައުލަތުގެ ކުންފުނިތަކުގެ މަސައްކަތްތައް މޮނިޓަކޮށް އިވެލުއޭޓް ކުރުމާއި، މާލީ ބަޔާންތަކާއި ބަޖެޓުތަކުގެ އިތުރުން ބިޒްނަސް ޕްލޭންތައް ދިރާސާކުރުމާއި، ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ އިދާރީ މަސައްކަތްތަކުގައި މުހިންމު ދައުރެއް އަދާކުރައްވައިފަ އެވެ.

ޒައިނާ ވަނީ މެލޭޝިއާގެ އިންޓަނޭޝަނަލް ސެންޓަ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް އިން މާސްޓާސް އޮފް އިސްލާމިކް ފައިނޭންސް ޕްރެކްޓިސް ހާސިލްކޮށްފަ އެވެ.

ޕީސީބީގެ ބޯޑުގައި ހަތް މެންބަރުން ތިބެން ޖެހުނަސް، މިވަގުތު އެ ބޯޑު ހިންގަމުން އަންނަނީ ތިން މެންބަރުންނާ އެކު އެވެ. ޒައިނާއާ އެކު ބޯޑުގައި ތިބޭ މެންބަރުންގެ އަދަދު ހަތަރަކަށް އިތުރުވާނެ އެވެ.