ކުރިއަށް އޮތް ފަސް އަހަރުގެ މުއްދަތަށް އިމިގްރޭޝަން ހިންގާނެ އޮފީސް ޖާގައެއް ހޯދަން އިއުލާނުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ކުރި އިއުލާނުގައިވާ ގޮތުން އިމިގްރޭޝަން ހިންގަން 13،600 އަކަފޫޓާއި 14،00 އަކަފޫޓުގެ ޖާގައެއް ބޭނުންވެ އެވެ.

ނެޝަނަލް ކޮމްޕެޓިޓވް ބިޑިން އުސޫލުގެ ތެރެއިން ކުރިއަށްގެންދާ އެ ބީލަމުގައި ބައިވެރިވުމަށް 500ރ. ގެ ފީއެއް ދައްކަން ޖެހެ އެވެ. ފައިސާ ބަލައިގަތުން އަންނަ މަހުގެ 5 ވަނަ ދުވަހާ ހަމައަށް ކުރިއަށް ދާނެ އެވެ.

މި މަސައްކަތަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 205،500ރ. ދައްކަން ޖެހެ އެވެ. ބިޑް ހުށަހެޅުން އޮންނާނީ ބީލަން ޕޯޓަލް މެދުވެރިކޮށް އަންނަ މަހުގެ 8 ވަނަ ދުވަހު އެވެ.

ވަކިވަކި އޮފީސްތަކުގެ ތެރެއިން އިމިގްރޭޝަނަކީ މިހާރު ވެސް އޮފީސް ހިންގުމަށް އެންމެ ބޮޑު ހަރަދެއް ކުރާ އެއް އިދާރާ އެވެ. 

ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރު އިމިގްރޭޝަންގެ ދެ  އޮފީސް ހިންގުމަށް 8.3 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އެއީ ކޮންމެ މަހަކު ގާތްގަނޑަކަށް 692،000ރ. އެވެ.

ބަޖެޓުގެ ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރު ސަރުކާރުގެ 32 އިދާރާއަކުން 97 އިމާރާތެއްގެ ޖާގަ އޮފީސް ހިންގުމަށް ކުލި ދައްކައިގެން ބޭނުން ކުރި އެވެ. މިދިޔަ އަހަރު އޮފީސްތަކުގެ ކުއްޔަށް 185 މިލިއަން ރުފިޔާ ހޭދަކުރި އެވެ.