މިސްކިތްތަކާއި ވަގުފް އިމާރާތްތައް އަޅަން އުފެއްދި ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހައްޖު ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދުރީސް ހަމަޖައްސައިފި އެވެ. 

ދީނީ ކަންކަމަށް ހޭދަކުރަން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަގުފުތައް ބިނާކުރުމާއި އެ ބިނާތަކާއި މިސްކިތްތައް އިމާރާތްކޮށް އަދި މަރާމާތު ކުރަން ހާއްސަ ކުންފުންޏެއް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. 

ޕީސީބީން ވަނީ ކުންފުނީގެ ޗެއާޕާސަނާއި މެނޭޖިން ޑިރެކްޓަރު އަދި ބޯޑު އެކުލަވާލައި މިއަދު އާއްމުކޮށްފަ އެވެ. 

އައުގާފް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު

ޗެއާޕާސަން: ޝައިހު އިއްޒުއްދީން އަދުނާން (ޒަކާތު ހައުސްގެ ވާއިޒް ނުވަތަ އިސްވެރިޔާ)

މެނޭޖިން ޑިރެކްޓަރު: ޔާމީން އިދުރީސް (ހައްޖު ކޯރޭޝަންގެ ކުރީގެ އެމްޑީ އަދި މިހާރު ޕެންޝަން އޮފީހުގެ މެމްބަރު)

ހުސެއިން ޝާމް އާދަމް، ނ. ފޮއްދޫ ޔާގޫތުގެ (ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު)

ޑރ. މުހައްމަދު ޝުޖާއު، މއ. ބަރަކަ

މަރްޔަމް ނިހާޔަތު، ގދ. ތިނަދޫ، ވެލަގަލާ

އަބްދުﷲ އަލީ، ރ. ކަނދޮޅުދޫ، މީނާޒް

މުހައްމަދު ހިލްމީ، ހދ. ވައިކަރަދޫ، ސައިމާގެ

އެ ކުންފުނިން ވަގުފު އިމާރާތްތައް ހެދުމުގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި އެ މިސްކިތްތައް މަރާމާތުކުރުމާއި އާބާތުރަ ފިލުވުމާއި މިސްކިތްތަކަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ގާއިމްކޮށް ތަރައްގީކުރުމުގެ މަސައްކަތާއި އިސްލާމީ ޝަރީއަތް ހުއްދަކުރާ ވިޔަފާރިތައް ވެސް ހިންގާނެ އެވެ.

ވަގުފު އިމާރާތްތަކަށް ކުންފުންޏެއް އުފެއްދެވިއިރު، މި ސަރުކާރުން ވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ވަގުފު އިމާރާތްތައް އަޅަން ނިންމައިފަ އެވެ.

ރާއްޖޭގައި އެޅި އެންމެ ފުރަތަމަ ވަގުފު އިމާރާތަކީ، މާފަންނު މަދަރުސާއާ ޖެހިގެން އިމާރާތްކުރި "ދާރުލް އީމާން" އެވެ. އޭގެ ދެ ވަނަ އިމާރާތް "ދާރުއްސަލާމް" އަޅަން އާރުސީސީން މިދިޔަ މަހު ވަނީ ފަށައިފަ އެވެ. 

އޭގެ އިތުރުން ހދ. ކުޅުދުއްފުއްޓާއި ގދ. ތިނަދޫ އަދި އައްޑޫ ސިޓީގައި ވެސް ވަގުފު އިމާރާތްތަކެއް އަޅަން ނިންމާފައިވެ އެވެ.