އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ މަސައްކަތްތައް ނިންމާނެ ސުންގަޑިއެއްގެ ގޮތުގައި މި މަހުގެ 19 ވަނަ ދުވަސް ބަޖެޓު ކޮމިޓީން ކަނޑައަޅައިފި އެވެ.
ކޮމިޓީން ވަނީ ބަޖެޓާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީ ހާޒިރުކުރާނެ ތާރީހެއްގެ ގޮތުގައި މިމަހުގެ 9 ވަނަ ދުވަސް ކަނޑައަޅައިފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 231 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް އެމްއެމްއޭ އާއި އޮޑިޓާ ޖެނެރަލްގެ އޮޕީނިއަން ބަޖެޓާ މެދު ހޯދާ މަޖިލީހަށް ހާޒިރު ކުރާނެ ދުވަހަކާ ގުޅޭ ގޮތުން ވެސް ކޮމިޓީގައި މަޝްވަރާކޮށްފައިވެ އެވެ. ނަމަވެސް، ވަކި ދުވަހެއް ކަނޑައަޅާފައެއް ނުވެ އެވެ.
ކޮމިޓީން ވަނީ މިނިވަން މުއައްސަސާތަކުގެ ތެރެއިން ކޮމިޓީއަށް ހާޒިރުކުރާނެ މުއައްސަސާތައް ކަނޑައެޅުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފަ އެވެ. އެކަމުގައި މިނިވަން މުއައްސަސާތަކުގެ ފަރާތުން ލިޔުމުން ހުށަހަޅާ، ބަޖެޓާ ގުޅޭ ގޮތުން ހިޔާލު ހޯދާނެ މިނިވަން މުއައްސަސާތައް ކަނޑައެޅުމުގެ ބާރު އިދާރީ މޭޒަށް ދޭން، ފޮނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ހުށަހެޅި ނިންމުން ވެސް ވަނީ ކޮމިޓީން ފާސްކޮށްފަ އެވެ. އެކަން އެގޮތަށް ފާސްކުރުމުން، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވަނީ މިނިވަން މުއައްސަސާތަކަށް ކޮމިޓީއަށް އަައިސް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ބަންދު ނުކުރުމަށް ހުށަހަޅައިފަ އެވެ. އެކަން އެގޮތަށް ކުރިއަށް ގެންދަން ވެސް ކޮމިޓީ މެންބަރުން ވަނީ ތާއީދުކޮށްފަ އެވެ.
"އެހެންމަ އަޅުގަނޑުމެން ލިޔުންތައް ގެނައުމަށްފަހު އެ ލިޔުންތަކަށް ބަލާފައި، ބައްދަލުކުރަން ބޭނުންވާ ފަރާތަކަށް [މިނިވަން މުއައްސަސާތައް] ބައްދަލުކުރާގޮތަށް ހަދާނީ،" ކޮމިޓީގެ މުގައްރިރު މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމު ވިދާޅުވި އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ. އެ ބަޖެޓްގެ އޯވަރޯލް ޑެފިސިޓް ހުންނާނެ ކަމަށް ލަފާކުރަނީ 9.4 ބިލިއަން ރުފިޔާގަ އެވެ.
އަންނަ އަހަރުގެ ބަޖެޓުން 52.6 ބިލިއަން ރުފިޔާ ހަރަދުކުރަން ކަނޑައަޅާފައި އޮތް އިރު އޭގެ ތެރެއިން 42.7 ބިލިއަން ރުފިޔާ އަކީ ރިކަރެންޓް ހަރަދެވެ. އެއީ މުޅި ބަޖެޓްގެ ގާތްގަނޑަކަށް 71.5 ޕަސެންޓެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި، އާމްދަނީއާ ހިލޭ އެހީގެ ގޮތުގައި 43.2 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެކަމަށް އަންދާޒާކޮށްފައިވެ އެވެ. އެއީ މިއަހަރުގެ އާމްދަނީއަށް ވުރެ 1.4 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.