އަންނަ އަހަރުގެ ޖުލައި މަހު ބާއްވާ، ވިލާ ކޮލެޖުގެ 11 ވަނަ އިންޓަނޭޝަނަލް ރިސާޗް ކޮންފަރެންސް އިއްޔެ ލޯންޗްކޮށްފި އެވެ.
އެ ކޮލެޖުން ބުނީ އިންސްޓިޓިއުޓް ފޯ ރިސާޗް އެންޑް އިނޮވޭޝަން އިން އިންތިޒާމުކޮށް ކޮންމެ އަހަރަކު ބާއްވާ ރިސާޗް ކޮންފަރެންސް އޮންނާނީ ޖުލައި މަހުގެ 3-4 އަށް ކަމަށެވެ.
މި ކޮންފަރެންސް އިންތިޒާމްކުރަނީ، ތައުލީމީ ދާއިރާ އާއި އެކި ސިނާއަތްތައް އަދި މަދަނީ ޖަމިއްޔާތަކުން ތަފާތު ފަންތީގެ ބައިވެރިންނަށް ލިބިފައިވާ އިލްމާއި ތަޖުރިބާތައް ހިއްސާކުރާ ގޮތަށެވެ.
މޫސުމަށް އަންނަ ބަދަލުތަކާއި ވަސީލަތްތައް ބެލެހެއްޓުމުން ފެށިގެން އިޖުތިމާއީ އަދި އިގްތިސާދީ ހަމަހަމަކަމާއި ޒިންމާދާރު ޓެކްނޮލޮޖީ އެޑޮޕްޓްކުރުމަށް ދިމާވާ ގޮންޖެހުންތަކާއި ކުރިމަތިލުން ހިމެނޭގޮތަށް، މަޝްވަރާ ކުރާނެ އެވެ. އެ ކޮންފަރެންސުން އެއް ބަޔަކު އަނެއް ބަޔަކަށް އެއްބާރުލުން ދިނުމުގެ ޕްލެޓްފޯމެއް ލިބިގެންދާނެ ކަމަށް ވިލާ ކޮލެޖުން ބުންޏެވެ.
އަންނަ އަހަރުގެ ކޮންފަރެންސަށް ކަނޑައަޅާފައިވާ ޝިއާރުން، އާންމު ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި މާނަ ހުރި ބަދަލުތަކެއް ގެނައުމަށް ފަރުދުންނާއި މުއައްސަސާތަކާއި މުޖުތަމައުތައް ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތައް ހޯދަން ވަނީ އަމާޒުކޮށްފަ އެވެ. އެގޮތުން، ދިރާސީވެރިންނާއި ތައުލީމީ ދާއިރާގެ ބޭފުޅުންނާއި ސިޔާސަތު ކަނޑައަޅާ ފަރާތްތަކުގެ އިތުރުން އެކި ދާއިރާތަކުގެ ފަންނީ ބޭފުޅުންނަށް އެ ކޮންފަރެންސަށް ވަނީ ދައުވަތު އަރުވައިފަ އެވެ.
އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސޯޝަލް ރިސާޗް އެންޑް އިނޮވޭޝަންގައި ފާހަގަކޮށްލެވޭ ކީނޯޓް ސްޕީކަރުން ފަރާތުން ބައިވެރިންނަށް އިލްމު ހޯދުމާއި، ގުޅުންތައް ގާއިމްކުރުމާއި، ސިނާއަތުގެ ތެރޭގައި މަޝްވަރާކުރެވެމުންދާ މައުލޫމާތަކަށް އަލިއަޅުވާލުމަށް އަގުހުރި ފުރުސަތެއް ލިބިގެންދާނެ އެވެ. އަދި ޖިނާއަތުގެ ތެރެއިން ލޯކަލް އަދި އިންޓަނޭޝަނަލް ތަޖުރިބާކާރުންގެ ފަރާތުން ވަކިވަކިން ބޭއްވޭ ޕެނަލް ޑިސްކަޝަންތައް ހުށަހެޅޭނެ ކަމަށްވެސް ވިލާ ކޮލެޖުން ބުންޏެވެ.
އަންނަ އަހަރުގެ ކޮންފަރެންސް ލޯންޗްކުރަން ބޭއްވި ރަސްމިއްޔާތުގައި، ވިލާ ކޮލެޖުގެ ޑެޕިއުޓީ ވައިސް ޑިރެކްޓަރު ޑރ. މުހައްމަދު އާދިލް ވަނީ ކޮންފަރެންސްގެ ތަފްސީލާއި ހައިބްރިޑް އިވެންޓް ފޯމެޓް އިއުލާން ކުރައްވައިފަ އެވެ. އަދި ކޮންފަރެންސާ ބެހޭ އިތުރު މައުލޫމާތު ދެއްވީ އައިސީއެސްއާރްއައިގެ ކޯޑިނޭޓަރު ޑރ. މަމްދޫހާ އިސްމާއީލް އެވެ.
މި އަންނަ އަހަރުގެ އައިސީއެސްއާރުއައި އަކީ ދެމަހެއްޓެނިވި ތަރައްގީ އާއި ހަރުދަނާކަމާއި ތަނަވަސްކަމަށް މަގުފަހިކޮށްދޭ ވަކިވަކި ފަރުދުންގެ ވިސްނުމާއި ހައްލުތަކަށް އަމަލު ކުރެވޭނެ އިޖުތިމާއީ ދިރާސާތަކާއި އިނޮވޭޝަންގެ އާ މިސްރާބުތައް ދެނެގަތުމެވެ. ކޮންފަރެންސަށް އެބްސްޓްރެކްޓް ހުށަހެޅުމުގެ ފުރުސަތު އަންނަ އޭޕްރީލް މަހުގެ ނިޔަަލަށް ވަނީ ހުޅުވާލައިފަ އެވެ. އަދި ކޮންފަރެންސްގެ ވެބަސައިޓުން ޖޫން 7، 2027 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީ ކުރެވޭނެ އެވެ.