އެޗްޑީއެފްސީ އަމްނާއިން އެ ކުންފުނީގެ ޝަރީއާ ކޮމިޓީގެ މެމްބަރުންނާ ގުޅިގެން ސިނާއަތުގެ މުހިންމު ފަރާތްތައް އިސްލާމިކް ހޯމް ފައިނޭންސިންއާ ބެހޭ ގޮތުން ހޭލުންތެރިކުރުމަށް ހާއްސަ ފޯރަމެއް ބާއްވައިފި އެވެ. 

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި މި ހަރަކާތުގައި އެޗްޑީއެފްސީ އަމްނާގެ ޝަރީއާ ކޮމިޓީގެ ޗެއާޕާސަން ޕްރޮފެސަރު ޑރ. އައިޝަތު މުނީޒާ ވަނީ ބައިވެރިވެވަޑައިގެން ސެޝަން ނަންގަވައިދެއްވައިފަ އެވެ. އަދި އެހެން ބޮޑެތި މާލީ އިދާރާތަކާއި އަމިއްލަ ޑިވެލޮޕަރުންނާއި ކޮންޓްރެކްޓަރުންނާއި ސިނާއަތުގެ މުހިންމު އެހެން ފަރާތްތައް ވެސް ބައިވެރިވި އެވެ. 

މި ސެޝަންގައި މައުލޫމާތު ދިނީ އިސްލާމިކް ފައިނޭންސިންގެ ކޮންސެޕްޓެއް ކަމަށްވާ މުޝާރަކާ މުތަނާގިސާ އާއި އެ ކޮންސެޕްޓް ހޯމް ފައިނޭންސިންގައި އަމަލުކުރާ ގޮތާ ބެހޭ ގޮތުންނެވެ. 

މުޝާރަކާ މުތަނާގިސާއަކީ "ޝެއާޑް އޯނާޝިޕް" ގެ މައްޗަށް ބިނާކޮށްފައިވާ ޝަރީއާއަށް ތަބާވާ ފައިނޭންސިން ސްޓްރަކްޗާއެކެވެ. މި އިންތިޒާމުގެ ދަށުން ކަސްޓަމަރާއި އެޗްޑީއެފްސީ އަމްނާއާ ގުޅިގެން ތަނެއް މިލްކު ކުރާއިރު، ފައިނޭންސިންގެ މުއްދަތުގައި ކަސްޓަމަރު އެޗްޑީއެފްސީ އަމްނާގެ ހިއްސާ ގަންނާނެ އެވެ. އެޗްޑީއެފްސީ އަމްނާގެ މިލްކުވެރިކަން ކުޑަވަމުންދާ ވަރަކަށް އެ މުދަލުގައި ކަސްޓަމަރުގެ މިލްކުވެރިކަން އިތުރުވަމުންދާނެ އެވެ. 

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ސެޝަންގައި އެޗްޑީއެފްސީ އަމްނާގެ ޝަރީއާ ކޮމިޓީގެ ޗެއާޕާސަން ޕްރޮފެސަރު ޑރ. މުނީޒާ އިސްލާމިކް ހޯމް ފައިނޭންސިންއާ ބެހޭ މައުލޫމާތު ދެއްވަނީ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ސެޝަންގައި އެޗްޑީއެފްސީ އަމްނާގެ ޝަރީއާ ކޮމިޓީގެ ޗެއާޕާސަން ޕްރޮފެސަރު ޑރ. މުނީޒާ އިސްލާމިކް ހޯމް ފައިނޭންސިންއާ ބެހޭ މައުލޫމާތު ދެއްވަނީ.

އިސްލާމިކް ފައިނޭންސިން އާއި ކޮންވެންޝަނަލް ލޯނާ ދެމެދު ހުރި މުހިންމު ތަފާތުތަކުގެ މައުލޫމާތު ވެސް ސެޝަންގައި ކަމާ ގުޅޭ މާހިރުން ކިޔައި ދެއްވި އެވެ. އެގޮތުން، ޝަރީއާއަށް ތަބާވާ ފައިނޭންސިން ތަފާތުކުރާ އުސޫލުތައް ބައިވެރިންނަށް ރަނގަޅަށް ދެނެގަތުމަށް އެހީތެރިވެދިނެވެ. 

މި ސެޝަނަށް ފަހު، އިންޓަރެކްޓިވް ސުވާލާއި ޖަވާބުގެ ޕެނަލް ސެޝަނެއް ކުރިއަށް ގެންގޮސްފައިވަނީ އެޗްޑީއެފްސީ އަމްނާގެ ޝަރީއާ ކޮމިޓީގެ މެމްބަރުން ބައިވެރިވެގެންނެވެ. އެއީ އެ ކޮމިޓީގެ ޗެއާޕާސަން، ޑރ. މުނީޒާ އާއި ކޮމިޓީގެ އަނެއް ދެ މެމްބަރުން ކަމަށްވާ ޕްރޮފެސަރު ދަތިން ޑރ. ރުސްނި ބިންތި ހަސަން އާއި ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ އެވެ. 

އިސްލާމިކް ހޯމް ފައިނޭންސިންއާ ބެހޭ މައުލޫމާތު ދިނުމަށް އެޗްޑީއެފްސީން މިދިޔަ ހަފުތާ ބަންދުގައި ބޭއްވި ސެޝަންގެ ބައެއް ބައިވެރިން.
އިސްލާމިކް ހޯމް ފައިނޭންސިންއާ ބެހޭ މައުލޫމާތު ދިނުމަށް އެޗްޑީއެފްސީން މިދިޔަ ހަފުތާ ބަންދުގައި ބޭއްވި ސެޝަންގެ ބައެއް ބައިވެރިން.

މި މަޝްވަރާގައި ބައިވެރިންނަށް ސީދާ ޕެނަލިސްޓުންނާ ގުޅިގެން ސުވާލުކޮށް، އިސްލާމިކް ހޯމް ފައިނޭންސިން އާއި އެޗްޑީއެފްސީ އަމްނާގެ ފައިނޭންސިން ސޮލިއުޝަންތަކުގެ ފަހަތުގައިވާ ޝަރީއާގެ އުސޫލުތަކުގެ މައުލޫމާތު ހޯދުމަށް ފަހި ފުރުސަތުތަކެއް ލިބިދިނެވެ. 

އެޗްޑީއެފްސީ އަމްނާއިން މިހާރު ހުށަހަޅަނީ ޝަރީއާއަށް ތަބާވާ ހޯމް ފައިނޭންސިން ތިން ސޮލިއުޝަނެކެވެ. އެއީ ބިން ގަތުމާއި ހައުސިން ޔުނިޓް އިމާރާތްކުރުމާއި ގަތުމާއި ގެދޮރު މަރާމާތުކުރުމަށް މުޝާރަކާ މުތަނާގިސާ ހުށަހެޅުމެވެ. 

އެ ސްކީމްތައް ހިންގަނީ ޝަރީއާ ކޮމިޓީގެ ބެލުމުގެ ދަށުގައި ކަމަށާއި އެޗްޑީއެފްސީ އަމްނާގެ ފައިނޭންސިން ސޮލިއުޝަންތައް ޝަރީއާގެ އުސޫލުތަކާ އެއްގޮތަށް ހުށަހަޅާކަން ކަށަވަރު ކޮށްދޭނެ ކަމަށް އެޗްޑީއެފްސީން ބުންޏެވެ. 

އެޗްޑީއެފްސީ އަމްނާއަކީ އެ ކުންފުންޏަށް 15 އަހަރު ފުރުން ފާހަގަ ކުރަން ފަށާއިރު، މިހާތަނަށް ލިބުނު އެންމެ ފާހަގަކުރެވޭ ކާމިޔާބީ ކަމަށް ބުންޏެވެ.